ސަވާރީއެއްގައި މިސްކިތަށް ދާ މީހަކަށް ހިނގާފައި މިސްކިތަށް ދާ މީހަކަށް ލިބޭ ޘަވާބާ އެއްވަރުގެ ޘަވާބު ލިބޭނެތޯއެވެ؟

ސުވާލު: ސަވާރީއެއްގައި މިސްކިތަށް ދާ މީހަކަށް ހިނގާފައި މިސްކިތަށް ދާ މީހަކަށް ލިބޭ ޘަވާބާ އެއްވަރުގެ ޘަވާބު ލިބޭނެތޯއެވެ؟

 

ޖަވާބު: الحمد لله
ދަންނާށެވެ. މިސްކިތަށް ހިނގާފައިދާ މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުރިކަމަށް ވާރިދުވެފައިވެއެވެ. އަދި ނަމާދަށް ދާމީހުންގެ ތެރެއިން އެންމެ އަޖުރު ބޮޑު ވެގެންވަނީ އެންމެ ދުރުން ގެއިން ހިނގާފައި އަންނަ މީހުންނެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : ( أَلَا أَدُلُّكُمْ عَلَى مَا يَمْحُو اللهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ ؟ قَالُوا : بَلَى يَا رَسُولَ اللهِ. قَالَ : إِسْبَاغُ الْوُضُوءِ عَلَى الْـمَـكَارِهِ وَكَثْرَةُ الْـخُطَا إِلَى الْـمَـسَاجِدِ وَانْتِظَارُ الصَّلاةِ بَعْدَ الصَّلاةِ فَذَلِكُمْ الرِّبَاطُ فَذَلِكُمْ الرِّبَاطُ [ رواه مسلم 251]
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ﷲ ތަޢާލާ އެކަމެއްގެ ސަބަބުން ތިޔަބައިމީހުންގެ (ކުދި) ފާފަތައް ފުއްސަވާ އަދި ދަރަޖަތަކަކަށް ތިޔަބައިމީހުން އުފުއްލަވާ ކަމެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އަންގައިދެންތޯއެވެ؟” ސަހާބީން ދެންނެވިއެވެ. އާއެކެވެ. ﷲގެ ރަސޫލާއެވެ. ދެން ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ނަފްސު ނުރުހުންތެރިވާ ދަތި އުނދަގޫ ޙާލަތްތަކުގައި (މިސާލަކަށް ގަދަފިނީގެ ވަގުތުގައި ނުވަތަ ބަލިވެގެން ވުޟޫކުރުމަށް އުނދަގޫ ޙާލަތުގައި) ފުރިހަމައަށް ވުޟޫކޮށްގެން (މިސްކިތްތަކާއި ދުރުގައި ގެ ހުރުމުގެ ސަބަބުން) މިސްކިތްތަކަށް އައުމަށް އަޅާ ފިޔަވަޅު ގިނަކޮށް، (އެބަހީ މިސްކިތަށް ދުރުން ހިނގާފައި އައިސް) އެއްނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ. ފަހެ ދީނުގެ ރައްކާތެރިކަމުގައި ދެމިތިބުމަކީ އެއީ އެވެ. ފަހެ ދީނުގެ ރައްކާތެރިކަމުގައި ދެމިތިބުމަކީ އެއީ އެވެ.”
عَنْ أَبِي مُوسَى رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : ( إِنَّ أَعْظَمَ النَّاسِ أَجْرًا فِي الصَّلاةِ أَبْعَدُهُمْ إِلَيْهَا مَـمْشًى فَأَبْعَدُهُمْ . وَالَّذِي يَنْتَظِرُ الصَّلَاةَ حَتَّى يُصَلِّيْهَا مَعَ الإِمَامِ أَعْظَمُ أَجْرًا مِنَ الَّذِي يُصَلِّيْهَا ثُمَّ يَنَامُ.) [متفق عليه] .
