ދަޢުވަތު ދިނުމުގެ ގޮތުން ދަތުރުތައް އިންތިޒާމުކުރުމުގެ ޙުކުމް

ސުވާލު: އަޅުގަނޑު ދިރިއުޅެމުން މިދާތަނުގައި، އަހަރުގެ ބައެއް ދުވަސްތަކުގައި މީސްތަކުންނަށް ދަޢުވަތު ދިނުމުގެ ގޮތުން ދަތުރުތައް އިންތިޒާމު ކުރެއެވެ. އެ ދަތުރުތަކުގައި ޢާއްމުގޮތެއްގައި ކުރާކަމަކީ އެދަތުރުތަކުގެ ބައިވެރިންނަށް އިސްލާމްދީނާބެހޭ ތަޢުލީމު އުނގަންނައިދިނުމެވެ. އަދި މި ދަޢުވަތު ދަތުރުތަކުގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ ޝައިޚުން ބައިވެރިންނަށް މުޙާޟަރާތައް (ދަރުސްތައް) ދިނުމާއި ބައެއް ކުޅިވަރުގެ ޙަރަކާތްތަކެވެ. މި ދަތުރުތައް އިންތިޒާމުކުރާ ފަރާތްތަކުން އެކަމަށް ބޭނުންވާ ޚަރަދު ބަރަދު ވެސް ހަމަޖައްސައެވެ. އެގޮތުން ރޭގަނޑު ނިދުމާއި ކެއިން ބުއިމުގެ އިންތިޒާމުގެ އިތުރުން، ފިރިހެނުންނާ މުޅީން ވަކިކޮށްފައިވާ ވަކި ތަނެއް އަންހެނުންނަށް ހަމަޖައްސާފައިވެއެވެ.
ދަޢުވަތުގެ ކަންކަމުގައި ޙަރަކާތްތެރިވާ އެހެން ބަޔަކުވެސް އުޅެއެވެ. އެކަމަކު އެބައިމީހުން މިކަން ކުރަނީ މިސްކިތްތަކުގައި އަދި މަދަރުސާތަކުގައި ހަފުތާ ބަންދުދުވަސްތަކާ ދިމާކޮށެވެ. އެބައިމީހުންގެ މި ޙަލަޤާތަކުގައި ރޭކުރުމެއް ނޯވެއެވެ. މިޙަލަޤާތައް އިންތިޒާމުކުރާ މީހުން ބުނާގޮތުގައި ދަޢުވަތު ދިނުމުގެގޮތުން ދާ ދަތުރުތަކުގައި ބައިވެރިވުމަކީ ހުއްދަކަމެއް ނޫނެވެ. އެމީހުން ބުނާގޮތުގައި މިއީ ސަލަފުން ކުރެއްވިކަމެއް ނޫނެވެ. އަދި އެއީ މީސްތަކުން ދޫކޮށް އެއްކިބާވި ޚަވާރިޖުންގެ ޢަމަލުތަކުގެ ތެރެއިން ވާކަމެކެވެ. މިމީހުންގެ މި ބުނުމުގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި ވަރަށް ބޮޑަށް ދެބަސްވުން އުފެދިފައިވެއެވެ. އަހަރެމެން އެދެނީ އަހަރެމެންނަށް މިކަން އޮޅުން ފިލުވައިދިނުމުގެ އަދި ނަޞީޙަތްދެއްވުމެވެ.

ޖަވާބު:
الحمد لله
ހުރިހާ ޙަމްދެއް ހުރީ ﷲ އަށެވެ.

ﷲ ގެ މަގަށް މީސްތަކުންނަށް ދަޢުވަތުދީ އެބައިމީހުންގެ ދީން އެބައިމީހުންނަށް އުނގަންނައިދނުމަކީ ޞާލިޙު ޢަމަލުތަކުގެ ތެރެއިން އެންމެ މާތް ޢަމަލެވެ. އަދި އެއީ މުސްލިމު އަޅާ ކުރާ ދެމިގެންވާ ހެޔޮ ޢަމަލެކެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. (وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ) فصلت/33 . ﷲ ގެ މަގަށް (އައުމަށް) ގޮވާލައި، އަދި ޞާލިޙު ޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (اللَّه އަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ހެޔޮ ބަސްބުނާ މީހަކީ ކާކުހެއްޔެވެ. (އެއަށްވުރެ ބޮޑު ހެޔޮބަހެއް ބުނާމީހަކު ނުހުންނާނެއެވެ.)
ﷲ ގެ މަގަށް ގޮވާލެވޭ ވަސީލަތްތަކުގެ ތެރެއިން ދަޢުވަތު ދެވޭ މީހުންނާ މުނާސިބު ކޮންމެ ވަސީލަތެއް މުސްލިމަކަށް ބޭނުންކުރެވިދާނެއެވެ. ޝަރުޠަކީ އެއީ ހުއްދަ ވަސީލަތަކަށް ވުމެވެ. އެ ވަސީލަތަކީ ސަލަފުން ﷲ ގެ މަގަށް ގޮވާލުމުގައި ބޭނުންކުރި ވަސީލަތަކަށްވުން އެއީ ޝަރުޠެއް ނޫނެވެ. އެހެނީ އެ ވަސީލަތްތަކަކީ އެއްރަށުން އަނެއް ރަށަށް އެއްޒަމާނުން އަނެއް ޒަމާނަށް، ތަފާތުވެ އައުވަމުން އަންނަ ވަސީލަތްތަކެކެވެ.

ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ. ދައުވަތުގެ ވަސީލަތްތަކަކީ ތައުޤީފީ އެއްޗެއްތޯ (ދަޢުވަތުގައި ބޭނުންކުރެވޭނީ ހަމައެކަނި ޤުރުއާނާ ސުންނަތުން ދަޢުވަތު ދިނުމަށް ސާބިތުވާ ގޮތްތައްތޯ) ނުވަތަ ނޫންތޯ މި މައުޟޫއަށް ވަރަށް ގިނަ ވާހަކަދެކެވެއެވެ. މި މައްސަލާގައި ރާޖިޙުވެގެންވާ ބަހަކީ ކޮބައިތޯއެވެ؟
ޖަވާބު ދެއްވިއެވެ. “ރާޖިޙުވެގެންވާ ބަހަކީ ހަމަކަށަވަރުން ދަޢުވަތުގެ ވަސީލަތްތަކަކީ ތައުޤީފީ އެއްޗެއް ނޫންކަމެވެ. އެކަމަކު ޙަރާމް ވަސީލަތެއް ބޭނުންކޮށްގެން ދަޢުވަތެއް ނުދެވޭނެއެވެ. މިސާލަކަށް މީހަކު މިހެން ބުނެފާނެއެވެ. މިއުޒިކާއެކު ދަޢުވަތު ދީގެން ނޫނީ އެބައިމީހުން ޤަބޫލެއް ނުކުރާނެއެވެ. ނުވަތަ މިފަދަ ބަހެއް ބުނެފާނެއެވެ. މިއީ ޙަރާމް ކަމެކެވެ. އެނޫން ހުރިހާ ވަސީލަތްތައް އެކަމުގެ އެބަހީ ދައުވަތު ދިނުމުގެ މަޤްޞަދާ ދިމާލަށް ދަތުރުކުރާކަމުގައިވާނަމަ އެއީ އެދެވިގެންވާ ވަސީލަތްތަކެކެވެ.” ” الفتاوى الثلاثية ” للشيخ ابن عثيمين .
ޝައިޚު ޢުޘައިމީން ރަޙިމަހުﷲ އާ އަދިވެސް ސުވާލުކުރެވުނެވެ. “ދަޢުވަތުގެ ވަސީލަތްތަކާމެދު ދުޢާތުގެ މެދުގައި (ދަޢުވަތުދޭ މީހުންގެ މެދުގައި) ޚިލާފު އުފެދިފައިވެއެވެ. ބައެއް މީހުން ދެކޭގޮތުގައި އެއީ ތައުޤީފީ އަޅުކަމެކެވެ. (ދަޢުވަތުގައި ބޭނުންކުރެވޭނީ ހަމައެކަނި ޤުރުއާނާ ސުންނަތުން ދަޢުވަތު ދިނުމަށް ސާބިތުވާ ގޮތްތަކެވެ.) އެ ވަސީލަތްތަކަށް އުނި އިތުރު ގެނައުން ހުއްދައެއް ނުވާނެއެވެ. އަދި އެކި އެކި އިތުރު ޙަރަކާތްތައް ބޭނުންކޮށްގެން ދަޢުވަތުދޭ ބައެއް މީހުން އެމީހުންނަށް އިންކާރުކުރެއެވެ. މިކަމުގައި ޞައްޙަގޮތަކީ ކޮބައިކަން ބަޔާންކޮށްދެއްވުން އެދެމެވެ.”

ޝައިޚު ޖަވާބުދެއްވިއެވެ. ” ﷲ ގެ މަގަށް ދަޢުވަތު ދިނުމަކީ އެއްވެސް ޝައްކެތްނެތްގޮތުގައި އަޅުކަމެކެވެ. ﷲ ތަޢާލާ އެއިލާހުގެ ވަޙީ ބަސްފުޅުގައި އަންގަވާފައިވާ ފަދައިންނެވެ. ( ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ) . النحل 125- މާނައީ: “ޙިކުމަތާއި ވަޢުޒާއެކު، ކަލޭގެފާނުގެ ރައްބުގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލުކުރައްވާށެވެ”
ﷲ ގެ މަގަށް ދަޢުވަތުދޭ އިންސާނާ އަށް އޭނާ އެ ދަޢުވަތު ދެނީ ﷲ ގެ މަގަށްކަމާއި އޭނާ އެ ކިޔަމަންތެރިވަނީ ﷲ ގެ އަމުރަށް ކަމާއި އަދި އެ ދަޢުވަތު ދިނުމުގެ ސަބަބުން އޭނާ ﷲ އާ ކުއްތަންވެވޭކަން އިޙްސާސްވާންޖެހެއެވެ.
އެއްވެސް ޝައްކެތްނެތް ގޮތުގައި ދަޢުވަތު ދެވޭ އެންމެ ރަނގަޅު ގޮތަކީ ﷲ ގެ ފޮތުން ދަޢުވަތު ދިނުމެވެ. އަދި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުން ދަޢުވަތު ދިނުމެވެ. އެހެނީ ހަމަކަށަވަރުންވެސް ކީރިތި ޤުރުއާނަކީ އެންމެ މަތިވެރި ފޮތެވެ. އަދި އެންމެ އިންސާނިއްޔަތަށް ވާ އެންމެ ބޮޑު ވަޢުޒެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
( يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ ) يونس 57 ) އޭ އެންމެހާ މީސްތަކުންނޭވެ ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވައުޒަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނު ތަކުންނަށް ތެދުމަގަކާއި، ރަޙުމަތެއް އަތުވެއްޖެކަން ކަށަވަރެވެ.”
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކަކީ މީސްތަކުންގެ ބަސްތަކުގެ ތެރެއިން އެންމެ ބަލާޣާތްތެރި އަދި އެންމެ ނަޞީހަތްތެރި ބަސްފުޅުތަކެވެ. ބައެއް ފަހަރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަޞްޙާބުންނަށް ބައެއްފަހަރު، ދެއްވާ ނަޞީހަތް އެ ނަޞީހަތެއްގެ ސަބަބުން ހިތްތައް މަޑުމޮޅިވެގެންދާ އަދި ލޯތަކުން ކަރުނަ އޮހޮރިގެންދާ ނަޞީހަތުގެ ގޮތުގައި އެބޭކަލުން ސިފަކުރައްވާފައިވެއެވެ.
