ޢުލޫމުލް ޤުރްއާން ލިޔެވެން ފެށުން

ޢުލޫމުލް ޤުރްއާނަކީ އެންމެ ޝަރަފުވެރި އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދޭންޖެހޭ ޢިލްމަށްވީނަމަވެސް، އެހެނިހެން ޢިލްމުތަކާ އަޅާ ބަލާއިރު ޢުލޫމުލް ޤުރްއާން ލިޔަން ފެށުނީ ލަހުންނެވެ. އެކަން އެހެން މެދުވެރިވެ އެއްސަބަބަކީ ދެން ހުރި ޢިލްމުތައް އުވިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި އެ ޢިލްމުތަކަށް ތަޞްނީފުކުރުމުގައި މުހިއްމުކަން ދިނުމެވެ. އަދި ކީރިތި ޤުރްއާނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ރައްކާތެރިކުރައްވާފައިވާ ފޮތަކަށްވުމެވެ.

ޢުލޫމުލް ޤުރްއާން ކަޑައްތުކުރި މަރްޙަލާތައް ތިރީގައިމިވަނީ ޚުލާޞާކޮށްލާފައެވެ.

1- ފުރަތަމަ މަރްޙަލާ: ޢުލޫމުލް ޤުރްއާން ފެށުނީއްސުރެ (ވަޙީ ބާވައިލައްވަން ފެށުނީއްސުރެ) ދެވަނަ ޤަރްނު ނިމުމާ ހަމައަށް

މި މަރްޙަލާގައި ޢުލޫމުލް ޤުރްއާނު އޮތީ، ޞަޙާބީންގެ ފަރާތުން ތާބިޢީންނަށް، އަދި ތާބިޢީންގެ ފަރާތުން އަތްބާޢުއް ތާބިޢީންނަށް އަދި އަތްބާޢުއް ތާބިޢިންގެ ފަރާތުން އަތްބާޢު އަތްބާޢުއް ތާބިޢީންނަށް، އަނގަބަހުން ނަޤުލުވަމުން އައި ޢިލްމެއްގެ ގޮތުގައެވެ.

މިޢިލްމު ތަދުވީނު ކުރެވުމާ ހަމައަށް ވާޞިލުވުމުގައި ވަރަށް ބޮޑު ދައުރެއް މި މަރްޙަލާ އަދާކުރިއެވެ. އަދި މި މަރްޙަލާގައި ޢުލޫމުލް ޤުރްއާނާ ގުޅޭ މަޢުލޫމާތު ކޮންމެވެސް ވަރަކަށް ހުންނަ  ބައެއް ފޮތްތައް ތަދްވީނު ކުރެވުނެވެ. އެގޮތުން އެ ޢިލްމު އެކުލެވިގެންވާ ފޮތްތައް ލިޔެވިފައިވެއެވެ. އަންނަނިވި ބާވަތްތަކުންނެވެ.

މި މަރްޙަލާގައި ބައެއް ތަފްސީރުގެ ރިވާޔަތްތަކައި ތަފްސީރު ފޮތްތައް ލިޔެވުނެވެ. އެގޮތުން ކީރިތި ޤުރްއާނުން ބައެއްގެ ތަފްސީރު ފޮތްތަކާއި މުޅި ޤުރްއާނުގެ ތަފްސީރު ފޮތްތައް ލިޔެވުނެވެ.

ޤުރްއާނުގެ ބައެއް ތަފްސީރު ކުރެވުނު ފޮތްތަކުގެ ތެރޭގައި

މުޖާހިދު ބިން ޖަބަރް ގެ ތަފްސީރު (104 ހ)

އިބްނު ޢައްބާސްގެ ތަފްސީރު (68 ހ)

ސުފްޔާނުއް ޘައުރީގެ ތަފްސީރު (161ހ)

މުޅި ޤުރްއާން ހިމެނޭގޮތުން ލިޔެވުނު ތަފްސީރު ފޮތްތަކުގެ ތެރޭގައި

ޟައްޙާކު ބިން މުޒާޙިމު ގެ ތަފްސީރު (104ހ)

މުޤާތިލް ބިން ސުލައިމާން ގެ ތަފްސީރު( 150ހ)

ޔަޙްޔާ ބިން ސަލާމް އަލް ބަޞަރީގެ ތަފްސީރު (200ހ) ހިމެނެއެވެ.

