މުސްލިމަކަށް ނުވަތަ އިސްލާމަކަށް މީހާ ވެގެން ދަނީ ވަކި ޝަރުތު ތަކެއް ހަމަވެގެންނެވެ. އިސްލާމްކަމުގެ ޝަރުޠުތަކަކީ ނުވަތަ ރުކުންތަކަކީ އެ ރުކުންތަކާ ނުލައި އެމީހެއްގެ އިސްލާމްކަން ސައްޙަ ނުވާ ރުކުންތަކެކެވެ. އިސްލާމްކަމަކީ ކޮބާ ކަން ބަޔާންކޮށް ދިނުމުގެ ގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އިސްލާމްކަމަކީ، ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް  ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި (މުދަލު) ޒަކާތްދިނުމާއި ރަމަޟާންމަހު ރޯދަހިފުމާ އަދި ކުޅަދާނަވެ އެކަމަށް މަގުފަހިވެއްޖެމީހާ ގެފުޅަށްގޮސް ޙައްޖުވުމެވެ.” (ސަޙީޙު އަލްބުޚާރީ) މި ފަސް ކަމުގެ ތެރެއިން އެންމެ ފުރަތަމަ އެވަނީ އެންމެ މުހިއްމު އަދި އެންމެ ހައްސާސް ކަންތަކެވެ. އެހެނީ މުސްލިމަކަށް މީހާ ވެގެންދާ ޝަރުޠެވެ. އެއީ ޝަހާދަތުގެ ދެ ކަލިމަ ކިޔާ އެ ދެކަލިމައަށް އީމާންވުމެވެ. މިއީ ހިތުގެ ޢަމަލެވެ. އަދި މީހާގެ ވިސްނުން ނުވަތަ ޢަޤީދާ ބައްޓަން ކުރަންޖެހޭ މަރުޙަލާއެވެ. لاَ إِلَهَ إِلاَّ اللهُ ހަމައެކަނި ދުލުން ކިޔައިލުމަކުން ނުފުދެއެވެ. ނަމަވެސް އޭގެ މާނަ އާއި މަފްހޫމު ދެނެގަނެ އެކަލިމަ ވާޖިބުކުރާ ކަންތަކަށް ޢަމަލުކޮށް އޭގެ ޝަރުޠުތައް ފުރިހަމަ ކުރުން ވެސް ލާޒިމްވެގެންވެއެވެ.

މިއިން އެއްވެސް ކަމަކަށް ނުރުހި ރުޅިއަރާ އިންކާރުކޮށް ނުވަތަ ޤަބޫލުކުރުން ދޫކޮށްލާފި މީވާވެސް ދީނުގެ ތަރަޙައިން ބޭރުވެގެން ދެއެވެ. އެހެންކަމުން އިސްލާމް ދީނުން ބޭރު ނުވާގޮތަށް އަހަރެމެންގެ ޤަބޫލުކުރުމާއި، ބަސްތަކާއި، ޢަމަލުތައް ބަހައްޓަން ޖެހޭނެއެވެ.

‏‏އިސްލާމްދީނުގައި އެންމެ މަތިވެރި މަޤާމެއް ދެއްވާފައިވާ އަޅުކަމަކީ ނަމާދެވެ. ނަމާދަކީ ދީނުގެ އެހެން އެއްވެސް ‏‏އަޅުކަމަކަށް ވާޞިލު ނުވެވޭނެ ފަދަ މަތިވެރި މަޤާމެކެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އެއީ އެ ތަނބަކާއި ނުލައި ‏‏(އަޅާގެ) ދީން ބިނާ ނުވާނެ ތަނބެވެ. ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. رَأْسُ الْأَمْرِ ‏الْإِسْلَامُ، وَعَمُودُهُ الصَّلَاةُ-  رواه الإمام الترمذي (2616) بإسناد صحيح މާނައީ: “ދީނުގެ އެންމެ އިސްކަމަކީ އިސްލާމުކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ.”‏ ‏‏ހަމަ އެހެންމެ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ ކަމަކީ ނަމާދާއި މެދު ކަމީ ނަމާދުގެ ޙާއްސަކަން ހާމަވާ ‏‏އެންމެ ބޮޑު އެއް ހެއްކެވެ.‏‏

 

އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާ ބެހޭގޮތުންނެވެ.

