عَنْ ابنِ عَبَّاسٍ رَضِيَ اللهُ عَنْهُماَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((تَعَجَّلُوا إِلَى الْحَجِّ، يَعْنِيْ الْفَرِيْضَةَ، فَإِنَّ أَحَدَكُم لَا يَدْرِيْ مَا يَعْرِضُ لَهُ)) [صحيح الجامع الصغير برقم 2954] މާނައީ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިކަމަށް ރިވާވެގެންވެއެވެ. “ތިޔަބައިމީހުން ޙައްޖަށް އަވަސްވެގަންނާށެވެ! އެބަހީ ފަރުޟު ޙައްޖެވެ. ހަމަކަށަވަރުންވެސް ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ކަންދިމާވާނެގޮތެއް އެކަކަށްވެސް ނޭނގެއެވެ.”
ޙަސަނުލް ބަޞަރީ ރަޙިމަހުﷲގެ ކިބައިން ރިވާވެގެންވެއެވެ. ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “މިރަށްތަކަށް މީހުން ފޮނުވައިގެން ޤާބިލުކަން ހުރި މީސްތަކުންގެ ތެރެއިން ޙައްޖުނުވެ ތިބި މީސްތަކުން ހޯދައި އެބައިމީހުން އަތުން ޖިޒީ އަތުލުމަށް ތިމަން ޢަޒުމްކުރައްވަމެވެ. އެބައިމީހުންނަކީ މުސްލިމުންނެއް ނޫނެވެ. އެބައިމީހުންނަކީ މުސްލިމުންނެއް ނޫނެވެ.” [رواه سعيد بن منصور في سننه والبيهقي]
މި އުންމަތުގެ މީސްތަކުން ޙައްޖުކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. ޙައްޖުގެ އަޅުކަމުގެ މާތްކަމާ މަތިވެރިކަމާ ބެހޭގޮތުން އެތައް ޙަދީޘުތަކެއް ވާރިދުވެފައިވެއެވެ.
ޙައްޖަކީ ޢަމަލުތަކުގެ ތެރެއިން އެންމެ މާތް އެއް ޢަމަލެވެ. ﷲ އާ އަޅާ ކުއްތަންވެވޭނެ އެންމެ މަތިވެރި އެއް އަޅުކަމެވެ. އެ އަޅުކަމެއްގެ އަސަރު މުޅި މީހާއަށް ކުރާ ތަރުބަވީ އަޅުކަމެއްވެސް މެއެވެ.
އަޅަކު މަބްރޫރު ޙައްޖެއް ކޮށްފިނަމަ އޭގެ ސަބަބުން ފޭރާން ހަޑިމިލައިން ޠާހިރުވާފަދައިން ފާފަތަކުން އޭނާ ޠާހިރުވެދެއެވެ. عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ((مَنْ حَجَّ هَذَا الْبَيْتَ فَلَمْ يَرْفُثْ، وَلَمْ يَفْسُقْ، رَجَعَ كَيَومِ وَلَدَتْهُ أُمُّهُ)) [رواه البخاري جزء 2 ص209] މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. “ޙައްޖުވުމުގެ ތެރޭގައި ޖިންސީކަންކަން ނުކޮށް، އުރެދުމެއް ނެތި މި ގެފުޅަށް ޙައްޖުކޮށްފިމީހަކު އެނބުރިދާހުށީ، އޭނާގެ މަންމަ އޭނާ ވިހޭ ދުވަސްފަދައިންނެވެ.” (މާނައަކީ އެއްވެސް ކުށްފާފައެއް ނުވާގޮތުގައެވެ. ސާފުކަންމަތީގައެވެ.)
މަބްރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((وَالْحَجُّ الْمـَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ)) [رواه البخاري ومسلم] “މަބްރޫރު ޙައްޖަކަށް ޖަޒާ އެއްގެ ގޮތުގައި ސުވަރުގެ ނޫންތަނެއް ނުވެއެވެ”.
އަންހެނުންނާއި ދެރަނިކަމެތި މީހުންގެ ޖިހާދަކީވެސް ޙައްޖެވެ. އަލްޙަސަން ބިން ޢަލީ ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ إِنِّيْ جَبَانٌ وَإِنِّي ضَعِيْفٌ فَقَالَ هَلُمَّ إِلَى جِهَادٍ لَا شَوكَةَ فِيْهِ :الْحَجُّ [رواه الطبراني وصححه الألباني، انظر صحيح الجامع الصغير برقم 6921] މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ފިނޑި އަދި މުސްކުޅި މީހަކީމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. “އެޖިހާދެއްގައި ތުރާކަން ނުވާ ޖިހާދަށް އަވަސްވެގަންނާށެވެ. (އެބަހީ ޙައްޖަށް އަވަސްވެގަންނާށެވެ.)
(ނުނިމޭ)