ހެނދުނާއި ހަވީރުގެ ޛިކްރުތައް ކިޔަން އެންމެ ރަނގަޅު ވަޤުތު

މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލައެކެވެ. ހެނދުނުގެ ޛިކްރުތައް ކިޔުމުގެ ވަޤުތާ ބެހޭގޮތުން އަންނަނިވި ރައުޔުތައް އައިސްފައިވެއެވެ.

1- އެ ވަޤުތަކީ ފަޖުރު ލީއްސުރެ އިރު އަރަންދެނެވެ.

2- އެ ވަޤުތަކީ ފަޖުރު ލީއްސުރެ އިރު މެދު ޖެހެންދެނެވެ.

މި ދެ ރައުޔުގެ ތެރެއިން އެންމެ ޞައްޙަ ރައުޔަކީ އެވަޤުތަކީ ފަޖުރު ލީއްސުރެ އިރު އަރަންދެން ކަމުގައި ބުނެވޭ ރައުޔެވެ.

ދަލީލު:

وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا -طه 130

“އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ”

 

އަދި ހަވީރުގެ ޛިކްރުތައް ކިޔުމުގެ ވަޤުތާ ބެހޭގޮތުން އަންނަނިވި ރައުޔުތައް އައިސްފައިވެއެވެ.

1- އެއީ ޢަޞްރުން ފެށިގެން އިރު އޮއްސުމާ ހަމައަށެވެ.

2- އެއީ އިރު މެދު ޖެހުނީއްސުރެ (މެންދުރުން ސުރެ) އިރު އޮއްސުމާ ހަމައަށެވެ.

3- އެއީ ރޭގަނޑުގެ ކުރީ ކޮޅެވެ.

4- އެއީ އިރު މެދު ޖެހުނީއްސުރެ ރޭގަނޑު ދެބައިވެއްޖައުމަށް ދަންދެނެވެ.

މި ހަތަރު ރައުޔުގެ ތެރެއިން އެންމެ ޞައްޙަ ރައުޔަކީ އެއީ ޢަޞްރުން ފެށިގެން އިރު އޮއްސިއްޖައުމަށް ދަންދެން ކަމުގައި ބުނެވޭ ރައުޔެވެ.

ދަލީލު:

وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ -الأعراف 205

“އަދި ކަލޭގެފާނުގެ ނަފްސުފުޅުން ކަލޭގެފާނުގެ ރައްބު ހަނދުމަކުރައްވާށެވެ. މަޑުމޮޅިވެ، ބިރުވެތިވާ ޙާލު ގައެވެ. ބަސްބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނާއި ހަވީރުގެ ވަގުތު ތަކުގައެވެ.”

މިތަނުގައިމިވާ އާޞާލް އަކީ އަޞީލްގެ ޖަމްޢުއެވެ. އޭގެ މާނައަކީ ޢަޞްރު ވަޤުތާ މަޣްރިބް ވަޤުތާ ދެމެދެވެ.

 

ޚުލާޞާ

ހެނދުނުގެ ޒިކުރުތައް ކިޔަން އެންމެ ރަނގަޅު ވަގުތަކީ ފަތިސް ނަމާދުގެ ފަހުން އިރު އެރުމުގެ ކުރިންނެވެ. އެގަޑީގައި ނުކިއުނު ނަމަ އިރު އަރާ ފަހުން ހެނދުނުގެ ޒިކުރުތައް ކިޔަސް ރަނގަޅު ވާނެއެވެ.

ހަވީރުގެ ޒިކުރުތައް ކިޔުމަށް އެންމެ ރަނގަޅު ވަގުތަކީ ޢަޞްރު ނަމާދުގެ ފަހުން އިރު އޮއްސުމުގެ ކުރިންނެވެ. އެގަޑީގައި ނުކިއުނުނަމަ އިރު އޮއްސުމުގެ ފަހުން ކިޔަސް ރަނގަޅުވާނެއެވެ.

 

މަރްޖިޢު

فتاوى اللجنة الدائمة للبحوث العلمية والإفتاء” (24/178) .

شرح الأذكار النووية لابن علان (3 / 74 , 75 ، 100 )

https://islamqa.info/ar/answers/105396

https://islamqa.info/ar/answers/60420

https://islamqa.info/ar/answers/22765