އިސްތިޢުމާލު ކޮށްފައިވާ ފެން ޠަހާރަތުގައި ބޭނުންކުރުން

މި މައްސަލައަކީ ޢިލްމުވެރިން އިޚްތިލާފުވެފައިވާ މައްސަލައެކެވެ. މި މައްސަލާގައި ޞައްޙަގޮތަކީ ޠަހާރަތުގައި އިސްތިޢުމާލުކޮށްފައިވާ ފެން މިސާލަކަށް ވުޟޫކުރުމުގައި ގުނަވަންތަކުން ނުވަތަ ހިނައިގަންނަ މީހާގެ ގުނަވަންތަކުން ވަކިވެގެން ފައިބާ ފެނަކީ ޠާހިރުފެނެކެވެ. އަދި އެހެން އެއްޗިހި ޠާހިރުކުރާ ފެނެކެވެ. އެފެނުން ޙަދަޘް އެރިގަނެވިދާނެއެވެ. އަދި ނަޖިސް ފިލުވައިލެވިދާނެއެވެ. އެކަމަކު އެއީ އޭގެ ތިން ސިފަކަމުގައިވާ ވަހާއި ކުލައާއި ރަހަ ބަދަލުނުވާނަމައެވެ.

 އެ ޠާހިރުކަމުގެ ދަލީލުތައް:

1- ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫ ކުރައްވާނަމަ، އެކަލޭގެފާނު ވުޟޫ ކުރައްވާއިރު ފައިބާ ފެންފޮދު ނެގުމަށްޓަކައި އެކަލޭގެފާނުގެ ޞަޙާބީން ހީވަނީ އެއްބޭކަލަކު އަނެއްބޭކަލަކާ ހަނގުރާމަ ކުރައްވާހެންނެވެ. (ރަވާހުލް ބުޚާރީ، 189)

2- އަދި ޖާބިރު ރަޟިޔަﷲ ޢަންހު ބަލިހާލުކޮޅުގައި ވަނިކޮށް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖާބިރުގެ ފާނުގެ ހަށިކޮޅަށް، އިތުރު އެކަލޭގެފާނު ވުޟޫކުރައްވާފައި ފޭބި ފެންފޮދު އޮއްސެވިއެވެ. (އަޚްރަޖަހުލް ބުޚާރީ 5651 ވަ އަޚްރަޖަހުލް މުސްލިމް 1616). އެއީ ނަޖިސްފެންނަމަ އެގޮތަށް އޮއްސުން ހުއްދަވެގެން ނުވީހެވެ.

3- އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި އެކަލޭފާނުގެ އަނބިއަނބި ކަނބަލުން ކަންވާރުތަކުން ވުޟޫ ކުރައްވާ ހިނައި ހައްދަވަތެވެ. އެފަދަ ކަންވާރުތަކަކީ ފެން ބޭނުންކުރާ މީހާ ބޭނުންކޮށްފައި ހުންނަފެން ބުރައިގެން ދާ ކަންވާރުތަކެކެވެ.

4- އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ޙާދިޘާއާ ބެހޭގޮތުން ޙަދީޘްކުރެއްވި ބަސްފުޅު إنَّ المؤمنَ لاَ يَنْجُسُ“ހަމަކަށަވަރުން މުއުމިނަކު ނަޖިހެއް ނުވާނެއެވެ.” މި ޙަދީޘެވެ.

 އެއްދުވަހަކު އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ޖުނުބުވެރި ޙާލަތުގައި ހުންނަވަނިކޮށް މަދީނާގެ މަގެއްގެމަތިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ބައްދަލުވެ ވަޑައިގަތެވެ. އެހިނދު ކުއްލިއަކަށް އަބޫހުރައިރާ ރަޟިޔަﷲ ޢަންހު އެކަލޭގެފާނާ ދުރަށްޖެހިވަޑައިގެންގޮސް ހިނައި ޠާހިރުވެލެއްވިއެވެ. ދެން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމުން ޙަދީޘްފުޅުކުރެއްވިއެވެ. “އޭ އަބޫހުރައިރާއެވެ! އޭރު ތިބާ އެދިޔައީ ކޮންތާކަށްހެއްޔެވެ؟ އަބޫހުރައިރާ ދެންނެވިއެވެ. އަހުރެން އޭރުހުރީ ޖުނުބުވެރި ޙާލަތުގައެވެ. އެހެންވެ ޠާހިރުކަންމަތީ ނެތީމާ ކަލޭގެފާނާއެކު މަޖުލީސްކުރަން އަހުރެން ނުރުހުނީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަޙަދީޘްފުޅު ކުރެއްވިއެވެ. “سبحان اللهއެވެ! ހަމަކަށަވަރުން މުއުމިނަކު ނަޖިހެއް ނުވާނެއެވެ.” (رواه الجماعة)

 

މި ޙަދީޘުން މުސްލިމެއްގެ ހަށިގަނޑު ނަޖިސްނުވާނެކަން އެނގެއެވެ. އެހެންކަމުން ޠާހިރު އެއްޗެއްގައިޖެހި ފައިބާފެން ޠާހިރުވާނެއެވެ. ނަޖިހެއް ނުވާނެއެވެ.

 

الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد

أسهم في إعداد هذا الكتاب مجموعة من الأساتذة المتخصصين في الفقه، وهم:

1- الأستاذ الدكتور عبد العزيز مبروك الأحمدي.

2- الأستاذ الدكتور عبد الكريم بن صنيتان العمري.

3- الأستاذ الدكتور عبد الله بن فهد الشريف.

4- الأستاذ الدكتور فيحان بن شالي المطيري.

– قام بمراجعته: الأستاذ الدكتور علي بن محمد ناصر الفقيهي، والدكتور جمال بن محمد السيد.

– قدم له: معالي الشيخ صالح بن عبد العزيز آل الشيخ – حفظه الله -.