ފެން ޠާހިރު އެއްޗަކާ، މިސާލަކަށް ގަސްގަހާގެހީގެ ފަތް ނުވަތަ ސައިބޯނި ނުވަތަ އުޝްނާނު (އުޝްނާނަކީ އަތް އަދި ފޭރާން ދޮވުމަށްޓަކައި އޭގެ ފަތް ބޭނުންކުރާ ގަހެކެވެ) ނުވަތަ ކުންނާރުފަތް ނުވަތަ އެނޫންވެސް ޠާހިރު އެއްޗަކާ، އެކުވެއްޖެނަމަ އަދި އެ އެކުވި އެކުވުން އޭގައި ހުރި ފެނުގެ މައްޗަށް ގަދަވެނުގެންފި ނަމަ، އެއީ ޠަހޫރު ފެނެކެވެ. ޙަދަޘް އެރިގަތުމަށާއި ނަޖިސް ފިލުވާލުމުގައިވެސް އެފެން ބޭނުންކުރުމަކީ ހުއްދަކަމެކެވެ. އެއީ ﷲ ތަޢާލާ މިފަދައިން ވަޙީކުރައްވާފައިވާތީއެވެ.
(وَإِنْ كُنْتُمْ مَرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ) [النساء:٤٣]
މާނައީ: “އަދި ތިޔަބައިމީހުން ބަލިމީހުން ކަމުގައިވާނަމަ، ނުވަތަ ދަތުރެއްގެމަތީގައިވާނަމަ، ނުވަތަ ތިޔަބައިމީހުންކުރެމީހަކު ފާޚާނާއިން އަތުވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުން އަނބީންނާ ޖިމާޢުވެއްޖެނަމަ، ދެން ތިޔަބައިމީހުންނަށް (ވުޟޫކުރުމަށާއި ހިނައިގަތުމަށް) ފެން އެއްގޮތަކަށްވެސް ނުފެނުނުނަމަ ފަހެ ތިޔަބައިމީހުން ޠާހިރުވެލިން ތަޔައްމުމުކުރާހުށިކަމެވެ. ފަހެ ތިޔަބައިމީހުންގެ މޫނުތަކުގައާއި އަތްތަކުގައި (އެވެލިން) ފޮހޭހުށިކަމެވެ.”
މި އާޔަތުގައި ފެނުގެ ލަފުޒު އައިސްފައިވަނީ مَاءً މިގޮތަށެވެ. އެ ލަފުޒު އެއައިސްފައިވަނީ ނަފީކުރުމުގެ ސީޣާގައި ނަކިރާ ކޮށެވެ. ނަފީކުރުމުގެ ސީޣާގައި ނަކިރާކޮށް ނުވަތަ ވަކިބާވަތެއް ވަކި ޙައްދެއް ބަޔާންނުކުރާގޮތަށް އަންނަ އައުމުގައި އޭގެ ހުރިހާ ބާވަތެއް ނުވަތަ މިންވަރެއް ޝާމިލުވެގެންވެއެވެ. މާނައަކީ ކޮންމެ ފެނެއްވެސް އޭގައި ހިމެނެއެވެ. އެއްޗަކާ އެކުވެފައިނުވާ ފެނާއި އެއްޗަކާ އެކުވެފައިވާ ފެންވެސް މެއެވެ.
އިތުރު ތަފްޞީލު: މި އާޔަތުގައި މިވެނި އެވެނި ފެނެކޭ ވަޙީނުކުރައްވާ ހަމައެކަނި ފެން މި ގޮތަށް ވަޙީކުރެއްވުމުން، ފެން އައިސްފައި އެވަނީ ޢާއްމުކޮށެވެ. މާނައަކީ ހުރިހާ ފެނެއް އޭގައި ހިމެނޭ ގޮތުންނެވެ. އެއްޗިއްސާ އެކުވެފައިވާ ފެނާއި އެއްޗިއްސާ އެކުވެފައިނުވާ ފެނެވެ.
އޭގެ އަނެއް ދަލީލަކީ އުއްމު ޢަތިއްޔާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވާ ޙަދީޘެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުން ޒައިނަބު ރަޟިޔަﷲ ޢަންހާ އަވަހާރަވެގެން، އެކަމަނާ ހިނެވުމުގެ ކަންތައްތަކުގައި އުޅުއްވި ކަނބަލުންނާ މުޚާޠަބު ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ޙަދީޘެވެ.
((اِغْسِلْنَهَا ثَلَاثًا أَوْ خَمْسًا أَوْ أَكْثَرَ مِنْ ذَلِكِ إِنْ رَأَيْتُنَّ بِمَاءٍ وَسِدْرٍ وَاجْعَلْنَ فِي الْآخِرَةِ كَافُورًا أَوْ شَيْئًا مِنْ كَافُورٍ)) [متفق عليه]
“ތިންފަހަރު ނުވަތަ ފަސްފަހަރު ނުވަތަ ތިޔަކަނބަލުންނަށް ފެންނަނަމަ އެއަށްވުރެގިނަ ފަހަރު ފެނުންނާއި ކުންނާރުފަތުފެނުން އެކަމަނާ ހިނަވާށެވެ. އަދި އެންމެ ފަހުފަހަރު ކާފޫރުފެނުން ނުވަތަ ކާފޫރުގެ ކޮންމެވެސް ބާވަތެއްގެ ފެނުން ހިނަވާށެވެ.”
_______________________________
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد
أسهم في إعداد هذا الكتاب مجموعة من الأساتذة المتخصصين في الفقه، وهم:
1- الأستاذ الدكتور عبد العزيز مبروك الأحمدي.
2- الأستاذ الدكتور عبد الكريم بن صنيتان العمري.
3- الأستاذ الدكتور عبد الله بن فهد الشريف.
4- الأستاذ الدكتور فيحان بن شالي المطيري.
– قام بمراجعته: الأستاذ الدكتور علي بن محمد ناصر الفقيهي، والدكتور جمال بن محمد السيد.
– قدم له: معالي الشيخ صالح بن عبد العزيز آل الشيخ – حفظه الله -.