މިޢިލްމުގެ ފެށުން ގުޅިފައިވަނީ ކީރިތި ޤުރުއާން ބާވައިލައްވަން ފެއްޓެވުމާއެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިރާ ފަރުބަދައިގެ ހޮހޮޅާގައި އިންނަވަނިކޮށް އެކަލޭގެފާނަށް ބާވައިލެއްވި ޢަލަޤު ސޫރަތުގެ ފުރަތަމަ ފަސް އާޔަތާ އެކުގައެވެ. މިއާއެކު ކީރިތި ޤުރްއާނުގެ އަންނަނިވި ޢިލްމުތައް ފެށުނީއެވެ.
ހ- ތަންޒީލު (ޚާއްޞަކޮށް ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކުގެ ވާހަކަ)
ށ- ޤިރާއަތު (ކިޔެވުން)
ނ- ވަޙީ
އޭގެ ފަހުގައި ކީރިތި ޤުރްއާން ބާވައިލެއްވެމުން ދިޔައެވެ. އަދި މި ދެންނެވި ތިން ބައިގެ އިތުރުންވެސް ޢުލޫމުލް ޤުރްއާންގެ އެހެން ބައިތައް މަޑުމަޑުން ވުޖޫދަށް އަންނަމުން ދިޔައެވެ. އެއީ އެކަމެއް ފުރިހަމަވަމުން ދިޔަވަރަކަށެވެ. މިސާލަކަށް އާޔަތެއް މަންސޫޚްވުމުން އެ ނާސިޚް މަންސޫޚްގެ ޢިލްމު ފެށުނީއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާވެގެންވާ ޞައްޙަ ޙަދީޘްތަކާއި، ޞަޙާބީންގެ ބައެއް ބަސްފުޅުތަކަށް ބަލާއިރު، ކީރިތި ޤުރްއާނާ ގުޅޭ ބައެއް ޢިލްމުތަކުގެ ވާހަކަ އެކި އެކި ސިފަސިފައިގައި އައިސްފައިވެއެވެ. އަދި އެ ޢިލްމަކީ އެބޭކަލުން އަހައްމިޔަތުކަން ދެއްވި ޢިލްމެއްކަން ދޭހަވާ ހެކިތައް ވެއެވެ.
އެގޮތުން،
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ބޮޑުބޭބެފުޅުގެ ދަރިކަލުން، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާއަށް ކީރިތި ޤުރްއާން އުނގަންނަވައިދެއްވުން އެދި ﷲ ތަޢާލާއަށް ދުޢާ ކުރެއްވިއެވެ.
وعَنِ ابْنِ عَبَّاسٍ قَالَ : ” ضَمَّنِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، وَقَالَ : ( اللَّهُمَّ عَلِّمْهُ الكِتَابَ) “رواه البخاري ( 75 ) .
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަލޭގެފާނުގެ ގައިގައި ބައްދަވާލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “ޔާ ﷲ! އޭނާ އަށް ކީރިތި ޤުރްއާން އުނގަންނަވައިދެއްވާނދޭވެ!”
عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ : ” أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، وَضَعَ يَدَهُ عَلَى كَتِفِي – أَوْ عَلَى مَنْكِبِي ، شَكَّ سَعِيدٌ – ثُمَّ قَالَ : ( اللهُمَّ فَقِّهْهُ فِي الدِّينِ ، وَعَلِّمْهُ التَّأْوِيلَ ) ، وروى الإمام أحمد في ” المسند ” ( 4 / 225 ) وصححه الألباني في ” السلسلة الصحيحة ” ( 6 / 173 ) .
ސަޢީދު ބިން ޖުބައިރު ރަޟިޔަﷲ ޢަންހު، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރެއްވިއެވެ. “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހުރެންގެ ކޮނޑުގައި އަތްޕުޅު ބޭއްވެވިއެވެ. އޭގެ ފަހުގައި ޙަދީޘްކުރެއްވިއެވެ. “ޔާ ﷲ އޭނާ ދީނުގައި ފިޤްހުވެރި ކުރައްވާނދޭވެ! އަދި އޭނާއަށް ކީރިތި ޤުރްއާނުގެ ތަފްސީރު އުނގަންނަވައިދެއްވާނދޭވެ!””
(ނޯޓް: މި ޙަދީޘްގައި ބޭނުން ކުރެއްވި ޢަރަބި ލަފުޒަކީ ކަތިފީ ތޯ ނުވަތަ މަންކިބީ ތޯ ޙަދީޘްގެ ރާވީއަށް ޝައްކު އުފެދިފައިވެއެވެ. އެހެން ނަމަވެސް ދެ ލަފުޒަކީވެސް ކޮނޑަށް ނިސްބަތްކޮށް ބޭނުން ކުރެވޭ ދެ ލަފުޒެވެ.)
ފުރަތަމަ ޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރައްވާފައި އެވަނީ ކީރިތި ޤުރްއާން އުނގަންނަވައިދެއްވުން އެދިއެވެ. ކީރިތި ޤުރްއާނާ ބެހޭ ޢިލްމުތައް ކަމުގައިވާ ޤިރާއަތާއި، ޙިފްޡާއި، ތަފްސީރާއި، ޙުކުމްތަކާއި، ނާސިޚް މަންސޫޚާއި އަދި ޤުރްއާނުގެ އެހެނިހެން ޢިލްމުތައްވެސް މީގައި ޝާމިލުވެއެވެ.
ދެވަނަ ޙަދީޘްގައި ދުޢާ ކުރައްވާފައި އެވަނީ، ކީރިތި ޤުރްއާނުގެ ތަފްސީރު ޢިލްމު އުނގަންނަވައިދެއްވުން އެދިއެވެ. އެއީ ޢިލްމުތަކުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމެވެ. ތަފްސީރު ޢިލްމުގައި، ޤުރްއާނުގެ ޢިލްމުގެ އެހެނިހެން ހަމަ ޔަޤީނުންވެސް ހިމެނޭނެއެވެ. އެގޮތުން ނާސިޚް މަންސޫޚް، މައްކީ މަދަނީ ފަދަ ޢިލްމުތައް ހިމެނޭނެއެވެ.
ޢުލޫމުލް ޤުރްއާނުގެ ޢިލްމު އެންމެ ފުރިހަމައަށް ލިބިވަޑައިގެންފައިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ޞަޙާބީންނެވެ. އެހެނީ ކީރިތި ޤުރުއާން ބާވައިލެއްވި ދުވަސްވަރުގައި އުޅުއްވި އަދި އިތުރު އެކަލޭގެފާނުގެ އަރިހުން އެކަމުގެ ޢިލްމުތައް އުނގެނިވަޑައިގެން ތިއްބެވި ބަޔަކީ އެބޭކަލުންނެވެ.
މަރްޖިޢު
المحرر في علوم القرآن الكريم. تأليف: د. مساعد بن سليمان بن ناصر الطيار
المقدمات الأساسية في علوم القرآن عبد الله بن يوسف الجديع