އަބޫ މޫސާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ނަމާދީންގެ ތެރެއިން ދަރުމަ އެންމެ މަތިވެރި ވެގެންވަނީ އެބައިމީހުންގެ ތެރެއިން ހިނގާފައި އެންމެ ދުރުން މިސްކިތަށް އަންނަ މީހާއެވެ. ފަހެ ދެން އެބައިމީހުންނާ ޖެހިގެން ހިނގާފައި އަންނަމީހާއެވެ. އަދި ޖަމާޢަތުގައި ނަމާދުކުރުމަށް އިންތިޒާރު ކުރުމެއް ނެތި ނަމާދުކޮށްލައިގެން ނިދާ މީހާއަށްވުރެ އިމާމާއާއެކު (ޖަމާޢަތުގައި) ނަމާދުކުރުމަށްޓަކައި އިމާމާ އަންނަންދެން ނަމާދުނުކޮށް އިންތިޒާރުކުރާ މީހާގެ ދަރުމަ މަތިވެރި ވެގެންވެއެވެ.”
عَنْ أُبَيِّ بْنِ كَعْبٍ رَضيَ اللهُ عَنْهُ قَالَ : كَانَ رَجُلٌ لَا أَعْلَمُ رَجُلًا أَبْعَدَ مِنَ الْـمَسْجِدِ مِنْهُ وَكَانَ لَا تُخْطِئُهُ صَلاةٌ فَقِيلَ لَهُ أَوْ قُلْتُ لَهُ : لَوْ اشْتَرَيْتَ حِمَارًا تَرْكَبُهُ فِي الظَّلْمَـاءِ وَفِي الرَّمْضَاءِ ؟ قَالَ مَا يَسُرُّنِي أَنَّ مَنْزِلِي إِلَى جَنْبِ الْـمَسْجِدِ إِنِّي أُرِيدُ أَنْ يُكْتَبَ لِي مَـمْشَايَ إِلَى الْـمَسْجِدِ وَرُجُوعِي إِذَا رَجَعْتُ إِلَى أَهْلِي فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : ( قَدْ جَمَعَ اللهُ لَكَ ذَلِكَ كُلَّهُ ) [رواه مسلم 663]
އުބައްޔު ބިން ކަޢުބު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އޭނާ ވިދާޅުވިއެވެ. “އެބޭކަލެއްގެ ގެއަށްވުރެ މިސްކިތާ ދުރުގައި އެހެން މީހެއްގެ ގެ، ހުންނަކަން އަހުރެންނަށް އެނގިފައިނުވާ އަންޞާރުންގެ ބޭކަލަކު އުޅުއްވިއެވެ. އެބޭކަލަކު، އެއްވެސް ނަމާދަކަށް މިސްކިތަށް ވަޑައިނުގެން ނުދެއެވެ.” ފަހެ، އެ ބޭކަލަކަށް ދެންނެވުނެވެ. ނުވަތަ އުބައްޔު ވިދާޅުވީ، އެބޭކަލަކަށް އަހުރެން ބުނީމެވެ. “އަނދިރީގައްޔާއި، ހޫނުގަދަ ވަގުތުގައި އެއަށް ސަވާރުވެލެއްވުމަށްޓަކައި، ތިބާ ޙިމާރެއް ބައްލަވައިގަތުން ކިހިނެއް ވާނެތޯއެވެ؟” ފަހެ އެބޭކަލަކު ޖަވާބުދެއްވިއެވެ. “އަހަރެންގެ ގެ މިސްކިތާ ޖެހިގެން ހުރުމަކަށް އަހަރެން ނޭދެމެވެ. ހަމަކަށަވަރުން އަހަރެން އެދެނީ މިސްކިތަށް ދިޔުމަށް އަހަރެން ހިނގާ ހިނގުމާއި މިސްކިތުން ނިމިގެން އަހަރެންގެ އަހުލުވެރިންގެ ގާތަށް އަހަރެން ހިނގާ ހިނގުން އަހަރެންނަށްޓަކައި (އެކަމުގެ ދަރުމަ) ލިޔުއްވިގެންވުމަށެވެ.” (މިވާހަކަ އިވިވަޑައިގެން) ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ތިބާއަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ މި ހުރިހާ ކަމެއްގެ (އެބަހީ: މިސްކިތަށް ހިނގާފައި ދިޔުމާއި މިސްކިތުން ނިމިގެން ހިނގާފައި ގެއަށް ދިޔުމުގެ) ޘަވާބު ލިޔުއްވާ ހުއްޓެވެ.””
