މިއަދުގެ މުޖުތަމައުގައި ކާޓޫނު ވެފައިމިވަނީ ކުދިންގެ އާންމު ދިރިއުޅުމުގެ ވަރަށް މުހިންމު އެއް ބައަށެވެ. ދަރިފުޅަށް ކާންދޭން ފަސޭހައަކަށް، ނުވަތަ މައިންބަފައިންގެ އަމިއްލަ މަސައްކަތްތައް ކުރުމަށްޓަކައި ކުއްޖާ މަސަލަސްކޮށްފައި ބޭންދުމަށް، ކުއްޖާ ހަތަރުދަމު ޓީ.ވީ ދޮށުގައި ބައިންދާ މައިންބަފައިން މަދެއް ނޫނެވެ.
ތިޔައީ އެފަދަ ބެލެނިވެރިއެއްނަމަ، ކާޓޫނުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ވިސްނާލުން މުހިންމެވެ. ކޮންމެ ދުވަހަކު ކާޓޫނު ބެލުމުގެ ސަބަބުން ކުއްޖާ އެއަށް ދެވިހިފާ، ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ ހެދިބޮޑުވުމަށް އަސަރުތަކެއް ކުރެއެވެ.
ކާޓޫނަށް ދެވިހިފުމަކީ ކުއްޖާ އެހެންކަންތައްތަކާމެދު ޚިޔާލުކުރާ ކުރުމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށް އެކި ދިރާސާތަކުން ދައްކައެވެ. އޭގެ ސަބަބުން ކުއްޖާ ހަޤީޤީ ދުނިޔެއާ ދުރުކޮށް، މުޅިން ޚިޔާލީ ފޮލައެއްގެ ތެރެއަށް ގެންދެއެވެ. އަސްލު ދުނިޔޭގައި ކުރެވޭ ތަޖުރިބާތައް މަދުވެގެންދެއެވެ. ޓީވީ ކުރިމަތީގައި އިންނަތަނުގައި އިނދެގެން ކާޓޫނު ބެލުމަށްވުރެ، ގެއިން ބޭރަށް ނިކުމެލާ ކުޅެލާ މަޖާކޮށްލުމުން ލިބޭ ފައިދާތައް އިންތިހާއަށް ގިނައެވެ.
ވާހަކަދައްކާ ބަހުރުވަ ހުތުރުވެ ވާހަކަދައްކަން ފަށައިގަތުމަށް އުނދަގޫވުން
ކުޑަކުދިންނަށް ޚާއްސަކޮށްގެން ހަދާފައިވާ ގިނަ ކާޓޫނުތަކަކީ ޙަޤީޤަތުގައި އެހާ ރަނގަޅު ބަހުރުވައެއް ބޭނުންކޮށްފައި ހުންނަ އެއްޗެއްސެއްނޫނެވެ. ބަސްމަގުވެސް ހުތުރެވެ. ކަން މިހެން އޮތްއިރު ކުއްޖާ މިފަދަ ކާޓުނުތައް ބެލުމުގެ ނަތީޖާއަކަށް ވާނީ ކުއްޖާ އެގޮތްގޮތަށް ވާހަކަދައްކަން ދަސްކޮށް، ރިވެތި ބަހުން ވާހަކަ ދެއްކުމުގެ ބަދަލުގައި އެކުދިން އެންމެ ގަޔާވާ “ކާޓޫނު ކެރެކްޓަރ” ލައްވާ އަޑުތައް ލެއްވުމެވެ. މިސާލަކަށް “އޯގީ އެންޑް ދަ ކޮކޮރެޗަސް” ކާޓޫނަށް ބަލާލަމާ ހެއްޔެވެ. މި ކާޓޫނަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލް ކާޓޫނެކެވެ. ދޫ ހޭރުވުމާއި، މީހުންގަޔަށް ކުޅު ބުރުވުމާއި، މީހުންނަށް މަލާމާތްކޮށް، ހީ ވައްތަރު ޖެއްސުމަކީ މީގެ ކޮންމެ ބަޔަކުންވެސް ކުދިންނަށް ފެންނާނެ މަންޒަރުތަކެވެ. އެހެންކަމުން، ކުދިންވެސް އެފަދައިން މީހުން ހާރުވައި، ފާޑުފާޑުގެ އަޑުލައްވައި، މަލާމާތްކޮށް ހަދާކަމީ ފެންނަންހުރި ޙަޤީޤަތްތަކެވެ. އަދި މީގެ އިތުރުން “އެޑް ވެންޗަރ ޓައިމް ވިތް ޖެކް” ކާޓޫނުގެ “ބާރނިންގ ލޯވ” އެޕިސޯޑާއި “ސްޕޮންޖް ބޮބް” ކާޓޫނުގެ “ސެއިލަރް މައުތް” އެޕިސޯޑުގައިވެސް ކުދިންނާ ނުގުޅޭ ވަރަށް ގިނަ ފާހިޝް ވާހަކަތައް ދެކެވެއެވެ. މިފަދަ ފާހިޝް ބަހުރުވަތައް ކުދިންނަށް ދަސްވަމުންދަނީ މިދަސްކުރެވެނީ ކޮން އެއްޗެއްކަންވެސް ނޭނގޭހާލުގައި ތިބެއެވެ. ހަމައެކަނި މި ކާޓޫނުތަކެއް ނޫނެވެ. “ކަރެޖް ދި ކަވަރޑްލީ ޑޯގް” ކާޓޫނަކީވެސް ކުދިންނަށް ތަފާތު އެކި އެކި އަޑު އަޑުން ހަޅޭލެވުމާއި ހުތުރު ބަހުރުވަ ދަސްކޮށްދޭ ކާޓުނެކެވެ. މިއީ ދޮގެއްތޯ ބަލަން، ތިބާގެ ދަރިފުޅު އެލައްވާ ތަފާތު އަޑު އަޑު ދަސްވީ ކިހިނެއްތޯއާއި، ހަޅޭލަވާ ގޮތްގޮތަށް ހަޅޭލަވަން ދަސްކުރީ ކިހިނަކުން ކޮން ކާޓޫނެއް ބަލައިގެންތޯ އެދަރިފުޅާ ސުވާލު ކޮށްލާށެވެ.
ލޮލުގެ މައްސަލަތައް
ސިއްޙީ ގޮތުން ލިބޭ ގެއްލުމަށް ބަލާއިރު، ޓީވީ، ކޮމްޕިއުޓަރ އަދި ޓެބްލެޓް ފަދަ ތަކެތީގެ ގަދަ އައްޔާ ދިމާއަށް އަބަދު ބަލަހައްޓައިގެން އިނުމުގެ ސަބަބުން ކުއްޖާގެ ލޮލަށް ކުރާ ނޭދެވޭ އަސަރު ދުވަހުން ދުވަހަށް ބޮޑުވަމުން ދާނެއެވެ. އާންމުކޮށް ގިނަ ކުދިން ޓީވީން ނުވަތަ ލެޕްޓޮޕުން ކާޓޫން ބަލާއިރު، ތިބެނީ ޓީވީއާއި ނުވަތަ ލެޕްޓޮޕާއި ވަރަށް ކައިރީގައެވެ. އެގޮތަށް ކާޓޫނަކަށްފަހު ކާޓޫނެއް ބަލައިލަ ބަލައިލާ އެތައް ގަޑިއިރަކު އެކުދިން ތިބެއެވެ. މިކަމުގެ ސަބަބުން ހަމަ ޔަޤީނުންވެސް ލޮލަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އަދި މީގެ އިތުރުން ކުއްލި ކުއްލިއަށް ދައްކާލާ ވިދުވަރުތަކާއި ހިމަނާފައި ހުންނަ އެނިމޭޝަން އިފެކްޓްސް ތަކުގެ ސަބުބުން ކުދިންގެ ލޮލަށް ވަރަށްވެސް ނޭދެވޭ އަސަރުކުރެއެވެ. މިގޮތުން “ޕޮކެމޮން” ކާޓޫނުގެ “އިލެކްޓްރިކް ސޯލްޖަރ ޕޮރިގޮން” އެޕިސޯޑަކީ ފާހަގަކޮށްލެވޭ އެޕިސޯޑެކެވެ. މި އެޕިސޯޑުގައި ވިދުވަރުން ދޭ ހަމަލާ ދެއްކުމަށް ބޭނުންކޮށްފައި ހުރި އެނިމޭޝަން ޓެކްނިކުތަކުގެ ސަބަބުން، މި އެޕިސޯޑުބަލާފައި ޖަޕާނުގެ ހަސަތޭކައަށްވުރެ ގިނަކުދިންނަށް އެނބުރުންއެރުމާއި، މޭނުބައިކުރުމާއި، ހޭނެތުމާއި، ލޯ އަނދުރިވުމާއި، ލޮލުގެ ފެނުން ފުސް ވުންފަދަ ނުރައްކާތެރި ސިއްޙީމައްސަލަތައް ދިމާވިކަމަށްވެއެވެ. އެހެންކަމުން މި އެޕިސޯޑް ދެއްކުންވެސް އެޤައުމުގައިވަނީ މަނާކޮށްފައެވެ.
