އަޞްލަކީ ހުކުރު ނަމާދުގެ ޖަމާޢަތް ގިނަ މިސްކިތްތަކެއްގައި ޤާއިމު ނުކުރުމެވެ. ގިނަ މިސްކިތްތަކުގައި ހުކުރުގެ ޖަމާޢަތް ޤާއިމުކުރުން ވާޖިބުވާ ސަބަބެއް ނެތްނަމަ، އިސްކަން ދޭން ޖެހޭނީ އޭގެ ތެރެއިން ފުރަތަމަ ޖަމާޢަތް ފަށާ މިސްކިތަކަށް ކަމުގައި ފިޤްހު ޢިލްމުވެރިން ނައްޞުކުރައްވާފައިވެއެވެ.
ކައްޝާފުލް ޤަނާޢުގައި ވެއެވެ. “މިސްކިތުގެ ޖާގަ ދަތިވުމުގެ ސަބަބުން އެއް މިސްކިތުގައި ހުކުރު ނަމާދު ޤާއިމުނުކުރެވޭނަމަ، ނުވަތަ ފިތުނަވެރިކަމެއް (މިސާލަކަށް ރަށުގެ އަހުލުވެރިންގެ މެދުގައި ޢަދާވާތް ތެރިކަމެއް އޮތުމުގެ ސަބަބުން އެބައިމީހުން އެއް މިސްކިތަކަށް ހުކުރު ނަމާދު ކުރުމަށް ޖަމާކޮށްފިނަމަ ތަޅާފޮޅުން ފަދަ ކަމެއް( ކުރިމަތިވެދާނެ ކަމުގެ ބިރު އޮތްނަމަ، ނުވަތަ ރަށުގެ ވަކި ބަޔަކާ މާ ދުރުގައި ހުކުރު ކުރާ މިސްކިތް ހުންނަނަމަ، ރަށް ބޮޑުވުމުގެ ސަބަބުން، އަވަށްތައް ގިނަވުން ފަދަ ސަބަބުތައް ހުރިނަމަ، އެއް މިސްކިތަށްވުރެ ގިނަ މިސްކިތުގައި ހުކުރުގެ ޖަމާޢަތް ޤާއިމުކުރުން ހުއްދަވެގެން ވެއެވެ. އެހެނީ އެއީ ބޮޑެތި އަވަށްތަކުގައި މަޝްހޫރު މިސްކިތްތަކުގައި ޤާއިމުކުރެވޭ ނަމާދެކެވެ. މިއީ އިޖްމާޢުވެފައިވާ މައްސަލައެކެވެ. “كشاف القناع” (2/39)
ރަށެއްގައި އެއްތަނަށްވުރެ ގިނަ ތަނުގައި ހުކުރު ނަމާދު ޤާއިމްކުރުމާއި، ޢީދު ނަމާދު ޤާއިމުކުރުން، އެކަމަށް ޙާޖަތެއް ނެތްނަމަ ޙަރާމްވެގެންވެއެވެ. المبدع ގައި ވެއެވެ. މިކަމުގައި ޢަޠާ ރަޙިމަހުﷲ ފިޔަވައި އެއްވެސް ޢިލްމުވެރިޔަކު ޚިލާފުވެވަޑައިގެންފައި ނުވެއެވެ.
އެކަމަށް ބޭނުން ޖެހިފައިނުވާނަމަ، އެއް މިސްކިތަށްވުރެ ގިނަ މިސްކިތުގައި ހުކުރު ނަމާދުގެ ޖަމާޢަތް ޤާއިމުކުރުމުގެ ހުއްދަ ދިނުން ވެރިމީހާގެ މައްޗަށް ޙަރާމްވެގެންވެއެވެ. އަދި ޙާޖަތް ޖެހިގެންވާ މިންވަރަށްވުރެ ގިނަ މިސްކިތްތަކުގައި ހުކުރު ނަމާދުގެ ޖަމާޢަތް ޤާއިމުކުރުމުގެ އިޛުނަ ދިނުންވެސް ވެރިމީހާއަށް ހުއްދަވެގެންނުވެއެވެ. ޙާޖަތް ޖެހިގެން ނުވާ ޙާލު އެއްތަނަށްވުރެ ގިނަ ތަނުގައި ހުކުރު ނަމާދު ކުޅަނަމަ، އޭގެ ތެރެއިން ޞައްޙަ ޖަމާޢަތަކީ މުސްލިމުންގެ ވެރިމީހާ އިޛުނަ ދީފައިވާ ޖަމާޢަތެވެ.
ޝައިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. ޙާޖަތަށް ޖެހިގެންވުމުގެ މިސާލަކީ މިސްކިތް ފުރުން، މިސްކިތުގެ ޖާގަ ބޮޑުނުކުރެވުން ފަދަ ކަންކަމެވެ. އެހެނީ ހޫނު މޫސުމުގައި އަވީގައި ތިބެގެން ނަމާދު ކުރުމާއި ފިނިމޫސުމުގައި ވާރޭގައި ތިބެގެން ނަމާދު ކުރުމަކީ މީސްތަކުންނަށް ކުޅަދާނަވެގެންވާ ކަންކަމެއް ނޫނެވެ. އަދި ރަށް އާބާދުވެ ރަށްވެހިކަން އިތުރުވުމުގެ ސަބަބުން ބޮޑު ސަރަޙައްދަކަށް އާބާދީ ފެތުރި މީސްތަކުން ހުކުރު ނަމާދުކުރާ މިސްކިތަށް ދިޔުން ދަތިވެއްޖެނަމަވެސް އެއީ ޙާޖަތަށް ޖެހިގެން ވުމެވެ.
ރަށެއްގެ މިސްކިތެއްގައި ހުކުރު ކޮށްކޮށް ހުއްޓައި، ޙާޖަތެއް ނެތި އެހެން މިސްކިތެއްގައި ހުކުރު ކުރަން ފަށައިފިނަމަ، އޭގެ ތެރެއިން ޞައްޙަވެގެންވާ ޖަމާޢަތަކީ ފުރަތަމަ ބިނާކުރި މިސްކިތެއްގެ ޖަމާޢަތެވެ. އަނެއް ޖަމާޢަތަކީ ބާޠިލު ޖަމާޢަތެކެވެ. “الشرح الممتع” (5/ 72، 76).
ވީމާ، ޙާޖަތެއް ނެތް ކަމުގައިވާނަމަ، ކުދި ކުދި ރަށްރަށުގައި، އެއް މިސްކިތަށްވުރެ ގިނަ މިސްކިތުގައި ހުކުރު ނަމާދު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. ވަﷲ އަޢުލަމު
މަރުޖިޢު