عَنْ جَابِرِ بْنِ عَبْدِ اللهِ رَضيَ اللهُ عَنْهُمَـا قَالَ : خَلَتْ الْبِقَاعُ حَوْلَ الْـمَسْجِدِ فَأَرَادَ بَنُو سَلِمَةَ أَنْ يَنْتَقِلُوا إِلَى قُرْبِ الْـمَسْجِدِ ، فَبَلَغَ ذَلِكَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ : لَـهُمْ إِنَّهُ بَلَغَنِي أَنَّكُمْ تُرِيدُونَ أَنْ تَنْتَقِلُوا قُرْبَ الْـمَسْجِدِ ، قَالُوا : نَعَمْ يَا رَسُولَ اللهِ قَدْ أَرَدْنَا ذَلِكَ ، فَقَالَ : ( يَا بَنِي سَلِمَةَ دِيَارَكُمْ تُكْتَبْ آثَارُكُمْ دِيَارَكُمْ تُكْتَبْ آثَارُكُمْ ) فَقَالُوا : مَا يَسُرُّنَا أَنَّا كُنَّا مَا تَحَوَّلْنَا. [رواه مسلم برقم(655) وروى البخاري في معناه من رواية أنس]
ޖާބިރު ބިން ޢަބްދިﷲ ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ޖާބިރު ވިދާޅުވިއެވެ. (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ) މިސްކިތުގެ ވަށައިގެންވާ ސަރަޙައްދުން ތަނެއް ހުސްވިއެވެ. ބަނޫސަލިމާ ޤަބީލާގެ މީހުން، އެބައިމީހުންގެ ގެދޮރު މިސްކިތާ ކައިރިއަށް (އެހުސްވި ތަނަށް) ބަދަލުކުރުމަށް ގަސްދުކުރިއެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިޚަބަރު ލިބިވަޑައިގެން ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން، ތިޔަބައިމީހުން މިސްކިތާ ކައިރިއަށް ބަދަލުވުމަށް ގަސްދުކުރާކަމަށް އަހަރެން އަޑުއަހައިފީމެވެ.” އެބައިމީހުން ދެންނެވިއެވެ. “އާދޭހެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަހަރެމެން އެކަމަށް ގަސްތުކުރީމުއެވެ.” ޙަދީޘްކުރެއްވިއެވެ. “ބަނޫ ސަލަމާގެ މީހުންނޭވެ! ތިޔަބައިމީހުންގެ ގޭގޭގައި ތިޔަބައިމީހުން ތިބޭށެވެ. ތިޔަބައިމީހުންގެ ފިޔަވަޅުތައް ތިޔަބައިމީހުންނަށްޓަކައި ލިޔުއްވެއެވެ. (އެބަހީ: ތިޔަބައިމީހުންގެ ގެތައް މިސްކިތާއި ދުރުގައިވުމަކީ، މިސްކިތަށް ނަމާދަށް އައުމަށްޓަކައި ތިޔަބައިމީހުން އަޅާ ފިޔަވަޅުތައް ގިނަވެ، އެކަމުގެ ދަރުމަ ތިޔަބައިމީހުންނަށްޓަކައި އިތުރުވެގެން ދިޔުމުގެ ސަބަބެއްކަމުގައި ވާކަމެކެވެ.)” ފަހެ އެބައިމީހުން ބުންޏެވެ. “އަހަރެމެން މިތިބި ތަނުން އެހެން ތަނަކަށް ބަދަލުވުމަކަށް އަހަރެމެން ނޭދެމެވެ.”
މަތީގައި ބަޔާންވެދިޔަ ޙަދީޘްތަކުން މިސްކިތާ ތިމާގެ ގެދޮރު ދުރުގައި ހުރުމާއެކު އެކަމުގެ ސަބަބުން މިސްކިތަށް ހިނގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ގިނަވެ އޭގެ ޘަވާބާއި ދަރުމަ އިތުރުވެގެންދާކަމަށް ދަލާލަތު ކުރެއެއެވެ. އެކަމުގެ މާތްކަމަށް ދަލާލަތު ކުރެއެވެ. އަދި އެ ޘަވާބު ގިނަވުން މިސްކިތާ ގެ ދުރުވުމާއި ތަކުރާރުކޮށް މިސްކިތަށް ދިޔުމުގެ މައްޗަށް ވެއެވެ.
