ތިންވަނަ އަޞްލު
ތިޔަބައިމީހުންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ މަޢުރިފާކޮށް ދެނެގަތުން
އެކަލޭގެފާނަކީ ހާޝިމްގެ ދަރި ޢަބްދުލް މުއްޠަލިބުގެ ދަރި ޢަބްދުﷲ ގެ ދަރި މުޙައްމަދެވެ. އަދި ހާޝިމް އަކީ ޤުރައިޝްވަންހައިގެ މީހެކެވެ. އަދި ގުރައިޝްވަންހައަކީ ޢަރަބިންގެ ތެރެއިންވާ ބައެކެވެ. އަދި ޢަރަބީންނަކީ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމުގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމުގެ ދަރިސްފަސްކޮޅުގެ ތެރެއިންވާ ބައެކެވެ. (އިބްރާހީމްގެފާނަށާއި އަހަރެމެންގެ މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ހުއްޓެވެ.) އެކަލޭގެފާނުގެ ޢުމުރުފުޅަކީ ފަސްދޮޅަސް ތިން އަހަރެވެ. އޭގެތެރެއިން ސާޅީސް އަހަރަކީ ނަބީކަމުގެ ކުރިއެވެ. އަދި ތޭވީސް އަހަރު ނަބީކަމާއި ރަސޫލުކަމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުނީ اقْرَأ-العلق: ١މާނަ: “ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ.” މިބަސްފުޅާ އެކުގައެވެ. އަދި ރަސޫލުކަން ޙަވާލުކުރެވުނީ (ރަސޫލުކަމައިގެން ފޮނުއްވުނީ) المُدَّثِّرُ-المدثر: ١ މާނަ:“އޭ ފޭރާންތަކުން ނިވާވެގެންވާ ކަލޭގެފާނެވެ.” މިބަސްފުޅުންނެވެ. އެކަލޭގެފާނުގެ ރަށަކީ މައްކާއެވެ.
މާތް ﷲ އެކަލޭގެފާނު ފޮނުއްވެވީ ޝިރުކުކުރުމުން އިންޛާރު ކުރެއްވުމަށާއި އެއިލާހުގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމަށްޓަކައެވެ.މީގެ ދަލީލަކީ ﷲގެ ބަސްފުޅެވެ.يَا أَيُّهَا الْمُدَّثِّرُ (1) قُمْ فَأَنذِرْ (2) وَرَبَّكَ فَكَبِّرْ (3) وَثِيَابَكَ فَطَهِّرْ (4) وَالرُّجْزَ فَاهْجُرْ (5) وَلَا تَمْنُن تَسْتَكْثِرُ (6) وَلِرَبِّكَ فَاصْبِرْ (7) المدثر: ١ – ٧.މާނައީ: “އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!* ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރުކުރައްވާށެވެ!* އަދި ކަލޭގެފާނުގެ ރައްބު ބޮޑުކަން ހާމަކުރައްވާށެވެ.* އަދި ކަލޭގެފާނުގެ ފޭރާން ޠާހިރުކުރައްވާށެވެ. * އަދި ބުދުތަކާ ދުރުވެވަޑައިގަންނަވާށެވެ! * އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ! * އަދި ކަލޭގެފާނުގެ ރައްބަށްޓަކައި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ!”
قُمْ فَأَنذِرْ “ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރުކުރައްވާށެވެ!” އޮތް ބަސްފުޅުގެ މާނައަކީ ޝިރުކުން (ދުރުހެލިވުމަށް މީސްތަކުންނަށް) އިންޛާރުކުރެއްވުމެވެ. އަދި އެއްކަތުވަންތަކަމަށް ގޮވާލުމެވެ. وَرَبَّكَ فَكَبِّرْ“އަދި ކަލޭގެފާނުގެ ރައްބު ބޮޑުކަން ހާމަކުރައްވާށެވެ” ގެ މާނައަކީ އެއްކައުވަންތައްކުރުމުން އެއިލާހުގެ މާތްކަމާއި މަތިވެރިކަން ހާމަކުރުމެވެ. وَثِيَابَكَ فَطَهِّرْ“އަދި ކަލޭގެފާނުގެ ފޭރާން ޠާހިރުކުރައްވާށެވެ.” ގެ މާނައަކީ ކަލޭގެފާނުގެ ޢަމަލުތައް ޝިރުކުން ޠާހިރުކުރެއްވުމެވެ. وَالرُّجْزَ فَاهْجُرْ“އަދި ބުދުތަކާ ދުރުވެވަޑައިގަންނަވާށެވެ!” الرُّجْزَއަކީ ބުދުތަކެވެ. އެތަކެތި ހަޖުރުކުރުމަކީ އެތަކެތި ދޫކޮށްލުމެވެ. އަދި އެތަކެއްޗާއި އެތަކެތީގެ އަހުލުވެރިން (ބުދަށް އަޅުކަންކުރާ މީހުން) ގެ ކިބައިން ބަރީއަވުމެވެ. މިގޮތުގެ މައްޗަށް ތައުޙީދަށް ގޮވާލެއްވުމުގައި ދިހައަހަރު ހޭދަކުރެއްވިއެވެ. ދިހަ އަހަރަށްފަހު އެކަލޭގެފާނު އުޑަށް އުފުލެއްވުނެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ފަސްނަމާދު ފަރުޟުކުރެއްވުނެވެ. އަދި މައްކާގައި ތިންއަހަރު ނަމާދުކުރެއްވިއެވެ. އޭގެފަހުގައި މަދީނާއަށް ހިޖުރަކުރެއްވުމަށް އަމުރުކުރެއްވުނެވެ. ހިޖުރަކުރުމަކީ ޝިރުކުގެ ރަށް ދޫކޮށް އިސްލާމް ރަށަކަށް ބަދަލުވުމެވެ.