ލޯ ތޮޅުމާ ބެހޭ ގޮތުން ދިވެހި މުޖްތަމަޢުގައި ބޯދާ، އަޞްލެއްނެތް ޤަބޫލު ކުރުންތަކެއް އޮވެއެވެ. އެއީ ހަމައެކަނި ދިވެހި މުޖްތަމަޢުގައި އޮންނަ ޚުރާފީ ޤަބޫލުކުރުމެއް ނޫނެވެ. ބޭރުގެ ބައެއް މުޖްތަމަޢުތަކުގައިވެސް އޮންނަ ޤަބޫލު ކުރުމެކެވެ. އެގޮތުން ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި ކަނާއަތު ލޯ ތޮޅުމަކީ އެއީ ރަނގަޅު ކަމެއް ވާން އުޅޭ ކަމުގެ ނިޝާނެވެ. އަދި ވައަތު ލޯ ތޮޅުމަކީ ގޯސްކަމެއް ނުވަތަ ބަދު ނަސީބުކަމެއް މެދުވެރިވާން އުޅޭ ކަމުގެ ނިޝާނެވެ. މިފަދަ ބޯދާ ޤަބޫލު ކުރުންތަކާމެދު އިސްލާމްދީން ދެކެނީ ކިހިނެއްތޯ، އަދި އެފަދަ ކަންކަމުގައި އެއްވެސް ޙަޤީޤަތެއް ވޭތޯ، އެއީ ކިހިނެއް ދިމާވާ ކަމެއްތޯ މިއީ ހިތުގައި އުފެދިދާނެ ބައެއް ސުވާލުތަކެވެ.
ފުރަތަމަކަމަކަށް، ލޯ ނުވަތަ ހަށިގަނޑުގެ އެހެން އެއްވެސް ގުނަވަނަކަށް ތޮޅުން ނުވަތަ އެފަދަ ކަމެއް ދިމާވުމަކީ އެއީ އެއްވެސް ޙާލެއްގައި ހެޔޮ ނުވަތަ ނުބައި ކަމަކާއި ގުޅުން ހުރި ކަމެއް ނޫނެވެ. އެއީ ހަށިގަނޑަށް ކުރިމަތިވާ ތަބީޢީ ކަމެކެވެ. އިންސާނާގެ ހަށިގަނޑުގައި ޣައިބު އެނގޭ އެއްވެސް ގުނަވަނެއް ނުވެއެވެ. ރަނގަޅު ކަމެއް ވާން އުޅޭކަން ނުވަތަ ނުބައިކަމެއް ވާން އުޅޭކަން އިންސާނާގެ އެއްވެސް ގުނަވަނަކަށް ނޭނގޭނެއެވެ. އެއީ ޣައިބުގެ ޢިލްމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ހަމައެކަނި ﷲ އަށް ޚާއްޞަވެގެންވާ ކަންކަމެވެ. އެފަދަ ބޯދާ ޤަބޫލު ކުރުންތައް ޤަބޫލު ކުރުމަކީ އެއީ އެ ޤަބޫލު ކުރާ ގޮތަކުން ޝިރުކަށްވެސް ހިނގައިދާނެ ކަމެކެވެ. އެއީ ޖަހިލިއްޔަ ޒަމާނުގެ ޚުރާފާތްތަކުގެ ތެރެއިން ނަޤުލުވެފައިވާ ކަންކަމެވެ. ސުންޕާކަން ޤަބޫލުކުރުމާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَال : لَا عَدْوَى وَلَا طِيَرَةَ “. رواه البخاري (5776) ومسلم (2224)
އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ބަލި އެއީ އޭގެ ޛާތުގައި ﷲ ގެ އިޛްނަފުޅާ ނުޅާ އެކަކު އަނެކެއްގެ ގައިންގަޔަށް އަރާ އެއްޗެއްކަމުގައި ޤަބޫލުކުރުމާއި ސުންޕާކަން ޤަބޫލުކުރުމެއް ނުވެއެވެ.”