މުސްލިމް އަޚާއެވެ! ދީލަތިވަން އިލާހު ﷲ ތަޢާލާގެ ޙަޟްރަތުން ވާ މިބޮޑު ދަރުމައާމެދު ވިސްނާލާށެވެ. އުބައްޔު ބިން ކަޢްބު ރަޟިޔަﷲ ޢަންހުގެ ޙަދީޘުން ދަލާލަތު ކުރާ ގޮތުގައި މިސްކިތަށް ދިޔުމުގައި އަޅާ ފިޔަވަޅަށް ޘަވާބު ލިބޭ ބީދައިން މިސްކިތުން އެނބުރި އަންނަ އައުމުގައި އަޅާ ފިޔަވަޅަށްވެސް ޘަވާބު ލިބެއެވެ. އެހެންކަމުން އެ ޞަޙާބީ އޭނާގެ ގެ ދުރުގައި ހުރުމާއެކުވެސް އެކަމުގެ ޘަވާބު ލިބިގަތުމަށްޓަކައި ދެފައިން ހިފާފައި މިސްކިތަށް ދިޔުމުގައި ދެމިހުރީއެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : ( مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً ) [رواه مسلم 666]
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އަބޫހުރައިރާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެމީހެއްގެ ގެއިން ވުޟޫކޮށްގެން އެއަށްފަހު ﷲ ފަރުޟުކުރެއްވި ފަރުޟެއް އަދާކުރުމަށްޓަކައި (ނަމާދުކުރުމަށްޓަކައި) ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް (މިސްކިތަކަށް) ހިނގާފައިދިޔަ މީހާ، އޭނާ އެކަމަށްޓަކައި އެޅި ކޮންމެ ދެފިޔަވަޅަކުން އެއްފިޔަވަޅު އޭނާގެ (ކުޑަ) ފާފައެއް ފުހެލާހުއްޓެވެ. އަދި އަނެއް ފިޔަވަޅު އޭނާގެ ދަރަޖައެއް އުފުއްލާ ހުއްޓެވެ.”
وعَنْ بُرَيْدَةَ الأَسْلَمِيِّ رَضِيَ اللهُ عَنْهُ عَنْ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : ( بَشِّرْ الْـمَشَّائِينَ فِي الظُّلَمِ إِلَى الْـمَسَاجِدِ بِالنُّورِ التَّامِّ يَوْمَ الْقِيَامَةِ ) رواه أبو داود (561) وصححه الألباني في صحيح أبي داود .
ބުރައިދަތުލް އަސްލަމީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރޭގަނޑުގެ އަނދިރީގެ ތެރޭގައި މިސްކިތްތަކަށް (ގިނަގިނައިން) ހިނގާފައި އަންނަމީހުންނަށް ޤިޔާމަތްދުވަހުން ފުރިހަމަ އަލިކަން ލިބޭނެކަމުގެ އުފާވެރިކަމުގެ ޚަބަރު ތިޔަބައިމީހުން ދޭށެވެ.”
ދަލީލުލް ފާލިޙީން ގައި ވެއެވެ. “الظُّلَم އަކީ ظلمة ގެ ޖަމްޢު އެވެ. އޭގެ މާނައަކީ އަނދިރިކަމެވެ. އޭގައި ޢިޝާއާއި ފަޖުރުގެ އަނދިރިކަން ހިމެނެއެވެ. ޙަދީޘްގައި މިވަނީ ހިނގާފައިދާ ދިޔުން އެއީ ދިގު ހިނގުމެއް ކަމުގައިވިޔަސް އަދި ކުރު ހިނގުމެއް ކަމުގައިވިޔަސް، ރޭގަނޑުގެ އަނދިރީގައި ޖަމާޢަތުގެ ނަމާދަށް ހިނގާފައި ދިޔުމުގެ މާތްކަން ބަޔާންވެފައެވެ.” دليل الفاتحين (3/558-559) :
ޖަމާޢަތުގައި ޢިޝާ ނަމާދާއި ފަތިސްނަމާދުކޮށްފި މީހަކަށް، އެމީހަކު މިސްކިތަށް ހިނގާފައި ދިޔަ މަގަކީ އަލިކޮށްފައިވާ މަގެއް ކަމުގައިވިޔަސް މި މާތްކަން إن شاء الله ޙާޞިލްވާނެއެވެ. އެހެނީ މި ދެ ނަމާދަކީވެސް ރޭގަނޑުގެ އަނދިރީގައި އޭގެ ވަޤުތު ވަންނަ ދެ ނަމާދެވެ.