އަދި މި މަރްޙަލާގައި ޤުރްއާނުގެ ޢިލްމުގެ ބައެއް ބައިތަކަށް ޚާއްޞަ ލިޔެވުންތައްވެސް ލިޔެވުނެވެ. އެގޮތުން

ހ- މައްކީ މަދަނީ (މައްކީ މަދަނީއާ ބެހޭގޮތުން ލިޔުއްވި ބޭކަލުންގެ ތެރޭގައި ޟައްޙާކު ބިން މުޒާޙިމު (105ހ) ޢިކްރިމާ (105ހ) ޙަސަނުލް ބަޞަރީ (110ހ) އަދި ޒުހުރީ (110 ހ) ހިމެނެއެވެ.

ށ- ނާސިޚް މަންސޫޚް (އާ ބެހޭގޮތުން ލިޔުއްވި ބޭކަލުންގެ ތެރޭގައި ޤަތާދާ (117ހ) އަދި ޒުހުރީ (110ހ) ހިމެނެއެވެ.

ނ- އަލްވުޖޫހު ވައްނަޡާއިރު (އާ ބެހޭގޮތުން ލިޔުއްވި ބޭކަލުންގެ ތެރޭގައި މުޤާތިލު ބިން ސުލައިމާން (150ހ) ޔަޙްޔާބިން ސަލާމް (200ހ) ހިމެނެއެވެ.

ރ- މުތަޝާބިހާތު އާޔަތްތައް (އާ ބެހޭގޮތުން އަލްކިސާއީ (189ހ ) ލިޔުއްވިއެވެ. މިއީ ހަތް ޤިރާއަތުގެ ތެރެއިން އެއް ޤިރާއަތު އެބޭކަލަކަށް ނިސްބަތްވާ ބޭކަލުންގެ ތެރެއިން އެއް ބޭކަލެކެވެ.

2- ދެވަނަ މަރްޙަލާ، ކީރިތި ޤުރްއާނުގެ ޢިލްމުގެ އެކި އެކި ބައިތައް ތިންވަނަ ޤަރްނުން ފެށިގެން އެކުލަވާލަމުން ދިޔުން، ޒަރްކަޝީގެ އަލްބުރްހާން ފީ ޢުލޫމިލް ޤުރްއާން ފޮތް ލިޔުއްވުމާ ހަމައަށް

މި މަރްޙަލާގައިވެސް ތަފްސީރު ފޮތްތައް ލިޔެވެމުން ދިޔައެވެ. އަދި ޢުލޫމުލް ޤުރްއާނުގެ ބައެއް ބައިތަކުގެ ފޮތްތައްވެސް ލިޔެވެމުން ދިޔައެވެ.

މި މަރްޙަލާގައި ލިޔެވުނު ބައެއް ތަފްސީރު ފޮތްތައް

ހ- ޖާމިޢުލް ބަޔާނި ޢަން ތައުވީލި އާޔިލް ޤުރްއާނި – އައްޠަބަރީ (މަޝްހޫރު ތަފްސީރުއް ޠަބަރީ) (310ހ)

ށ- އަލްމުޙައްރަރުލް ވަޖީޒު – އިބްނު ޢަޠިއްޔާ (542ހ)

ނ- އަލްޖާމިޢު ލިއަޙްކާމިލް ޤުރްއާނި – އަލްޤުރްޠުބީ (މަޝްހޫރު ތަފްސީރުލް ޤުރްޠުބީ) (671ހ)

