އިސްލާމްދީނުގައި އަންހެނުން ޢިލްމު އުނގެނުމުގެ މުހިއްމުކަން

ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ވަޙީބާވާލެއްވިފައިވަނީ އުނގެނުމާ ބެހޭގޮތުންނެވެ. އެއީ އަލްޢަލަޤް ސޫރަތުގެ ފުރަތަމަ އާޔަތެވެ.”اقْرَأْ “ކިޔަވާ ވިދާޅުވާށެވެ. މި ޚިޠާބުގައި އަންހެނުންނާއި ފިރިހެނުންވެސް ޝާމިލުވެއެވެ. އެހެންކަމުން ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަކި ޖިންސެއް ޚާއްޞަވެފައެއް ނުވެއެވެ.

އިސްލާމްދީންވަނީ އަންހެނާއަށްވެސް ޢިލްމު އުނގެނުން ފަރްޟުކުރައްވާފައެވެ. މިފަރްޟުގެ ތެރޭގައި އީމާންކަމުގެ ރުކުންތަކާއި ތައުޙީދު މަޢުރިފާކޮށް ދެނެގަތުމާއި ބިދުޢަތަކާއި ޚުރާފާތްތައް ވަކިކޮށް ދެނެގަތުމާއި ޝަރުޢީ ފަރްޟުތަކާއި ދީނީ ވާޖިބުތައް އަދާކުރާނޭގޮތް ދަސްކުރުން ހިމެނެއެވެ. އަދި ފިރިމީހާއާއި ދަރީންގެ ކަންތައްތަކާއި ޢާއިލާގެ ކަންތައްތައް ދީނީ ގިއުގަނޑުގެތޭގައި ކުރާނޭގޮތާއި އަނބިމީހާ އޭނާގެ ހިތް ޙަސަދަވެރިކަމާއި ޣީބަބުނުމާއި ދެބައޮޑުވުމާއި ނެތިމޮށުންފަދަ ބަލިތަކާއި އާފާތްތަކުން ސަލާމަތްކުރާނޭ ގޮތާއި، އޭނާގެ ނަފްސު އިޞްލާޙްކުރާނޭގޮތާއި، އިންސާނުންގެ ތެރެއިންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިން އޭނާ ރައްކާތެރިވާނޭ ގޮތާއި އަދި ހަމަ އެހެންމެ ޒީނަތްތެރިވުމުގެ ޙުކުމްތަކާއި ޢައުރަ ނިވާކުރުމުގެ ޙުކުމްތަކާއި ޝަރުޢީ ޙިޖާބުގެ ޝަރުޠުތަކާއި ބެލުމާއި މަސްހުނިވުމާއި އެކަހެރިވުމުގެ ޙުކުމްތައް އޭނާ ދަސްކުރަންޖެހެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ދިރުއުޅުއްވި އަންހެން ޞަޙާބީން ދީނުގެ ޢިލްމު އުނގެނުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވިއެވެ.

عَنْ أبي سَـعِيْد رَضِيَ اللَّـهُ عَنْـهُ قَالَ: جَـاءَتِ امْـرأةٌ إلى اَلرسُولِ صَلىَّ اللهُ عَلَيْهِ وَسَلَّمَ فَقَالَتْ : يَا رَسُولَ اللهِ، ذَهَبَ الرِّجَالُ بحَدِيثِكَ ، فَاجْعَلْ لَنَا مِنْ نفْسِكَ يَوْماً نَأتِيكَ فِيهِ، تُعَلِّمُنَا مِمَّا عَلَّمَكَ اللهُ ، فَقَالَ  :اجْتَمِعْنَ فِي يَوْم كَذَا وَكَذَا، فِي مَكَانِ كَذَا وَكَذَا. فَاجْتَمَعْنَ، فَأَتاَهُنَّ رَسُولُ اللهِ صَلىَّ الله عَليْهِ وَسَلَّمَ، فَعَلَّمَهُنَّ مِمَّا عَلَّمَهُ الله، ثُمَّ قَالَ : مَا مِنْكُنَّ امْرَأَةٌ تُقَدِّمُ بَيْن يَدَيْهَا مِنْ وَلَدِهَا ثَلاَثَةً إِلاَّ كاَنُوا لهَا حِجَاباً مِنَ النَارِ. فَقَالَتِ امْرَأَةٌ مِنْهُنَّ :  يَا رَسُولَ اَللهِ، وَاثْنَيْنِ؟ قَالَ: فَأَعَادَتْهَا مَرَّتَيْنِ ثُمَّ قَالَ: وَاثْنَيْنِ وَاثْنَيْنِ واثْنَيْنِ. )صحيح البخاري(

އަބޫސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމުގައި ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަންހެނެއް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޙަދީޘްތައް އަޑުއެހުމުގައި ފިރިހެނުން ކުރިއަރައި ހިނގައްޖެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކަލޭގެފާނަށް އުނގަންނަވާ ދެއްވާފައިވާ ތަކެތި ތިމަންމެންނަށް އުނގަންނަވައިދެއްވުމަށްޓަކައި، ކަލޭގެފާނުގެ އަރިހަށް ތިމަންމެން އަންނާނޭ ދުވަހެއް ހަމަޖައްސަވައިދެއްވާށެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިވެނި އެވެނި ދުވަހެއްގައި ތިޔަކަނބަލުން ޖަމާވާށެވެ. އެވެނި މިވެނި ތަނެއްގައެވެ.” ދެން އެބޭކަނބަލުން ޖަމާވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް އުނގަންނަވާދެއްވާފައިވާ ތަކެތީން އެބޭކަނބަލުންނަށް އުނގަންނަވައިދެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. (ޅަފަތުގައި) އެމީހެއްގެ ތިންކުދިން މަރުވެ، އެކަނބުލޭގެއާ ނަރަކައާ ދެމެދު ހުރަހެއްކަމުގައި އެކުދިން ނުވާ އެއްވެސް ކަނބަލެއް ތިޔަކަނބަލުންގެ ތެރެއިންނުވެއެވެ.” އޭގެތެރެއިން އަންހެނަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ” “ދެކުދިންވެސް ތޯއެވެ؟” އަބޫ ސަޢީދު ރަޟިޔަﷲ ޢަންހުވިދާޅުވިއެވެ. އެކަނބުލޭގެ މި ސުވާލު 2 ފަހަރު ތަކުރާރު ކުރެއްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ދެކުދިންވެސް” “ދެކުދިންވެސް” “ދެކުދިންވެސް” (މެއެވެ)

މި ޙަދީޘުން ދަލީލުކޮށްދޭގޮތުގައި އަންހެން ކަނބަލުންނަށް އިސްލާމްދީން އުނގަންނަވައި ދެއްވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަނބަލުންނަށް ޚާއްޞަކުރައްވައިގެން ވަކި ދުވަހަކާއި ތަނެއް ހަމަޖެއްސެވިއެވެ. އަދި އުނގަންނަވައިދެއްވިއެވެ.

އެއްމަޖިލީހަކަށް އަންހެނުންނާއި ފިރިހެނުން އެއްކޮށްގެން ފިތުނައަށް މަގުފަހިވާގޮތަށް، ދީނީ ތަޢުލީމު އުނގެނުމުގައިވެސް ޢަމަލުކޮށްގެން ނުވާނެކަމާއި، ތަޢުލީމު އުނގަންނައިދިނުމުގައި 2 ޖިންސު ވަކިކުރަންޖެހޭނެކަން، ވަކިދުވަހަކާއި ވަކިވަގުތެއް އެކަނބަލުންނަށް ޚާއްޞަކުރެއްވުމުން ދޭހަވެއެވެ. އެކަނބަލުންނަށް ވަކި ދުވަހަކާއި ވަކި ވަޤުތެއް ޚާއްޞަކުރުމުން ދެޖިންސު ތަޢުލީމުގެ ކަންތައްތަކުގައި ވަކިކުރުމަށް ބާރުލިބެއެވެ. އަދި ކިއެއްތަ ދީނީ ޢިލްމުކިޔެވުން މިމަގަށް ހުރި އިރު ދުނިޔަވީ ޢިލްމުތަކާއި އެހެނިހެން ފަންނުތަކުގެ ޢިލްމުތައް ކިޔަވާއިރު މިކަން މިގޮތަށް ކުރުން މާބޮޑަށް އައުލާވެގެންވެއެވެ. އެހެނީ ލަދުވެތިކަމާއި މަޑުމޮޅިކަން ވަނީ ދީނީ މަޖިލީސްތަކުގައެވެ.

އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެތައްބައިވަރު އަންހެން ޢިލްމުވެރިން އިސްލާމީ ތާރީޚު ދެކެފައިވެއެވެ. ޙަދީޘް ޢިލްމުވެރިންނާއި ފިޤްހު ޢިލްމުވެރިންނާއި، ތަފްސީރު ޢިލްމުވެރިންނާއި ބަހުގެ ޢިލްމުވެރިންނާއި ޝާޢިރުންނާއި އަދަބުގެ ފުންނާބުއުސް ބޭކަނބަލުންނާއި، އެކިއެކި ފަންނުތަކުގެ ޢިލްމުތަކަށް އަރާތިއްބެވި އުންމަތުގެ ފަޚްރުވެރި އަންހެން ސާހިބާއިންނެވެ.

ޢިލްމު އުނގެނުމުގެ އިތުރުން އީމާންކަމުގައިވެސް އަންހެނުންވަނީ ކުރި ހޯއްދަވާފައެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަދެއްވީ އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އިޖާބަދެއްވުމުން ހަމައެކަނި ފުއްދަވާލެއްވީކީ ނޫނެވެ. އިސްލާމްދީނުގެ ދަޢުވަތައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތެދުވެވަޑައިގަތުމުން އެކަލޭގެފާނަށް ވާގިވެރިވެވަޑައިގަތުމާއި ހިތްވަރުދެއްވުމުގައި އެކަމަނާ ޘާބިތުކަމާއެކު ދެމިހުންނެވިއެވެ.

އިސްލާމްދީނުގެ އަސާސުތައް އަނބިމީހާއަށް ދަސްކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް ވާޖިބެކެވެ. އެވާޖިބު އަދާ ނުކޮށްފިނަމަ އޭނާ ފާފަވެރިވާނެއެވެ. އަދި ވާޖިބު އަދާކުރުމުގައި ނާކާމިޔާބު ވެއްޖެނަމަ އޭނާގެ ދަރިފަސްކޮޅު އޭނާ އެވައްޓާލަނީ ޖާހިލުކަމުގެ އަނދިރި ވަޅުގަނޑަށެވެ.

އިސްލާމްދީނުގައި ދަރީން ތަރުބިއްޔަތުކުރުމުގެ ޒިންމާދާރު ވަޒީފާ އަދާކުރުމުގެ އެންމެ އިސްބަޔަކީ މައިންކަމުގައިވީއިރު، ދަރިންނަށް ތަޢުލީމު ދެވޭނީ ފުރަތަމަ މަންމަ ތަޢުލީމު ޙާޞިލްކޮށްގެންނެވެ. އެކަންވާރެއްގައި ހުރި އެއްޗެއް ނޫނީ އެކަންވާރަކުން ނުނުކުންނާނެއެވެ. އެހެންކަމުން އުޚްތުން ދީނީ ޢިލްމާއި ރިވެތި އަދަބުތަކާއި އަޚްލާޤު ދަސްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ކުއްޖާގެ ފުރަތަމަ މަދަރުސާއަކީ މަންމައެވެ. އަދި ކުއްޖާގެ ދީން ޙިމާޔަތްވުމާއި ނުވުން ބިނާވެގެންވަނީ ކުއްޖާގެ މަންމަގެ ކިބައިގައި ހުރި ދީނީ ޢިލްމެއްގެ މައްޗަށެވެ.

އިސްލާމީ އުންމަތުގައި އުފެދުނު ބޮޑެތި މުޙައްދިޘުންނާއި ޢިލްމުވެރިން އުފެއްދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރައްވާފައިވަނީ އެބޭކަލުންގެ ހިތްވަރުގަދަ މައިންނެވެ. އޭގެތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބޮޑުފުޅުވެވަޑައިގެންފައިވަނީ ޔަތީމު ޙާލުކޮޅުގައި ނުހަނު ފަޤީރުކަމާއި ދެރަނިކަމެތިކަން މަތީގައެވެ. އިމާމް އަޙްމަދު ބިން ޙަންބަލް އަކީ މި އުއްމަތުގެ ބޮޑު އިމާމެކެވެ. އެކަލޭގެފާނަށް ތަޢުލީމު ދެއްވުމަށްޓަކައި އެކަލޭގެފާނުގެ މަންމަ ވީ މަތިވެރި ޤުރުބާނީގެ ވާހަކަ އެކަލޭގެފާނުގެ ސިޔަރަތު ކިޔުއްވި ކޮންމެ ބޭކަލަކަށްވެސް ވަރަށް ރަނގަޅަށް ސާފުވެގެންދާނެއެވެ. ފިނި ރޭތަކުގައި ބަޣްދާދުގައި މަގުތަކުގެ މަތީގައި އެތައް ދުރުމިނެއް ކަޑައްތުކުރައްވާ ފަތިސް ނަމާދަށް އެކަލޭގެފާނު ގޮވައިގެން ވަޑައިގަތުމާއި ޢިލްމީ ޙަލަޤާތައް ނިމެންދެން މަޑުކުރެއްވުމާއި، އެފަދަ އެތައްކަމަކުންނެވެ. އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމަކީ މިފަދަ މަތިވެރިކަމެއް މިބޭކަނބަލުން ޢިލްމަށް މިދެއްވެވީ މި ޢިލްމުގެ އަގު އެބޭކަނބަލުންނަށް ވަޒަންކުރެއްވޭލެއް ބޮޑުކަމުންކަމެވެ.

