މިސްކިތުގެ އަޑުގަދަކުރާއިން ދުނިޔަވީ ބޭނުންތަކަށް އިޢުލާނު ގޮވުން

މިސްކިތްތަކަކީ ބިންމަތީގައިވާ ﷲ ގެ ގެކޮޅުތަކެވެ. އެއީ އަޅުކަންކުރުމަށާއި ﷲ އަށް ޛިކްރުކުރުމަށް ބިނާކުރެވިފައިވާ ތަންތަނެވެ.
މިސްކިތުގައި އަޑުގަދަކުރާއިން ކުރެވޭ އިޢުލާނު ދަންނައެވެ.
1- ﷲ އަށް ކިޔަމަންގަތުމުގެ މައްޗަށް ކުރެވޭ އިޢުލާނު: މިފަދަ ކަންކަން މިސާލަކަށް ޢާޝޫރާ ދުވަހު ރޯދަ ހިފަން ހަނދުމަކޮށްދިނުން، ދަރުސެއް އޮންނާނެކަން އެންގުމަށް ކުރެވޭ އިޢުލާނު، އިސްތިސްޤާ ނަމާދު، ކޭތަ ނަމާދު ފަދަ ނަމާދުތައް އޮންނާނޭކަން އެންގުމަށްޓަކައި ކުރެވޭ އިޢުލާނު ހުއްދަވެގެން ވެއެވެ.

2- ފައިދާއެއް ޤަޞްދުކުރެވޭ ވިޔަފާރިއެއްގެ އިޢުލާނު: މީގެ މިސާލަކީ އެއްޗެއް ވިއްކާ ވާހަކަ ނުވަތަ މިވެނި ތަނެއްގައި މިވެނި އެއްޗެއް ލިބެން ހުރި ވާހަކަ މިސްކިތުގެ އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވުމެވެ. މިފަދަ އިޢުލާނަކީ ކުރުން ހުއްދަވެގެންވާ އިޢުލާނެއް ނޫނެވެ. އެހެނީ މިސްކިތުގައި ވިޔަފާރީގެ މުޢާމަލާތް ކުރުމާއި ވިޔަފާރި އިޢުލާނު ކުރުމާއި ވިޔަފާރީގެ އެހެންކަންކަން ވިޔަސް ކުރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. ވިޔަފާރީގެ ގޮތުގައި ނުވިއްކާ ހިލޭ ބަހާ އެއްޗެއް ނަމަ ޙާޖަތްޖެހިފައިވާ މީހުންނަށް އެކަން އެންގުމަށްޓަކައި އެ ވާހަކަ މިސްކިތުގެ އަޑުގަދަކުރާއިން އިޢުލާނު ކުރުމުގައި މައްސަލައެއް ނެތެވެ.

عن أَبي هُرَيْرَةَ رضي الله عنه قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَنْ سَمِعَ رَجُلًا يَنْشُدُ ضَالَّةً فِي الْمَسْجِدِ فَلْيَقُلْ لَا رَدَّهَا اللَّهُ عَلَيْكَ ، فَإِنَّ الْمَسَاجِدَ لَمْ تُبْنَ لِهَذَا ). {رواه مسلم في صحيحه (568)}

