މުޠްލަޤުގޮތެއްގައި ބަލާއިރު ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކަކީ ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެންމެ ފުރަތަމަ ވަޙީބަސްފުޅާއިގެން ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެންނެވީ އެކަލޭގެފާނު ނޫރުފަރުބަދައިގެ ހިރާ އޭ ކިޔުނު ހޮހޮޅައިގައި ހުންނަވަނިކޮށެވެ. އެންމެ ފުރަތަމަ އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވުނު ވަޙީބަސްފުޅަކީ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ – العلق 1 އެވެ. މާނައީ: ”ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. “
ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމުގައި ވަޙީފެށުމާއި ގުޅޭގޮތުން ޢާއިޝާ ރަޟިޔަﷲ އަންހާ ރިވާކުރެއްވިއެވެ. ޢާއިޝާ ވިދާޅުވިއެވެ. “އެކަލޭގެފާނުގެ އަރިހަށް ޙައްޤު އަތުވެއްޖައުމަށް ދާންދެނެވެ. އެއީ ޙިރާ ފަރުބަދައިގެ ހޮހޮޅައިގައި އެކަލޭގެފާނު ވަނިކޮށެވެ. ފަހެ މަލާއިކަތާ (ޖިބްރީލް ޢަލައިހިއްސަލާމް) ވަޑައިގެން ވިދާޅުވިއެވެ. “ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ.” ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނަކީ ކިޔަވާ ބޭކަލެއްނޫނެވެ. ދެން އެޙަދީޘް ބަޔާންކުރެއްވިއެވެ. އަދި އެޙަދީޘްގައިވެއެވެ. “އެއަށްފަހު ވިދާޅުވިއެވެ. (اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ﴿١﴾) އިން ފެށިގެން عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾ މިހިސާބަށެވެ.”
އެންމެ ފުރަތަމަ ބާވައިލެއްވުނީ މުއްދައްޘިރު ސޫރަތުގެ ފުރަތަމަ އާޔަތްތައް ކަމަށްވެސް ބުނެވެއެވެ. އެކަމަކު އެއީ މަތީގައިވާ ބަސްފުޅަށްވުރެ ދަލީލު ޞަރީޙަކަމުގެ ގޮތުން ވަރުގަދަ ބަސްފުޅެއް ނޫނެވެ. އެހެނީ އެކަމާ ބެހޭގޮތުން އައިސްފައިވާ ރިވާޔަތުގައި އެއީ ފުރަތަމަ ބާވައިލެއްވުނު އާޔަތްތައް ކަން ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެއީ އެ ޙަދީޘްގެ މި ޢިބާރާތުންނެވެ. “ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ޙިރާ (ފަރުބަދައިގެ ހޮހަޅައި) ގައި އިންނަވަނިކޮށް ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތް މަލާއިކަތާ އުޑާއި ބިމާ ދެމެދު ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެން އިންނަވަނިކޮށެވެ.” މި ޢިބާރާތުން ދޭހަވަނީ މުއްދައްޘިރު ސޫރަތް ބާވައިލެއްވުމަށްޓަކައި ވަޑައިގެންނެވީ ޙިރާ ހޮހޮޅާގެ ތެރޭގައި އިންނަވަނިކޮށް ވަޑައިގެންނެތި މަލާއިކަތާ ކަމަށެވެ.
އެންމެ ޞައްޙަ ބަހުގައި،ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނީ ޢަލަޤު ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ.
މަރްޖިޢު
المحرر في علوم القرآن الكريم. تأليف: د. مساعد بن سليمان بن ناصر الطيار
المقدمات الأساسية في علوم القرآن عبد الله بن يوسف الجديع