ފަރުދުންނާ ގުޅޭގޮތުން ތަރުބިއްޔާގެ މުހިއްމުކަން ވަޒަންކުރެވޭ އަނެއް ބަހާ އަކީ މުޖްތަމަޢެވެ. އޭގެ ސަބަބުން މުޖްތަމަޢުގެ ލޯތްބާ ޤަދަރު ލިބިގެންދެއެވެ. އެހެނީ އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ތަރުބިއްޔަތު ވާ މީހާ އެ ޙާޞިލްކުރަނީ ﷲ ތަޢާލާގެ އޭނާއަށް ލިބުމަށް މިންވަރުކުރައްވާފައިވާ ހެޔޮކަމުގެ ތެރެއިން ވަރަށް ބޮޑު މިންވަރެކެވެ. އޭގެ ސަބަބުން ދުނިޔޭގެ ޙަޔާތް ބާއްޖަވެރިވެ ދުނިޔެމަތީގައި ހަމަޖެހުމާއި ބާރުވެރިކަން ލިބެއެވެ. އަދި ތަޢުރީފުގެ ބަސްތައްވެސް ލިބޭމެއެވެ. ސަބަބަކީ އޭނާ، ﷲ ތަޢާލާގެ ގޮވާލެއްވުންތަކަށް އިޖާބަދިނުމުން އޭނާގެ ހިތް ދިރުވައިފިއެވެ. “ދިރޭ” ހިތެއްގައި، ނުބައިކަންތައްތަކުން އޭނާ ދުރުކުރާ ލަދުވެތިކަމެއް ވާނެއެވެ. އެއްވެސް ލަދުވެތިކަމެއް އެ ހިތެއްގައި ނުވާ “މަރުވެފައިވާ” ހިތަކީ އޭނާއަށް “ދިރުން” ގެނެސްދޭނެ ހިތެއް ނޫނެވެ. ހިތް “ދިރޭ” މީހާއަކީ ރިވެހި އަޚްލާޤު ދަސްވުމުގެ ސަބަބުން އޭނާ އަށް އަޚްލާޤީ ރީތިކަން ހޯދާމީހެކެވެ. އަދި ހަޑިހުތުރު ކަންތައްތަކަށް ދެކޮޅުހަދާ މީހެކެވެ. އެފަދަ މީހަކަށް މުޅި މުޖްތަމަޢުގެ ލޯބި ލިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މީހުން އަބަދުވެސް އެދެނީ އަދި ލޯބިކުރަނީ ރިވެތިކަމަށާއި ރީތި އަޚްލާޤަށެވެ. އަދި ހަޑިހުތުރު ކަންތައްތަކާއި ދެކޮޅު ހަދައެވެ.

ބައެއް ސަލަފުން ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން ހެޔޮކަންކަމުގެ ސަބަބުން ހިތުގައި ނޫރެއް ލެވެއެވެ. އަދި ހަށިގަނޑަށް ގަދަފަދަކަން ލިބެއެވެ. މޫނަށް އަލިކަން ލިބެއެވެ. ރިޒްޤު ތަނަވަސްވެއެވެ. އެހެން މީސްތަކުންގެ ހިތްތަކުގައި އޭނާއާމެދު ލޯބި އުފެދެއެވެ. އަދި ހަމަކަށަވަރުން ނުބައި ކަންތައްތަކުގެ ސަބަބުން ހިތުގައި އަނދިރިކަމެއް ލެވެއެވެ. އަދި ހަށިގަނޑަށް ބަލިކަށިކަން ލިބެއެވެ. މޫނަށް އަނދިރިކަން ލިބެއެވެ. ރިޒްޤު ދަތިވެއެވެ. އަދި އެހެން މީސްތަކުންގެ ހިތްތަކުގައި އޭނާއާމެދު ރުޅިވެރިކަން އުފެދެއެވެ.”

އަނެއްކޮޅުން ބަލާއިރު، މުޖްތަމަޢުގެ ލޯތްބަކީ އޭނާ ﷲ ތަޢާލާ ދެކެ ވާ ލޯބީގެ ސަބަބުން އޭނާއަށް ލިބޭ އެއްޗެކެވެ. އެއީ ﷲ އަށް ހެޔޮ ކަންތައްތަކުގެ ޛަރީޢާއިން ﷲ އަށް ކުއްތަންވުމުގައި ނަފުސު ތަރުބިއްޔަތު ކުރުމުގެ ސަބަބުން ލިބޭ މޭވާއެވެ. ނަވާފިލު ނުވަތަ އިތުރު ހެޔޮކަންތައްތައް ކުރުމުގައި އަޅާ ކުރިއަރާ ދިޔަވަރަކަށް އަޅާދެކެ ﷲ ސުބްޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވައެވެ.