ޢިލްމު އުނގެނުމަކީ އޭގެ ފައިދާ ދުނިޔޭގެ އިތުރުން އާޚިރަތުގައިވެސް ތިބާއަށް ކުރާނެކަމެކެވެ. އެހެނީ މަރުވުމަށްފަހު އިންސާނާގެ ޢަމަލުތައް ތިން ކަމަކުންނޫނީ ކެނޑިގެންދާނޭކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ތިމާ ދޫކޮށްފައިދާ ފައިދާކުރުވަނިވި ޢިލްމެވެ. އެހެންކަމުން ހެޔޮކަމުގެ ސިލްސިލާ ދާއިމީގޮތެއްގައި ޤިޔާމަތާޖެހެންދެން ދެމެހެއްޓުމަށްޓަކައި ދީނީ ޢިލްމު އުނގެނީ އެ ޢިލްމު ތިބާގެ ދަރީންނަށާއި ޢާއިލާގެ މީހުންނަށް ފޯރުކޮށްދޭށެވެ.

ދުނިޔެއާއި އާޚިރަތުގައި އެއްވެސް ފައިދާއެއް ނުކުރާ ވާހަކަފޮތްތަކާއި، ވަގުތު ބޭކާރުކުރާ މަޖައްލާތަކާއި، ތިބާއަށް ދީނީ އަދި ދުނިޔަވީ ފައިދާއެއްވެސް ހޯދާނުދެވޭ މިފަދަ އެއްޗިހި ކިޔުމުގައި ޙަޔާތުގެ އަގުހުރި ވަގުތުތައް ބޭކާރު ކުރުމާމެދު ސަމާލުވާން އެބަޖެހެއެވެ. އެންމެ ފައިދާބޮޑު ޢިލްމަކީ ދީނީ ޢިލްމެވެ.

އުންމުއް ދަރްދާއު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “އަހަރެންނަށް ވަރަށް ގިނަ ކަންތައްތަކުން އަޅުކަމުގެ ރަހަ ލިބުނެވެ. އަދި ޢިލްމުވެރިންގެ ބައްދަލުވުންތަކާއި އެބައިމީހުންގެ ހަނދާންކޮށްދިނުންތަކުން ލިބުނުވަރުގެ ހިތްހަމަޖެހުމެއް އެހެން ކަމަކުން ނުލިބެއެވެ.”

އުއްމުއް ދަރުދާއު ރަޟިޔަﷲ ޢަންހާ އަކީ މާތް ޞަޙާބީ އަބުއްދަރްދާއު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ދަސްކުރެއްވި ބޭކަނބަލެކެވެ. އިމާމު ބުޚާރީ އައްޞަޙީޙުގައި އެކަމަނާގެ ރިވާޔަތްތައް ގެންނަވާފައިވެއެވެ. އިބްނު ޢަބްދިލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި އެކަމާނާއަކީ ޙަދީޘް ޢިލްމުވެރިއެކެވެ. އަދި އެހާމެ ވިސްނުންތޫނު ތަޤްވާވެރި ބޭކަނބަލެކެވެ. (ބައްލަވާ އަލްއިސްތީޢާބު ފީ އަސްމާއިލް އަންސާބް، އިބްނު ޢަބްދިލްބައްރު)

އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ލޮބުވެތި މަންމަ އުންމުލް ފަޟްލު ރަޟިޔަﷲ ޢަންހާއަކީ އެކަލޭގެފާނުގެ ބައްޕަ އިސްލާމްވުމަށް އެންމެބޮޑަށް މަސައްކަތްކުރެއްވި ފަރާތެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ބައްޕާފުޅު އިސްލާމްވުމުގެ ކުރީގައި އެކަލޭގެފާނުގެ މަންމާފުޅު އިސްލާމްވެވަޑައިގަތެވެ. އަދި އެކަމަނާގެ ފިރިކަލުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މަސައްކަތްޕުޅުކުރެއްވިއެވެ.