ހަރަކާތްތެރިކަން ކުޑަވުން
ކާޓޫނަށް ދެވިހިފުމަކީ ކުއްޖާ ގިނަވަގުތު ގޭތެރޭގައި އެއްތަނެއްގައި އިނުމަށް މެދުވެރިކޮށްދޭ އެއްސަބަބެވެ. ގެއިން ބޭރުގައި ދުވެލާ ކުޅެލާ ހެދުމަކީ ކިހާ މަޖާ ކަމެއްކަން އެކުދިންނަކަށް އިހްސާސެއް ނުވާނެއެވެ. ނަތީޖާއެއްގެ ގޮތުން، ގުދުރަތީ ކަންތައްތައް ބަލާ ހޯދުމުގެ ޝައުގު އެކުދިންގެކިބައިން ނެތިގޮސް، ހަރަކާތްތެރި ބައަކަށް އެކުދިންނެއް ނުވާނެއެވެ. ގުދުރަތީ މަންޒަރުތަކަށްވުރެ އެކުދިންނަށް ކަމުދާނީވެސް ކާޓުނުން އެފެންނަ ޚިޔާލީ ދުނިޔޭގެ މަންޒަރުތަކެވެ. ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް އެ މަންޒަރުތައް ބެލުމަށް ޓީވީ ކުރިމަތީގައި އޮންނަންވެއްޖެނަމަ، ކުދިންވާނީ ވަރަށް ކަންނެތް ބަޔަކަށެވެ. ނަތީޖާއެއްގެގޮތުން ކުއްޖާގެ އުމުރާއި އިސްކޮޅާއި ނުގުޅޭވަރަށް ފަލަވެ، ފަލަވުމުގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ކުއްޖާއަށްޖެހެއެވެ.
ކުއްޖާގެ އުޅުމަށް އަސަރުކުރުން
ކުއްޖާއަކީ އެކަހެރި، އެހެން ކުދިންނާ ނުގުޅޭ ކުއްޖަކަށްވުމުގެ މައިގަނޑު އެއް ސަބަބަކީ ކާޓޫނު ބަލަން މާގިނައިރު އެކަނި އިނުމެވެ. ވަށައިގެންވާ މާހައުލުގައި ހިނގާ ކަންތައްތަކަށް މާބޮޑު ސަމާލުކަމެއް އެކުދިން ނުދިނުމުގެ ސަބަބުން އެކުދިންނަކީ މުޖުތަމައުގެ ތެރެއަށް ނިކުމެއުޅުމަށް އުނދަގޫވާ ކުދިންތަކަކަށްވެ، މީހުންނާއި ގުޅިގެން އުޅުމަށް އެކުދިންނަށް އުނދަގޫ ވާނެއެވެ. ހަމަ އެހެންމެ ބައެއް ކާޓޫނުތަކުން ކުއްޖާއަށް ދަސްކޮށްދެނީވެސް ގުޅިގެން އެކުވެރިކަމާއެކު އުޅުމަށްވުރެ އެކަކު އަނެކަކުގެ ހަތުރުންނަށް ވެގެން އުޅުމަށެވެ. މިގޮތުން “ޓޮމް އެންޑް ޖެރީ” އާއި “އޯގީ އެންޑް ދަ ކޮކޮރެޗަސް” ކާޓޫނަކީ ހުރިހާ ކާޓޫނުތަކުގެ ތެރެއިންވެސް ހޮވާލެވޭނެ ދެ ކާޓޫނެވެ. މި ދެ ކާޓޫނުންވެސް ދައްކައިދެނީ އެކަކު އަނެކަކަށް ލަނޑު ދިނުމަށް މަސައްކަތް ކުރާތަނެވެ. އެކަކު ލަނޑުދޭން މަސައްކަތް ކުރާއިރު އަނެއްބައެއްގެ ކަމަކީ، މަކަރުވެރިކަމާއި ހީލަތްތެރިކަމާއެކު އެލަނޑުދޭން އުޅޭމީހާ އޭނާގެ މަޅިގައި ބެއްދުމެވެ. އެއްވެސް ޙާލެއްގައި އޭނާއަށް ވިސްނައިދީ ކަންކަން ހައްލުކުރާކަށް މަސައްކަތެއް ނުކުރެއެވެ.
