ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ. “މީޑިޔާގެ އެކި ވަސީލަތްތަކުން ކޮންމެ ދުވަހަކު ކީރިތި ޤުރްއާން އަޑުއެހުމުން، ޤުރްއާން ނުކިޔެވިކަމުގައި ވިޔަސް ފުދޭނެހެއްޔެވެ؟ ޤުރްއާން ކިޔަވާ މީހާއާ ޤުރްއާން އަޑުއަހާމީހާ ލިބޭ ޘަވާބުގައި އެދެމީހުން ހަމަހަމަވާނޭ ހެއްޔެވެ؟”
ޖަވާބުގައި ވިދާޅުވިއެވެ. “އެއީ(ޤުރްއާން އަޑުއެހުމަކީ) އެ ކިޔެވުމުން ފުދިގެންވާ ކަމެއް ނޫނެވެ. ހަމަކަށަވަރުންވެސް ޤުރްއާން އަޑުއެހުމަކީ ޘަވާބުލިބޭ ކަމެކެވެ. އަދި ޤުރްއާން އަޑުއަހާ މީހާ، ޤުރްއާން ކިޔަވާމީހާއަށް ޘަވާބު ލިބުމުގެ ސަބަބަކަށްވެސް ވެއެވެ. އެހެންކަމުން ޤުރްއާން ކިޔަވާ މީހާ ކިޔަވަމުން ދަނިކޮށް ސަޖިދަވަޅެއް އައިސްފިނިނަމަ، އަޑުއަހާ މީހާވެސް ސަޖިދަކުރެއެވެ. ބައެއްފަހަރު އިންސާނާ ކަންނަތްވެ، ވަރުބަލިވެ، އަދި އެހެން މީހެއްގެ ފަރާތުން ޤުރްއާން އަޑުއަހާލުމަށް ލޯބިކުރެއެވެ. އަދި އޭނާ އަމިއްލައަށް ޤުރްއާން ކިޔެވުމަށްވުރެ، އެހެންމީހެއްގެ ކިޔެވުން އަޑުއަހާލުމުން، ހިތް ޙާޟިރުކުރެވުމާއި، ޤުރްއާނާމެދު ވިސްނާ ފިކުރު ކުރަން ފަސޭހަވެ، އަދި ހިތަށް މާ ބޮޑަށް ފައިދާކުރެއެވެ. އެހެންކަމުން އެގޮތަށް އަޑުއެހުމަކީ ހަމަ އެންމެ ރަނގަޅުކަމެކެވެ. އެކަމަކު ޤުރްއާން އަޑުއެހުން އެއީ، އާދައަކަށް ހަދައި، ޤުރްއާން ކިޔެވުން އެއްކޮށް ދޫކޮށްލުމަކީ އެއީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. ކާކަށްތޯ ގިނައިން ޘަވާބު ލިބޭނީ، ޤުރްއާން އަޑުއެހުމުންތޯ ނުވަތަ ކިޔެވުމުންތޯ ބަލާއިރު ޤުރްއާން އަޑުއަހާ މީހާއަށްވުރެ ގިނަ ޘަވާބު ޤުރްއާން ކިޔަވާ މީހާއަށް ލިބޭނެ ކަމާމެދު ޝައްކެއް ނެތެވެ. އެހެނީ އެކަމުގައި އެއްވަގުތެއްގައި ޢަމަލު ކުރުމާއި(ކިޔެވުމާއި) އަޑުއެހުން ހިމެނެއެވެ.”
فتاوى نور على الدرب-الشريط رقم 107