މަޣްރިބު ނަމާދުގެ ވަޤުތު ނިމެނީ ކޮން އިރަކު

މަޣްރިބު ނަމާދުގެ ވަޤުތަކީ އިރު އޮއްސުނީއްސުރެ ފެށިގެން، ޢިޝާ ނަމާދުގެ ބަންގި ގޮވަންދެން ކަމަށް ވަރަށް ގިނަ މީހުން ހީކުރެއެވެ. ޙަޤީޤަތުގައި މަޣްރިބް ނަމާދުގެ ވަޤުތަކީ އިރު އޮއްސުނީއްސުރެ ރަތް ވިލާ އޮއްސެންދެނެވެ.

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنهما أَنَّهُ قَالَ : قَالَ رَسُولُ اللَّهِ صلى الله عليه وسلم : (وَقْتُ صَلاَةِ الْمَغْرِبِ إِذَا غَابَتِ الشَّمْسُ مَا لَمْ يَسْقُطِ الشَّفَقُ ، وَوَقْتُ صَلاَةِ الْعِشَاءِ إِلَى نِصْفِ اللَّيْلِ) رواه مسلم (612) .

ޢަބްދުﷲ ބިން ޢަމްރޫ ބިން އަލްޢާޞްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މަޣްރިބް ނަމާދުގެ ވަޤުތަކީ އިރު އޮއްސުނީއްސުރެ ފެށިގެން ރަތްވިލާ އޮއްސުމަށް ދަންދެނެވެ. ޢިޝާ ނަމާދުގެ ވަޤުތު ރޭގަނޑު ދެބައިވަންދެނެވެ.”

ޢިލްމުވެރިން ވިދާޅުވާގޮތުގައި އެވަޤުތު އިރު އޮއްސޭ ވަޤުތުން ފެށިގެން ގަޑިއެއްހާއިރު ތެރޭގައި ނިމޭނެއެވެ. މިސާލަކަށް އިރު އޮއްސެނީ 6.15 ގައި ނަމަ 7.15 ހާ އިރު އެ ވަޤުތު ނިމޭނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން، ޢިޝާ ނަމާދު ބަންގި ގޮވަން ކައިރިވުމުން މަޣްރިބް ނަމާދަށް އަރައި، މަޣްރިބް ނަމާދުކޮށްލާފައި މާ ގިނަ އިރެއް ނުވެ ޢިޝާ ނަމާދަށް ބަންގި ދިނުމުން އިޝާ ނަމާދު ކުރާ (ދެ ނަމާދު ދާދި ގާތްގާތުގައި ކުރާ) ކުރުމާ މެދު ވިސްނާލަން ޖެހެއެވެ. އެއީ މަޣްރިބް ނަމާދުގެ ވަޤުތުން ބޭރުގައި އެ ނަމާދު ކުރުމެވެ.

ބައްލަވާ:

شرح مسلم للنووي

الموسوعة الفقهية ( 27 / 317 )