އަންހެނުން އިމާމުވެ ނަމާދުކުރާނަމަ އިމާމު މީހާ ހުއްޓި ހުންނަން ޖެހޭތަން

 

ސުވާލު: އަންހެނުންގެ ނަމާދުގެ ތެރެއިން އެންމެ ޘަވާބު ބޮޑީ ގޭތެރޭގައި ކުރާ ނަމާދުކަމަށް ވީއިރު، ފިރިހެނުން ޖަމާޢަތުގައި ކުރާ ނަމާދާ އެއްވަރުގެ ޘަވާބެއް ހަމަ ގޭގައި ނަމާދުކުރާ އަންހެން މީހާ ނުވަތަ މިސްކިތުގައި ނަމާދުކުރާ އަންހެން މީހާއަށް ލިބޭނެ ހެއްޔެވެ؟ އަންހެނަކު ގޭގައި އެކަނި ނަމާދުކުރުމުން ހަތާވީސްގުނަ ޘަވާބު އޭނާއަށް ލިބޭނެ ހެއްޔެވެ؟ އަންހެނަކު، އަންހެނުންގެ ޖަމާޢަތެއްގައި ނަމާދުކުރާއިރު، ފިރިހެނުންނާ ޚިލާފަށް ސަފުގެ ކުރިޔަށް ނުނުކުމެ، އަންހެން އިމާމާ ހުންނަންޖެހޭނީ ސަފުގެ މެދުގައިކަމަށް ބުނާ ބަހުގެ ދަލީލަކީ ކޮބައި ހެއްޔެވެ؟

ޖަވާބު: الحمد لله
ސުވާލުގައިވަނީ ދެބައެކެވެ.
ފުރަތަމައީ: އަންހެނުން ގޭގައި ނަމާދުކުރުން މޮޅުއިތުރުވެގެން ވުމެވެ.
ޝައިޚު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. ” ސުންނަތުން ދަލީލު ލިބެނީ އަންހެނާ ނަމާދުކުރުން އެންމެ މާތްވެގެންވަނީ އޭނާގެ ގޭގައި ކަމަށެވެ. އެއީ އޭނާ ކޮންމެ ތަނެއްގައި ވީނަމަވެސް މެއެވެ. މައްކާގައި ވީނަމަވެސް ނުވަތަ އެހެން ތަނެއްގައި ވީނަމަވެސް މެއެވެ.” އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
( لَا تَمْنَعُوا نِسَاءَكُمْ الْمَسَاجِدَ ، وَبُيُوتُهُنَّ خَيْرٌ لَهُنَّ ) وصححه الألباني في “إرواء الغليل” (515) .މާނައީ: “ތިޔަބައިމީހުންގެ އަންހެންތަކުންނަށް މިސްކިތްތައް ތިޔަބައިމީހުން މަނާނުކުރާ ހުށިކަމެވެ. އެކަނބަލުންގެ ގެތައް އެކަނބަލުންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ.”
މިހެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހުންނަވާފައެވެ. މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި ނަމާދުކުރުމަކީ އެތައް ގުނައެއް ޘަވާބު ބޮޑު ކަމަކަށް ވީހިނދުގައިވެސް މެއެވެ. ސަބަބަކީ އަންހެނާ ގޭގައި ނަމާދު ކުރުމަކީ އޭނާއަށް އެންމެ ރައްކާތެރިކަން ބޮޑު، އެންމެ ފޮރުވުން ބޮޑު، އެންމެ ފިތުނައާ ދުރު ގޮތެވެ. އެހެންކަމުން އެކަނބަލުން ގޭގައި ނަމާދު ކުރުން މޮޅު އިތުރުވެފައި އެކަނބަލުންނަށް ހެޔޮވެގެން ވެއެވެ. انظر الفتاوى الجامعة للمرأة المسلمة ،ج/1 ص/207
ޖަމާޢަތުގައި ކުރެވޭ ނަމާދުގެ ޘަވާބު އިތުރުވުމަކީ ފިރިހެނުންނަށް ޚާއްޞަ ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބި ކަނބަލުންނަށް ޙަދީޘްކުރެއްވިއެވެ. قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي …وَصَلَاتُكِ فِي دَارِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ ..) الحديث رواه أحمد ( مسند باقي الأنصار/25842) وحسنه الألباني في صحيح الترغيب والترهيب برقم 337
“ހަމަކަށަވަރުން ތިބާ އަހަރެންނާއެކުގައި (މިސްކިތުގައި) ނަމާދުކުރުމަށް ލޯބިކުރާކަން އަހަރެންނަށް އެނގެއެވެ. ތިބާގެ ޤައުމުގެ މީހުންނާއެކު މިސްކިތުގައި ތިބާ ކުރާ ނަމާދަށްވުރެ ތިބާގެ ގޭގައި ތިބާކުރާ ނަމާދު ހެޔޮކަންބޮޑުވެގެން ވެއެވެ.”

