ޤަދްރު ސޫރަތުގެ ތަފްސީރު1

بِسْمِ اللهِ الرَّحْمَـنِ الرَّحِيمِ
إِنَّا أَنزَلْنَـاهُ فِى لَيْلَةِ الْقَدْرِ ﴿١﴾ وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْـمَلَاـئِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِىَ حَتَّى مَطْلَعِ الْفَجْرِ﴿٥﴾

إِنَّا أَنزَلْنَـاهُ فِى لَيْلَةِ الْقَدْرِ ﴿١﴾
ހަމަކަށަވަރުން، ތިމަންއިލާހު ޤުރުއާން ބާވައިލެއްވީ ޤަދްރުވިލޭރޭގައެވެ.[1]

إِنَّا أَنْزَلْنَـاهُ ގެ ޟަމީރު (އެބަހީ إِنَّا) އިޢާދަވަނީ ﷲ އަށެވެ. އަދި أَنْزَلْنَـاهُ ގެ ޟަމީރު (އެބަހީ هُ) އިޢާދަވަނީ ކީރިތި ޤުރުއާނަށެވެ.

މި ސޫރަތްފެށޭތާގައި ﷲ ތަޢާލާ އެއިލާހު ޛިކުރުކުރައްވާފައިވަނީ މަތިވެރިކަމުގެ ސީޣާއިންނެވެ. އެއީ إِنَّا މިލަފުޒުންނެވެ. އެއީ އެއިލާހަށްވުރެ މަތިވެރި އެހެންފަރާތެއް ނުވާ، އެންމެ މަތިވެރި ފަރާތެވެ. އެހެން ބައެއް އާޔަތްތަކުގައި މަތިވެރިކަމުގެ މި ސީޣާއިން ﷲ ތަޢާލާ އެއިލާހު ޛިކުރުކުރައްވާފައިވެއެވެ. މި އާޔަތްތަކުގައި ވާ ފަދައިންނެވެ. ﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ‌ وَإِنَّا لَهُ لَحَافِظُونَ﴾ [الحجر9] އަދި ﴿إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَ‌هُمْ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ﴾ [ يس 12] އަދި ބައެއްފަހަރު ޟަމީރުލް ވާޙިދު އިން ވެސް އެއިލާހު ޛިކުރުކުރައްވާފައިވެއެވެ. މި އާޔަތުގައި ވާފަދައިންނެވެ. ﴿ إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِ‌ي﴾ [طه ١٤] އެއީ އެއިލާހީ އެއްކައުވަންތަ އަދި މަތިވެރިވަންތަފަރާތްކަމުގައި ވާތީއެވެ. ޞިފައިގެ މަޤާމުގައި ޟަމީރުލް ޢަޡަމަތި (إِنَّا) އައިސްފައިވެއެވެ. އަދި ވަޙުދާނިއްޔަތުގެ ނުވަތަ އެއްކައުވަންތަކަމުގެ މަޤާމުގައި ޟަމީރުލް ވާޙިދު (أَنَا) އައިސްފައިވެއެވެ.

ﷲ ތަޢާލާގެ ބަސްފުޅު إِنَّا أَنزَلْنَـاهُ ގައި މަފްޢޫލް ބިހީ(ރައްދުވާ) ގެ ޟަމީރު (އެބަހީ هُ) އިޢާދަވަނީ ކީރިތި ޤުރުއާނަށެވެ. އެއީ ކީރިތި ޤުރުއާނުގެ ވާހަކަ ކުރިން ޛިކުރުކުރެވިފައިނުވިނަމަވެސް ވެހެވެ. އެހެނީ ހަމަކަށަވަރުން އެއީ އެނގޭކަމެކެވެ. މިތަނުގައި އޭގެ މުރާދަކީ ކީރިތި ޤުރުއާން ބާވައިލެއްވުން ކަމާމެދު އެއްވެސްމީހަކު ޝައްކެއްނުކުރާނެއެވެ. ﷲ ތަޢާލާ ޤުރުއާން ބާވައިލެއްވީ ޤަދްރުވިލޭރޭގައެވެ. ޤަދްރުވިލޭރޭގައި ޤުރުއާން ބާވައިލެއްވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ޞައްޙަވެގެންވާ ބަހުގައި، އޭގެ މާނައަކީ އެރޭ ކީރިތި ޤުރުއާން ބާވާލައްވަން ފެއްޓެވުމެވެ. ޤަދްރުވިލޭރެއަކީ ރަމަޟާންމަހުގައި ހިމެނިގެންވާ ރެއެކެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. ﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ [البقرة: ١٨٥] މާނައީ: “ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ.”

