ފަރްޟު ނަމާދެއްކޮށްފައި ނުވަތަ ނަމާދެއްގެ ރަވާތިބު ސުންނަތްކޮށްފައި އޭގެ ފަހުގައި އިސްތިޚާރާ ދުޢާ ކިޔައި އެއީ އިސްތިޚާރާ ނަމާދު ކަމުގައި ބެލިދާނެތޯ؟

ބުޚާރީ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީހުގައި ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.
عن جابر بن عبد الله رضي الله عنه قال : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَلِّمُنَا الِاسْتِخَارَةَ فِي الْأُمُورِ كُلِّهَا كَمَا يُعَلِّمُنَا السُّورَةَ مِنْ الْقُرْآنِ يَقُولُ: ( إِذَا هَمَّ أَحَدُكُمْ بِالْأَمْرِ فَلْيَرْكَعْ رَكْعَتَيْنِ مِنْ غَيْرِ الْفَرِيضَةِ ثُمَّ لِيَقُلْ اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وأَسْتَقْدِرُكَ بقُدْرَتِكَ، وأَسْأَلُكَ مِن فَضْلِكَ العَظِيمِ، فإنَّكَ تَقْدِرُ ولَا أقْدِرُ، وتَعْلَمُ ولَا أعْلَمُ، وأَنْتَ عَلَّامُ الغُيُوبِ، اللَّهُمَّ إنْ كُنْتَ تَعْلَمُ أنَّ هذا الأمْرَ خَيْرٌ لي في دِينِي ومعاشِي وعَاقِبَةِ أمْرِي – أوْ قالَ عَاجِلِ أمْرِي وآجِلِهِ – فَاقْدُرْهُ لي ويَسِّرْهُ لِي، ثُمَّ بَارِكْ لي فِيهِ، وإنْ كُنْتَ تَعْلَمُ أنَّ هذا الأمْرَ شَرٌّ لي في دِينِي ومعاشِي وعَاقِبَةِ أمْرِي – أوْ قالَ في عَاجِلِ أمْرِي وآجِلِهِ – فَاصْرِفْهُ عَنِّي واصْرِفْنِي عنْه، واقْدُرْ لي الخَيْرَ حَيْثُ كَانَ، ثُمَّ أرْضِنِي قالَ: (وَيُسَمِّي حَاجَتَهُ) رواه البخاري (1166)
ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ކީރިތި ޤުރްއާނުގެ ސޫރަތްތައް އުނގަންނަވައިދެއްވާ ފަދައިން، އަހަރެމެންނަށް ކުރިމަތިވާ ހުރިހާ ކަމެއްގައިވެސް އިސްތިޚާރާ ނަމާދު ކުރުމަށް އުނގަންނަވައިދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއް ކުރުމަށް ޤަޞްދުކޮށްފި ހިނދު ފަރްޟު ނަމާދު ނޫން ދެރަކްޢަތް ކުރާހުށިކަމެވެ. އަދި އޭގެފަހުގައި މި ދުޢާ ކިޔާހުށިކަމެވެ. اللَّهُمَّ إنِّي أسْتَخِيرُكَ بعِلْمِكَ وأَسْتَقْدِرُكَ بقُدْرَتِكَ، وأَسْأَلُكَ مِن فَضْلِكَ العَظِيمِ، فإنَّكَ تَقْدِرُ ولَا أقْدِرُ، وتَعْلَمُ ولَا أعْلَمُ، وأَنْتَ عَلَّامُ الغُيُوبِ، اللَّهُمَّ إنْ كُنْتَ تَعْلَمُ أنَّ هذا الأمْرَ خَيْرٌ لي في دِينِي ومعاشِي وعَاقِبَةِ أمْرِي – عَاجِلِ أمْرِي وآجِلِهِ – فَاقْدُرْهُ لي ويَسِّرْهُ لِي، ثُمَّ بَارِكْ لي فِيهِ، وإنْ كُنْتَ تَعْلَمُ أنَّ هذا الأمْرَ شَرٌّ لي في دِينِي ومعاشِي وعَاقِبَةِ أمْرِي – عَاجِلِ أمْرِي وآجِلِهِ – فَاصْرِفْهُ عَنِّي واصْرِفْنِي عنْه، واقْدُرْ لي الخَيْرَ حَيْثُ كَانَ، ثُمَّ أرْضِنِي އަދި ޙަދީޘް ކުރެއްވި އެވެ. “ދެން އޭނާ އިސްތިޚާރާ ކުރަން ބޭނުންވާ ކަންތައް ދަންނަވާށެވެ.”