މީގެ އިތުރުން “ދަ ލިޓުލް މާމެއިޑް” ކާޓޫނަކީ ޚާއްސަކޮށް ނޫކަށިފުރައިގެ އަންހެންކުދިންނަށް ވަރަށްވެސް ނުރަނގަޅު މެސެޖެތަކެއް ދޭ ކާޓޫނެކެވެ. މި ކާޓޫނުގެ މެއިން ކެރެކްޓަރ ކަމަށްވާ “އޭރިއަލް”އަކީ އޭނާގެ ބައްޕައާއި ވަރަށް ދަޖަލުކުރާ ކުއްޖެކެވެ. ބައްޕަގެ ބަސްނާހާ، ބައްޕައަށް އޮޅުވާލާ ކުއްޖެކެވެ. އިންސާނުންނާއި ދުރުގައި އުޅުމަށް ބުނެބުނެ ހުއްޓައި އިންސާނަކާއި ލޯބީގެ ގޮތުން ގުޅެއެވެ. މިގޮތައް އޭނާ ކަންތައް ކުރިނަމަވެސް އޭނާއަކީ އޭނާގެ ބައްޕަގެ އެންމެ ލޯބިވާ ކުއްޖާއެވެ. އަދި އޭނާ އިންސާނަކާއި ކައިވެނި ކުރުމަށްވެސް އެންމެ ފަހުން އޭނާގެބައްޕަ އުފަލާއެކު އެއްބަސްވެއެވެ. މިފަދަ ކާޓޫނުތަކުން ދޭމެސެޖަކީ ބަސްނާހައި ތިމާ ހިތުހުރިހައި ގޮތަކަށް އުޅުނުނަމަވެސް މައިންބަފައިން އެމީހުން ކުރާ ކަންތަކަށް ބަސްބުނެ ހެދުން ރަނގަޅު ނޫންކަމެވެ. އަދި މައިންބަފައިން އެދޭ ނަސޭހަތަކީ ރަނގަޅު ނަސޭހަތްވެސް ނޫންކަމެވެ.
ހަމަ އެފަދައިން “ރިޗީ ރިޗް” ކާޓޫނަށް ބަލާލަމާހެއްޔެވެ. މިކާޓޫނުން ދޭން މަސައްކަތްކުރާ މެސެޖް ކަމަށް ބުނެފައިވަނީ ފައިސާއަށް ދަހިވެތި ނުވުންކަމުގައިވިޔަސް، މިކާޓޫނުން ކުދިންނަށް ދަސްވަނީ ފައިސާއާއި މުދަލަށް ދަހިވެތިވުމެވެ. އެހެނީ “ރިޗީ” ދެރަވި ކަމުގައިވިޔަސް އޭނާގެ ބައްޕަ އޭނާ އުފާކުރުމަށް ކޮންމެވެސް އެއްޗެއް ގަނެދެއެވެ. އޭނާ ދަށް ވާންފެށިޔަސް ބައްޕަ ކުރާކަމަކީ އޭނާއަށް މުޅިން އައު ލައިބްރަރީއެއް ގަނެދިނުމެވެ. މިފަދަ ކަންކަމުން ކުދިންނަށް އެދެވެނީ ކޮން މެސެޖެއް ހެއްޔެވެ؟
ކެއުމުގެ އާދަތަކަށް ބަދަލުއައުން
ކާޓުނަށް ދެވިހިފާފައި ތިބޭ ކުދިން އަބަދުވެސް ކާން ބޭނުންވާނީ ޓީވީ ކުރިމަތީގައި އިނދެގެންނެވެ. މީގެ ސަބަބުން ސިއްހަތަށް ގެއްލުންހުރި ކެއުމުގެ އާދަތައް ކުއްޖާގެ ކިބައިގައި އަށަގަނެ، އެފަދަ އާދަތަކަކީ ކުއްޖާގެ މުޅި އުމުރު ދުވަހަށްވެސް ހަރުލާފައި ހުންނަ އާދަތަކަކަށްވުން ވަރަށް ގާތެވެ. މިގޮތުން ބަނޑުވަތަށް ނުވަތަ އޮށޯވެ އޮވެ ކެއުމާއި، ސިއްޙަތައް ފައިދާނެތް ލުއިކާނާ ކެއުން ހިމެނެއެވެ.
އިޖްތިމާޢީ ގުޅުން ހީނަރުވުން
ކާޓޫނަށް ދެވިހިފުމަކީ ކުއްޖާ މުޖުތަމަޢަށް ނިކުމެ މީހުންނާއި ގުޅިގެން އުޅުމުން ދުރުކޮށްދޭ ކަމެކެވެ. އެއް އުމުރުގެ އެހެން ކުދިންނާއެކު ކުޅުމުގެ ޝައުގުވެރިކަން މިފަދަ ކުދިންގެ ކިބައިގައި ނެތުމަކީ ވަރަށް ގާތްކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި އެކަހެރިވެފައިވާ ބަޔަކަށް މިފަދަ ކުދިންވެ، މުސްތަގުބަލުގައި މުޖުތަމައުގައި އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގައި އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ކުދިންނާއިއެކީ ކުޅެން ބޭރަށް ދިޔަކަމުގައިވިޔަސް އެކުދިންނާއި ގުޅިގެން ކުޅެން މިފަދަ ކުދިންނަށް ވަރަށް ނޭނގޭނެއެވެ. އަބަދުވެސް އެކުދިން އެހެން ކުދިންގައިގައި ތޮޅޭކަމުގެ ޝަކުވާ، ނޫނީ ވަކިވެގަންނަން އުޅޭކަމުގެ ޝަކުވާ އެހެންކުދިން ކުރާނެއެވެ.
އަނިޔާވެރިކަން
މިއަދު ބެލެނެވެރިންނަށްވުރެ ކުދިން މިވަނީ މާ ކުރިއަރައިފައެވެ. އެއްޒަމާނެއްގައި “ޓޮމް އެންޑް ޖެރީ” ފަދަ ކާޓޫނުތައް މަޝްހޫރުވީ ކަމުގައި ވީނަމަވެސް، މިއަދު ބޮޑުވަމުން އަންނަ ކުދިން އެންމެ ބަލާހިތްވާ ކާޓޫނުތަކާއި ކުޅޭހިތްވާ ގޭމު ތަކަކީ މުޅިންވެސް އަނިޔާވެރި މަންޒަރުތަކުން ފުރިގެންވާ ތަކެއްޗެވެ. “ޓޮމް އެންޑް ޖެރީ”، “އޮގީ އެންޑް ދަ ކޮކޮރެޗަސް”، “ރޯޑް ރަނާސް” އަދި މިނޫންވެސް ކާޓޫނުތަކަކީ ވަރަށްވެސް އަނިޔާވެރި މަންޒަރުތައް ހިމެނޭ ކާޓޫނުތަކެކެވެ. މިގޮތުން އެކެއް އަނެކެއްގެ ބޮލުގައި މަރުތޭލާއިން ނުވަތަ މިނޫންވެސް ބަރު ހަތިޔާރުން ތަޅައި، އުސް ތަންތަނުން ވައްޓައި އަދި މިނޫންވެސް އެހެނިހެން އަނިޔާތައް އެކަކު އަނެކަކަށްދޭ މަންޒަރު މި ކާޓޫނުތަކުން ދައްކައެވެ. މިޒަމާނު ކުދިންގާތު އެންމެ މަޝްހޫރު ކާޓޫނުތަކާއި، ކުރީގެ ކާޓޫނުތަކާއި ހުރި އެންމެބޮޑު އެއްތަފާތަކީ، މިކާޓޫނުތަކުގައި “ހީރޯ” އަކީވެސް ވަރަށް އަނިޔާވެރި މީހަކަށްވުމުވެ. މިގޮތުން “ބެންޓެން”، “ޓީނޭޖް މިޔުޓަންޓް ނިންޖާ”، “ޕޮކެމޮން”، “ޑްރެގޮންބޯލް ޒެޑް” “ހަލްކް”، “ބެޓް މޭން” ފަދަ ކާޓޫނުތައް ފާހަގަ ކޮއްލެވެއެވެ. މިސާލަކަށް “ވިލަން” އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ދެފަރާތުން އެކަކު އަނެކަކަށް ދޭ އަނިޔާވެރި ހަމަލާތަކަކީ ކުޑަކުދިން ބެލުން ހެޔޮވެސް ނުވާފަދަ ބޮޑެތިއަނިޔާތަކެވެ. މިގޮތުން، ކަނޑިންނާއި، ގޮށްމުށުންނާއި، އަދިވެސް އެ ހީރޯއަށް ލިބިފައިވާ “ސުޕަރ ޕަވާސް” ތަކުގެ އެހީގައި “ވިލަން” ތަންތަނަށް އުކައި، ހޫރައި، އޭނާގައިގައި ވަޅިއަޅައި، އަނދާލައި، ގަނޑުކޮށްލައި އަދި މިނޫންވެސް އަނިޔާތައް ދެއެވެ. ކުދިންނަށް މި އަނިޔާތައްވަނީ ވަރަށް ގަޔާވާ އެކުދިން ސަޕޯޓް ކުރާ އަނިޔާތަކަކަށެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ؟ އެއިން އެނގެނީ ހީރޯގެ ގަދަކަމާއި ބާރުގަދަ ކަމެވެ. ހީރޯއެއް ވިއްޔާ ކޮންމެހެންވެސް އެހާ ގަދަވާންޖެހެއެވެ.