عَنْ أَبِي هُرَيْرَةَ رَضِي اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلّى الله عَلَيْهِ وَآلِهِ وَسَلَّمَ:((إِنَّ اللهَ تَعَالَى قَالَ: مَنْ عَادَى لِيْ وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ، وَمَا تَقَرَّبَ إِلَيَّ عَبْدِيْ بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُهُ عَلَيْهِ، وَلاَ يَزَالُ عَبْدِيْ يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الذِّيْ يَسْمَعُ بِهِ، وَبَصَرَهُ الَّذِيْ يُبْصِرُ بِهِ، وَيَدَهُ الَّتِيْ يَبْطِشُ بِهَا، وَرِجْلَهُ الَّتِيْ يَمْشِيْ بِهَا، وَلَئِنْ سَأَلَنِيْ لأُعْطِيَنَّهُ، وَلَئِنْ اسْتَعَاذَنِيْ لأُعِيْذَنَّهُ)). رَوَاه البُخَارِيُّ. މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ތިމަންއިލާހުގެ ވަލީވެރިޔަކާ ޢަދާވާތްތެރިވެއްޖެ މީހަކާ ދެކޮޅަށް ތިމަން ﷲ ހަނގުރާމަ އިޢުލާނު ކުރައްވަމެވެ. ތިމަންއިލާހުގެ އަޅާ، ތިމަންއިލާހާ ކުށްތަންވުމަށްޓަކައި (ކުރާ) ތިމަން އިލާހު އެންމެ ލޯބިވެވޮޑިގަންނަވާ (ޢަމަލަކީ) ތިމަން އިލާހު ފަރުޟުކުރެއްވި ކަންތައްތަކެވެ. އަދި ތިމަންއިލާހުގެ އަޅާ، ނަވާފިލު (އިތުރު އަޅުކަން) އަދާކުރުމުގައި ދެމިހުންނަމުން ގޮސް ތިމަން ﷲ އެމީހެއްދެކެ ލޯބިވެ ވޮޑިގަންނަވަމެވެ. ފަހެ ތިމަން އިލާހު މީހެއްދެކެ ލޯބިވެވޮޑިގަންނަވައިފިއްޔާ،ތިމަން ﷲ،އޭނާގެ އެހުމާއި، ބެލުމާއި، ހިފައި އުޅޭ އަތް އަދި އޭނާ ހިނގައި އުޅޭ ފައި ފަދައިން، (އޭނާގެ އެހީތެރިއެއް ކަމުގައި) ވޮޑިގަންނަވަމެވެ. އޭނާ ތިމަންއިލާހުގެ ޙަޟްރަތުން ކަމަކަށް އެދިއްޖެނަމަ، ހަމަ ކަށަވަރުން އޭނާއަށް ދެއްވާހުށީމެވެ. އަދި ތިމަން އިލާހުގެ ހަޟުރަތުން ރައްކާތެރިކަމަށް އެދިއްޖެނަމަ، ހަމަކަށަވަރުން އެމީހަކަށް ރައްކާތެރިކަން ދެއްވާހުށީމެވެ.”

ޚައްޠާބީ ވިދާޅުވިއެވެ. “އޭގެ މާނައަކީ އޭނާ އޭނާގެ ހަށިގަނޑުގެ އެ ގުނަވަންތަކުން ކުރާ ޢަމަލުތަކަށް ﷲ ތަޢާލާ ތައުފީޤު ދެއްވުމެވެ. އަދި އެ ގުނަވަންތައް ރައްކާތެރިކޮށްދެއްވުމާއި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އެއްޗިހި އަޑުއެހުމުންނާއި އެފަދަ މަންޒަރުތައް ބެލުމުންނާއި، އަތުން ކުރާ ނޭދެވޭ ކަންތައްތަކުންނާއި އޭނާގެ ފައިން ނުބައިކަންތައްތަކަށް ހިނގާފައި ދާ ދިޔުމުން އޭނާ ސަލާމަތްކޮށްދެއްވުމެވެ.”

އެއްވެސް ޝައްކެއްނެތް ގޮތުގައި ﷲ ތަޢާލާގެ މި ތައުފީޤު ލިބިއްޖެ މީހަކު މަކާރިމުލް އަޚްލާޤު ލިބިގެންފިއެވެ. އަދި އޭގެ ސަބަބުން މީސްތަކުންގެ ލޯބި ލިބުން އެމީހެއްގެ މައްޗަށް ވާޖިބު ވެއްޖެއެވެ. އަދި އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަން އޭނާއަށް ލިބިއްޖެއެވެ. އަދި ﷲ ގެ އަމުރުފުޅާއެކު، އޭނާއަށްޓަކައި މީސްތަކުންގެ ހިތްތަކުގައި ލޯބިޖެހިގެން ދެއެވެ.