މި އާޔަތާ އެބަހީ ﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ [البقرة: ١٨٥] މި އާޔަތާއި އެބަހީ ﴿إِنَّا أَنزَلْنَـهُ فِى لَيْلَةِ الْقَدْرِ﴾ [القدر: ١] ޖަމާކޮށްފިނަމަ ޤަދްރުވިލޭރޭ ވަނީ ރަމަޟާންމަހުގައިކަން ބަޔާންވެއެވެ.

އެހެންކަމުން ބައެއް ޢާއްމުންގެ މެދުގައި ޤަދްރުވިލޭރޭގެ ގޮތުގައި މަޝްހޫރުވެފައިވާ ޝަޢުބާންމަހުގެ ފަނަރަވިލޭރެއަކީ އޭގައި އެއްވެސް އަޞްލެއް އަދި ޙަޤީޤަތެއް ނެތް ވާހަކައެއްކަން މީގެން އެނގިގެން ހިނގައްޖެއެވެ. ހަމަކަށަވަރުންވެސް ޤަދްރުވިލޭރޭ ވަނީ ރަމަޟާންމަހުގައެވެ. ޝަޢުބާންމަހުގެ ފަނަރަވިލޭރެއަކީ ރަޖަބު، ޖުމާދަލްއޫލާ، ޖުމާދަލްއާޚިރާ، ރަބީޢުލްއައްވަލު، ރަބީޢުލްއާޚިރު، ޞަފަރު އަދި މުޙައްރަމްމަހާއި އެނޫންވެސް މަސްތަކުގެ ފަނަރަވިލޭރޭ ފަދަ ރެއެކެވެ. އެއްވެސްކަމަކަށް ޚާއްޞަވެގެންވާ ރެއެއްނޫނެވެ.

ޝަޢުބާންމަހުގެ ފަނަރަވިލޭރޭގައި ރޭއަޅުކަންކުރުމުގެ މާތްކަމާބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘުތަކަކީ ޟަޢީފު ހަދީޘުތަކެކެވެ. އޭގެން ޙުއްޖަތް ޤާއިމްނުކުރެވޭ ޙަދީޘުތަކެކެވެ. އަދި ހަމައެފަދައިން އެދުވަހު ރޯދަހިފުމަށް ވާރިދުވެފައިވާ ޙަދީޘުތަކަކީވެސް ޟަޢީފު ޙަދީޘުތަކެކެވެ. އޭގެން ޙުއްޖަތް ޤާއިމްނުކުރެވޭ ޙަދީޘުތަކެކެވެ.

ބައެއް ޢިލްމުވެރިން (ރަޙިމަހުމުﷲ) ފަޟާއިލުގައި (މާތްކަން ބަޔާންކުރުމުގައި) ޟަޢީފު ޙަދީޘު ގެއްނެވުމުގައި ދޫދެއްވައެވެ. ޢަމަލުތަކުގެ މާތްކަން ބަޔާންކުރުމުގައި، އަދި މަސްތަކުގެ މާތްކަމާއި، ތަންތަނުގެ މާތްކަން ބަޔާންކުރައްވާފައިވާ ޙަދީޘުތައް ގެންނެވުމުގައެވެ. މިއީ ކުރުން އެކަށީގެންވާ ކަމެއްނޫނެވެ. އެހެނީ މާތްކަން ބަޔާންކުރާ ޙަދީޘެއް ގެނެސްފިނަމަ، އެ ޙަދީޘު އަޑުއަހާ މީހާ ޤަބޫލުކުރާގޮތުގައި އެއީ ޞައްޙަކަމެކެވެ. އަދި އެކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކުރެއެވެ. މިއީ ވަރަށް ބޮޑުކަމެކެވެ.

