އިސްލާމްދީން ޙިމާޔަތްކުރުން

އިސްލާމީ ޝަރީޢަތުގެ ފަސް މަޤްޞަދެއް ޢިލްމުވެރިން، ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުގެ އަލީގައި ބަޔާންކުރައްވައެވެ. އެއީ:
1- ދީން ޙިމާޔަތްކުރުން
2- ނަފްސު ރައްކާތެރިކުރުން
3- ބުއްދި ރައްކާތެރިކުރުން
4- ނަސްލު ރައްކާތެރިކުރުން
5- މާލު (މުދާ) ރައްކާތެރިކުރުން

ތަފްޞީލް
1- ދީން ޙިމާޔަތްކުރުން
ދީން ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މުހިއްމު މަޤްޞަދެވެ. އެހެނީ މީސްތަކުން ދުނިޔެއަށް ފޮނުއްވިގެންވާ މަޤްޞަދަކީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރެއިން އެންމެ އިސް އަދި އެންމެ މުހިއްމުކަން ދޭންޖެހޭ މަޤްޞަދަކީ އިސްލާމްދީން ޙިމާޔަތްކުރުމެވެ. އިސްލާމްދީން ޙިމާޔަތް ނުކުރެވިއްޖެނަމަ، ދެން ބާކީ ހުރި މަޤްޞަދުތަކުން ކުރާނެ މަންފާއެއް ނެތެވެ. އިސްލާމްދީން ޙިމާޔަތް ނުކުރެވިއްޖެނަމަ މީސްތަކުންގެ ދުނިޔެއާއި އާޚިރަތްވެސް ބަރުބާދުވީއެވެ.

ދީން ޙިމާޔަތްކުރާނީ ކިހިނެއް؟
ދީން ޙިމާޔަތްކުރާނީ ދީން ޤާއިމުކޮށްގެންނެވެ. އަދި ދީން ނައްތާލުމަށް ކުރެވޭ އެންމެހާ ކަންކަން ނައްތާލައިގެންނެވެ. ދީނުގެ ޝިޢާރުތައް ޤާއިމުކުރުމާއެކު ދީނުގެ އަޅުކަންތައް އަދާކޮށްގެންނެވެ. ދީނަށް ދަޢުވަތު ދީގެންނެވެ. ދީނުގެ މަޙާސިނުތައް މީސްތަކުންނަށް ބަޔާންކޮށްދީގެންނެވެ. ދީނުގެ ޙުކުމްތައް ސާފުކޮށްދީ، ޝުބުހަތަކަށް ރައްދުދީ އޮޅުން ފިލުވައިދީގެންނެވެ. ދީނުގެ ޙުކުމްތައް ޤާއިމްކޮށްގެންނެވެ. ދީނުގެ ޙުކުމްތައް ފޮތެއްގައި، ޤާނޫނެއްގައި ލިޔެ މަތާރަން ފިލާމަތީ ބާއްވައިގެންނެއް ނޫނެވެ. ޢަމަލީ ގޮތުން ދީނުގެ ޙުކުމްތައް ޤާއިމުކޮށްގެންނެވެ. ދީން ޙިމާޔަތްކުރުމަކީ ދީނުގެ ޙުކުމްތައް ލިޔެފައިވާ ދީނީ ފޮތެއް ޙިމާޔަތްކުރުމެއް ނޫނެވެ. އެ ޙުކުމްތައް ޢަމަލީ ގޮތުން ޤާއިމުކުރުމެވެ.

 

އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި ޝަރުޢުވެފައިވާ ބައެއް ކަންކަން
1- ﷲ ގެ މަގުގައި ޖިހާދުކުރުން
2- ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން
3- ދީނުން ބޭރުވެ މުރުތައްދުވާ މީހުން ޤަތުލުކުރުން

 