عَنْ أَبِي هُرَيْرَةَ رَضِي اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم “إِنَّ اللَّهَ إِذَا أَحَبَّ عَبْدًا دَعَا جِبْرِيلَ فَقَالَ: ((إِنِّي أُحِبُّ فُلَانًا فَأَحِبَّهُ )). قَالَ: ((فَيُحِبُّهُ جِبْرِيلُ، ثُمَّ يُنَادِي فِي السَّمَاءِ فَيَقُولُ: “إِنَّ اللَّهَ يُحِبُّ فُلَانًا فَأَحِبُّوهُ” فَيُحِبُّهُ أَهْلُ السَّمَاءِ قَالَ:” ثُمَّ يُوضَعُ لَهُ الْقَبُولُ فِي الْأَرْضِ، وَإِذَا أَبْغَضَ عَبْدًا دَعَا جِبْرِيلَ فَيَقُولُ: “إِنِّي أُبْغِضُ فُلَانًا فَأَبْغِضْهُ” قَالَ: “فَيُبْغِضُهُ جِبْرِيلُ ثُمَّ يُنَادِي فِي أَهْلِ السَّمَاءِ إِنَّ اللَّهَ يُبْغِضُ فُلَانًا فَأَبْغِضُوهُ” قَالَ: “فَيُبْغِضُونَهُ ثُمَّ تُوضَعُ لَهُ الْبَغْضَاءُ فِي الْأَرْضِ”” – رواه البخاري ومسلم

މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ އަޅަކު ދެކެ ލޯބިވެވޮޑިގެންފިއްޔާ ޖިބްރީލް ޢަލައިހިއްސަލާމަށް ގޮވާލައްވާ ވަޙީކުރައްވައެވެ. “ތިމަން އިލާހު އެވެނި މީހަކު ދެކެ ލޯބިވެވޮޑިގަންނަވަމެވެ. ކަލޭގެފާނުވެސް ލޯބިވާށެވެ.” ޙަދީޘްކުރެއްވިއެވެ. “ދެން ޖިބްރީލް ޢަލައިހިއްސަލާމު އޭނާ ދެކެ ލޯބިވެއެވެ. އަދި އޭގެ ފަހުގައި އުޑުގައި ނިދާ އިއްވަވައެވެ. ވިދާޅުވެއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންފިއެވެ. ތިޔަބައިމީހުންވެސް އެމީހާ ދެކެ ލޯބިވާށެވެ.” ދެން އުޑުގެ އަހުލުވެރިން އެމީހަކު ދެކެ ލޯބިވެތެވެ. ވިދާޅުވިއެވެ. ދެން އޭގެ ފަހުގައި ބިންމަތީގައި އޭނާގެ ޢަމަލުތަކަކީ ޤަބޫލުވެގެންވާ ޢަމަލުތަކެއް ކަމުގައި ވެދެތެވެ. އަދި ﷲ ތަޢާލާ އަޅަކު ދެކެ ކޯފާއިސްކުރައްވައިފިއްޔާ ޖިބްރީލް ޢަލައިހިއްސަލާމަށް ގޮވާލައްވާ ވަޙީކުރައްވައެވެ. “ތިމަން އިލާހު އެވެނި މީހަކު ދެކެ ކޯފާ އިސްކުރައްވައިފީމެވެ. ކަލޭގެފާނުވެސް ކޯފާވާށެވެ.” ޙަދީޘްކުރެއްވިއެވެ. “ދެން ޖިބްރީލް ޢަލައިހިއްސަލާމު އޭނާ ދެކެ ކޯފާވެއެވެ. އަދި އޭގެ ފަހުގައި އުޑުގައި ނިދާ އިއްވަވައެވެ. ވިދާޅުވެއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ކޯފާވެވޮޑިގެންފިއެވެ. ތިޔަބައިމީހުންވެސް އެމީހާ ދެކެ ކޯފާވާށެވެ.” ދެން އުޑުގެ އަހުލުވެރިން އެމީހަކު ދެކެ ކޯފާވެއެވެ. ވިދާޅުވިއެވެ. ދެން އޭގެ ފަހުގައި ބިންމަތީގައި އޭނާގެ ޢަމަލުތަކަކީ ރުޅިވެރިވެގެންވާ ޢަމަލުތަކެއް ކަމުގައި ވެދެތެވެ.”

ތަރުބިއްޔަތުގެ އަލީގައި ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ޙާޞިލްކޮށް އޭގެ ޛަރީޢާއިން މުޖްތަމަޢުގެ ލޯބި ޙާޞިލުވެގެންދަނީ މި ޙަދީޘުގައި ބަޔާންވެފައިމިވާ ގޮތަށެވެ.

**********************************************

މިއީ أ.د. خالد بن حامد الحازميލިޔުއްވާފައިވާ أصول التربية الإسلاميةއަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.