އިންސާނުންނާއި ޖިންނީން މި ދުނިޔޭގައި ހޭދަކުރާ ކުޑަ ދުވަސްކޮޅުގެ އަސްލު މަޤްޞަދަކީ މާތް ﷲ އަށް އަޅުކަންކޮށް އާޚިރަތް ކާމިޔާބު ކުރުމެވެ. ޤިޔާމަތް ދުވަހު އިންސާނާއާ ‏އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާ ބެހޭގޮތުންނެވެ. ސުވާލަކީ ތިބާ މި ސުވާލަށް ތައްޔާރު ތޯއެވެ؟ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. “ހަމަކަށަވަރުން އަޅާގެ ޢަމަލުތަކުގެ ތެރެއިން، ޤިޔާމާތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އެމީހެއްގެ ނަމާދާ މެދުގައެވެ. ފަހެ އެކަން ރަނގަޅުވެއްޖެނަމަ، ނަޖާވެ ކާމިޔާބުވެއްޖެއެވެ. އެކަން ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވެއްޖެއެވެ”. (ސުނަނު ތިރްމިޛީ 413، ޞައްޙަކުރެއްވީ ޝެއިޚު ޢަލްބާނީ) މި ހަދީޘުން ބަޔާންވެގެން ދަނީ ކޮންމެ އިންސާނަކު ވެސް ނަމާދާމެދު ސުވާލު ވެވި ހިސާބު ބެލެވޭނެކަމެވެ. މި ސުވާލަށް ތައްޔާރު ވެވޭނީ ކޮންމެ މީހަކުވެސް ނަމާދު ޤާއިމް ކޮށްގެނެވެ.

 

އަހަރެމެން މުސްލިމުންނާ ކާފަރުވީ މީސްތަކުންނާ ދެމެދުގައިވާ ‏‏ފަރަޤަކީ ނުވަތަ ހުރަހަކީ ނަމާދެވެ. ފަހެ އެކަން ދޫކޮށްލައިފިމީހާ ކާފަރުވެއްޖެއެވެ‏‎.‎‏

ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ. ދީނުގެ ތަބެވެ. ނަމާދު ދޫކޮށްލައިފި މީހާ އިސްލާމްކަމުން ވެސް ބޭރުވެގެން ދާނެ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބަޔާންކޮށްދީ އިންޒާރު ކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ “އަހަރެމެން މުސްލިމުންނާ އެބައިމީހުންނާ ދެމެދުގައިވާ ‏‏ފަރަޤަކީ/ ހުރަހަކީ ނަމާދެވެ. ފަހެ އެކަން ދޫކޮށްލައިފިމީހާ ކާފަރުވެއްޖެއެވެ‏‎.‎‏”‏ އެހެންކަމުން މި ޙަދީޘުން ވެސް މީހާގެ އިސްލާމްކަމާއި ކާފަރުކަން ވަކިކުރާ ފާރެއްކަމުގައި ނަމާދު ވާކަން ހާމަވެގެން ދެއެވެ.

ނަމާދު އެޅުން ދެގޮތަކަށް ޢިލްމުވެރިން މާނަކުރައްވައެވެ. ފުރަތަމަ ގޮތަކީ ނަމާދުގެ ފަރުޟުކަމާމެދު އިންކާރުކޮށް ނަމާދު ނުކުރުމެވެ. މިގޮތުން ނަމާދު އަޅައިފިނަމަ ކަނޑައެޅިގެން އެމީހަކު ކާފިރުވާނެ ކަމުގައި އުންމަތުގެ ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގަންނަވާފައިވެއެވެ. ދެވަނަ ގޮތަކީ ނަމާދުގެ ފަރުޟުކަން ޤަބޫލުކުރި ކަމުގައިވިޔަސް، ކަންނެތް ކަމުން ނުވަތަ ފަރުވާކުޑަކަމުން ނުވަތަ ޝަރީޢަތުގައި ޢުޛުރެއް ކަމުގައި ނުބެލެވޭ ކަމެއްގައި މަޝްޣޫލުވުމުގެ ސަބަބުން ނަމާދު އެޅުމެވެ. އެފަދަ މީހާ ކާފަރު ނުވާނޭކަމަށް ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައި އޮތުންވެސް އެކަމުގެ ޚުޠޫރަތްތެރިކަމުގެ މައްޗަށް ދަލާލަތުކުރެއެވެ.

