“އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ” ޙަދީޘުގެ ފައިދާތައް3

* ޒަކާތް ދިނުމުގެ ސަބަބުން

ފައިސާގައި ވާ
ނުބައިކަން ފިލައިގެންދެއެވެ. عَنْ جَابِرٍ  رَضِيَ اللهُ عَنْهُ- قَالَ : يَا رَسُولَ اللهِ ، أَرَأَيْتَ إِذَا أَدَّى الرَّجُلُ زَكَاةَ مَالِهِ ؟ فَقَالَ رَسُولُ اللهِ- صَلَّى اللهُ عَلَيْهِ وَسَلَّمَ  :(( مَنْ أَدَّى زَكَاةَ مَالِهِ ، فَقَدْ ذَهَبَ عَنْهُ شَرُّهُ )) [رواه الطبراني وابن خزيمة وحسنه الألباني في صَحِيح التَّرْغِيبِ وَالتَّرْهِيب : 743] މާނައީ: ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! މިހާ އޭނާގެ މުދަލުގެ ޒަކާތް ދައްކައިފިނަމަ އޭނާއަށް ހުރީ ކޮންކަމެއްތޯއެވެ؟ (ކޮން ފައިދާއެއްތޯއެވެ؟) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. “ހަމަކަށަވަރުން އޭނާގެ މުދަލުގައިހުރި ނުބައިކަން ފިލައިގޮސްފިއެވެ.”

ޒަކާތް ނުދެއްކުމަކީ ބޮޑު ފާފައެކެވެ. ޒަކާތުގެ ޝަރުޠުތައް ހަމަވުމާއެކު ޒަކާތް ނުނެރޭ މީހާގެ މައްޗަށް ގަދަފަދަވެގެންވާ ޢަޛާބު ހުއްޓެވެ. އެގޮތުން ޒަކާތްނުދީ މުދާ ކަންޒުކުރާ މީހުން، ޤިޔާމަތްދުވަހު، އެމީހުން އެ ކަންޒުކުރި މުދާ ދޮންކުރެވި އެމީހުންގެ ގައިގައި ޖެއްސޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَالذِّيْنَ يَكْنِزُوْنَ الذَّهَبَ وَالْفِضَّةَ وَلاَ يُنْفِقُوْنَهَا فِيْ سَبِيْلِ اللهِ  فَبَشِّرْهُمْ بِعَذَابٍ أَلِيْم * يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوْبُهُمْ وَظُهُوْرُهُمْ هَذَا مَا كَنَزْتُمْ لِأَنْفُسِكُمْ فَذُوْقُوا مَا كُنْتُمْ تَكْنِزُوْنَ)[التوبة 34-35]މާނައީ: “ﷲ ގެ މަގުގައި (ޒަކާތުގެ ގޮތުގައި) ހޭދަނުކޮށް، ރަނާއި ރިހީގެ ޚަޒާނާ ޖަމާކޮށް ރައްކާކޮށްފައި ބަހައްޓާމީހުންނަށް ޤިޔާމަތްދުވަހު ވޭންދެނިވި ޢަޛާބު ހުރިކަމުގެ އިންޒާރު ކަލޭގެފާނު ދެއްވާށެވެ. އެބައިމީހުން އެޖަމާކުރި މުދާ، ޤިޔާމަތްދުވަހު ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެމީހުންގެ ނިތްކުރިތަކުގައްޔާއި އަރިކަށީގައްޔާއި ބުރަކަށީގައި ޖައްސައި ފިއްސާލެވޭނެއެވެ. (އަދި އެމީހުންނަށް ބުނެވޭނެއެވެ.) މިއީ ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށްޓަކައި ތިޔަބައިމީހުން ޖަމާކުރި ތަކެއްޗެވެ. ތިޔަބައިމީހުން ކަންޒުކޮށްއުޅުނު ތަކެތީގެ (ޢަޛާބުގެ) ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ”

އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި ޒަކާތް ދިނުމަށް އިންކާރު ކުރި މީހުންނާ އެކަލޭގެފާނު ހަނގުރާމަ ކުރެއްވިއެވެ. ޒަކާތަކީ އަމިއްލަ އިޚްތިޔާރުގައި ނުދައްކައިފިނަމަ ގަދަބާރުންވެސް މުދާވެރިންގެ އަތުން އަތުލަންޖެހޭ އެއްޗެއްކަން އެހަނގުރާމައިން އެކަލޭގެފާނު ހާމަކޮށްދެއްވިއެވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. “وَاللهِ لَأُقَاتِلَنَّ مَنْ فَرَّقَ بَيْنَ الصَّلَاةِ وَالزَّكَاةِ فَإِنَّ الزَّكَاةَ حَقُ الْـَمالِ” “މާތްﷲ ގަންދީ ބުނަމެވެ. ނަމާދާ ޒަކާތް ވަކިކޮށްފި މީހަކާ އަހަރެން ހަނގުރާމަ ކުރާނަމެވެ. ފަހެ ޒަކާތަކީ މުދަލުގެ ޙައްޤެވެ.”

ޒަކާތަކީ އޭގައި މުދަލުގެ ވެރިމީހާއަށާއި އޭގެ ޙައްޤުވެރިންނަށާއި މުޖްތަމަޢަށް އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ވަރަށް ގިނަގުނަ ފައިދާ އެކުލެވިފައިވާ، އަދި ފުރިހަމަ އިސްލާމީ އިޤްތިޞާދީ ނިޡާމަކަށް ކޮންމެހެން ބޭނުން ކަމެކެވެ.

ޒަކާތްލިބެންވާމީހުންނަކީ އަންނަނިވި އާޔަތުގައި ނަންގަނެވިގެންވާ 8 ބާވަތުގެ މީހުންނެވެ. އައްތައުބާ ސޫރަތުގެ 60 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ:  (إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْـمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْـمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللهِ وَاِبْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ وَاللهُ عَلِيمٌ حَكِيمٌ) [التوبة 60] މާނައީ: “ޞަދަޤާތުގެ(ޒަކާތުގެ) ތަކެތި ވާކަން ކަށަވަރީ ފަޤީރުންނާއި، މިސްކީނުންނަށާއި، އެކަމުގެ މަސައްކަތްކުރާ މީހުންނަށާއި، އެބައިމީހުންގެ ހިތްތައް އެކުވެރިކުރެވޭ (އަލަށް އިސްލާމްވާ) މީހުންނަށާއި، އަޅުން މިނިވަންކުރުމަށާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައި ހޭދަކުރުމަށާއި، ދަތުރުވެރީންނަށެވެ.”

ޒަކާތްދިނުމުން މަނާވެގަތުމަކީ ވާރޭވެހުން މަނާކުރާ ކަމެކެވެ. عَنْ ابْنِ عُمَرَ  رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ  صَلَّى اللهُ عَلَيْهِ وَسَلَّمَ  قَالَ : ((وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ ، إِلاَّ مُنِعُوا الْقَطْرَ مِنَ السَّمَاءِ ، وَلَوْلاَ الْبَهَائِمُ لَمْ يُمْطَرُوا.))  [رواه أحمد وصححه الألباني في السلسلة 106]މާނައީ: އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިކަމަށް ރިވާވެގެންވެއެވެ. “އުޑުން ވާރޭވެހުން މަނާވެގެންވާގޮތުގައި މެނުވީ މީސްތަކުން އެބައިމީހުންގެ މުދަލުން ޒަކާތްދިނުމުން މަނާވެގަންނަކަމުގައިނުވެއެވެ. ޖަނަވާރުތައް ނުވާނަމަ، ވާރޭ ނުވެހުނީހެވެ.”

ޙައްޖަކީ އިސްލާމްދީނުގެ ބިންގާތަކުގެ ތެރެއިން ބިންގަލެކެވެ. ޙައްޖު ވާޖިބުވުމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅެވެ.  وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ  [آل عمران: ٩٧]    މާނައީ: “އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެގެފުޅަށްގޮސް ޙައްޖުވުމަކީ ﷲއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ. (އެކަމާ) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ) ފަހެ، ހަމަކަށަވަރުން،ﷲއީ،އެންމެހާ ޢާލަމްތަކަށް (ބޭނުންވެވޮޑިގަތުމުން)ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.”