މި ޙަދީޘްތަކުގައި މުސްލިމުން ސަވާރީގެ ބަދަލުގައި ހިނގާފައި މިސްކިތަށް ދިޔުމުގެ މައްޗަށް ބާރު އަޅުއްވާފައިވެއެވެ. އެއީ އެބައިމީހުންގެ ގެ މިސްކިތާ ދުރުގައި ވީ ކަމުގައިވިޔަސް މެއެވެ. އެކަމަކު އެއީ އެކަމުގައި އުނދަގޫކަން ނުވަތަ ޢުޛުރެއް (މިސާލަކަށް މުސްކުޅި ވުމުގެ ސަބަބުން އެހާ ދުރަށް ހިނގާފަ އަންނަން އުނދަގޫވުން) ނުވާނަމައެވެ. އެކަމަކު އުނދަގޫކަމާ ނުލައި މިސްކިތަށް ފޯރާނަމަ އޭނާއަށް އައުލާވެގެންވަނީ ކާރުގައި މިސްކިތަށް ދިޔުމަށް އޭނާގެ ނަފްސު އާދަ ނުކުރުމެވެ.
މިސްކިތަށް ހިނގާފައި ދިޔުމުގެ ސަބަބުން ލިބޭ މިހާ މަތިވެރި މާތްކަން ކަމުގައިވާ ފާފަތައް ފުހެވުމާއި ދަރަޖަތަކަށް އުފުއްލެވުމާއި ބޮޑުވެގެންވާ ދަރުމައާއި ޤިޔާމަތްދުވަހު ލިބޭ ފުރިހަމަ އަލިކަމުގެ އިތުރުން އެހެނިހެން މަތިވެރި އެތައް ފައިދާތަކެއް ހަށިގަނޑަށްވެސް ލިބެއެވެ.
މިސްކިތަށް ހިނގާފައި ދިޔުމަކީ އޭގެ ޒާތުގައި ކަސްރަތެކެވެ. އޭގައި ގިނަ ގުނަ ފައިދާތައް އެކުލެވިފައިވެއެވެ. ﷲގެ އިޛުނަފުޅާއެކު އެކަމުގެ ސަބަބުން ހަށިގަނޑުގެ ބާރު ގަދަކޮށް ހަށިގަނޑަށް ހަކަތަ ލިއްބައިދީ (ކަންނެތްކަން ފިލުވައިދީ) ހަދައެވެ. އަދި މީގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ އެކި އެކި ބަލިތަކާއި އާފާތްތަކާ ހަނގުރާމަކުރުމަށް ހަށިގަނޑު އަހުލުވެރިކުރުވައެވެ.
ކޮންމެ ދުވަހަކު ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި މިސްކިތްތަކަށް ހިނގާ ހިނގުމަކީ އެކަމުގެ ސަބަބުން ހަށިގަނޑުގެ މަސްތައް ތަމުރީނުކޮށް މީހާގެ ޖިސްމާނީ ޙާލަތު ރަނގަޅުކޮށްދޭ ކަމެކެވެ. އަދި މިސްކިތަށް ހިނގާ ހިނގުމުގެ ސަބަބުން ހަށިގަނޑުގެ ޙަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުންނާއި ގިނައިރު އިށިއިނދެ އިނުމުގެ ސަބަބުން ޖެހޭ ބަލިތައް މިސާލަކަށް ފަލަވާބަލި (އޮބޭސިޓީ) ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އެހެނީ ހިނގުމުގެ ސަބަބުން ސަރުބީތައް ވިރުވާލައެވެ.
ހިނގުމަކީ ހިތުގެ ބަލިތަކަށްވެސް ހުރި ފަރުވާއެކެވެ. އެއީ އެކަމުގެ ސަބަބުން ﷲ ގެ އިޛުނަފުޅާއެކު ހިތަށް އެހިތް ބަރާބަރަށް މަސައްކަތްކުރުމަށް ބޭނުންވާ ލޭގެ ދައުރުވުމުގެ އިންތިޒާމު ރަނގަޅުކޮށްދެއެވެ.