ނަމާދަކީ ވާޖިބު ކަމެއްގެ ގޮތުގައި ދެކިހުރެ ކަންނެތްކަމުގެ ސަބަބުން ނަމާދުއަޅާ މީހާއާއި ބެހޭގޮތުން އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.  ”އަހަރެމެންގެ މަޛްހަބުގައި މަޝްހޫރު ގޮތަކީ ކުރީގައި ބަޔާންވެދިޔަ ފަދައިން ކަންނެތްކަމާއި އެކީ ނަމާދުއަޅާ މީހާ ޤަތުލު ކުރުމެވެ. އެހެންނަމަވެސް އެއީ އޭނާ ކާފަރުވުމުގެ ސަބަބުންނެއް ނޫނެވެ. އެއީ އޭނާގެ މައްޗަށް ޙައްދެއްގެ ގޮތުންނެވެ. (އެބަހީ ނަމާދު އަޅާކަމުގެ ޢުޤޫބާތެއްގެ ގޮތުންނެވެ.) އިމާމް މާލިކާއި ސަލަފުންގެ ކުރީގެ ގިނަ ޢިލްމުވެރިންނާއި އަދި ފަހުގެ ގިނަ ޢިލްމުވެރިންވެސް ވިދާޅުވަނީ މިފަދައިންނެވެ.

ކަންނެތްކަމާއެކު ނަމާދު އަޅާ މީހާއާ ބެހޭގޮތުން އެހެން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އޭނާގެ މައްޗަށް ހުރިހައި ކަމެއްގައިވެސް ހިނގާނީ މުރުތައްދެއްގެ ޙުކުމެވެ. (އެބަހީ ނަމާދު އެޅުމުގެ ސަބަބުން އޭނާ ދީނުން ބޭރުވެ މުރުތައްދު ވާނެއެވެ.)” (انظر، المجموع للنووي: 3/17-19)

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ. ”إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاةِ” (رواه مسلم في كتاب الإيمان). މާނައަކީ: “ހަމަކަށަވަރުން މީހާއާއި، ޝިރުކާއި އަދި ކާފަރުކަމާއި ދެމެދުގައިވާ ހުރަހަކީ ނަމާދެވެ.”

 

އިސްލާމްކަމަކީ ތިމާއަށް ލިބޭ ސެޓްފިކެޓެއް ނޫނެވެ.

