ގެދޮރު ސާފުތާހިރު ކުރާ އިރު ހިތްވެސް ސާފުތާހިރުވެގެންދާނެ ގޮތެއް

އުޚްތަކު ކިޔައިދިނެވެ. ޛިކްރު ކުރުމުގެ މާތްކަމާއި މަތިވެރިކަން އެނގުމާއެކު، ވީހާވެސް ގިނައިން ޛިކްރު ކުރެވޭތޯ ބަލަމެވެ. އަދި އަބަދާ އަބަދު ޛިކްރުގެ މަތީގައި ހުރުމަށްޓަކައި މަސައްކަތްކުރާ ވަޤުތުވެސް ޛިކްރު ކުރެވޭތޯ ބަލަމެވެ. އެކަން ހަނދާންނުނެތޭތޯ ލައްކަ މަސައްކަތްކުރަމެވެ. އެގޮތުން

އަހަރެންގެ ގޭގެ އެކި ތަންތަނަށް އަހަރެން ހުންނާނީ އެކި އެކި ޛިކްރުގެ ނަމުން ނަންދީފައެވެ. އެއީ އެތަންތާނގައި އުޅޭ އިރު ނުވަތަ އެތަންތަން ފޮޅާ ސާފުކުރާއިރު އެ ޛިކްރުތައް ކުރުމަށްޓަކައެވެ.

ސިޓިންގރޫމަށް ނަންދީފައިވަނީ ތަކްބީރުގެ ނަމުންނެވެ. ސިޓިންގ ރޫމްގައި އިންނައިރު ނުވަތަ ސިޓިންގރޫމް ފޮޅާ ސާފުކުރާއިރު އަބަދުވެސް ތަކްބީރު ކިޔުމުގައި ވަޤުތުތައް ހޭދަކުރަމެވެ.

ނިދާކޮޓަރި ތަހްލީލަށް (ލާއިލާހަ އިއްލަﷲ)

ބަދިގެ އިސްތިޣްފާރަށް (އަސްތަޣްފިރުﷲ)

ގެއިން ބޭރު ގޯތި ތެރެ ތަޙްމީދަށް (އަލްޙަމްދު ލިﷲ)

މިވެނި ތަނެއް ތަސްބީޙައަށް (ސުބްޙާނަﷲ)

 

އަބަދާއި އަބަދު ﷲ ގެ ޛިކްރުން ތިބާގެ ދޫ ތެންމާފައި ބެހެއްޓުމަށްޓަކައި މިފަދަ ގޮތަކަށް ކަންތައްކުރުމަކީ މައްސަލައެއް ނޫނެވެ. ޛިކްރު ކުރުމަކީ ވަރަށް ފަސޭހަ އަޅުކަމެކެވެ. ފައިސާއެއް ހޭދަކުރަން ނުޖެހޭ، ގިނަ ގުނަ ހަކަތަ ހޭދަކުރަން ނުޖެހޭ، ޠަހާރަތު ޝަރްޠުނުވާ، ޤިބްލަ ޝަރްޠުނުވާ، ޢައުރަ ނިވާކުރުން ޝަރްޠުނުވާ، އެހެންނަމަވެސް ޘަވާބާއި ދަރުމަ އިންތިހާއަށް ބޮޑު، ފައިދާ ބޮޑު، ހިތަށް ސާފުތާހިރުކަން ލިބޭ، ހިތަށް ހަމަޖެހުން ލިބޭ އަޅުކަމެކެވެ.

އޭރުން ގެދޮރު ސާފުކުރާ އިރު ތިބާގެ ހިތްވެސް ސާފުވެގެންދާނެއެވެ.