މަރުވެފައިވާ ކުއްޖާގެ މަތިން ޢަޤީޤާ ކަތިލުން

ދަރިފުޅު މަރުވީ ވިހެއުމަށްފަހުގައި ނަމަ އެ ދަރިފުޅުގެ މައްޗަށް ޢަޤީޤާ ކަތިލުން ސުންނަތް ވެގެންވެއެވެ.
އެއީ އެކަމުގެ މައްޗަށް އައިސްފައިވާ ޢާއްމު ދަލީލުތަކަށް ބިނާކޮށެވެ.
عن سلمان بن عامر رضي الله عنه أن النبي صلى الله عليه وسلم قال : ” مع الغلام عقيقة ، فأهريقوا عنه دماً وأميطوا عنه الأذى ” . رواه الترمذي ( 1515 ) والنسائي ( 4214 ) صححه الشيخ الألباني رحمه الله في ” الإرواء ” ( 4 / 396) .
ސަލްމާން ބިން ޢާމިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކޮންމެ ކުއްޖަކަށްވެސް ޢަޤީޤާ ކަތިލުން އޮވެއެވެ. ފަހެ އޭނާގެ މަތިން އެއްޗެއް ކަތިލާށެވެ. އަދި އޭނާގެ ކިބައިގައިވާ ހަޑި (އެބަހީ: ބޮލުގެ އިސްތަށިތައް) ފިލުވާލާށެވެ.”
عن سمرة بن جندب رضي الله عنه قال : قال رسول الله صلى الله عليه وسلم ” كُلُّ غُلاَمٍ مُرتَهِنٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُسَمَّى فِيهِ وَيُحْلَقُ رَأْسُهُ ” . رواه الترمذي ( 1522 ) والنسائي ( 4220 ) وأبو داود ( 2838 ) . وصححه الشيخ الألباني رحمه الله في ” الإرواء ” ( 4 / 385 ) .
ސަމުރަތު ބިން ޖުންދުބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކޮންމެ ކުއްޖެއްގެ ފަރާތުންވެސް ޢަޤީޤާ ކަތިލުން ލާޒިމުވެގެންވެއެވެ. އޭނާގެ މަތިން ކަތިލާނީ ހަތްވަނަ ދުވަހުއެވެ. އަދި އެކުއްޖާއަށް ނަން ކިޔައި އެ ކުއްޖާގެ ބޯ ބާލާނީވެސް އެދުވަހުގައެވެ.”
އެކަމަކު ދަރިފުޅު މަރުވީ ފުރާނަ އެޅުއްވުމަށްފަހުގައި ކަމަށް ވާނަމަ (ބަނޑުގައި ޣަރުބަގަތުމަށްފަހު 4 މަސް ފުރުމުގެ ފަހުންކަމަށް ވާނަމަ)، މިސާލަކަށް ވިހޭއިރު މަރުވެފައިވާނަމަ ނުވަތަ ފުރާނަ އެޅުއްވުމަށް ފަހު ދަރިފުޅު ބައިގެން ދިޔަނަމަ އެ ދަރިފުޅުގެ މައްޗަށް ޢަޤީޤާ ކަތިލުން ސުންނަތް ވެގެންވޭތޯ ނުވަތަ ނުވޭތޯ މިއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ މައްސަލައެކެވެ.

1- އެ ދަރިފުޅުގެ މަތިން ޢަޤީޤާ ކަތިލާކަށް ނުޖެހޭނެއެވެ. މިއީ ޙަނަފީންނާއި މާލިކީންގެ ބަސްފުޅެވެ. އެބޭކަލުންގެ ދަލީލަކީ ޢަޤީޤާއާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްގައި އޮތް ބަސްފުޅު تُذْبَحُ عَنْهُ يَوْمَ سَابِعِهِ “އޭނާގެ މަތިން ކަތިލާނީ ހަތްވަނަ ދުވަހުއެވެ” މިއަށް ބަލައެވެ. މިބޭކަލުން ވިދާޅުވަނީ ޢަޤީޤާ ކަތިލަން ޖެހޭނީ 7 ދުވަސްވުމުން ކަމަށެވެ. އޭގެ ކުރިން މަރުވިޔަސް ނުޖެހޭނެ ކަމަށެވެ. އޭގެ ސަބަބަކަށް އެބޭކަލުން ވިދާޅުވަނީ ޢަޤީޤާ އަކީ ދަރިފުޅު ދިރިހުރިކަމަށްޓަކައި އަދި ޞިއްޙަތު ސަލާމަތުން ހުރިކަމަށްޓަކައި ދެވޭ ފިދްޔަ އެއްކަމަށާއި ދަރިފުޅު 7 ދުވަހުގެ ކުރިން މަރުވެއްޖެނަމަ ޢަޤީޤާ ކަތިލަން ނުޖެހޭނެ ކަމަށެވެ. ޙަންބަލީންނާއި ޝާފިޢީން ވިދާޅުވަނީ ވިދާޅުވަނީ ދަރިފުޅު ވިހޭނަމަ އޭގެ ފަހުން 7 ދުވަސް ނުވަނީސް މަރުވިޔަސް ޢަޤީޤާ ކަތިލަން ޖެހޭނެ ކަމަށެވެ.

2- އެ ދަރިފުޅުގެ މަތިން ޢަޤީޤާ ކަތިލަން ޖެހޭނެއެވެ. މި ބޭކަލުން ދަލީލަކަށް ނަންގަވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅެވެ.

(وَالسِّقْطُ يُصَلَّى عَلَيْهِ وَيُدْعَى لِوَالِدَيْهِ بِالْمَغْفِرَةِ وَالرَّحْمَةِ) . رواه أبو داوود صححه الألباني في صحيح الجامع/3525

“އެބޯރޓްވާ ކުއްޖާގެ މައްޗަށް ކަށުނަމާދު ކުރަންޖެހޭނެއެވެ. އަދި ކަށުނަމާދުގައި (އެ ކުއްޖާއަށް ދުޢާކުރުމުގެ ބަދަލުގައި) ފާފަފުއްސެވުމާއި ރަޙްމަތްލެއްވުމަށް އެދި ދުޢާކުރާނީ އެ ކުއްޖާގެ މައިންބަފައިންނަށެވެ.
މިއީ ބަނޑަށް 4 މަސް ދުވަސް ވުމަށްފަހު އެބޯރޓްވިނަމަ އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައި ވެއެވެ. “ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަ ބަހުގައި، ފުރާނަ އެޅުއްވުމަށްފަހު، އެބަހީ ބަނޑަށް 4 މަސްވުމަށްފަހު، ދަރިފުޅު މަރުވެއްޖެނަމަ، ނުވަތަ އެބޯރޓްވެއްޖެނަމަ، އެ ދަރިފުޅު ހިނެއުމާއި، ކަފުންކުރުމާއި، ކަށުނަމާދު ކުރުމާއި، މުސްލިމުންގެ ޤަބުރުސްތާނުގައި ވަޅުލުން ވެއެވެ. އޭގެ ކުރިން މަރުވިނަމަ އެކުއްޖާ ހިނެއުމެއްވެސް، ކަފުންކުރުމެއްވެސް، ކަށުނަމާދު ކުރުމެއްވެސް، ޢަޤީޤާ ކަތިލުމެއްވެސް ނެތެވެ. އެހެނީ އޭރު ފުރާނަ އެޅުއްވިފައި ނުވެއެވެ.” ” فتاوى اللجنة الدائمة ” ( 8 / 408 ) .

ޝައިޚް މުޙައްމަދު ބިން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ.
” ބަނޑަށް ހަތަރުމަސް ފުރުމުގެ ކުރިން އެބޯރޓްވާ ކުއްޖާގެ މަތިން ޢަޤީޤާ ކަތިލަން ޖެހޭނެތޯއެވެ؟”
ޖަވާބުގައި ވިދާޅުވިއެވެ.
“ހަތަރުމަސް ފުރުމުގެ ކުރިން އެބޯރޓްވާ ކުއްޖާގެ މަތިން ޢަޤީޤާ ކަތިލާކަށް ނުޖެހޭނެއެވެ. އަދި އެކުއްޖާއަށް ނަންކިޔާކަށްވެސް ކަށުނަމާދު ކުރާކަށްވެސް ނުޖެހޭނެއެވެ. އަދި ބިމުގެ ކޮންމެ ތަނެއްގައިވެސް ވަޅުލެވިދާނެއެވެ. ހަތަރުމަސް ވުމަށްފަހުގައި އެބޯރޓްވާ ކުއްޖާގެ ވަނީ ފުރާނަ އެޅުއްވިފައެވެ. މިކުއްޖާއަށް ނަން ކިޔުމާއި، ހިނެއުމާއި ކަފުންކުރުމާއި ކަށުނަމާދު ކުރުމާއި އަދި މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލުން ވެއެވެ. އަދި އަހަރެމެން ދެކޭ ގޮތުގައި އެކުއްޖާގެ މައްޗަށް ޢަޤީޤާވެސް ކަތިލަން ޖެހޭނެއެވެ. އެކަމަކު ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކުއްޖާ 7 ދުވަސް ވަންދެން ދިރިނެތް ނަމަ ޢަޤީޤާ ކަތިލާކަށް ނުޖެހޭނެއެވެ. އެކަމަކު ޞައްޙަ ބަސްފުޅަކީ އެކުއްޖާގެ މަތިން ޢަޤީޤާ ކަތިލުމެވެ. އެހެނީ، އެކުއްޖާ ޤިޔާމަތްދުވަހު އަލުން ދިރުއްވޭނެއެވެ އަދި އެ ކުއްޖާގެ މައިންބަފައިންނަށް ޝަފާޢާތްތެރިވާ މީހެއްކަމުގައި ވާނެއެވެ. ” أسئلة الباب المفتوح ” ( السؤال رقم 653 ) .

ޚުލާޞާ

* ދަރިފުޅު މަރުވީ ވިހެއުމަށްފަހުގައި ނަމަ ދަރިފުޅުގެ މައްޗަށް ޢަޤީޤާ ކަތިލުން ސުންނަތްވެގެން ވެއެވެ.
* ދަރިފުޅު މަރުވީ ވިހެއުމުގެ ކުރިން ނަމަ،
ހ- ބަނޑަށް ހަތަރު މަސް ފުރުމުގެ ކުރީގައި ނަމަ ޢަޤީޤާ ކަތިލުމެއް ނެތެވެ.
ށ- ބަނޑަށް ހަރުމަސް ފުރުމުގެ ފަހުން ނަމަ ޢަޤީޤާ ކަތިލުން ސުންނަތް ވެގެން ވެއެވެ.
* އުފަން ވެފައި ޢަޤީޤާ ކަތި ނުލެވި ހުއްޓާ ކުޑަކުއްޖަކު މަރުވެއްޖެ ކުއްޖާގެ މަތިންވެސް ޢަޤީޤާ ކަތިލެވިދާނެއެވެ.
* ޢަޤީޤާ ކަތި ނުލެވި ހުރި ބޮޑު މީހަކަށްވެސް ޢަޤީޤާ ކަތިލެވިދާނެއެވެ.
* ޢަޤީޤާ ކަތި ނުލެވި މަރުވެފައިވާ ބޮޑު މީހެއްގެ މައްޗަށް ޢަޤީޤާ ކަތިލުމެއް ނުވެއެވެ.

 

މަރްޖިޢުތައް
الاستذكار لابن عبد البرِّ (٥/ ٣١٧).
https://islamqa.info/ar/answers/43739
https://islamqa.info/ar/answers/50106