ޞަޙީޙައިންގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. أُمِرَ النَّاسُ أَنْ يَكُونَ، آخِرُ عَهْدِهِمْ بِالْبَيْتِ إِلاَّ أَنَّهُ خُفِّفَ عَنِ الْحَائِضِ. މާނައީ: “އެބައިމީހުން މައްކާގައި ކުރާ އެންމެ ފަހު ކަމަކީ ގެފުޅުގެ ކައިރީގައި ޠަވާފުކުރުން ކަމުގައި ހެދުމަށް މީސްތަކުންނަށް އަމުރުވެވިގެންވެއެވެ. އެކަމަކު ޙައިޟުވެރިންވަނީ އެކަމުން އިސްތިސްނާވެގެންނެވެ.” މުސްލިމުގެ ލަފުޒުގައި ވެއެވެ. كَانَ النَّاسُ يَنْصَرِفُونَ كُلَّ وَجْهٍ فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ((لَا يَنْفِرَنَّ أَحَدٌ حَتَّى يَكُونَ آخِرُ عَهْدِهِ بِالْبَيْتِ)) . މާނައީ: “މީސްތަކުން އެކި ދިމަދިމާއަށް ދާ ކަމުގައިވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. “ތިޔަބައިމީހުން ކުރެ އެކަކުވެސް އެމީހެއްގެ އެންމެ ފަހު ޢަހުދަކީ ގެފުޅުކަމުގައި (އެބަހީ މައްކާގައި ހޭދަކުރާ އެންމެ ފަހު ވަޤުތަކީ ގެފުޅުވަށައި ޠަވާފުކުރުން ކަމުގައި) ހަދައިފުމަށް ދާންދެން ނުފުރާ ހުށިކަމެވެ.”” އަބޫދާއޫދޫ އަންނަނިވި ލަފުޒުން ރިވާކުރެއްވިއެވެ. ( حَتَّى يَكُونَ آخِرُ عَهْدِهِ الطَّوَافُ بِالْبَيْتِ ) މާނައީ: “އެންމެ ފަހު ޢަހުދަކީ ގެފުޅުގައި ޠަވާފުކުރުން ކަމުގައި ހަދައިފުމަށް ދާންދެން” އެވެ.
ޞަޙީޙައިންގައި އުންމު ސަލަމާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުންމު ސަލަމާ ރަޟިޔަﷲ ޢަންހާއަށް ޙަދީޘުކުރެއްވިއެވެ. “މީސްތަކުންގެ ފަހަތުގައި ތިބާގެ ޖަމަލުމަތީގައި އިންނަވާ ޠަވާފުކުރާށެވެ.” ދެން ތިމަން ކަމަނާ ޠަވާފުކުރީމެވެ. އޭރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނެވީ ކަޢުބާގެ ކައިރީގައި ނަމާދު ކުރައްވާށެވެ. އެކަލޭގެފާނު ކިޔަވާ ވިދާޅުވަމުން ގެންދެވީ {وَالطُّورِ* وَكِتَابٍ مَسْطُورٍ} އެ ސޫރަތެވެ.”
عَنْ أُمِّ سَلَمَةَ، قَالَتْ يا رَسُولَ اللَّهِ وَاللَّهِ مَا طُفْتُ طَوَافَ الْخُرُوجِ . فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ((إِذَا أُقِيمَتِ الصَّلاَةُ فَطُوفِي عَلَى بَعِيرِكِ مِنْ وَرَاءِ النَّاسِ)) [رواه النسائي] އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ތިމަންކަމަނާ އަދި ވަދާޢުގެ ޠަވާފު ނުކުރަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ނަމާދަށް ގޮވުމުން، މީސްތަކުންގެ ފަހަތުގައި ތިބާގެ ޖަމަލުމަތީގައި އިނދެ ޠަވާފުކުރާށެވެ.”
عَنْ أَنَس بن مَالِكٍ رَضِيَ اللُه عَنْهُ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى الظُّهْرَ وَالْعَصْرَ، وَالْـمَغْرِبَ وَالْعِشَاءَ، ثُمَّ رَقَدَ رَقْدَةً بِالْـمُحَصَّبِ، ثُمَّ رَكِبَ إِلَى الْبَيْتِ فَطَافَ بِهِ.[رواه البخاري] މާނައީ: އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެންދުރުނަމާދާއި ޢަޞްރުނަމާދު އަދި މަޣްރިބު ނަމާދާއި ޢިޝާނަމާދު ކުރައްވާ، އަލްމުޞައްޙަބު އޭ ކިޔުނު ތާނގައި ކުޑަ އިރުކޮޅަކު ނިދިކުރައްވައި، އޭގެ ފަހުގައި ކަޢުބާއާ ދިމާއަށް ދަތުރުކުރައްވާ، ކަޢުބާވަށައިގެން ޠަވާފުކުރެއްވިއެވެ.”
عَنْ عَائِشَةَ رَضِيَ اللُه عَنْهاَ أَنَّ صَفِيَّةَ رَضِيَ اللُه عَنْهاَ حَاضَتْ بَعْدَ طَواَفِ الإِفَاضَةِ فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ((أَحَابِسَتُنَا هِيَ )). قَالُوا إِنَّهَا قَدْ أَفَاضَتْ وَطَافَتْ بِالْبَيْتِ. قَالَ (( فَلْتَنْفِرْ إِذَنْ)). މާނައީ: “ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ޠަވާފުލް އިފާޟާގެ ފަހުން ޙައިޟުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. “އެކަމަނާ އަހަރެމެން ހިފެހެއްޓީ ހެއްޔެވެ” އެބައިމީހުން ދެންނެވިއެވެ. އެކަމަނާ ހުންނެވީ ތަވާފުލް އިފާޟާ ކުރައްވައި އަދި ކަޢުބާ ވަށައިގެން ޠަވާފުކުރައްވައިގެންނެވެ. ޙަދީޘްކުރެއްވިއެވެ. “އެހެންވެއްޖެއްޔާ އެކަމަނާ ފުރަންވީއެވެ.”
އަލްމުވައްޠާ ގައި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. لاَ يَصْدُرَنَّ أَحَدٌ مِنَ الْحَاجِّ حَتَّى يَطُوفَ بِالْبَيْتِ فَإِنَّ آخِرَ النُّسُكِ الطَّوَافُ بِالْبَيْتِ މާނައީ “ޙައްޖުވެރިން ކުރެ އެކަކުވެސް ގެފުޅުވަށައި ޠަވާފުކޮށްފުމަށް ދަންދެން ނުފުރާހުށީކަމެވެ. ޙައްޖުގެ އެންމެ ފަހު އަޅުކަމަކީ ގެފުޅުވަށައިގެން ޠަވާފުކުރުމެވެ.”
އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله
ތަރުޖަމާކުރީ: محمد شافع بن عبد الغفور
ބަހުގެ ހަމަތައް މުރާޖަޢާ ކުރީ: الأخ حسن زاهر
16 ޛުލްޤަޢިދާ 1435
11 ސެޕްޓެމްބަރ 2014