ދެވަނަ މަރުޙަލާ: އީމާންކަން :
އީމާންކަމުގެ ހަތްދިހަ އެތައް ބައެއްވެއެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ لا إله إلا الله ކިޔުމެވެ. އަދި އޭގެ އެންމެ ދަށު ދަރަޖައަކީ މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތަށް ހުންނަ ތަކެތި ނެގުމެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.
އަދި އީމާންކަމުގެ ރުކުންތައް ހައެކެވެ. އެއީ ﷲ އަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، އެއިލާހުގެ ފޮތްތަކަށާއި، އެއިލާހުގެ ރަސޫލުންނަށާއި، އާޚިރަތް ދުވަހާއި، ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.
މި ހަ ރުކުނުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَالْمَلائِكَةِ وَالْكِتَابِ وَالنَّبِيِّينَ … البقرة 177. މާނައަކީ: ” ހެޔޮކަމަކީ (ނަމާދުގައި) އިރުމަތީފަރާތާއި ހުޅަނގު ފަރާތަށް)ނުވަތަ ވަކިފަރާތަކަށް) ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއްނޫނެވެ. އަދި ކިއެއް، (އަސްލު، ހަގީގީ) ހެޔޮކަމަކީ (އީމާންކަމެވެ.) ﷲ އާއި،އާޚިރަތްދުވަހާއި، މަލާއިކަތުންނާއި، ފޮތްތަކާއި، ނަބީބޭކަލުންނަށް އީމާންވުމެވެ.”
އަދި ޤަދަރަށް އީމާންވުމުގެ ދަލީލަކީ ﷲގެ މި ބަސްފުޅެވެ. إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ- القمر:49މާނައީ: “ހަމަކަށަވަރުން ކޮންމެ އެއްޗެއް (އަދި ކޮންމެ ކަމެއް) ތިމަންއިލާހު ހެއްދެވީ ކަނޑައެޅި މިންވަރުވެގެންވާ ގޮތެއްގެ މަތީންނެވެ.”
(ނުނިމޭ)