މައިންބަފައިންގެ އުފާވެރިކަމުގެ ވަސީލަތެއް

ރަނގަޅު ތަރުބިއްޔަތަކީ މައިންބަފައިންނަށް ލިބޭ މޭވާއެކެވެ. ދުނިޔެއާއި އާޚިރަތުގައިވެސްމެއެވެ. ދަރީން އެބައިމީހުންގެ މައިންބަފައިންގެ ޙައްޤުތަކަށް އިސްކަންދިނުމަކީ އިސްލާމީ ތަރުބިއްޔަތުގެ ވަރަށް މުހިއްމު ބައެކެވެ. އެއީ އެއްވެސް އުނިކަމެއް ނެތި ފުރިހަމައަށް ކޮށްދޭންޖެހޭ ކަމެކެވެ. ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ފަދައިންނެވެ.

(وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾) [الإسراء]

މާނައަކީ: “ﷲ އަށް މެނުވީ އަޅުކަން ނުކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުންކުރެ ކޮންމެ މީހަކު ނުވަތަ އެދެމީހުންކުރެ އެކަކު ކަލޭގެ ގާތުގައިވާ ހާލު މުސްކުޅިކަމާހަމައަށް ފޯރައިފިނަމަ އެދެމީހުންނަށް “أُف” ވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް އަޑު ހަރުކޮށް ބަސްބުނެ ނޫޅޭ ހުށިކަމެވެ. އަދި އެދެމީހުންނަށް މާތް ބަހުން ބަސްބުނާ ހުށިކަމެވެ. (23) އަދި އޯގާވެރިވމުގެ ގޮތުން، އެދެމީހުންނަށްޓަކައި ނިކަމެތިކަމުގެ ފިޔަގަނޑު ތިރިކޮށްލާށެވެ. އަދި މިފަދައިން ބުނެ ދުޢާކުރާށެވެ. އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ކުޑަކުއްޖެއްގެ ގޮތުގައި ވީހިދު އެދެމީހުން މިއަޅާ ބަލާ ބޮޑުކުރިފަދައިން އެދެމީހުންނަށް ރަޙުމަތް ލައްވާނދޭވެ.(24)”

އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ. “އެއްވެސް ނުބައި ބަހެއް އެމީހުންނާ ދިމާއަށް ނުބުނާށެވެ. ނުބައިކަމުގެ އެންމެ ކުޑަ މިންވަރުކަމުގައިވާ އުއްފުގެ މިންވަރުވެސް ނުބުނާށެވެ. އަދި ތިބާގެ ފުށުން އެއްވެސް ނުބައިކަމެއްވެސް އެމީހުންނާމެދު ނުކުރާށެވެ.” [ابن كثير – تفسير القرآن العظيم  (3/37)]

މިއީ މައިންބަފައިން މި ދުނިޔެމަތީގައި އެމީހުންގެ ދަރިންނަށްޓަކައި ވީ ޤުރުބާނީގެ މަޞްލަޙަތު ހިމެނިފައިވާ ކަމެކެވެ. އެހެންކަމުން ދަރީން އެމީހުން ބޭނުންވާ ކަންތަތަކުގެ މައްޗަށް މައިންބަފައިން ބޭނުންވާ ކަންކަން އިސްކުރަންޖެހޭނެއެވެ. ﷲ ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އިތުރު އަޅުކަންތަކުގެ (ނަވާފިލުތަކުގެ) ކުރިއަށް އެދެމީހުންނަށް ހެޔޮކޮށްހިތުން އިސްކުރަންޖެހޭނެއެވެ. [عبد الله قادري – الإسلام وضرورات الحياة ص 87] ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ޖިހާދަށް ދިޔުމުގެ އިޛުނައަށް އެދުމުން އެކަލޭގެފާނު އެމީހާއަށް ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައާއި ބައްޕަ ދިރިއެބަހުރި ހެއްޔެވެ؟” އެހިނދު އޭނާ އާއެކޭ ބުނުމުން “އެމީހުންނަށް ކަމޭހިތުމުގައި ޖިހާދުކުރާށޭ!” ޙަދީޘްކުރެއްވިއެވެ. މި ޙަދީޘުން އަހަރެމެންނަށް އެނގޭގޮތުގައި ބައެއް ޙާލަތްތަކުގައި މައިންބަފައިންނަށް ހެޔޮކޮށްހިތުން ﷲ ސުބްޙާނާ ވަތަޢާލާގެ މަގުގައި ހަނގުރާމަކުރުމަށްވުރެ މޮޅުއިތުރުވެގެންވެއެވެ. [ابن حجر – فتح الباري – 6/140]

މިއީ އިސްލާމްދީން ދޭ އިރުޝާދެވެ. މަތިވެރި އަޚްލާޤުން އަޚްލާޤު ލިބިގަތުމަށާއި މައިންބަފައިންނާމެދު އަދަބުވެރިވުމަށް އަދި އެބައިމީހުންނަށް އިޙްސާންތެރިވުމަށް ބާރުއަޅައެވެ. މައިންބަފައިންނަށް އެބައިމީހުންގެ ދަރީން ރަނގަޅުގޮތުގައި ތަރުބިއްޔަތުކޮށްފިނަމަ ރިވެތި އަޚްލާޤުން އެކުދީން ޒީނަތްތެރިކޮށްދީފިނަމަ އެމީހުން އެ އިންދި ގަހުގެ މޭވާ އެމީހުން ބިންނާނެއެވެ. އެބައިމީހުންނަށް ކިޔަމަންވާނޭ ދަރީންތަކެއް ތިބޭނެއެވެ. އަދި އެބައިމީހުންނާ އަޅާލާ އެބައިމީހުންގެ މައްޗަށް ހޭދަކުރާ އެބައިމީހުންނަށް އިޙްސާންތެރިވާ ދަރީންތަކެއް ތިބޭނެއެވެ. މިއީ އެދެމީހުންނަށް ލިބޭނެ އެންމެބޮޑު އުފާވެރިކަމެވެ. ދެންފަހެ، ތަރުބިއްޔަތު އިސްލާމީ ތަރުބިއްޔަތުގެ ގިއުގަނޑުން ބޭރުވެއްޖެނަމަ، އޭގެ ނަތީޖާއަކީ ޞާލިޙު ނޫން ދަރީންތަކެކެވެ. މައިންބަފައިންނާ ގުޅުން ނޯންނަ ދަރިންތަކެކެވެ. އަދި ކިއެއް އެބައިމީހުންނަށް އިހާނެތިކޮށްހިތާ، އެބައިމީހުންގެ ޝުޢޫރުތަކަށް އިޙްތިރާމްނުކުރާ، އެބައިމީހުންނަށް ޤަދަރުނުކުރާ، ހެޔޮކަމެއް ކޮށްނުދޭ، އެބައިމީހުންނަށް އިޙްސާންތެރިވުނާ، އެބައިމީހުންގެ ރުހުން ބޭނުންނުވާ ދަރީންތަކެކެވެ.

****************************************

މިއީ أ.د. خالد بن حامد الحازميލިޔުއްވާފައިވާ أصول التربية الإسلامية އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.