މިޙަދީޘްގައި މިވާ ޠީރަތު އަކީ ސުންޕާކަމެވެ. އެއީ އުދުހިފައިދާ ދޫންޏަކުން ނުވަތަ އިވޭ އަޑަކުން ނުވަތަ ފެންނަ ކޮންމެވެސް އެއްޗަކުން ތިމާއަށް ނުވަތަ ތިމާކުރަން އުޅޭ ކަމަކަށް ދެރަކަމެއް ނުވަތަ ސުންޕާކަމެއް މެދުވެރިވެދާނެ ކަމަށް ޤަބޫލު ކުރުމެވެ. މިސާލަކަށް؛ ކަމެއް ކުރަން އުޅޭ ވަޤުތު ކާޅެއް، ބަކަމޫނެއް، ނުވަތަ ދޫންޏެއް ގޮވާލައިފިނަމަ، އެކުރަން އުޅޭ ކަމެއް ހުއްޓާލުން، އެކަމުގެ ސަބަބުން ދެރަކަމެއް ވަނީ ކަމަށް ޤަބޫލުކުރުމެވެ. ފަހެ ލޯ ތޮޅުންވެސް ވަންނަނީ މީގެ ތެރެއަށެވެ. އެއީ ލޯ ތޮޅުމަކީ ރަނގަޅު ކަމެއް ވާން އުޅޭ ކަމަށް ނުވަތަ ގޯސްކަމެއް ވާން އުޅޭކަމަށް ޤަބޫލުކުރުމެވެ. މިއީ ތައުޙީދާ ފުށުއަރާ ކަމެކެވެ.
ކަނާތު ލޯތޮޅުމަކީ ހެޔޮ ކަމެއް ކަމުގައި އަދި ވާތު ލޯ ތޮޅުމަކީ ނުބައި ކަމެއް ކަމުގައި ނުވަތަ އެއީ އަންހެން ކުއްޖެއް ލިބެން އުޅޭ ކަމުގެ ޢަލާމާތެއްކަމުގައި ނުވަތަ އެހެން ކަމެއްގެ ޢަލާމާތެއް ކަމުގައި ޤަބޫލުކުރުމަކީ ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެއްވެސް ދަލީލެއް އެކަމުގައި އައިސްފައިވާ ކަމެއް ނޫނެވެ. އެފަދަ ކަންކަން އިޢުތިޤާދުކޮށް ގަބޫލު ކުރުމަކީ ޖާހިލިއްޔަތުގެ ނުބައި ޢަޤީދާ ތަކުގެ ތެރެއިން ވާ ކަންކަމެވެ. އަދި އެއީ ﷲ އާމެދު އޮންނަ ޢަޤީދާއަށް ބުރޫއަރައި، ﷲ އާ މެދު އޮންނަ އިތުބާރާމެދު ޝައްކުއުފެދޭނޭ ކަމެކެވެ. ﷲ އަށް ވަކީލުކުރުން ނަފީކުރާ ކަމެކެވެ.
ދެވަނަކަމަކަށް، ލޯތޮޅުމަކީ ކީއްވެގެން ދިމާވާކަމެއްތޯ، މި ސުވާލުގެ ޖަވާބުގައި ޞިއްޙީ މާހިރުން ވިދާޅުވަނީ އެއީ ހަށިގަނޑަށް ދިމާވާ ބައެއް ޙާލަތްތަކުގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށެވެ. އެކަމުގެ ބައެއް ސަބަބުތަކުގެ ތެރޭގައި ވަރުބަލިވުމާއި ހާސްވެ ކަންބޮޑުވުމާއި، މާގިނައިން ކެފެއިން ބޭނުން ކުރުމާއި، ލޯ ހިކުން ފަދަ ސަބަބުތައް ބައެއް މެޑިކަލް ލިޔުންތަކުގައި ޛިކްރުކޮށްފައިވެއެވެ.
މަރްޖިޢުތައް
https://islamqa.info/ar/answers/45694