ކޮންމެއަކަސް، ޝަޢުބާންމަހުގެ ފަނަރަވަނަ ދުވަހާއި ފަނަރަވިލޭރެއަކީ އެހެނިހެން މަސްތަކުގެ ރޭތަކާއި ދުވަސްތައް ފަދައިން އެއްވެސް ޚާއްޞަކަމެއް ލިބިގެންވާ ދުވަހާއި ރެއެއް ނޫނެވެ. ފަނަރަވިލޭރޭ ރޭ އަޅުކަންކުރުމަށް ޚާއްޞަވެގެންނުވެއެވެ. އަދި ފަނަރަވިލޭރެއަކީ ޤަދްރުވިލޭރެއެއްނޫނެވެ. އަދި ފަނަރަވަނަ ދުވަހަކީ ރޯދަހިފުން ޚާއްޞަވެގެންވާ ދުވަހެއްނޫނެވެ.

ޝަޢުބާންމަހުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގިނަގިނައިން ރޯދަހިއްޕެވިކަމަށް ޘާބިތުވެގެންވެއެވެ. އެމަހުގައި އެކަލޭގެފާނު ރޯދަނުހިއްޕަވާ ހުންނެވީ ވަރަށް މަދު ދުވަސްތަކެއްގައެވެ. [أخرجه البخاري- كتاب الصوم- باب صوم شعبان 1969- ومسلم كتاب الصيام- باب صيام النبي صلى الهވ عليه وسلم في رمضان وغيره واستحباب أن لا يخلي شهر من صوم 1165- 175-176] މިނޫންގޮތަކަށް (އެބަހީ ހަމައެކަނި 15 ވަނަދުވަހު ޚާއްޞަކޮށްގެން) އެކަލޭގެފާނު ރޯދަހިއްޕެވިކަމަށް ޘާބިތުވެފައެއް ނުވެއެވެ. އެހެނިހެން މަސްތަކުގައި ކޮންމެ މަހެއްގެ ތިންދުވަހުގައި، އެބަހީ ތޭރަވަނަ ދުވަހާއި ސާދަވަނަ ދުވަހާއި، ފަނަރަވަނަ ދުވަހުގެ ރޯދަފިޔަވައެވެ. އެއީ ބީޟުގެ ދުވަސްތަކުގެ ރޯދައެވެ.[أخرجه البخاري- كتاب الصوم- باب صيام البيض ثلاث عشر وأربع عشر وخمس عشر1971- ومسلم كتاب الصيام- باب استحباب صيام ثلاثة أيام من كل شهر 1160- 194]

ﷲ ތަޢާލާގެ ބަސްފުޅު فِى لَيْلَةِ الْقَدْرِ އާ ބެހޭގޮތުން ބައެއް ޢިލްމުވެރިން އެބަސްފުޅުގައި الْقَدْرُ ގެ މުރާދަކީ ޝަރަފުކަމުގައި ވިދާޅުވެފައިވެއެވެ. މިވެނި މީހަކީ ޤަދަރު މަތިވެރިވެގެންވާ މީހެކޭ، ނުވަތަ ޤަދަރު ބޮޑު މީހެކޭ، ބުނެވުމުން އޭގެ މާނައަކީ ޝަރަފުވެރިވެގެންވާ ނުވަތަ ޝަރަފުބޮޑު މީހެކޭއެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި الْقَدْرُ ގެ މުރާދަކީ ތަޤްދީރުކުރެއްވުމެވެ. (މިންވަރުކުރެއްވުމެވެ.) އެއީ (މިންވަރު) ކަނޑައެޅުއްވުމެވެ. އެހެނީ މުޅި އަހަރުގައި ހިނގާނޭ ކަންކަން އެރޭގައި މިންވަރުކުރައްވާ ކަނޑައަޅުއްވައެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَ‌كَةٍ إِنَّا كُنَّا مُنذِرِ‌ينَ﴾ * ﴿فِيهَا يُفْرَ‌قُ كُلُّ أَمْرٍ‌ حَكِيمٍ﴾ [الدخان: 4-3] މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު ޤުރުއާން ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، ތިމަންއިލާހީ އިންޛާރުކުރައްވާ ކަލަކީމެވެ.[3] ކަނޑައެޅޭ ހުރިހާ ޙުކުމެއް އެ ރޭ ބަޔާންކުރެވެއެވެ.[4]” އޭގެ މާނައަކީ ތަފްޞީލްކުރައްވައި ބަޔާންކުރެއްވުމެވެ.

