ނިތްކުރީގައި ކުރަލުމަކީ އެއީ މީހެއްގެ ޞާލިޙުކަމުގެ ޢަލާމާތެއް ނޫނެވެ. އަދި އެއީ މީހާއަކީ ބަރާބަރަށް ނަމާދަށް ރައްކާތެރިވާ މީހެއްކަމުގެ ޢަލާމާތެއްވެސް ނޫނެވެ.
އަންނަވި އާޔަތު ގައިވާ ސަޖިދައިގެ އަޘަރަކީ އެއީ ކަމުގައި ބައެއް މީހުން ހީކުރެއެވެ.
سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ﴿الفتح: ٢٩﴾
“ސަޖިދައިގެ އަޘަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ.”
މިއާޔަތުގައިވާ “ސަޖިދައިގެ އަޘަރުން އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ” އޮތް ބަސްފުޅުގެ އެންމެ ޞައްޙަ ތަފްސީރަކީ، އެއީ ކިޔަމަންގަތުމާއި އަޅުކަންކުރުމުގެ ސަބަބުން މޫނު އަލިވެ އުޖާލާވުމެވެ. އެ އާޔަތުގައި އެބުނާ ޢަލާމަތަކީ ސަޖިދަކުރާއިރު ނިތްކުރީގައި ލާ ކުރަކަމުގައިވުން ލާޒިމެއް ނޫނެވެ.
އިބްނު ކަޘީރު ރަޙިމަހުﷲ ތަފްސީރުގައި ވިދާޅުވެފައިވެއެވެ.
“ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅު سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ “ސަޖިދައިގެ އަޘަރުން އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ” އާ ބެހޭގޮތުން އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ޢަލީ ބިން އަބީ ތަލްޙާ ރިވާކުރެއްވިއެވެ. “އެއީ މޫނު އުޖާލާވުމެވެ.” މުޖާހިދު ވިދާޅުވިއެވެ. “އެއީ ޚުޝޫޢާއި ތަވާޟުޢުވެރިކަމެވެ.” އިބްނު އަބީ ޙާތިމް ވިދާޅުވިއެވެ. “އަހަރެން އަބަދުވެސް ހީކުރީ އެއީ ނިތްކުރީގައިވާ ކުރަ ކަމަށެވެ.” މުޖާހިދު ވިދާޅުވިއެވެ. “ފިރްޢައުނަށްވުރެ ހިތް ހަރު މީހެއްގެ ނިތްކުރީގައިވެސް އެ ޢާލާމާތް ފާޅުވެދާނެއެވެ.” އައްސައްދީ ވިދާޅުވިއެވެ. “ނަމާދު އެބައިމީހުން މޫނުތައް ރީތިކުރެއެވެ.” ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވިއެވެ. “ރޭގަނޑުގައި ނަމާދުކުރުން ގިނަކޮށްފި މީހެއްގެ މޫނު ދުވާލު އުޖާލާވާހުއްޓެވެ.” އަދި ބައެއް ސަލަފުން ވިދާޅުވިއެވެ. “ހަމަކަށަވަރުން، ހެޔޮކަންކަން ކުރުމުގެ ސަބަބުން ހިތް އަލިވެ، މޫނު އުޖާލާވެ، ރިޒްޤު ތަނަވަސްވެ، މީސްތަކުންގެ ހިތްތަކުގައި ލޯބިޖެހެއެވެ.” (ތަފްސީރު އިބްނު ކަޘީރު)
އެހެންކަމުން، ނިތްކުރީގައި ކުރަ ލުމަކީ ނުވަތަ ނިތްކުރީގެ ހަމުގެ ކުލަ ބަދަލުވެފައި ހުރުމަކީ މީހާގެ ޞާލިޙުކަމާއި އިޚްލާޞްތެރިކަމުގެ ޢަލާމާތެއް ނޫނެވެ. އަދި ހަމައެފަދައިން، އެ ޢަލާމާތް ނެތުމަކީވެސް މީހާގެ ދީންވެރިކަން ކުޑަކަމާއި ނަމާދަށް ފަރުވާކުޑަވުމުގެ ޢަލާމާތެއް ނޫނެވެ. އެކަން ބިނާވެފައިވަނީ ހަމުގެ ތަބީޢަތާއި ނާޒުކުކަމުގެ މައްޗަށެވެ.
ޝައިޚް ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ. “ސަޖިދަކުރުމުގެ ސަބަބުން ނިތްކުރީގައި ފާޅުވާ ޢަލާމާތަކީ ޞާލިޙުން ޢަލާމާތެއް ކަމަށް ވާރިދުވެފައިވޭ ހެއްޔެވެ؟”
ޖަވާބުގައި ވިދާޅުވިއެވެ. “އެއީ ޞާލިޙުންގެ ޢަލާމާތުގެ ތެރެއިންވާ އެއްޗެއް ނޫނެވެ. ޞާލިޙުންގެ ޢަލާމާތަކީ މޫނު އުޖާލާވުމެވެ. އަދި ހިތް ހަމަޖެހުމާއި، އަޚްލާޤު ރީތިވުމާއި މިފަދަ ކަންކަމެވެ.”
ސަޖިދައިގެ ސަބަބުން މޫނުގައި ފާޅުވާ ޢަލާމާތް، ހަމައެކަނި ފަރްޟު ނަމާދު ކުރާ މީހެއްގެ މޫނުގައިވެސް ހުރެދާނެއެވެ. އެއީ އޭނާގެ ހަންގަނޑުގެ ތަބީޢަތާއި ނާޒުކުކަމުގެ ސަބަބުން ވާ ކަމެކެވެ. ވަރަށް ގިނައިން ނަމާދު ކުރާ، އަދި ސަޖިދަ ދިގުކުރާ މީހެއްގެ މޫނުގައި މި ޢަލާމާތް ފާޅުނުވެދާނެއެވެ.” ” فتاوى إسلامية ” ( 1 / 484 ) .
މަރްޖިޢު
https://islamqa.info/ar/answers/6834