ރ- އަލްބަޙްރުލް މުޙީޠު – އަބޫ ޙައްޔާން (745ހ)

ބ- ތަފްސީރުލް ޤުރްއާނުލް ޢަޡީމް – އިބްނު ކަޘީރު (މަޝްހޫރު ތަފްސީރު އިބްނު ކަޘީރު) (774ހ)

މި މަރްޙަލާގައި ލިޔެވުނު ޢުލޫމުލް ޤުރްއާނަށް ޚާއްޞަ ބައެއް ފޮތްތައް

ހ- ފަޟާއިލުލް ޤުރްއާން- އަބޫ ޢުބައިދުލް ޤާސިމް ބިން ސަލާމް (224ހ)

ށ- ތައުވީލު މުޝްކިލިލް ޤުރްއާން – އިބްނު ޤުތައިބާ (276ހ)

ނ- އަޙްކާމުލް ޤުރްއާން- އައްޠަޙާވީ (321ހ)

ރ- އަލްނާސިޚް ވަލް މަންސޫޚް- އަބޫ ޖަޢްފަރުއް ނައްޙާސް (338ހ)

ބ- އައްތިބްޔާން ފީ އިޢްރާބިލް ޤުރްއާން- އަލްޢަކްބަރީ (616ހ)

ޅ- އަލްބުރްހާނު ފީ ތަރްތީބި ސުވަރިލް ޤުރްއާން- އަބޫ ޖަޢްފަރު ބުނުއްޒުބައިރު އަލްޣަރްނާޠީ (807ހ)

 

3- ތިންވަނަ މަރުޙަލާ- ޒަރްކަޝީގެ “އަލްބުރްހާން” އިން ފެށިގެން ސުޔޫޠީގެ “އިތްޤާން”އާ ހަމައަށް

މި މަރްޙަލާގައިވެސް ގިނަ ގުނަ ތަފްސީރުތަކާއި ޢުލޫމުލް ޤުރްއާނުގެ ގިނަ ގުނަ ފޮތްތަކެއް ލިޔެވިފައިވެއެވެ.

4- ހަތަރުވަނަ މަރްޙަލާ- ސުޔޫޠީގެ “އިތްޤާން”ގެ ފަސް

ސުޔޫޠީގެ “އިތްޤާން” އަށް ފަހު ލިޔެވުނު ގިނަ ފޮތްތައް ލިޔެވުނީ “އިތްޤާން” އަށް ބަލައިގެންނެވެ.

ޢުލޫމުލް ޤުރްއާން ވަކި ފަންނެއްގެ ގޮތުގައި ފުރަތަމަ ލިއެވެންފެށުނީ ހިޖުރައިން ދެވަނަ ޤަރުނުގައެވެ. އޭގެފަހުން ޢުލޫމުލް ޤުރުއާނުގެ ތަފާތު މައުޟޫޢުތަކަށް އަންނަނީ ފޮތްތައް ލިއެވެމުންނެވެ.

ޢުލޫމުލް ޤުރްއާނުގެ ފަންނުގައި އެންމެ ފުރަތަމަ ތަދްވީނު ކުރެވުނު ފޮތާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ أبو عُبَيْد القاسم بن سلاَّم (224هـ) ލިޔުއްވި فضائل القرآن ومعالمه وآدابه އެވެ.

އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި މިނިވަން މުސްތަޤިއްލު ފަންނެއްގެ ގޮތުގައި އެންމެ ފުރަތަމަ ލިޔެވުނު ޢުލޫމުލް ޤުރްއާނުގެ ފޮތަކީ الحاوي في علوم القرآن އެވެ. އެފޮތް ލިޔުއްވީ محمد بن خلف بن المرزبان (309 هـ) އެވެ.

 

المحرر في علوم القرآن الكريم. تأليف: د. مساعد بن سليمان بن ناصر الطيار

المقدمات الأساسية في علوم القرآن  عبد الله بن يوسف الجديع