ފަރްޟު ނަމާދުގެ ފަހުގައި އިސްތިޚާރާގެ ދުޢާ ކިޔުމުން، އިސްތިޚާރާގެ ސުންނަތް ޙާޞިލް ނުކުރެވޭނެކަމަށް މި ޙަދީޘުން ދަލާލަތުކުރެއެވެ. މިކަމުގައި ފަރްޟު ނަމާދާމެދު މިކަން މިގޮތަށް އޮންނާތީ، ބައެއް ޢިލްމުވެރިން ރަވާތިބު ސުންނަތްތައް ވެސް ފަރްޟުނަމާދާ އެއް ބީދައަކުން ޢަމަލުކުރައްވައެވެ. އިސްތިޚާރާ ނަމާދަށް ޚާއްޞަކޮށް ކުރާ މުސްތަޤިއްލު ވަކި ދެރަކްޢަތުން ނޫނީ އިސްތިޚާރާކުރުން ޙާޞިލް ނުކުރެވޭނެކަމަށް ބައެއް ޢިލްމުވެރިން ޞަރީޙަ ޢިބާރާތުން ވިދާޅުވެފައިވެއެވެ.
އަލްޢައިނީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އައްޝައިޚް މުޙްޔުއްދީން ވިދާޅުވިއެވެ. ބޭރުފުށުން ދޭހަވާ މާނައަކީ ރަވާތިބު ސުންނަތުގެ ދެރަކްޢަތާއި މިސްކިތު ސުންނަތުގެ ދެ ރަކްޢަތާއި އެނޫންވެސް ސުންނަތް ނަމާދުތަކުން އިސްތިޚާރާ ޙާޞިލްވުމެވެ. އަހުރެން ބުނީމެވެ. މިކަމުގައި އޭނާ ބައްލަވާފައި އެވަނީ ހަމައެކަނި ލަފުޒުގެ ބޭރުފުށަށެވެ. ސުންނަތް ނަމާދުތައް ތަބާވާހުށީ ފަރުޟަށެވެ. ފަރްޟު ނަމާދު އިސްތިސްނާކުރާނަމަ އެހެނިހެން ސުންނަތް ނަމާދުތައްވެސް އިސްތިސްނާކުރަން ޖެހޭނެއެވެ. އެހެނީ ސުންނަތް ނަމާދުތަކަކީ ފަރްޟު ނަމާދުތަކަށް ތަބަޢަވާ އެއްޗެކެވެ. އޭރުން މުރާދުކުރެވޭނީ އިސްތިޚާރާ ޙާޞިލްކުރެވޭނީ ވަކި ޚާއްޞަ ދެރަކްޢަތް އިސްތިޚާރާއަށް ޚާއްޞަކޮށް ކޮށްގެންކަމަށެވެ.” شرح أبي داود (5/450)
އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު ( فَلْيُصَلِّ رَكْعَتَيْنِ مِنْ غَيْرِ الْفَرِيضَةِ) “ފަރްޟު ނަމާދު ނޫން ދެރަކްޢަތް ކުރާހުށިކަމެވެ.” އާމެދު ޢިލްމުވެރިން މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. ރަވާތިބު ސުންނަތް ކޮށްފައި އިސްތިޚާރާ ދުޢާ ކިޔައިފިނަމަ މަޤްޞަދު ޙާޞިލްވާނެތޯ ނުވަތަ އިސްތިޚާރާއަށް ޚާއްޞަކޮށް މުސްތަޤިއްލު ދެ ރަކްޢަތް ކުރަން ޖެހޭނެތޯއެވެ؟ ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު مِنْ غَيْرِ الْفَرِيضَةِ “ފަރްޟު ނަމާދު ނޫން” ގައި ހުރިހާ ސުންނަތް ނަމާދެއް ރަވާތިބު ސުންނަތާއި މިސްކިތު ސުންނަތާއި ވުޟޫގެ ސުންނަތަށް ދަންދެން ހިމެނޭކަމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވަނީ އިސްތިޚާރާއަށް މީގެން ސުންނަތް ނަމާދެއް ފުދޭނެކަމަށެވެ. އޭރުން ރަވާތިބު ސުންނަތުގެ ދެ ރަކްޢަތްކޮށްފައި އިސްތިޚާރާގެ ދުޢާ ކިޔުމަކަށް މަނަލެއް ނެތެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘް ބަސްފުޅުން ދަލާލަތު ކުރަނީ އިސްތިޚާރާ ނަމާދަކީ ވަކި މުސްތަޤިއްލު ނަމާދެއްކަމުގައި ވިދާޅުވާ ޢިލްމުވެރިން ވިދާޅުވަނީ ވަކި މުސްތަޤިއްލު ދެރަކްޢަތް އިސްތިޚާރާއަށް ޚާއްޞަކޮށް ކުރުމުން ނޫނީ ނުފުދޭނެ ކަމަށެވެ. އަހަރުންގެ ގާތުގައި އެންމެ ޞައްޙަކަން ބޮޑު ބަސްފުޅަކީ މިއީއެވެ. “لقاء الباب المفتوح” لقاء رقم (206)
ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައި އައިސްފައިވެއެވެ. “އިސްތިޚާރާކުރުމަށްޓަކައި މުސްތަޤިއްލު ނަމާދެއް ކުރަންޖެހޭނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްގައި މިފަދައިން ޙަދީޘްކުރައްވާފައިވާތީއެވެ. إذا هم أحدكم بالأمر فليصل ركعتين من غير الفريضة ތިޔަބައިމީހުން ކުރެ މީހަކު ކަމެއް ކުރުމަށް ޤަޞްދުކޮށްފި ހިނދު، ފަރްޟު ނަމާދު ނޫން ދެ ރަކްޢަތް ކުރާހުށިކަމެވެ. ވަﷲ އަޢުލަމު” “فتاوى اللجنة الدائمة” (6/158) ”

މަޞްދަރު
https://islamqa.info/ar/answers/164730