އަބަދުވެސް ހަނދާންކުރައްވާށެވެ! ކުދިންގެ ކިބައިގައި ހަރުލާ އާދަތަކަކީ އެކުދިން އަމިއްލައަށް ހަރުލައްވާ އާދަތަކެއްނޫނެވެ. އެހެނެއްކަމަކު އެއީ އެނގިގެންނަމަވެސް ނުވަތަ ނޭންގިނަމަވެސް ބެލެނެވެރިން ކުދިންނަށް ދަސްކޮށްދެވޭ! އަދި އެކުދިން އުޅެ ބޮޑުވާ މާހައުލުން ފެންނަ މަންޒަރުތަކުން އެކުދިން ދަސްކުރާ އާދަތަކެކެވެ. ކުދިންގެ ކިބައިގައި ކުޑައިރުއްސުރެ އާދަތައް އަށަގެންނެވުމުގައި މައިންބަފައިންގެ ބޮޑު ދައުރެއްވާކަން ހަނދާންކުރައްވާށެވެ! އެކުދިންނަށް ކާޓޫނު ދެއްކުމުގެ ބަދަލުގައި، އެކުދިން ހަރަކާތްކެރިކަމާއެކު ކުޅުނަދޭށެވެ!
މިއާރޓިކަލްއަށް ކޮންޓްރިބިއުޓްކޮށްދެއްވި އަޚުންނާއި އުޚްތުންގެ ފާފަފުއްސަވާ ހެޔޮ ޖަޒާ މާތް ﷲ މިންވަރު ކުރައްވާށި! އާމީން
REFERENCE:
Cartoons’ Effect in Changing Children Mental Response and Behavior by Khaled Habib, Tarek Soliman Jilam Studios PMO, Alexandria, Egypt
Heller, M.S. and Polsky, S. (1976) Studies in Violence and Television. American Broadcasting Company, New York
Kirsh, S.J. (2006) Cartoon Violence and Aggression in Youth. Aggression and Violent Behavior, 11, 547-557
RESEARCH FOR CHILDREN’S LEARNING: THE IMPACT OF CARTOONS ON CHILDREN’S PSYCHOLOGICAL DEVELOPMENT- C. Alonso Valdivieso, J. Pertíñez López – Universidad de Granada (SPAIN)
Effects of Cartoon Network on the Behavior of School Going Children (A Case Study of Gujrat City) Dr. Zahid Yousaf Head & Asst. Prof., Centre for Media and Communication Studies, University of Gujrat, Gujrat, Punjab, Pakistan & Munham Shehzad Lecturer, Centre for Media and Communication Studies, University of Gujrat, Gujrat, Punjab, Pakistan & Syed Ali Hassan (M. Phil) Centre for Media and Communication Studies, University of Gujrat, Gujrat, Punjab, Pakistan published In International Research Journal of Interdisciplinary & Multidisciplinary Studies (IRJIMS)
Cartoon Network and its Impact on Behavior of School Going Children: A Case Study of Bahawalpur, Pakistan Ali Hassan Muhammad Daniyal Islamia University,Bahawalpur, Pakistan
Aliyeva, Aynur. “Hidden Effects of Cartoons on little Spectators”. Azernews. Sept 4,2013. Web. March 28, 2014. http://www.azernews.az/analysis/58562.html