ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔެ މައްޗަށް ފޮނުއްވި ހުރިހާ ރަސޫލުންނާއި ނަބިއްޔުން ގޮވާލެއްވީ އެއްކަމަކަށެވެ. އެބޭކަލުންގެ ރިސާލަތުގެ މަޤްޞަދަކީ އެއް މަޤްޞަދެކެވެ. އެއީ އެއްކައުވަންތަ ﷲ އަށް އެކަނި އަޅުކަންކުރުމާއި އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންކުރަންޖެހޭ އެހެން އިލާހެއް ނުވާކަން ޘާބިތުކޮށްދިނުމެވެ.
(وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولاً أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ فَمِنْهُمْ مَنْ هَدَى اللَّهُ وَمِنْهُمْ مَنْ حَقَّتْ عَلَيْهِ الضَّلالَةُ فَسِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ) [النحل ٣٦]
“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، ﷲ ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް ޙައްޤުވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ!”
އިބްނު ޢައްބާސްގެ ރިވާޔަތުގައިވާ ގޮތުން، އާދަމް ޢަލައިހިއްސަލާމްއިން ފެށިގެން ދިހަ ޤަރުނު ވަންދެން މިބިންމަތީގައި ޚާލިޞް ތައުޙީދު އޮތެވެ. އޭގެފަހުގައި ޝިރުކުގެ އަނދިރިކަން މިދުނިޔެއަށް ވެރިވާންފެށިއެވެ. ނޫޙު ޢަލައިހިއްސަލާމް ފޮނުއްވުނީ މި ޝިރުކުގެ އަނދިރިކަމުން ތައުޙީދުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރުމަށްޓަކައެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލެވެ.
(لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ) [الأعراف: ٥٩]
“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙު، އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ގާތަށް ރަސޫލުކަމައިގެން ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ ގެމީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކުކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބު ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ.”
(وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ أَفَلَا تَتَّقُونَ) [المؤمنون: ٢٣]
“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނޫޙު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤުވާވެރި ނުވަނީހެއްޔެވެ؟”
ޢާދު ބާގައިގެ މީހުންގެ ގާތަށް ހޫދު ޢަލައިހިއްސަލާމް ފޮނުއްވުނެވެ.
(وَإِلَىٰ عَادٍ أَخَاهُمْ هُودًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ أَفَلَا تَتَّقُونَ) [الأعراف: ٦٥]
“އަދި ތިމަންރަސްކަލާނގެ ޢާދުބާގައިގެ މީހުންގެ ގާތަށް އެއުރެންގެ އަޚް، ހޫދު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲއަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެއިލާހަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ؟”
(وَإِلَىٰ عَادٍ أَخَاهُمْ هُودًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ إِنْ أَنتُمْ إِلَّا مُفْتَرُونَ) [هود: ٥٠]
“އަދި ތިމަންރަސްކަލާނގެ ޢާދު ބާގައިމީހުންގެ ގާތަށް، އެއުރެންގެ އަޚް، ހޫދު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންނީ، ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ ނުވެތެވެ.”
ޘަމޫދު ބާގައިގެ މީހުންގެ ގާތަށް ޞާލިޙް ޢަލައިހިއްސަލާމް ފޮނުއްވުނެވެ.
(وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ هَـٰذِهِ نَاقَةُ اللَّـهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِي أَرْضِ اللَّـهِ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ) [الأعراف: ٧٣]
“އަދި ތިމަންރަސްކަލާނގެ ޘަމޫދު ބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚް، ޞާލިޙް (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން، ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން ބަޔާންވެގެންވާ މުޢްޖިޒާތެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. މުޢްޖިޒާތެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި ﷲ ފޮނުއްވި ޖަމަލެވެ. ފަހެ، ﷲގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި ޢަޛާބެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ.”
(وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ هُوَ أَنشَأَكُم مِّنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ إِنَّ رَبِّي قَرِيبٌ مُّجِيبٌ) [هود: ٦١]
“އަދި ތިމަންރަސްކަލާނގެ ޘަމޫދު ބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚް ޞާލިޙް ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމައެކަނި ﷲ އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި ޢިމާރާތްކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެކަލާނގެއަށް ތައުބާވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ރައްބަކީ، ކުއްތަންވެވޮޑިގެންވާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ.”
މަދްޔަނުގެ އަހުލުވެރިންގެ ގާތަށް ޝުޢައިބު ޢަލައިހިއްސަލާމް ފޮނުއްވުނެވެ.
(وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ) [الأعراف: ٨٥]
“އަދި މަދްޔަނުގެ މީހުންގެ ގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ އަޚް، ޝުޢައިބު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން، ހަމައެކަނި ﷲ އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން، ބަޔާންވެގެންވާ ހެތްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން، މިނުމާއި، ކިރުން ފުރިހަމަ ކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން އިޞްލާޙް ކުރުމަށްފަހު، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާށެވެ! ތިޔަބައިމީހުންނީ، އީމާންވާ ބަޔަކު ކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”
(وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ وَلَا تَنقُصُوا الْمِكْيَالَ وَالْمِيزَانَ إِنِّي أَرَاكُم بِخَيْرٍ وَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيطٍ) [هود: ٨٤]
“އަދި މަދްޔަނުގެ މީހުންގެ ގާތަށް ތިމަންރަސްކަލާނގެ، އެއުރެންގެ އަޚު، ޝުޢައިބު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި މިނުމުގައްޔާއި، ކިރުމުގައި، ތިޔަބައިމީހުން އުނިނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (ފުދި) ހެޔޮޙާލުގައި ކަމަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަނެއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވަށާލައިފައިވާ ދުވަހެއްގެ ޢަޛާބަށް، ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ.”
(وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ وَارْجُوا الْيَوْمَ الْآخِرَ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ) [العنكبوت: ٣٦]
“އަދި މަދްޔަނުގެ މީހުންގެ ގާތަށް، އެއުރެންގެ އަޚް، ޝުޢައިބު ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އާޚިރަތް ދުވަހަށް އެދޭށެވެ! އަދި ފާސިދުންކަމުގައިވެ ތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާހުށި ކަމެވެ!”
ބަނީ އިސްރާއިލުގެ ގާތަށް ޢީސާ ޢަލައިހިއްސަލާމް ފޮނުއްވުނެވެ.
(لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ وَقَالَ الْمَسِيحُ يَا بَنِي إِسْرائيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ) [المائدة ٧٢]
“ހަމަކަށަވަރުން، ﷲ އީ، މަރްޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙް ކަމަށް ބުނި މީހުން ކާފިރުވެއްޖެކަން ކަށަވަރެވެ. އަދި އަލްމަސީޙް ވިދާޅުވިއެވެ. އޭ އިސްރާއީލްގެދަރިންނޭވެ! އަހުރެންގެ ރައްބު، އަދި ތިޔަބައިމީހުންގެވެސް ރައްބު ކަމުގައިވާ ﷲ އަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”
އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ފޮނުއްވުނެވެ.
(وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ اعْبُدُوا اللَّـهَ وَاتَّقُوهُ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ) [العنكبوت ١٦]
“އަދި އިބްރާހީމް، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް ތަޤްވާ ވެރިވާށެވެ! ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”
މަތީގައިވާ އާޔަތްތަކަށް ވިސްނާލުމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ރަސޫލުންނާ ނަބިއްޔުން މެދުވެރިކުރައްވައި އިންސާނުންނަށް ދެއްވި މެސެޖަކީ އެއް މެސެޖެއްކަން ވަރަށް ޞަރީކޮށް އެނގިގެން ދެއެވެ. ފޮނުއްވުނު ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތެރެއިން ގިނަ ބޭކަލުން، ޤައުމުތަކަށް ވަޑައިގެން، އިއްވެވި ރިސާލާ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙިކާޔަތެއްގެ ގޮތުން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ، އެއް ޢިބާރާތްތަކަކުންނެވެ. އެބޭކަލުން ވިދާޅުވިކަމަށް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ)
“އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.”
އަދި (يَا قَوْمِ اعْبُدُوا اللهَ)
“އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ!”
އަދި (اعْبُدُوا اللهَ)
“ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ!” ފަދަ އެއްމާނައެއް ދޭހަވާ ޢިބާރާތްތައް ރަމްޒުކޮށްދެނީ އެބޭކަލުންގެ މެސެޖަކީ އެއް މެސެޖެއްކަމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އެކަނި އަޅުކަން ކުރުމެވެ. އެއިލާހު އެއްކައުވަންތަކުރުމެވެ.
އަހަރެމެންގެ ލޮބުވެތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ދެއްވީ ހަމަ މި މެސެޖެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ ޝިރުކުގެ އަނދިރިކަމުން ތައުޙީދުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރުމުގައެވެ.