މިސްކިތް ބިނާކުރުމަށްޓަކައި ޒަކާތުގެ ފައިސާ ބޭނުން ކުރުން

ސުވާލު: މިސްކިތް ބިނާކުރުމަށްޓަކައި ޒަކާތުގެ ފައިސާ ބޭނުން ކުރެވިދާނެތޯއެވެ؟

މިސްކިތް ބިނާކޮށް، މަރާމާތުކުރުންފަދަ ކަންތައްތަކަށް ޒަކާތުގެ ފައިސާ ހޭދަކުރެވިދާނެތޯ ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީއާ ސުވާލުކުރެވުނެވެ. ޖަވާބުގައި ވިދާޅުވިއެވެ.

“ޒަކާތަކީ މި އާޔަތުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ 8 ބަޔަށް ބަހާ އެއްޗެކެވެ.

﴿ إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ فَرِيضَةً مِّنَ اللَّـهِ وَاللَّـهُ عَلِيمٌ حَكِيمٌ ﴾ -سورة التوية ٦٠-

މާނައީ: ‘ޒަކާތުގެ ތަކެތި ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެބައިމީހުންގެ ހިތްތައް އެކުވެރި ކުރައްވާ މީހުންނަށާއި (އަލަށް އިސްލާމްވާ މީހުންނަށާއި)، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައްޔާއި، (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށް މެނުވީ ނުވެއެވެ. ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. އަދި ﷲއީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.”

މިސްކިތްތަކަކީ އާޔަތުގައި ބަޔާންވެފައިވާ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ބައެއް ނޫނެވެ. އެހެންކަމުން ޒަކާތުގެ ފައިސާ ހޭދަކުރަންވާނީ ހަމައެކަނި އާޔަތުގައި ކަނޑައަޅާ ނިންމަވާފައިވާ 8 ބަޔަށް އެކަންޏެވެ.

 

المصدر: فتاوى إسلامية 2/91

 

ފަތުވާގެ އަޞްލު ބައްލަވާ:

https://islamqa.info/ar/answers/12330/