ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.
هُوَ الْأَوَّلُ وَالْآخِرُ (الحديد 3)
އެއިލާހީ (ފެށުމެއްނެތި) އިސްވެވޮޑިގެންވާ އިލާހެވެ. އަދި (ނިމުމެއްނެތި) ފަސްވެވޮޑިގެންވާ އިލާހެވެ.
الْأَوَّلُ ގެ މާނައަކީ ފެށުމެއްނުވާ އިލާހެވެ. އޭގެ ކުރީގައި އެހެން އެއްވެސް އެއްޗެއް/ފަރާތެއް ވުޖޫދުގައިނުވާ ފަރާތެވެ. ހުރިހާ މަޚްލޫޤެއް އުފެއްދެވުމުގެ ކުރީން ވުޖޫދުގައިވާ ހަމައެކަނި ފަރާތެވެ.
ﷲ އީ ފެށުމެއްނެތި އިސްވެވޮޑިގެންވާ އިލާހުކަމުގެ ބުއްދީގެ ދަލީލަކީ، ﷲ އަށްވުރެ ކުރެ އެހެންފަރާތެއް ވީނަމަ، ﷲ ވާނީ މަޚްލޫޤަކަށެވެ. އޭރުން އެއީ ކަލާންގެވަންތަމުން ބޭރުވެގެންވާ ކަމެކެވެ. ޚާލިޤާއި މަޚްލޫޤުގެ އެއްތަފާތަކީ ޚާލިޤު ފުރަތަމަ ވުޖޫދުގައިވުމެވެ. އަދި ޚާލިޤު މަޚްލޫޤު އުފެއްދެވުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައިވާ ފަދައިންނެވެ.
اللهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ – مسلم (2713)
ޔާ ﷲ! އިބައިލާހީ ފެށުމެއްނެތި އިސްވެވޮޑިގެންވާ އިލާހެވެ. އިބައިލާހުގެ ކުރީން އެއްވެސް އެއްޗެއް/ފަރާތެއް ނުވެއެވެ. އަދި އިބައިލާހީ ނިމުމެއްނެތި ފަސްވެވޮޑިގެންވާ އިލާހެވެ. އިބައިލާހަށް ފަހުގައި އެއްވެސް އެއްޗެއް/ފަރާތެއް ނުވެއެވެ.
ވުޖޫދުވި ހުރިހާ އެއްޗެއް ވުޖޫދުވީ ﷲ އަށް ފަހުގައެވެ. އެއީ އެއިލާހު އުފެއްދެވި ތަކެއްޗެވެ. ﷲ އާ އެކުގައި އެއްވެސް ފަރާތެއް/އެއްޗެއް ނުވެއެވެ. އަދި އެއިލާހުގެ ކުރީގައި އެއްވެސް އެއްޗެއް/ފަރާތެއް ނުވެއެވެ. ބައްލަވާ ” الشيخ ابن عثيمين رحمه الله: لقاء الباب المفتوح ” (208/ 4)
ފެށުމެއްވާ ކޮންމެ އެއްޗަކީ މަޚްލޫޤެކެވެ. ޚާލިޤަށްވުމަށްޓަކައި ފެށުމެއްނުވުން ލާޒިމެވެ. އެހެންވީމާ ﷲ އީ ފެށުމެއްވާ ފަރާތެއްވާނަމަ، ޚާލިޤެއްގެ ޞިފަތަކުން ބޭރުވެ މަޚްލޫޤެއްގެ ގޮތުގައިވީއެވެ.
الْآخِرُ ގެ މާނައަކީ ނިމުމެއްނެތި ދާއިމަށް ވޮޑިގެންވާ އިލާހެވެ. ހުރިހާ ތަކެތި ނެތި ފަނާވެދިޔުމަށްފަހުވެސް ދެމިވޮޑިގެންވާ އިލާހެވެ.
ﷲ އީ ނިމުމެއްނެތި ދާއިމަށް ދެމިވޮޑިގެންވާ ފަރާތެއްކަމުގެ ބުއްދީގެ ދަލީލަކީ، ﷲ ނެތިފަނާވާނަމަ، ނުވަތަ ﷲ އަށް ނިމުމެއް އަންނަނަމަ، އެއީ ކަލާންގެވަންތަ ސިފަތަކުގެ ތެރެއިން ސިފައަކަށް ނުވުމެވެ. އެހެންކަމުން އެއީ ހަމައެއްގޮތަކަށްވެސް ކަލާންގެއާ އެކަށީގެންވާ ސިފައެއްނޫނެވެ. އެހެނީ ނިމުން އައުމަކީ މަޚްލޫޤުންގެ ޞިފައެކެވެ. ނިމުން އަންނަ ކޮންމެ އެއްޗަކީ މަޚްލޫޤެކެވެ. ޚާލިޤާ މަޚްލޫޤުގެ އެއްތަފާތަކީ މަޚްލޫޤަށް ނިމުން އައުމެވެ. އަދި ޚާލިޤަށް ނިމުން ނައުމެވެ. ﷲ އަށް ނިމުން އަންނަނަމަ، ﷲ އުފެއްދެވި މަޚްލޫޤުތައް ބަލަހައްޓަވާނީ ކޮންފަރާތަކުންހެއްޔެވެ؟