ދަރަނިވެރިޔާ ދަރަނިއަދާ ކުރުމަށް ޒަކާތުން ލިބޭ ފައިސާ އެހެން ބޭނުމަކަށް ބޭނުން ކުރެވިދާނެތޯ؟

ސުވާލު: އަހަރެން ގެ ދަރަނި އެބަހުއްޓެވެ. އެ ދަރަނި އަދާކުރުމަށް އަހަރެން ޒަކާތުގެ ފައިސާ ނަގަމެވެ. އެ ފައިސާ އިން އެ ދަރަނި އަދާކުރުން ފަސްކޮށްލާފައި އެފައިސާ އިން އަހަރެން ބޭނުންވާ އެހެން އެއްޗެހި ގަތުމަކީ ހުއްދަ ކަމެއް ތޯއެވެ؟

ޖަވާބު: ދަރަނި ވެރިއަކަށް ދަރަނި އަދާކުރުމަށް ދޭ ޒަކާތުގެ ފައިސާ ބޭނުންކުރަން ވާނީ އޭނާގެ ދަރަނި އަދާކުރުމަށެވެ. އަދި ދަރަނި އަދާކުރުން ނޫން އެހެން ބޭނުމަކަށް އެ ފައިސާ ބޭނުންކޮށްގެން ނުވާނެއެވެ. އެހެނީ އޭނާއަށް އެފައިސާ ދެވިގެންއެވަނީ އޭނާގެ ދަރަނި އަދާކުރުމަށްޓަކައެވެ. އޭނާގެ އަމިއްލަ ބޭނުންތައް ފުއްދުމަކަށް ނޫނެވެ.

އަލްބަހޫތީ ރަޙިމަހުﷲ ކައްޝާފުލް ޤިނާޢިގައި ވިދާޅުވެފައިވެއެވެ. “ދަރަނިވެރިޔަކަށް، އޭނާގެ ދަރަނި އަދާކުރުމަށްޓަކައި (ޒަކާތުން) ފައިސާ ދެވިއްޖެނަމަ، އޭނާއަކީ ފަޤީރެއްކަމުގައި ވިޔަސް އެފައިސާ އެހެންކަމަކަށް ބޭނުން ކުރުން އޭނާއަށް ހުއްދަވެގެންނުވެއެވެ. އެހެނީ އޭނާ އެ ދަރަނި އެ ނަގަނީ ވަކިކަމަކަށް ޚާއްޞަކޮށް އެކަން ކުރުމަށްޓަކައެވެ.” كشاف القناع” (2/283) 

 

މަރްޖިޢު: https://islamqa.info/ar/answers/97252