ޙައްޖު ވާޖިބުވެގެންވަނީ ޢުމުރުން އެއްފަހަރުއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. خَطَبَنَا  رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ : ((يَا أَيُّهَا النَّاسُ قَدْ فَرَضَ اللهُ عَلَيْكُمْ الْحَجَّ فَحَجُّوا))  فَقَالَ رَجُلٌ “أَ فِي كُلِّ عَامٍ يَا رَسُولَ اللهِ.” فَسَكَتَ حَتَّى قَالَهَا ثَلَاثًا. فَقَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ :(( لَوْ قُلْتُ نَعَمْ لَوَجَبَتْ،وَمَا اسْتَطَعْتُمْ)) [رواه مسلم جزء3 ص 481]  މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ޚުޠުބާދެއްވަމުން ޙަދީޘުކުރެއްވިއެވެ.  “އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ ޙައްޖު ފަރުޟުކުރައްވައިފިއެވެ. ތިޔަބައިމީހުން ޙައްޖުވާށެވެ.!” މީހަކު ބުންޏެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ޙައްޖުވާންވީ ކޮންމެ އަހަރަކު ހެއްޔެވެ؟” އެމީހާ ތިންފަހަރު އެހެން ވިދާޅުވަންދެން އެކަލޭގެފާނު ހަނުއިންނެވިއެވެ. ދެން އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. “އަހުރެން އާއެކޭ ވިދާޅުވިނަމަ (ކޮންމެ އަހަރަކު ޙައްޖުވުން) ވާޖިބުވީހެވެ. އަދި އެކަންކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެއެވެ.”

ހަށިގަނޑުގެ ގޮތުންނާއި މާލީގޮތުން ކުޅަދާނަވެގެންވާމީހާ، އަދި ޙައްޖުން އެނބުރި އަންނަންދެން އޭނާގެ އަހުލުންނަށް ހޭދަކުރެވޭނެ މިންވަރަށް މާލީ ކުޅަދާނަކަށް ހުރި މީހާ ޙައްޖަށް ދިޔުން ފަސްކުރުން ހުއްދަވެގެންނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((مَنْ كُسِرَ أَوْ مَرِضَ أَوْ عَرَجَ فَقَدْ حَلَّ وَعَلَيْهِ الْحَجُّ مِنْ قَابِلٍ)) [صحيح الجامع للألباني 6397 ]  މާނައީ: “(ޙައްޖުގައިވަނިކޮށް) ތަނެއް ބިންދައިގެން ދިޔަމީހާ ނުވަތަ ބަލިވެއްޖެމީހާ ނުވަތަ ފަޔަށް ކަމެއްވެއްޖެމީހާ އެމީހާ ޙައްޖުން ނުކުތުން ހުއްދަވެގެންވީއެވެ. ދެން އެމީހާ ޖެހޭނީ ޖެހިގެން އަންނައަހަރު ޙައްޖު ކުރާށެވެ.” އިމާމު އައްޝައުކާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ކުޅަދާނަކަން ލިބުމާއެކު ވަގުތުން ޙައްޖު ވާޖިބު ނުވާނަމަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޖެހިގެން އަންނަ އަހަރު ޢައްޔަންނުކުރެއްވީހެވެ.” (ނުނިމޭ)

*********************************
1- قواعد وفوائد من الأربعين النووية -ناظم سلطان
2- الفوائد المستنبطة من الأربعين النووية من أمالي فضيلة الشيخ عبد الرحمن بن ناصر البراك حفظه الله على تلميذه عبد المحسن بن عبدالعزيز العسكر – دار التوحيد للنشر – الرياض
3- رؤى تربوية وفوائد تعليمية حاشية علي متن الأربعين النووية – أبو حمزة محمود داود دسوقي خطابي