ޢަޞްރު ނަމާދު ވަޤުތު ވީކަމަށް ހީކޮށް އޮޅިގެން ނަމާދު ކުރަން ހުއްޓާ ޢަޞްރު ނަމާދަށް ބަންގި ގޮވީ، ދެން ކިހިނެއްތޯ ހަދަން ޖެހޭނީ، ނުވަތަ ނަމާދުކޮށް ނިމުނު ފަހުން މި އެނގުނީ ނަމާދު މި ކުރެވުނީ ނަމާދު ވަޤުތު ނުޖެހެނީސް ކަން ދެން މިޙާލަތުގައި ކިހިނެއްތޯ ހަދަން ޖެހޭނީ؟
ފަރްޟު ފަސްނަމާދަކީ އޭގެ ފެށުމާއި ނިމުމަށް ވަޤުތު ކަނޑައެޅި ﷲ ގެ ޙަޟްރަތުން އެ ވަޤުތުތައް ބަޔާންވެފައިވާ ކަމެކެވެ. ﷲ ތައާލާ ވަޙީކުރައްވާފައިވެއެވެ.
( إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا) النساء /103
މާނައީ: “ހަމަކަށަވަރުން ނަމާދަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައި ވިޔެވެ.”
ނަމާދު އެޅުމަށް އެއްވެސް ޢުޛުރެއް ނޯވެއެވެ. ނަމާދު ވަޤުތުން ފަސްވެދާނެ އޮންނަނީ މަޤްބޫލު ދެ ޢުޛުރެކެވެ.
1- ނިދުމާއި
2- ހަނދާން ނެތުމެވެ.
އެހެންކަމުން އެއްވެސް މީހަކަށް، ނަމާދު ވަޤުތުގެ ކުރިން ނަމާދު ކުރުން ހުއްދަވެގެން ނުވެއެވެ. އަދި ނަމާދު ވަޤުތު ވަނުމުގެ ކުރިން ނަމާދުކޮށްފިނަމަ، އެ ނަމާދު ޞައްޙަވެގެންވެސް ނުވާނެކަމަށް އެންމެހާ މުސްލިމުން އިޖްމާޢުވެފައިވެއެވެ.
ނަމާދު ވަޤުތުވަނުމުގެ ކުރިން ނަމާދު ކުރުމުގެ ޙުކުމާ ބެހޭގޮތުން ޝައިޚް ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ.
“ނަމާދު އޭގެ ވަޤުތު ޖެހުމުގެ ކުރީން ކުރުމުން އެނަމާދު ކަމަކު ނުދާނެއެވެ. އެއީ ވަޤުތު ޖެހުމުގެ އެއް މިނެޓްކުރިން އެ ނަމާދު ކުރިކަމުގައިވިޔަސް މެއެވެ. ވަޤުތު ވަނުމުގެ ކުރިން ތަކްބީރަތުލް އިޙްރާމް ކިޔައިފިނަމަ (އެބަހީ ނަމާދު ފަށައިފިނަމަ) ނަމާދު ޞައްޙައެއް ނުވާނެއެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވަނީ މިފަދައިންނެވެ.
( إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا) النساء /103
މާނައީ: “ހަމަކަށަވަރުން ނަމާދަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައި ވިޔެވެ.”
އޭގެ މާނައަކީ ތަޙްދީދުކުރެވިފައިވާ ވަޤުތެކެވެ. ނަމާދު އޭގެ ވަޤުތު ވަނުމުގެ ކުރީގައި ކޮށްފިނަމަ އެ ނަމާދު ޞައްޙައެއް ނުވާނެއެވެ. އަދި އެ ނަމާދު އަލުން ކުރުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ.” “مجموع فتاوى الشيخ ابن عثيمين” (12/216).
އެހެންކަމުން އޮޅިގެން، ވަޤުތު ވަތްކަމަށް ހީކޮށް ނަމާދު ވަޤުތު ނުވަނީސް ނަމާދު ކުރެވިއްޖެނަމަ ކަންތައް ކުރަންޖެހޭނެ ގޮތަކީ، އެ ނަމާދު އަލުން ކުރާނީއެވެ.
މަރްޖިޢު
https://islamqa.info/ar/answers/83689