ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ލޯބިވުން

އިބްނުލް ޤައްޔިމް ރަޙިމަހުﷲ އެކަލޭގެފާނުގެ ނޫނިއްޔާގައި ވިދާޅުވެފައިވެއެވެ. [شرح النونية للهراس (2/134).]

شرطُ المحبةِ أن توافِقَ مَنْ تحبَّ
على محبَّته بلا عصيان
ތިބާ އެފަރާތެއްދެކެ ލޯބިވާ ފަރާތުގެ ލޯބީގެ މަތީގައި އެއްވެސް އުރެދުމެއް ނެތި ތެދުވެރިވުމީ ލޯބިވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެކެވެ.
فإذا ادَّعيتَ له المحبةَ مع خلافِكَ
ما يُحبُّ فأنت ذو بُهتانِ
ތިބާ އެފަރާތުގެ އަމުރުތަކާ ޚިލާފުވަމުން، އެފަރާތްދެކެ ލޯބިވާކަމަށް ތިބާ ދަޢުވާކޮށްފިނަމަ، ފަހެ ތިބާ އެފަރާތްދެކެ ލޯތްބެއްނުވެއެވެ. ތިބާއަކީ ދޮގުވެރިއެކެވެ.
أتحبُّ أعداء الحبيب وتدَّعي
حُبّاً له ما ذاك في إمكان
ތިބާ އެފަރާތްދެކެ ލޯބިވާ ފަރާތުގެ ޢަދުއްވުންނަށް ލޯބިކުރަމުން، އެފަރާތްދެކެ ލޯބިވާކަމަށް ދަޢުވާކުރަނީ ހެއްޔެވެ؟ އެއީ ކޮންގޮތަކުން ވާނޭ ކަމެއް ހެއްޔެވެ؟
وكذا تُعادي جَاهداً أَحبَابَهُ
أين المحبَّةُ يا أخا الشيطانِ
ހަމައެފަދައިން އެފަރާތްދެކެ ލޯބިވާ މީހުންނާ ޢަދާވާތްތެރިވުމަށް ގަދައަޅައި މަސައްކަތްކުރަނީއެވެ. އޭ ޝައިޠާނާގެ އަޚާއެވެ! ލޯބިވުން ކޮބައިހެއްޔެވެ؟

قَالَ عُمَرُ رَضِيَ اللهُ عَنْهُ: ياَ رَسُولَ اللهِ، لَأَنْتَ أَحَبَّ إِليَّ مِنْ كُلِّ شَيْءٍ إِلَّا مِنْ نَفْسِي، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((لاَ وَالذِّيْ نَفْسِيْ بِيَدِهِ حَتىَّ أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ)) فَقَالَ لَهُ عُمَرُ: فَإِنَّهُ الآنَ وَاللهِ لَأَنْتَ أَحَبَّ إِليَّ مِنْ نَفْسِيْ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((الآنَ يَا عُمَرُ))[ البخاري برقم (6632)]. أَيْ الآنَ عَرَفْتَ فَنَطَقْتَ بِمَا يَجِبُ [فتح الباري (11/528).] މާނައީ: ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ގާތުގައި، އެހެން ހުރިހާ އެއްޗަކަށް ވުރެ ލޮބުވެތިކަން ބޮޑީ ކަލޭގެފާނެވެ. ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސު ފިޔަވައެވެ.” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”ނޫނެކެވެ. އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ ފަރާތް ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖައުމަށް ދާންދެނެވެ. (އެބަހީ: އީމާންކަން ފުރިހަމަ ނުވާހުއްޓެވެ.)” ދެން ޢުމަރުގެފާނު ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ފަހެ، މިހާރު ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވުރެވެސް ކަލޭގެފާނު ދެކެ ލޯބިވަމެވެ.” ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.”މިހާރެވެ. އޭ ޢުމަރުގެފާނެވެ. (އެބަހީ: މިހާރު ރަނގަޅެވެ.)”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ އަހަރެމެން ވާ ލޯތްބަކީ އެއީ ދަޢުވާއަކުން ވެވޭނޭ ލޯތްބެއްނޫނެވެ. ތިމަންނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވަމޭ ބުނުމަކުން ވެވޭނެ ލޯތްބެއްނޫނެވެ. އެއީ ތެދުކުރަންޖެހޭ ލޯތްބެކެވެ. ލޯބީގެ މޭވާއަކީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންގަތުމެވެ. އަދި ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމެވެ.

އަޅާ ﷲ ދެކެ އަދި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވެއްޖެނަމަ ﷲ ލޯބިވެވޮޑިގަންނަވާ ކަންތައްތަކާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލޯބިވެވަޑައިގެންނެވި ކަންތައްތައްދެކެ ލޯބިވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((مَنْ أَحَبَّ لِله، وَأَبْغَضَ للهِ، وَأَعْطَى لِله، وَمَنَعَ للهِ، فَقَدِ اسْتَكْمَلَ الإِيْمَانَ)) [رواه أبو داود، وصححه الألباني في صحيح أبي داود (3/886).] މާނައީ: “ﷲ އަށްޓަކައި ލޯބިވެ، އަދި ﷲ އަށްޓަކައި ރުޅިއަރައި، އަދި ﷲ އަށްޓަކައި ދީ، އަދި ﷲ އަށްޓަކައި ހިފަހައްޓައިފި މީހަކު، ހަމަކަށަވަރުން އީމާންކަން ފުރިހަމަކޮށްފިއެވެ.”

****************************************
ޙަވާލާ:
1- وجوب محبة النبي ونصرته وحكم من سبه، وعموم رسالته – سعيد بن علي بن وهف القحطاني
2- محبة النبي صلى الله عليه وسلم وتعظيمه- عبد الله بن صالح الخضيري
3- محمد الرسول الله بين الاتباع والابتداع -عبد الرؤوف محمد عثمان
4- الشفا بتعريف حقوق المصطفى صلى الله عليه وسلم – عياض بن موسى بن عياض اليحصبي أبو الفضل