ދަންނާށެވެ! ﷲ ތިބާއަށް ރަޙުމަތް ލައްވާށި! ހަމަކަށަވަރުން ކޮންމެ މުސްލިމު ފިރިހެނަކާއި އަންހެނެއްގެ މައްޗަށް މި ތިންކަންތައް އުނގެނި އެކަންކަމަށް ޢަމަލުކުރުން ވާޖިބުވެގެންވެއެވެ.

ފުރަތަމައީ: ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެން އުފައްދަވައި، ރިޒުޤު ދެއްވެވިއެވެ. އަދި އެއިލާހު އަހަރެމެން ބޭކާރު ގޮތެއްގައި ދޫކޮށެއް ނުލައްވައެވެ. އަދިކިއެއްތަ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވިއެވެ. ފަހެ، އެކަލޭގެފާނަށް ކިޔަމަންގެންފިމީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި އެކަލޭގެފާނަށް އުރެދިއްޖެ މީހާ ނަރަކައަށް ވަދެއްޖެއެވެ.

ދަލީލަކީ ﷲތަޢާލާ ގެ ވަޙީބަސްފުޅެވެ. إِنَّا أَرْسَلْنَا إِلَيْكُمْ رَسُولًا شَاهِدًا عَلَيْكُمْ كَمَا أَرْسَلْنَا إِلَى فِرْعَوْنَ رَسُولًا *فَعَصَى فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ أَخْذًا وَبِيلًا -المزمل:15-16 މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިއެއްގެ ގޮތުގައި ރަސޫލަކު ތިޔަބައިމީހުންގެ ގާތަށް ފޮނުއްވީމެވެ. އެއީ ތިމަންއިލާހު ފިރުޢައުނުގެ ގާތަށް ރަސޫލަކު ފޮނުއްވި ފަދައިންނެވެ. * ދެންފަހެ ފިރުޢައުނު އެރަސޫލާއަށް އުރެދުނެވެ. ދެން ތިމަންއިލާހު އޭނާ ވަރަށް ގަދަފަދަ ހިއްޕެވުމަކުން ހިއްޕެވީމެވެ.”

 ދެވަނައީ: ހަމަކަށަވަރުން ﷲ ސުބުހާނަހޫ ވަތަޢާލާ އަށް ކުރެވޭ އެއްވެސް އަޅުކަމެއްގައި އެއިލާހާ އެއްވެސް ފަރާތެއް ބައިވެރިކުރުމަކަށް އެއިލާހު ނުރުއްސަވައެވެ. އެއީ ކުއްތަންކުރެވިގެންވާ މަލާއިކަތެއް ކަމުގައިވިޔަސް، ފޮނުއްވިގެންވާ ނަބިއްޔެއްކަމުގައި ވިޔަސް މެއެވެ.

މީގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. وَأَنَّ الْمَسَاجِدَ لِلهِ فَلَا تَدْعُوا مَعَ اللهِ أَحَدًا -الجن 18 މާނައީ: ހަމަކަށަވަރުން މިސްކިތްތައްވަނީ ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ﷲއާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!

