އިސްލާމީ ތަރުބިއްޔަތުގެ ޢިލްމު 1

އިސްލާމްދީނަކީ ތަރުބިއްޔަތަށް ވަރަށްބޮޑަށް ބާރުއަޅާ ދީނެކެވެ. އިސްލާމީ ޝަރީޢަތުގެ ވަރަށް ގިނަ ބައިތަކަކީ ތަރުބަވީ ޢަމަލުތަކެވެ. އިސްލާމްދީނަކީ ހަމައެކަނި ޢިލްމާ މަޢުރިފާގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫނެވެ. އަދި ކިއެއްތަ އެއީ ޢަމަލީ ދީނެކެވެ. ޢިލްމަކީ އެ ޢަމަލަށް ވާޞިލްކޮށްދޭ މެދުވެރިޔާއެވެ. މާތް ﷲ މި ބިންމައްޗަށް އަޅުގަނޑުމެން އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ނަބިއްޔުންނާއި ރަސޫލުން ކުރެއްވި ހަމައެކަނި ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެބޭކަލުން މެދުވެރިކުރައްވައި އުންމަތްތަކުގެ މައްޗަށް ބާވައިލެއްވި ފޮތްތައް ކިޔަވައިދިނުމާއި ޝަރީޢަތް ކިޔަވައިދިނުން އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ އެބޭކަލުން ޢަމަލީގޮތުން އެ ޝަރީޢަތްތައް ތަޠުބީޤުކުރެއްވިއެވެ. ހަމައެކަނި ﷲ އެއްކައުވަންތަކުރުމަށާއި ޝިރުކުރުން އެއްކިބާވުމަށް ގޮވާލެއްވީއެއް ނޫނެވެ. ﷲ ފިޔަވާ އަޅުކަންވެވޭ ބުދުތައް މުގުރާލެއްވުމުގެ މަތިވެރިވެގެންވާ ޢަމަލުގެ ނަމޫނާވެސް ދެއްކެވީއެވެ. އެހެންކަމުން އިސްލާމްދީނުގައި ޢަމަލީ ބަޔަށް ދެވިފައިވާ މަތިވެރި ދަރަޖަ ކިތަންމެ ރަނގަޅަކަށްވެސް އެބޭކަލުންގެ ޙަޔާތްޕުޅަށް ބަލައިލުމުން ދޭހަވެއެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމްދީނައިގެން ވަޑައިގެންނެވި މުޖުތަމަޢަކީ ޖާހިލު މުޖުތަމަޢެކެވެ. ޝިރުކާއި ޚުރާފާތާއި ފާފައާއި ނުބައިކަންތައްތައް އިންތިހާއަށް ފެތުރިފައިވާ މުޖުތަމަޢެކެވެ. ސިލްމާއި ސަލާމަތްކަމާއި އަމަން އަމާންކަން ނެތް ބިރުވެރި މުޖުތަމަޢެކެވެ. އެފަދަ މުޖުތަމަޢެއްގެ ތެރޭގައި އުޅެ ބޮޑުވި މީހުން، އިސްލާމްދީނުގެ ސާފު ޢަޤީދާއާއި ރިވެތި އަޚްލާޤުގެ ކޯރުން ފެން ލިބެން ފެށުމާއެކު، ޖާހިލިއްޔަތުގެ ކުނި މިލަތަކުން ސާފުވެއްޖެއެވެ. އަދި ކިޔެއްތަ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ޞަޙާބީންނަކީ މި ދުނިޔެމަތީގައި ނަބީންނަށްފަހު އެންމެ މަތިވެރި ތަރުބިއްޔަތެއް ލިބިވަޑައިގެން ތިއްބެވި ބޭކަލުންނަށް ވިއެވެ. އެތަރުބިއްޔަތުގެ އުސްތާޛަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނު އެބޭކަލުންނަށް ތަޢުލީމު ދެއްވައި ތަރުބިއްޔަތު ކުރެއްވިއެވެ. އެންމެ ފުރިހަމަ ތަރުބިއްޔަތުން ތަރުބިއްޔަތު ދެއްވިއެވެ. ތަރުބިއްޔަތުގެ އެންމެ މަތީ ދަރަޖައަށް ވާޞިލުވެއްޖައުމަށް ދާނދެނެވެ. އެތަރުބިއްޔަތުގެ ސަބަބުން އެބޭކަލުންގެ އަމިއްލަ ނަފުސުތަކަށްވުރެ ބޮޑަށް އެބޭކަލުންގެ މުސްލިމު އަޚުންދެކެ ލޯބިވިއެވެ. ﷲ ތަޢާލާ ޞިފަކުރައްވާފައިވާ ފަދައިންނެވެ. وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ (الحشر 9) އަދި އެއުރެންގެ ކުރީގައި، މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެތިބި އަންޞާރުން، އެއުރެންގެ ގާތަށް ހިޖުރަކުރި މުހާޖިރުންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: އަންޞާރުން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.”
(ނުނިމޭ)

މިއީ أ.د. خالد بن حامد الحازميލިޔުއްވާފައިވާ أصول التربية الإسلاميةއަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.