މިސްކިތަށް ހިނގާފައި ދިޔުމަކީ ސިކުނޑީގެ ވަރުބަލިކަމަށާއި މާގިނައިން ޚިޔާލުކުރުމަށްވެސް އޮތް ފަރުވާ އެކެވެ. އެހެނީ އޭގެ ސަބަބުން ސިކުނޑި އޭގެ ޤުދުރަތީ ޙާލަތަށް ބަދަލުވެ ޖިސްމާނީ އަދި ނަފްސާނީ ގޮތުން މީހާއަށް އަރާމު ލިއްބައިދިނުމަށް އެހީތެރިވެދެއެވެ.
ޚުލާޞާއަކީ ﷲ ގެ ގެކޮޅަށް ހިނގުމަކީ ވަރަށް ގިނަ ޞިއްޙީ ފައިދާތައް ލިއްބައިދޭ ކަމެކެވެ. މިޒަމާނުގެ ބޭސްވެރިކަން އެކަންކަން ހޯދާފައިވެއެވެ. މި ފައިދާތަކަކީ ﷲ ތަޢާލާ އެއިލާހުގެ އަޅާއަށް އެއަޅާ ﷲ ތަޢާލާގެ ގޮވާލެއްވުމަށް އިޖާބަ ދިނުމުގެ ސަބަބުން މި ދުނިޔެމަތީގައި ދެއްވާ ވަޤުތީ ފައިދާތަކެވެ. މިއަށްވުރެ ބޮޑު ގިނަގުނަ ޙަޤީޤީ ފައިދާތައް ޘަވާބާއި ދަރުމަ ފުރިހަމަ އަލިކަން ވަނީ ޤިޔާމަތްދުވަހުއެވެ. އިން ޝާ ﷲ.

 

މުތަރުޖިމުގެ ބަސް: މި ޙަދީޘްތަކުގައި ނަމާދަށް ހިނގާފައި މިސްކިތަށް ދާ މީހާއަށް ޘަވާބު ލިބޭނެކަމަށް ބަޔާންވެފައިވުމުގެ މާނައަކީ ސަވާރީއެއްގައި މިސްކިތަށް ދާ މީހާއަށް ޘަވާބު ނުލިބޭނެ ވާހަކައެއް ނޫނެވެ. ޘަވާބު ބޮޑަށް ލިބޭނީ ހިނގާފައިދާ މީހާއަށެވެ. އެއީ އެކަމުގައި ހިމެނޭ ބުރައުފުލުން ބޮޑުވާ ކަމަށްޓަކައްޔާއި އެކަމުގެ ފައިދާތައް ގިނަވުމުގެ ސަބަބުން އެކަމަށް ބާރު އެޅުމުގެ ގޮތުންނެވެ. އަންހެނުންނަށް ސުންނަތްވެގެންވަނީ އަދި މޮޅު އިތުރު ވެގެންވަނީ ގޭގައި ނަމާދު ކުރުން ކަމުގައިވާތީ އިން ޝާ ﷲ އަންހެނުން ގޭގައި ނަމާދު ކުރުމުގެ ޘަވާބު މިފަދަ ޙަދީޘްތަކުގައި މިވާ އަޖުރާ ދަރުމަ އެމީހުންގެ އަޅުކަމުގެ ތެރޭގައިވެސް ހިމެނޭނެއެވެ. ވަﷲ އަޢުލަމު.

 

= މި ލިޔުމަކީ އިސްލާމް ސުވާލު ޖަވާބު ވެބްސައިޓުގައިވާ މި ލިޔުން އަޞްލަކަށް ބަލައިގެން ބައެއް ބަދަލުތައް ގެނެސްގެން ލިޔެފައިވާ ލިޔުމެކެވެ. މި ބާބުގައި ލިޔެފައިވާ ފޮތްތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ފޮތަކީ އައްޝައިޚް ޢަބްދުﷲ ބިން ޞާލިޙް އަލް ފައުޒާން ޙަފިޡަހުﷲ ލިޔުއްވާފައިވާ أحكام حضور المساجد (މިސްކިތްތަކަށް ޙާޟިރުވުމުގެ ޙުކުމްތައް) މިފޮތެވެ.=
انظر : ” أحكام حضور الـمساجد” (60-62) لفضيلة الشيخ عبد الله الفوزان .