13- އިޚްލާޞްތެރިކަން ނެތުމަކީ ޢަމަލު ބާޠިލުވާކަމެކެވެ.
14- ދުނިޔެއާއި ދުނިޔޭގެ ޝަހުވަތްތެރިކަމާމެދު ރައްކާތެރިވާން އެބަޖެހެއެވެ. ދުނިޔެއަށްޓަކައި ހިޖުރަކުރި މީހާއާ ﷲ އަށްޓަކައި ހިޖުރަކުރި މީހާ ހަމަހަމައެއް ނުވާނެއެވެ.
15- ނިޔަތުގެ ދެ ބޭނުމެއް ޢިލްމުވެރިން ފާހަގަކުރައްވައެވެ. އެއްބޭނުމަކީ އާދަކޮށް ކުރާ ކަންތައްތަކާއި އަޅުކަންތައްތައް ވަކިކުރުމެވެ. އޭގެ މިސާލަކީ ޢާއްމު ދިރިއުޅުމުގައި މީހަކު ފެންވަރާ ފެންވެރުމާއި ޖުނުބުވެރިކަމުން ނުވަތަ ޙައިޟުވެރިކަމުން ނުވަތަ ނިފާސްވެރިކަމުން އަރައިގަތުމަށް މީހަކު ފެންވަރާ ފެންވެރުމެވެ. (ހިނައިގަތުމެވެ) މި ދެކަމުގެ ތަފާތަކީ ނިޔަތެވެ. ދެކަމުގެ ކައިފިއްޔަތު އެއްގޮތް ނަމަވެސް ނިޔަތުން އެދެކަންތައް ފަރަޤުކޮށްދެއެވެ. މީގެ އަނެއް މިސާލަކީ މީހަކު ފަރުވާއަކަށްޓަކައި ޑޮކްޓަރު ބުނެގެން ނުވަތަ ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގެ ގޮތުން ނުކާ ހުންނަ ހުރުމާއި ރޯދަހިފުމެވެ. މިދެ ކަމުގައި އެއްގޮތްކަން ހުއްޓަސް ރޯދައަށް ހުންނަމީހާ ރޯދަހިފަނީ ރޯދަހިފުމަށް ނިޔަތްގަނެގެންނެވެ.
ނިޔަތުގެ އަނެއް ބޭނުމަކީ ޢަމަލުގެ މަޤްޞަދު ދެނެގަތުމެވެ. އެއީ ހަމައެކަނި ﷲ ތަޢާލާގެ ވަޖުހުފުޅު އަދައިގެން އެއިލާހުގެ ރުހިވޮޑިގަތުން އެދިގެން އެހެން އެއްވެސް ފަރާތެއް ޤަޞްދުކުރުމެއް ނެތި ޢަމަލު އަދާކުރުމެވެ.
16- ނިޔަތުގެ މާނައަކީ ޤަޞްދުކުރުމެވެ. ކަމެއް ކުރުމަށް ޤަޞްދުކުރީމާ އެ ނިޔަތް ގަނެވުނީއެވެ.
17- ނިޔަތުގެ ޙުކުމަކީ އެއީ އަޅުކަންތަކުގެ ޝަރުޠެކެވެ.
18- ބައެއް ކަންތައްތައް ކުރާއިރު ނިޔަތް ނުގަތް ކަމުގައިވިޔަސް އޭގެން ޙާޞިލްކުރަން ބޭނުންވާ ކަމެއް ފުދެއެވެ. މިސާލަކަށް ނަޖިސް ފިލުވާލާއިރު ނިޔަތް ނުގަތަސް ނަޖިސް ފިލައެވެ. އަދި ނިޔަތް ނުގަތް ކަމުގައިވިޔަސް ނަޖިސް ފިލުވާލިކަމުގައި ބެލެވޭނެއެވެ.