މި ވަސީލަތްތަކުގެ ބޭނުންކޮށްގެން ދަޢުވަތު ދިނުން ފަހިވެފައިވާނަމަ އެންމެ ރަނގަޅީ މި ވަސީލަތްތަކުގެ ބޭނުންކޮށްގެން ދަޢުވަތު ދިނުމެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ އެންމެ ހެޔޮ ވަސީލަތެވެ. އެހެނިހެން ވަސީލަތްތައް އިތުރުކުރަން ބޭނުންނަމަ ﷲ ތަޢާލާ ހުއްދަކުރެއްވި ވަސީލަތްތައް އިތުރު ކުރަންވީއެވެ. އެއީ މައްސަލައެއް ނޫނެވެ. އެކަމަކު އެ ވަސީލަތުގައި ﷲ ޙަރާމްކުރެއްވި އެއްޗެއް/ކަމެއް ހިމެނިގެން ނުވާނެއެވެ. ދޮގުހެދުމާއި، ކާފިރުން ތަމްޘީލްކުރުމާއި، (މިސާލަކަށް އެފަދަ ތަމްޘީލްތައް ކުޅުމާއި) ނުވަތަ ޞަޙާބީން ތަމްޘީލްކުރުމާއި މިފަދަ ކަންކަމެވެ. ” الصحوة الإسلامية ضوابط وتوجيهات ” (ص/81-83) .
އެހެންކަމުން އެފަދަ ޙަރާމްކަންކަން ނުކުރާނަމަ، އެފަދަ ދަތުރުތަކުގައި ދިޔުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.
އަދި އެއީ ޚަވާރިޖުންގެ ޢަމަލުގެ ތެރެއިން ވާކަމެކޭ ބުނެވޭ ބަހާމެދު ދަންނާށެވެ. އެއީ ޞައްޙަބަހެއް ނޫނެވެ. ޚަވާރިޖުން މީސްތަކުން ދޫކޮށް ދިޔައީ ޢަލީ ބިން އަބީ ޠާލިބް ގެ ޒަމާނުގައެވެ. އެމީހުން ޤަބޫލުކުރިގޮތުގައި ހުރިހާ ޞަޙާބީންނާއި އަދި ޢާއްމު މުސްލިމުންނަކީވެސް އަނިޔާވެރިންނެވެ. އޭގެ ފަހުގައި އެމީހުން މުސްލިމުން ކާފިރުކޮށް މުސްލިމުންނާ ހަނގުރާމަކުރީއެވެ.
” البداية والنهاية ” ގައި ابن كثير رحمه الله (10/ 578) ވިދާޅުވެފައިވެއެވެ. ” عَبْدِ اللَّهِ بْنِ وَهْبٍ الرَّاسِبِيِّ ގެ ގޭގައި ޚަވާރިޖުން ޖަމާވިއެވެ. އަދި ބަލާޣާތްތެރި ޚުތުބާއެއް ކިޔެވެ. އެޚުތުބާގައި ދުނިޔޭގައި ޒުހުދުވެރިވުމަށް އެމީހުންނަށް ބާރުއެޅުނެވެ. އަދި އާޚިރަތާ ސުވަރުގެހޯދުމަށް ޝައުޤުވެރިކުރުވުނެވެ. ހެޔޮކަންތައްތަކަށް އަމުރުކުރުމަށާއި މުންކަރާތްތައް ނަހީކުރުމަށް ފަރުވާތެރިވުމަށް ބާރުއެޅުނެވެ. އޭގެ ފަހުގައި އެމީހުން ބުންޏެވެ. އަނިޔާވެރިވެފައިވާ މި ރަށުގެ އަހުލުވެރިންގެ ކިބައިން ސަލާމަތްވުމަށް އަހަރެމެންނާ އެކުގައި ނުކުންނާށެވެ. އަނިޔާވެރި ޙުކުމްތަކާ ދެކޮޅު ހެދުމަށެވެ.” ދެން އެބައިމީހުން މުސްލިމުންނާ ހަނގުރާމަ ކުރީއެވެ.

ދަޢުވަތުގެ ދަތުރުތަކުގައި ނުކުންނަ މީހާއަކީ މުސްލިމުން ކާފިރުކޮށްފައި، (ޚަވާރިޖުންފަދައިން) މުސްލިމުންނާ އެއްކިބާވެގެން ނުކުންނަ މީހެއް ނޫނެވެ. އޭނާ އެދަތުރު ނިންމާފައި އަނބުރާ އަންނާނެއެވެ.
والله أعلم .
މިއީ އިސްލާމްކިއުއޭ ވެބްސައިޓުގައިވާ މި ލިޔުން އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.