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މީހަކު އެއްޗެއް ގެއްލިގެން އޭތި ހޯދުމަށްޓަކައި މިސްކިތުގައި އިޢުލާނުކުރާ އަޑު މީހަކަށް އިވެއްޖެނަމަ ފަހެ މިފަދައިން ބުނާށެވެ. “ﷲ ތިބާއަށް އެ އަނބުރާ ރައްދުނުކުރައްވާށިއެވެ!” ފަހެ ހަމަކަށަވަރުން މިސްކިތްތައް ބިނާކުރެވިގެންވަނީ މިކަމަކަށް ނޫނެވެ.”
عَنْ عَمْرُو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ قَالَ: (نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الشِّرَاءِ وَالْبَيْعِ فِي الْمَسْجِدِ. {رواه أحمد (6676) ، وأبو داود (1079) ، والنسائي (714) والحديث حسنه الألباني في “صحيح أبي داود”، وشعيب الأرنؤوط في تحقيق المسند.}
ޢަމްރޫބިން ޝުޢައިބު އެކަލޭގެފާނުގެ ބައްޕާފުޅު، އެކަލޭގެފާނުގެ ކާފާފުޅުގެ ކިބައިން ރިވާ ކުރެއްވިއެވެ. ” މިސްކިތުގައި ގަތުމާއި ވިއްކުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ.”
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: (إِذَا رَأَيْتُمْ مَنْ يَبِيعُ أَوْ يَبْتَاعُ فِي الْمَسْجِدِ فَقُولُوا : لَا أَرْبَحَ اللَّهُ تِجَارَتَكَ ، وَإِذَا رَأَيْتُمْ مَنْ يَنْشُدُ فِيهِ ضَالَّةً فَقُولُوا : لَا رَدَّ اللَّهُ عَلَيْكَ){. رواه الترمذي (1321) والحديث صححه الألباني في “صحيح الترمذي”.}

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މިސްކިތުގައި އެއްޗެއް ވިއްކަނިކޮށް ނުވަތަ ގަންނަނިކޮށް ތިބާއަށް ފެނިއްޖެނަމަ ފަހެ މިފަދައިން ބުނާށެވެ. “ތިބާގެ ވިޔަފާރީގައި ﷲ ތަޢާލާ މަންފާ ނުލައްވާށި!” އަދި މިސްކިތުގައި އެއްޗެއް ގެއްލިގެން އެ ހޯދުމަށްޓަކައި މީހަކު އިޢުލާނުކުރަނިކޮށް ފެނިއްޖެނަމަ ފަހެ މިފަދައިން ބުނާށެވެ. “ﷲ ތަޢާލާ ތިބާއަށް އެ އަނބުރާ ރައްދުކޮށްނުދެއްވާށިއެވެ!”
“فتاوى اللجنة الدائمة” (6/ 282): ގެ ފަތުވާގައިވާގޮތުން ވިއްކާ މުދާ ވިއްކާކަން އިޢުލާނު ކުރުންވެސް ނަހީވެގެން ވެއެވެ. އެއީވެސް ވިޔަފާރީގެ ތެރެއަށް ވަންނަ ކަމެކެވެ.
ވީމާ މަތީގައިވާ ދަލީލުތަކަށް ބަލާއިރު، ވިޔަފާރީގެ ބޭނުންތަކުގައި އަދި އެކި އެކި ދުނިޔަވީ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި މިސްކިތް ބޭނުންކުރުމަކީ ހުއްދަކަމެއް ނޫންކަން އެނގެއެވެ. ވިޔަފާރިއަކަށް ނުވާ، އިމަޖެންސީއެއްގެ ސަބަބުން ކުރާ އިޢުލާނު މިސާލަކަށް ތަނެއްގައި އަލިފާން ރޯވެގެން ނިއްވާލުމަށްޓަކައި ގޮވާލުން ހުއްދަކަމެއް ކަމުގައިވީނަމަވެސް، ޢާއްމުގޮތެއްގައި ދުނިޔަވީ އެކި އެކި އެއްވުންތަކާއި ކަންތައްތަކަށް މިސްކިތުގެ އަޑުގަދަކުރާ ބޭނުންކުރުމަކީ މިސްކިތް އެކަމަކަށްޓަކައި ބިނާކުރެވުނު މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެއެވެ. އަދި އެއީ މިސްކިތުގެ ޙުރުމަތް އޭގެ ސަބަބުން ގެއްލޭ ކަމެކެވެ. އެހެންކަމުން އެކި އެކި ކަންކަމަށް މިސާލަކަށް ކުޅިވަރު މުބާރާތްތަކާއި، ތަކެތި ނީލަންކިޔުމާ ބެހޭ އިޢުލާނާއި މަސްވިއްކާ ވާހަކައާއި މިބާވަތުގެ އިޢުލާނުތައް މިސްކިތުގެ އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވުމަކީ ހުއްދަކަމެއް ނޫނެވެ.

 

މަރްޖިޢުތައް
https://islamqa.info/ar/answers/112044
https://islamqa.info/ar/answers/145198