 ތިންވަނައީ: ރަސޫލާއަށް ކިޔަމަންވެ، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާ އެއްވެސް މީހަކަށް ﷲއާއި އެކަލާނގެ ރަސޫލާއާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވެއެވެ. އެއީ ކިތަންމެ ގާތްތިމާގެ މީހެއްކަމުގައިވިޔަސް މެއެވެ. ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅެވެ. لَا تَجِدُ قَوْمًا يُؤْمِنُونَ بِاللهِ وَالْيَوْمِ الْآَخِرِ يُوَادُّونَ مَنْ حَادَّ اللهَ وَرَسُولَهُ وَلَوْ كَانُوا آَبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُولَئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُمْ بِرُوحٍ مِنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا رَضِيَ اللهُ عَنْهُمْ وَرَضُوا عَنْهُ أُولَئِكَ حِزْبُ اللهِ أَلَا إِنَّ حِزْبَ اللهِ هُمُ الْمُفْلِحُونَ -المجادلة 22  މާނައީ: “ﷲއާއި އާޚިރަތް ދުވަހަށް އީމާންވާ މީހުން، ﷲއާއި އެއިލާހުގެ ރަސޫލާއާ އިދިކޮޅު ހަދާމީހުންނަށް ލޯބިކޮށް ގުޅުން ބަހައްޓާތަން ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. އެއީ އެބައިމީހުންގެ ބަފައިން ނުވަތަ ދަރީން ނުވަތަ އަޚުން ނުވަތަ ގާތްތިމާގެމީހުން ކަމުގައި ވިޔަސްމެއެވެ. އެއިލާހު އީމާންކަން ލިޔުއްވައިފައި ވަނީ އެބައިމީހުންގެ ހިތްތަކުގައެވެ. އަދި އެއިލާހުގެ ހަޟްރަތުންވާ ނަޞްރަކުން އެބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި އެތަންތަނުގެ ދަށުން ފެންކޯރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތަކަށް އެބައިމީހުން ވައްދަވާނެއެވެ. އެތަނުގައި އެބައިމީހުން ދެމިތިބޭނެއެވެ. ﷲ އެބައިމީހުންނަށް ރުހިވޮޑިގެން ވެއެވެ. އަދި އެބައިމީހުން އެއިލާހަށް ރުހިގެން ވެއެވެ. އެބައިމީހުންނީ ﷲގެ ޖަމާޢަތެވެ. ހަމަކަށަވަރުން ކާމިޔާބު ވެގެންވާ ބަޔަކީ ﷲގެ ޖަމާޢަތުގެ މީހުންނެވެ.”

ދަންނާށެވެ! ﷲ އަށް ކިޔަމަންގަތުމަށް އެއިލާހު ތިބާއަށް މަގުދައްކަވާށި! ހަމަކަށަވަރުން ޙަނީފިއްޔާ (ޝިރުކުން އެއްކިބާވެ ތައުޙީދަށް ލެނބުން) އަކީ އިބްރާހިމް ޢަލައިހިއްސަލާމްގެ މިއްލަތެވެ. އެއީ ހަމަކަށަވަރުން ހަމައެކަނި ﷲ އަށް ދީން ޚާލިޞްކުރާ ޙާލު އެއިލާހަށް އަޅުކަންކުރުމެވެ. ހުރިހާ މީސްކަތުންނަށް ﷲ އަމުކުރެއްވީ އެކަމަށެވެ. އަދި ﷲ އެބައިމީހުން ޚަލްޤުކުރެއްވީވެސް އެކަމަށެވެ. އެއިލާހުގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ –  الذاريات: ٥٦  މާނަ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”

 އަޅުކަންކުރުމުގެ މާނައަކީ އެއްކައުވަންތަކުރުމެވެ. ﷲ އަމުރުކުރައްވާފައިވާ އެންމެ ބޮޑުކަމަކީ ތައުޙީދެވެ. އެއީ އަޅުކަންކުރުމުގައި ﷲ އެއްކައުވަންތަކުރުމެވެ. އަދި ﷲ ނަހީކުރައްވާފައިވާ އެންމެ ބޮޑުކަމަކީ ޝިރުކެވެ. އެއީ އެއިލާހާ އެކުގައި އެހެން ފަރާތްތަކަށް ދެންނެވުމެވެ.

ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. وَاعْبُدُوا اللهَ وَلَا تُشْرِكُوا بِهِ شَيْئًا-النساء 36  މާނައީ: “އަދި ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ. އަދި އެއިލާހާ އެހެން އެއްވެސް އެއްޗަކާ ޝަރީކު ނުކުރާށެވެ.”

(ނުނިމޭ)

=ޝައިޚުލް އިސްލާމް މުޙައްމަދު ބުން ޢަބްދިލް ވައްހާބު ލިޔުއްވާފައިވާ ޘަލާޘަތުލް އުޞޫލި ވަ އަދިއްލަތިހާގެ ދިވެހި ތަރުޖަމާ=

**********************