މިއީ ވެސް ބައެއް މީހުންގެ ހަމަނުޖެހޭ ވިސްނުމެކެވެ. އޭނާ އެއްއިރެއްގައި ނަމާދުކޮށް ދީނަށް ފަރުވާތެރިވެފައި ފަހުން ނަމާދު ކުރުން ދޫކޮށްލިޔަސް ދެން ތާއަބަދު އޭނާ ހުންނާނީ މުސްލިމެއްގެ ގޮތުގައި ކަމަށް އޭނާ ހީކުރެއެވެ. އޭނާއަށް ހީވާ ކަހަލައެވެ. އިސްލާމްކަމަކީ މަދަރުސާ ނުވަތަ ޔުނިވާސިޓީއަކުން ލިބޭ ސަނަދެއް ފަދަ އެއްޗެކެވެ. ނަމަވެސް އެއީ ގޯސް ވިސްނުމެކެވެ. ‏‏އިސްލާމްކަމަކީ ތިމާއަށް ލިބޭ ސެޓްފިކެޓެއް ނޫނެވެ.‏ ‏ނަމާދު ނުކުރާ މީހަކަށް އިސްލާމްކަމުގެ ‏‏ނިޢުމަތެއް ނުވެއެވެ. ބައެއް މީހުން ދެކޭ ގޮތުގައި އޭނާގެ ނަމާދު ޤާއިމު ނުކުރިޔަސް އޭނާގެ މައިންފައިން އަދި މުޅި ޢާއިލާއަކީ ވެސް މުސްލިމުންކަމުން އޭނާ ވެސް ވާނީ މުސްލިމަކަށެވެ. ނަމަވެސް އެއީ މުޅިން ގޯސް ވިސްނުމެކެވެ. މުސްލިމް އާއިލާއަކަށް އުފަންވެ މުސްލިމު ނަމެއް ކިޔުމަކުން ތިބާ މުސްލިމަކަށް ނުވާނެއެވެ. ‏‏މުސްލިމަކަށް ވާނީ ނަމާދު ޤާއިމު ކުރުމުންނެވެ. ސާޅީސް އަހަރު ވަންދެން ނަމާދު ކުރުމަށް ފަހު ވެސް ނަމާދަށް ކާފިރު ވެއްޖެ ނަމަ އޭނާގެ އިސްލާމްކަން ވެސް ގެއްލުނީއެވެ.

‏‏ ‏

‏މަދީނާގައި އުޅުނު މުނާފިޤުން މުސްލިމުންކަމުގައި ދެއްކުމަށް މިސްކިތަށް ގޮސް ނަމާދުކޮށް އުޅުނެވެ.‏ ‏ސުވާލަކީ މުސްލިމެއްކަމަށް ދަޢުވާކުރާ ތިބާގެ ހާލަކީ ކޮބާތޯއެވެ؟

މުނާފިޤުންގެ ސިފައެއް ކަމުގައި ﷲ ތަޢާލާ ބަޔާން ކުރައްވާފައި ވަނީ ނަމާދު ލަސްކުރުމާއި ނަމާދުގައި ކަންނެތް ވުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. “ وَإِذَا قَامُواْ إِلَى الصَّلاَةِ قَامُواْ كُسَالَى يُرَاؤُونَ النَّاسَ وَلاَ يَذْكُرُونَ اللّهَ إِلاَّ قَلِيلاً “ (سورة النساء: 142) މާނައަކީ: “ އަދި މުނާފިޤުން ނަމާދަށް ތެދުވެއްޖެނަމަ ތެދުވަނީ ކަންނެތްކަމާއިއެކީ އަދި މީސްތަކުންނަށް ދެއްކުމަށެވެ. އެހެނެއްކަމަކު ވަރަށް މަދުން މެނުވީ އެމީހުން ﷲ މަތިން ހަނދުމައެއް ނުކުރެތެވެ.”

މިއީ މަދީނާގައި އުޅުނު މުނާފިޤުންގެ ސިފައެއްގެ ވާހަކަ އެކެވެ. މި ބަސްފުޅުން ދޭހަވާ އެއް ކަމަކީ އެބައިމީހުން އެމީހުންގެ މުނާފިޤުކަން މަތީގައި ވެސް މިސްކިތައް ގޮސް އުޅުނުކަމެވެ. އެހެނީ އެބައިމީހުންނަށް ވެސް އެނގޭ ކަމަކީ ނަމާދު ނުކޮށްތިބެ މުސްލިމުން ކަމުގައި ނުވާނެކަމެވެ. ނަމަވެސް މިއަދު މުސްލިމުންކަމަށް ދަޢުވާ ކުރާ ގިނަ މީހުނަށް އޭރުގެ މުނާފިޤުންނަށް ވިސްނުނު ވަރަށް ވިސްނޭ ބާވައެވެ. ބައެއް މީހުންގެ ވިސްނުން ހުންނަނީ ދުވަހަކު ނަމާދެއް ނުކުރިޔަސް އަހަރެމެން ވާނީ ހަމަ މުސްލިމުންގެ ތެރޭގައޭ!