ތަފްޞީލް
1- ﷲ ގެ މަގުގައި ޖިހާދުކުރުން
ﷲ ގެ މަގުގައި ޖިހާދު ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ އިސްލާމްދީން ޙިމާޔަތްކޮށް އިސްލާމްދީން މީސްތަކުންގެ ނަފްސުތަކުގައި ޤާއިމުކުރުމެވެ. ﷲ ފިޔަވައި އަޅުކަންވެވޭ ބާޠިލު އިލާހުންތަކަށް އަޅުކަންކުރުން ހުއްޓުވުމެވެ. ﷲ އާއި ﷲގެ އަޅުތަކުންގެ ދެމެދަށް އަޅުކަމުގައި ވަންނަ ތާޣޫތުންގެ ދުވަސް ދުއްވުމެވެ. ﷲ އަށް ޓަކައި ދީން ޚާލިޞްކުރުމެވެ. އެކަން ވެއްޖައުމަށް ދަންދެން ޖިހާދުކުރަން ޖެހެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. وَقَاتِلُوهُمْ حَتَّى لا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ [الأنفال: 39]. މާނައީ: “ފިތުނަ(ޝިރުކު) ނެގިތޮސް، މުޅި ދީން ވަނީ ﷲ އަށްޓަކާ ކަމުގައި ހިމެނިއްޖައުމަށްދާނދެން، ތިޔަބައިމީހުން އެ ކާފިރުންނާ ހަނގުރާމަކުރަމުން ގެންދާށެވެ”
2- ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން
އިސްލާމީ އުންމަތް އެންމެ ހެޔޮ އުންމަތްކަމުގައި ލެއްވުނު ސަބަބަކީ އެ އުންމަތަކީ ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރާ އުންމަތެއް ކަމުގައިވުމެވެ. އެހެންކަމުން އިސްލާމީ ދައުލަތެއްވެސް އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮތުމަށްޓަކައި ދައުލަތުގެ ފަރާތުން ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތް ހުއްޓުވަން ޖެހެއެވެ. އެގޮތުން ޙިސްބާ ނުވަތަ ދީނީ ސިފައިން ނުވަތަ ދީނީ ޕޮލިސް އިސްލާމީ ޤައުމެއްގައި ތިބެންޖެހެއެވެ. ފާޅުގައި ކުރެވޭ މުންކަރާތްތައް ނަހީކޮށް، މީސްތަކުންނަށް ނަމާދަށް ގޮވާލާ، ނަމާދު ވަޤުތުގައި ނަމާދަށް ނުގޮސް ކުޅިވަރުގަޔާއި އެހެނިހެން ބޭކާރު ކަންކަމުގައި ތިބޭ މީހުން ނަމާދަށް ފޮނުވާ، އޮރިޔާމުން ހެދުން އަޅައިގެން އުޅޭ މީހުން ހުއްޓުވާ، ފިހާރަތަކުގައި ޙަރާމްތަކެތި ވިއްކާނަމަ އެފަދަ ކަންކަން ހުއްޓުވައި، މިއުޒިކު ޝޯތައް ފަދަ މުންކަރާތްތައް ހުއްޓުވުމަކީ މިފަދަ ފުލުހުންގެ ޒިންމާއެއް ކަމުގައި ވާންޖެހެއެވެ. ދީން ޙިމާޔަތްކުރުމަށްޓަކައި މުންކަރާތް ނަހީކޮށް، ހެޔޮކަންކަމަށް އަމުރުކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ )). {رواه مسلم } މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ، އެމީހެއްގެ އަތުން އެކަން ހުއްޓުވާށެވެ. ފަހެ އަތުން ހުއްޓުވަން ކުޅަދާނަ ނުވާ މީހެއްނަމަ ދުލުން އެކަމަށް އިންކާރުކޮށް މަނާކުރާށެވެ. އެކަމަށްވެސް ކުޅަދާނަ ނުވާނަމަ ހިތުން އެކަމަށް އިންކާރުކުރާށެވެ. އަދި އެއީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ.”