ދެވަނައީ: އަންހެނަކު، އަންހެނުންގެ ޖަމާޢަތެއްގައި ނަމާދުކުރާނަމަ އިމާމު މީހާ ހުއްޓި ހުންނާނެ ތަނަކީ ޞަފުގެ މެދުކަމަށް އޮތް ދަލީލުގެ ވާހަކައެވެ.
އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ހުރިހާ ޙާލަތެއްގައިވެސް އެފަދައިން، އަންހެނަކު އިމާމުވެ ނަމާދުކުރާނަމަ ސުންނަތްގޮތަކީ އެ އަންހެން މީހާ ސަފުގެ މެދުގައި ހުއްޓި ހުރުމެވެ. އެއީ އަންހެނާއަކީ ޢައުރައަށްވާތީއެވެ.” المغني ج/1ص/347
އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ސުންނަތްގޮތަކީ އަންހެން އިމާމާ ސަފުގެ މެދުގައި ހުރުމެވެ. އެއީ ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ ދެކަނބަލުންގެ ކިބައިން، އެކަނބަލުން އިމާމުވެ އެގޮތަށް ސަފުގެ މެދުގައި ތިއްބަވައިގެން ނަމާދުކުރެއްވިކަމަށް ރިވާވެގެންވާތީއެވެ.” المجموع شرح المهذّب ج/4 ص/192

“އަންހެނުން ޖަމާޢަތެއްގައި ނަމާދުކުރާނަމަ އެބައިމީހުންގެ އިމާމާ ހުންނާނީ އެބައިމީހުންގެ މެދުގައެވެ. އެއީ އެންމެ ފޮރުވިގެންވުން ބޮޑު ގޮތެވެ. އަންހެނުންނަކީ ވީ ކޮންމެ ތަނެއްގައި ވީ ވަރަކުން ފޮރުވިގެން ތިބުމަށް އަމުރުވެވިގެންވާ ބައެކެވެ. އަންހެނަކު އެބައިމީހުންގެ ތެރޭގައި ކައިރީގައި ހުރުމަކީ އޭނާއަށް ފޮރުވިގެން ހުރުން އެންމެ ބޮޑުގޮތެވެ. މިކަމުގެ ދަލީލަކީ ޢާއިޝާ ރަޟިޔަﷲ ޢަންހާ އަދި އުންމު ސަލަމާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވާ އެދެކަނބަލުންގެ ޢަމަލު ފުޅެވެ. އެދެކަނބަލުން އިމާމުވެ ނަމާދުކުރައްވާ ކަމުގައިވާނަމަ އެކަނބަލުންގެ ސަފުގެ މެދުގައި ހުއްޓިވަޑައިގެން ހުންނަވައި ނަމާދުކުރައްވާ ކަމުގައި ވެއެވެ. މިއީ ޞަޙާބިއްޔާތުންގެ ޢަމަލު ފުޅެވެ. އެންމެ ޞައްޙަ ބަހުގައި، ޞަޙާބީންގެ ޢަމަލަކީ އެއާ ޚިލާފުވާ ނައްޞެއް ނެތްހާ ހިނދަކު ޙުއްޖަތެކެވެ. އެންމެ އަންހެނަކާ އެކު އެންމެ އަންހެނަކު ހުއްޓި ހުންނަ ނަމަ، ހުންނާނީ އެންމެ ފިރިހެނަކާއެކު އެންމެ ފިރިހެނަކު ހުއްޓި ހުންނަ ފަދައިންނެވެ. الشرح الممتع لابن عثيمين ج/4 ص/387.
މަރުޖިޢު
الإسلام سؤال وجواب – الشيخ محمد صالح المنجد
https://islamqa.info/ar/12451