فُصُولٌ فِي الْعَقِيْدَةِ – ޢަޤީދާގެ ބައިތަކެއް (ތިންވަނަ ބައި)

ﷲ ގެ ޙައްޤު: އެއީ ހުރިހާ ބާވަތެއްގެ އަޅުކަންކުރުމުގައިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَإِلَهُكُمْ إِلَهٌ وَاحِدٌ لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ﴾ [البقرة: ١٦٣] މާނައީ: “އަދި ތިޔަބައިމީހުންގެ އިލާހީ، އެއްކައުވަންތަ އިލާހެވެ. އެއިލާހު މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއީ ރަޙްމާންވަންތަ ރަޙީމުވަންތަ އިލާހެވެ.” އަދި ހަށިގަނޑާއި ދުލާއި ހިތުގެ ޢަމަލު ކުރުމުގައިވެސް އެއިލާހާ އެހެން އެއްވެސް ފަރާތަކާ ޝަރީކު ނުކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا﴾ [النساء: ٣٦] މާނައީ: “ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ. އަދި، އެއިލާހާ އެއްވެސް އެއްޗެއް ބައިވެރިނުކުރާހުށިކަމެވެ.”

ބޮޑު ޝިރުކު އިންސާނާގެ އެއްވެސް ހެޔޮކަމެއް ނުބާއްވައެވެ. (ބޮޑު ޝިރުކުގެ ސަބަބުން ހުރިހާ ހެޔޮކަމެއް ބާޠިލުވެގެން ދެއެވެ.) ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ﴾ [الزمر: ٦٥] މާނައީ: “އަދި ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައްވެސް ބާޠިލުވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.” މިއީ ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާ މުޚާޠަބުކުރައްވާފައިވާ ބަސްފުޅެކެވެ. ފަހެ އެހެނިހެން މީސްތަކުންނާމެދު މި ބަސްފުޅުވަނީ ކިހިނަކުން ހެއްޔެވެ؟

ﷲ ތަޢާލާ އެއިލާހުގެ އަޅާ ކުރާ ޝިރުކުގެ ފާފަ، އަޅާ ތައުބާވުމުން މެނުވީ ނުފުއްސަވައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ﴾ [النساء: ٤٨] މާނައީ: “ހަމަކަށަވަރުން، ﷲ އެއިލާހަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ.” އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ ثُمَّ مَاتُوا وَهُمْ كُفَّارٌ فَلَنْ يَغْفِرَ اللَّهُ لَهُمْ﴾ [محمد: ٣٤ ] މާނައީ: “ހަމަކަށަވަރުން، ކާފިރުވެ ﷲ ގެ މަގުން (އެހެންމީހުން) އެއްކިބާކޮށް، ދެން ކާފިރުންކަމުގައި ވީ ޙާލު މަރުވި މީހުން (ދަންނާށެވެ!) ފަހެ، ﷲ، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ.”

ކާފިރުކަމުގެ މަތީގައި މަރުވެއްޖެ މީހަކު ވަނީ ނަރަކައިގައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآَخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ [البقرة: ٢١٧ ] މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކުކަމުގައި ވީ ޙާލު، މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް ބާޠިލުވެފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެތާގައި ދެމިތިބޭނެތެވެ.” އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ أُولَئِكَ عَلَيْهِمْ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ﴾ [البقرة: ١٦١ ] މާނައީ: “ހަމަކަށަވަރުން ކާފިރުވެ އަދި ކާފިރުން ކަމުގައިވީ ޙާލު މަރުވި މީހުން (ދަންނާށެވެ) އެއުރެންގެ މައްޗަށް ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލަޢުނަތް ހުށްޓެވެ.”

ކާފިރަކު އޭނާގެ ޙަޔާތުގައި މީސްތަކުންނަށް މަންފާކުރާ މީހަކަށް ވެދާނެއެވެ. އެއީ ﷲ ތަޢާލާ އޭނާ މި ކައުނުގައި ތަސްޚީރުކުރައްވާފައިވާ (ކިޔަމަންކުރައްވާފައިވާ) ގޮތެވެ. އެހެނިހެން މަންފާތައް ލިބޭގޮތް ތަސްޚީރުކުރެއްވި ފަދައިންނެވެ. އިރާއި ހަނދާއި ވަޔާއި ވިލާ ފަދައިންނެވެ. މީސްތަކުންނަށް މިތަކެތީގެ މަންފާ މާ ބޮޑެވެ. ސަބަބަކީ ކުފުރު ވަނީ ﷲ އަށް ކުފުރުވުމުންނެވެ. ތަބީޢަތަށް ކާފިރުވުމަކުން ނޫނެވެ. ޢިޤާބު ވަނީ ﷲ ގެ ޙައްޤަށް އަރައިގަތުމުންނެވެ. ތަބީޢަތުގެ ޙައްޤަށް އަރައިގަތުމަކުން ނޫނެވެ.

*************************

فُصُولٌ فِي الْعَقِيْدَةِ ) الرِّسَالَةُ الشَّامِيَةُ

عبد العزيز بن مرزوق الطريفي