ދެންފަހެ، އިންސާނާގެ މައްޗަށް ދެނެގަތުން ވާޖިބު ވެގެންވާ ތިން އަޞްލަކީ ކޮބައިހޭ ބުނެވިއްޖެނަމަ ތިބާ ބުނާށެވެ. އެއީ އަޅާ އޭނާގެ ރައްބު މަޢުރިފާކޮށް ދެނެގަތުމާއި، އެއިލާހުގެ ދީނާއި، އަދި އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ މަޢުރިފާކޮށް ދެނެގަތުމެވެ.

ފުރަތަމަ އަޞްލު

ތިބާގެ ގާތުގައި، ތިބާގެ ރައްބަކީ ކޮބައިތޯ އެހިއްޖެނަމަ ބުނާށެވެ. އަހަރެންގެ ރައްބަކީ ﷲ އެވެ. އެއިލާހީ އެއިލާހުގެ ނިޢުމަތުން އަހަރެން ހައްދަވާ ގެންގުޅުއްވާ އަދި އެންމެހާ ޢާލަމްތައް ހައްދަވާގެންގުޅުއްވާ އިލާހެވެ. އަދި އެއީ އަހަރެން އަޅުކަންކުރާ ފަރާތެވެ. އެއިލާހު ފިޔަވައި އަޅުކަންކުރާނެ އެހެން ފަރާތެއް އަހަރެންނަކަށް ނުވެއެވެ. އެކަމުގެ ދަލީލަކީ އެއިލާހުގެ ވަޙީ ބަސްފުޅެވެ. الْحَمْدُ لِلهِ رَبِّ الْعَالَمِينَ – الفاتحة 2 މާނައީ “އެންމެހާ ޙަމްދެއްވަނީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެއަށެވެ.” ﷲ ފިޔަވައި އެހެން ހުރިހާ ތަކެއްޗަކީ ޢާލަމެވެ. އަދި އަހަރެންނަކީ އެޢާލަމުގެ ތެރެއިންވާ އެކަކީމެވެ.

ތިބާގެ ރައްބު ދެނެގަތީ ކިހިނެއްތޯ އެހިއްޖެނަމަ ބުނާށެވެ. އެއިލާހުގެ އާޔަތްތަކާއި (އެބަހީ ހެކިތަކާއި)، އެއިލާހުގެ މަޚުލޫޤުތަކުންނެވެ. އެއިލާހުގެ އާޔަތްތަކުގެ ތެރޭގައި ރޭގަނޑާއި ދުވާލާއި އިރާއިހަނދު ވެއެވެ. އަދި އެއިލާހުގެ މަޚުލޫގުތަކުންގެ ތެރޭގައި ހަތްއުޑާއި ހަތްބިމާއި އެތަންތަނުގައްޔާއި އެދެމެދުގައި ވާހައި ތަކެތި ހިމެނެއެވެ.

ދަލީލަކީ ﷲގެ ބަސްފުޅެވެ. وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ-فصلت 37 މާނައީ: “އަދި އެއިލާހުގެ އާޔަތްތަކުގެ (ހެކިތަކުގެ) ތެރޭގައި ރޭގަނޑާއި ދުވާލާއި އިރާއި ހަނދުވެއެވެ. ފަހެ، ތިޔަބައިމީހުން އިރަށާއި ހަނދަށް ސަޖިދަ ނުކުރާށެވެ. އަދި އެތަކެތި ހެއްދެވި ﷲއަށް ސަޖިދަ ކުރާށެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއަށް (އެއްކައުވަންތަކަމާއެކު) އަޅުކަން ކުރާކަމުގައި ވާނަމައެވެ.”

 އަދި ﷲ ގެ މިބަސްފުޅެވެ. إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ -الأعراف 54- މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި ރައްބަކީ ﷲއެވެ. އެއިލާހީ ހަ ދުވަހުން އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. ދެން ޢަރުޝިއަށް އިސްތިވާވެ ވޮޑިގެންނެވިއެވެ. އަދި އެއިލާހު ރޭގަނޑުން ދުވާލު ފޮރުއްވައެވެ. (އެއިންކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެއިލާހުގެ އަމުރަށް ކިޔަމަން ވެގެންވެއެވެ. ދަންނާށެވެ. ޚަލްޤުތަކާއި އަމުރުތައް ވަނީ އެއިލާހަށެވެ. ޢާލަމްތަކުގެ ވެރި އިލާހު ބަރަކާތްތެރިވެ ވޮޑިގަންނަވެއެވެ.”

ވެރި އިލާހަކީ އަޅުކަންކުރުން ޙައްޤު ފަރާތެވެ. މީގެ ދަލީލަކީ ﷲގެ ބަސްފުޅެވެ. يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (21) الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ -البقرة 21،22- މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ. އެއީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން އުފެއްދެވި ފަރާތެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.* އެއިލާހީ ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއްކަމުގައި ބިން ލައްވަވައި (ބިން ފަތުރުއްވަވައި)، އަދި އުޑު ބިނާއެއްގެ ގޮތުގައި ލައްވަވައި (ފުރާޅެއްގެ ގޮތުގައި ލައްވަވައި)، އެއުޑުންވާރޭ ވެއްސަވައި، އަދި ރިޒުޤުގެ ގޮތުގައި އޭގެ ޛަރީޢާއިން ތިޔަބައިމީހުންނަށް މޭވާތައް ނެރުއްވެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ދެނެތިބި ޙާލު ﷲއާ ޝަރީކުންތައް ބައިވެރިނުކުރާށެވެ.”

އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ. “އަޅުކަންކުރުން ހައްޤުވެގެންވާ ފަރާތަކީ މި އެންމެހާ ތަކެތި އުފެއްދެވި ފަރާތެވެ.”

(ނުނިމޭ)

***************************