ސަބަބުއް ނުޒޫލްގެ މާނަ

ސަބަބުއް ނުޒޫލަކީ ކީރިތި ޤުރްއާނުގެ އާޔަތެއް، ނުވަތަ އާޔަތްތަކެއް ނުވަތަ ސޫރަތެއް ބާވައިލެއްވި ސަބަބެވެ.

ސަބަބާ ގުޅޭގޮތުން ކީރިތި ޤުރްއާން ބާވައިލެއްވުން ދެބަޔަކަށް ބެހެއެވެ.

ހ- ސީދާ ސަބަބަކާ ނުލައި ބާވައިލެއްވުން. މިފަދަ އާޔަތްތައް ބާވައިލައްވަނީ ޙާޖަތަށް ޖެހުމުން ނުވަތަ އެއާޔަތް ބާވައިލެއްވުމުގެ މަޞްލަޙަތު އޮތުމުންނެވެ.

ކީރިތި ޤުރްއާނުގައި އެންމެ ގިނައީ މިފަދަ އާޔަތްތަކާއި ސޫރަތްތަކެވެ.

ށ- ޙާދިޘާއެއް ދިމާވުމެވެ. އެ ޙާދިޘާއާ ގުޅޭގޮތުން އެ ޙާދިޘާއާ ވިއްދާ ކީރިތި ޤުރްއާން ބާވައިލެއްވުމެވެ.

މީގެ މިސާލުތައް

1- ސޫރަތުއް ޟުޙާ ބާވައިލެއްވި ސަބަބު: އަންހެނަކު އައިސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗެހިގޮވިއެވެ. އަދި ކަލޭގެފާނު ގެންގުޅުއްވާ ޝައިޠާނާ ކަލޭގެފާނު ދޫކޮށްލައިފިޔޭ ކިޔައި ހުތުރުކޮށް ވާހަކަ ދެއްކިއެވެ. ސޫރަތުއް ޟުޙާގައި ބަޔާންވެފައިވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ނަބިއްޔާ ދޫކޮށްނުލައްވާ ވާހަކައެވެ. އަދި އެކަލޭގެފާނަށް ދެއްވި ނިޢުމަތްތަކުގެ ވާހަކައެވެ.

2- ޔަމަނުގެ އަހުލުވެރިން ޙައްޖުވުމަށްޓަކައި އަންނަ އިރު ކާބޯތަކެތި ނުލައި އައުން. އެމީހުން ބުނާގޮތުގައި އެމީހުން އަންނަނީ ވަކީލުކޮށްގެންނެވެ.

وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ- البقرة 198

“އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ. ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤްވާއެވެ.”

3- ޙައިޟާ ބެހޭގޮތުން ސުވާލު ކުރެއްވުން

وَيَسْأَلُونَكَ عَنِ الْمَحِيضِ  قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ  وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ  فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّـهُ  إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ – البقرة 222

“އަދި ޙައިޟާމެދު، ކަލޭގެފާނާ އެއުރެން ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ. (އެބަހީ: ޖިމާޢު ނުވާށެވެ.) އަދި އެކަނބަލުން ހިނައި ޠާހިރު ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ. ފަހެ އެކަނބަލުން ހިނައި ޠާހިރު ވެއްޖެނަމަ، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ. (އެބަހީ: ޖިމާޢުވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.”

ސަބަބުއް ނުޒޫލް ދެނެގަނެވޭނެ ގޮތްތައް

ސަބަބުއް ނުޒޫލް އެނގޭނެ ގޮތަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ނުވަތަ ޞަޙާބީންގެ ކިބައިން އެކަން ޞައްޙަކޮށް ނަޤުލުވެފައިވުމެވެ.

ސަބަބުއް ނުޒޫލް ދެނެގަތުމުގެ ފައިދާ

1- ޝަރީޢަތުގެ ޙިކުމަތްވަންތަކަން އެނގުން، ޝަރީޢަތުގެ މަޤްޞަދު ދެނެގަތުން

2- އާޔަތުގެ ޙަޤީޤީ މުރާދު ދެނެގަތުން

3- ތަޢުލީމާއި ތަރުބިއްޔަތުގައި ސަބަބުއް ނުޒޫލްގެ ފައިދާއިން ޢިބްރަތް ޙާޞިލްކުރުން

 

މަރްޖިޢުތައް

المحرر في علوم القرآن الكريم. تأليف: د. مساعد بن سليمان بن ناصر الطيار

المقدمات الأساسية في علوم القرآن  عبد الله بن يوسف الجديع