19- ޞައްޙަ ސަރީޙަ ލަފުޒަކުން ވަރިކުރާނަމަ ނިޔަތް ނުގަތަސް އެ ވަރި ވަރިއަކަށް ވާނެއެވެ. މިސާލަކަށް ތިބާ ތިހުރީ ވަރިކޮށްފައޭ، މިފަދަ ޞަރީޙަ ލަފުޒެއް ބުނެފިނަމަ ނިޔަތަށް ބަލާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ނުސީދާ ބަހަކުން ވަރިކޮށްފިނަމަ ނިޔަތަށް ބެލެވޭނެއެވެ. މިސާލަކަށް ގެއަށް ދާށޭ! ތިބާގެ އަހުލުވެރިންގެ ކައިރިއަށް ދާށޭ ފަދަ ބަހެއް ބުނުމެވެ.
20- ނިޔަތުގެ ވަޤުތަކީ ޢަމަލު ކުރުމުގެ ކުރިއެވެ. އެހެންނަމަވެސް ސުންނަތް ރޯދައަށް ޢަމަލުގެ ތެރޭގައި، ހެނދުނު ވުމުން ނުވަތަ މެންދުރުވުމުން ވެސް ނިޔަތް ގަނެވިދާނެއެވެ. މިއީ އިސްތިސްނާ ހާލަތެކެވެ.
21- ޢަމަލެއް ކުރަމުން ދަނިކޮށް، އެ ޢަމަލެއް ހުއްޓާލުމަށް ނުވަތަ އެ ޢަމަލަކުން ނުކުތުމަށް ނިޔަތް ގަނެފިނަމަ އެ ޢަމަލެއް ބާޠިލުވާނެއެވެ. އީމާންކަން ކަނޑައިލުމަށް ނިޔަތް ގަނެފިނަމަ މުރުތައްދުވާނެއެވެ. ނަމާދު ކުރަމުން ދަނިކޮށް ނަމާދުކުރުން ހުއްޓާލުމަށް ނިޔަތް ގަނެފިނަމަ ނަމާދު ބާޠިލުވާނެއެވެ.
22- ނިޔަތުގެ މަޙައްލަކީ ހިތެވެ.
23- ހިތުން ނިޔަތް ނުގަނެ ކިތަންމެ ވަރަކަށް ދުލުން ނިޔަތް ކީ ކަމުގައިވިޔަސް ނިޔަތް ގަތްކަމުގައި ނުބެލެވޭނެއެވެ. މިސާލަކަށް ޢަޞުރުނަމާދު ކުރުމަށް ނިޔަތް ދުލުން ކިޔާފައި، ހިތުން ނިޔަތް ނުގަންނަނަމަ އެނަމާދު ޞައްޙައެއް ނުވާނެއެވެ.
24- ހިތުގައިވާ ނިޔަތާ ދުލުން ކިޔާ ނިޔަތާ ޚިލާފުވެއްޖެނަމަ ބެލެވޭނީ ހިތުގައި އޮތް ނިޔަތަށެވެ. މިސާލަކަށް މީހަކު މެންދުރުނަމާދު ކުރުމަށް ހުއްޓި މެންދުރު ނަމާދު ކުރުމަށް ހިތުން ނިޔަތް ގަނެފައި އަސުރުނަމާދަށް ދުލުން ނިޔަތް ގަތްކަމުގައިވާނަމަ ބެލެވޭނީ މެންދުރުނަމާދު ކަމުގައެވެ. އެއީ ހިތުން ނިޔަތްގަތީ މެންދުރު ނަމާދަށް ކަމުގައިވާތީއެވެ.
25- ހިތުގައި ނިޔަތް އޮތުމުން ފުދޭނެއެވެ. ދުލުން ނިޔަތް ކިޔުމަކީ ޝަރުޠެއް ނޫނެވެ. އެއީ ބިދުޢައެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
=ނިމުނީ=

********************************
1- قواعد وفوائد من الأربعين النووية (ناظم سلطان)
2- الفوائد المستنبطة من الأربعين النووية من أمالي فضيلة الشيخ عبد الرحمن بن ناصر البراك حفظه الله على تلميذه عبد المحسن بن عبدالعزيز العسكر – دار التوحيد للنشر – الرياض