3- ދީނުން ބޭރުވެ މުރުތައްދުވާ މީހުން ޤަތުލުކުރުން
އިސްލާމްދީނަށް ވަނުމަކީ އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް މަޖުބޫރުކަމެއް ވާ ކަމެއް ނޫނެވެ. އެ ދީނަކީ ޙައްޤުކަން ފާޅުކަންބޮޑުގޮތެއްގައި މީސްތަކުންނަށް އެނގޭފަދަ ދީނެކެވެ. މަޖުބޫރު ނުކުރިޔަސް މީސްތަކުން ވަންނަ ވަރުގެ ދީނެކެވެ. އެދީނަށް ވަނުމަށްފަހު، އެދީން ކުޅޭ ކުޅޭ އެއްޗަކަށް ހަދައި، ވަދެ ނުކުންނަ އެއްޗަކަށް ހަދައި، ދީނާ ކުޅުމަކީ އެއީ އެއްވެސް މީހަކަށް އެކަމުގެ ފުރުޞަތު ދެވޭނެ ކަމެއް ނޫނެވެ. ދީނުން ބޭރުވެ މުރުތައްދުވާ މީހާ ޤަތުލުކުރެވެނީ މި ސަބަބަށްޓަކައެވެ. އޭނާ ޤަތުލުކުރުމުގެ ސަބަބުން އޭނާގެ ނުބައިކަމުން ދީން ސަލާމަތްވެއެވެ. އަދި ދީނުގައި ތިބި އެހެން މީހުންނަށް ޘާބިތުކަން ލިބެއެވެ. އެކަމެއް ކުރުމުގެ ސަބަބުން ދީނުން ބޭރުވެ މުރުތައްދުވާ އެންމެހާ ކަންކަން މިކަމުގައި ހިމެނެއެވެ. އެގޮތުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީވެސް ދީނުން ބޭރުވެ މުރުތައްދުވާ ކަމެކެވެ. އަދި އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ޤަތުލު ވާޖިބުވާ ސަބަބެއްވެސް މެއެވެ. އިސްލާމީ ދައުލަތެއްގެ އެންމެ ބޮޑު ޒިންމާއަކީ ދީން ޙިމާޔަތްކުރުން ކަމުގައިވާތީ، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ އިސްލާމީ ދައުލަތެއްގައި އެންމެބޮޑު ކުށްކަމުގައި ވާންޖެހެއެވެ. ދީނުގެ ޢިލްމެއްނެތް މީހުން، ދީނާމެދު ހިތުހުރި ގޮތަކަށް ވާހަކަދައްކައި، ޚިޔާލު ފާޅުކޮށް، ދީނަށް ފުރައްސާރަކުރަން ފުރުޞަތު ދިނުމަކީ ދީނާމެދު ޢާއްމުންގެ ހިތުގައި ޝައްކު އުފެދި، ޝުބުހަތައް ވަދެ، ދީން އޮޅުން ބޮޅުންވެގެން ހިނގައިދާނެ ކަމެކެވެ. އަދި ފުރައްސާރަ ކުރުމަކީ އެއީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭ ކަމަކަށް ނުވާތީ، ދީނަށް ފުރައްސާރަ ކުރާ މީހުންނާމެދު އިސްލާމްދީނުގައި އޮތް އަދަބު އެބައިމީހުންނަށް ދޭން ޖެހެއެވެ. އެއީ މުރުތައްދުން ކަމުގައިވާތީއެވެ.
މުރުތައްދުވީ މީހާއަށް ތައުބާ ލައިދިނުމަށްފަހު އެކަން ޤަބޫލު ނުކުރިނަމަ އޭނާ ޤަތުލުކުރުން ވާޖިބުވާނެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅަށްޓަކައެވެ.

(مَنْ بَدَّلَ دِيْنَهُ فَقْتُلُوْه) {رَوَاه البخاري وأبو داود}

މާނައީ: “އެމީހެއްގެ ދީން ބަދަލުކޮށްފިމީހާ (އެބަހީ: މުރުތައްދުވެއްޖެމީހާ) ދަންނައެވެ. ފަހެ، އެމީހާ މަރާހުށިކަމެވެ.”
އަދި މީގެ އިތުރުން، ބިދުޢަތަކާ ދެކޮޅު ހެދުމާއި، ބިދުޢައެއް ފެތުރެމުންދާނަމަ އެ ބިދުޢައެއް ނައްތާލުމަކީވެސް ދީން ޙިމާޔަތްކުރުމުގެ ގޮތުން ޝަރުޢުވެފައިވާ ކަމެކެވެ. އެއީ މުންކަރާތް ނަހީކުރުމުގެ ތެރެއަށް ވަންނަ ކަމެކެވެ.
މި ލިޔުމުގައި މި އަލިއަޅުވާލީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ކަންތައް ކަމުގައިވާ އިސްލާމްދީން ޙިމާޔަތްކުރުމަށެވެ.

މަޞްދަރު
https://almunajjid.com/8496