ޞައްޙަވެގެންވާ ބަހުގައި، الْقَدْرُ ގެ މާނާގައި އެ ދެކަންތައް ހިމެނިގެންވެއެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި ޤަދްރުވިލޭއަކީ ޤަދަރުމަތިވެރިވެގެންވާ ރެއެވެ. ޝަރަފުވެރިވެގެންވާ ރެއެކެވެ. އަދި އެރޭ، އެއިލާހު، އަންނަ އަހަރުގައި މަރުވާނޭ މީހުންނާއި، ދިރުއްވާނޭމީހުންނާއި (އުފަންވާނޭމީހުން) ރިޒުޤު އަދި އެހެނިހެން ކަންކަން ކަނޑައަޅުއްވާ މިންވަރުކުރައްވައެވެ.
އޭގެ ފަހުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾
އަދި ޤަދްރުވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ.[2]
މި އާޔަތުގެ ސީޣާ ދަލާލަތުކޮށްދެނީ މާތްކަމާއި މަތިވެރިކަމަށެވެ. މި ސީޣާ ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. ﴿وَمَا أَدْرَ‌اكَ مَا يَوْمُ الدِّينِ ﴾ ﴿ثُمَّ مَا أَدْرَ‌اكَ مَا يَوْمُ الدِّينِ﴾ [الانفطار: 17-17] ﴿ الحَاقَّةُ ﴾ ﴿ مَا الحَاقَّةُ ﴾ ﴿ وَمَا أَدْرَ‌اكَ مَا الحَاقَّةُ ﴾ [الحاقة: 1 ـ 3] ﴿ القَارِعَةُ ﴾ ﴿ مَا القَارِعَةُ ﴾ ﴿ وَمَا أَدْرَ‌اكَ مَا القَارِعَةُ ﴾ [القارعة: 1 ـ 3] މިއީ މާތްކަމާއި މަތިވެރިކަމުގެ ސީޣާއެވެ. މިތަނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ ﴿وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ﴾ [القدر: 2]
މާނައީ: “އަދި ޤަދްރުވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ.[2]” އޭގެ މާނައަކީ ޤަދްރުވިލޭރެއާއި އެރޭގެ ކަންތައްތަކާއި އެރޭގެ ޝަރަފާއި މަތިވެރިކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ (ކޮންކަމެއްތޯއެވެ)؟ އޭގެފަހުގައި ބަޔާންކުރައްވަނީ

لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾

މާނައީ: “ޤަދްރުވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.[3]”

މިޖުމުލަ މީ ކުރީގައި ކުރެވުނު ސުވާލުގެ ޖަވާބުފަދައެވެ. އެ ސުވާލަކީ ﴿وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ﴾ [القدر: 2] މާނައީ: “އަދި ޤަދްރުވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ.[2]” އެސުވާލުގެ ޖަވާބަކީ ﴿ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴾ [القدر: 3] މާނައީ: “ޤަދްރުވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.” އޭގެ މާނައަކީ ޤަދްރުވިލޭރޭ އެމަހެއްގައި ހިމެނިފައިނުވާ އެއްހާސް މަހަށްވުރެ އެރޭ ހެޔޮކަންބޮޑުވެގެންވާ ވާހަކައެވެ. މިތާގައި ހެޔޮކަމުގެ މާނައަކީ އެރޭ ހެޔޮޢަމަލުކުރުމުގެ ޘަވާބެވެ. އެރޭގައި ﷲ ތަޢާލާ މި އުންމަތުގެ މައްޗަށް ބާވާލައްވާ ހެޔޮކަމާއި، ބަރަކާތުގެ ވާހަކައެވެ. އެހެންކަމުން އެރޭގައި އީމާންވެހުރެ (އެރޭގެ މާތްކަމާއި މަތިވެރިކަން ޤަބޫލުކޮށް އެކަމަށް އީމާންވެހުރެ) ﷲގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދޭ ޙާލު ރޭއަޅުކަންކޮށްފި މީހެއްގެ ވޭތުވެދިޔަ ފާފަތައް ފުއްސަވާދެއްވާނެތެވެ. އޭގެ ފަހުގައި ﷲ ތަޢާލާ ޛިކުރުކުރައްވަނީ އެރޭގައި ހިނގާނޭ ކަންތައްތަކެވެ.

(ނުނިމޭ)

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ ލިޔުއްވާފައިވާ ތަފްސީރު ސޫރަތުލި ޤަދްރިގެ ތަރުޖަމާއެވެ.