 

ނަމާދު ނުކޮށް ކުރާ އެއްވެސް ހެޔޮކަމެއްގެ ފައިދާއެއް ނެތެވެ.

‏ތިމާ އުޅޭނެހާ ގޮތަކަށް އުޅެމުން ތިމަންނާއަކީ މުސްލިމެކޭ ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ ނަމާދާއި ދެންވެސް ހުރި ދީނުގެ ‏‏ރުކުންތައް ދޫކޮށްލާ މީހަކު މުސްލިމަކަށް ވާނެ އެއްވެސް އުސޫލެއް ނެތެވެ. އިބްނު މާޖާގެ ޙަދީޘެއްގައި ވެއެވެ. އަންނައުނުގައި ހުންނަ ‏‏ކުރެހުންތަކާއި ކުލަތައް ފިލައިދާ ފަދައިން ‏ނަމާދުކުރުން ދޫކޮށްލާ މީހާގެ އިސްލާމްކަންވެސް ފިލައިގެން ދާނެއެވެ. (އިބްނު މާޖާ ‏‏4049). ‏އަޞްޙާބު ބޭކަލުން ކުރެ عمر بن الخطاب އާއި عبد الرحمن بن عوف އާއި معاذ بن جبل އާއި أبو هريرة އާއި އަދިވެސް މިނޫން އެހެން ބޭކަލުންގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. “ފަރުޟު އެންމެ ނަމާދެއް ވަގުތު ފާއިތުވަންދެން ޤަޞްދުގައި ދޫކޮށްލައިފި މީހާއީ ކާފިރުވެ މުރުތައްދުވެފައިވާ މީހެކެވެ.”

އަޞްޙާބު ބޭކަލުންގެ ތެރެއިން ޖުމްހޫރުން ވިދާޅުވަނީ، ޝަރުޢީ ޢުޛުރެއްނެތި ނަމާދު އަޅައިފި މީހާ ކާފަރުވާނޭ ކަމުގައެވެ. ކިއެއްހެއްޔެވެ. އެތައް ދަންނަބޭކަލުންނެއްވަނީ މިއީ ޞަޙާބިއްޔަ ބޭކަލުންގެ އިޖްމާޢުކަމުގައި ރިވާ ކުރައްވާފައެވެ. (انظر، الشرح الممتع على زاد المستنقع: 2/26، ورسالة في حكم تارك الصلاة للشيخ محمد بن صالح العثيمين).

 

‏‏ކޮންމެ ހަފްތާއަކު ހުކުރު ނަމާދު ކޮށްލުމަކުން، ކޮންމެ ރެއަކު ޢިޝާ ނަމާދު ކޮށްލުމަކުން މީހާ ‏‏މުސްލިމަކަށް ވާނީ ‏‏ކިހިނެއްތޯއެވެ؟‏ ‏މުސްލިމުން ރެއާއި ދުވާލު 5 ނަމާދު ކުރުމީ ވާޖިބެކެވެ.‏

ނަމާދު ކުރުމާއި ނަމާދު ޤާއިމު ކުރުމަކީ ވަރަށް ތަފާތު ދެކަންތައް ކަމުގައި ދީނުގެ ދަންނަބޭކަލުން ވިދާޅުވެއެވެ. ބައެއް ވަގުތުތަކުގައި ނަމާދު ދޫކޮށްލެވޭ މީހާ ވެސް، އެއީ ނަމާދު ކުރާމީހަކު ކަމުގައި އޭނާ އަމިއްލަ އަށް ހެކިވާނެއެވެ. އަދި އެއްވެސް ވަގުތެއް ދޫނުކޮށް ހުރިހާ ވަގުތަކު ނަމާދުކުރާމީހާ ވެސް ތިމަންނާއީ ނަމާދުކުރާމީހަކު ކަމުގައި ބުނާނެއެވެ. މި ދެ މީހުންގެ އެއްވެސް ފަރަޤެއް ނުހުންނާނެބާއެވެ؟ އާއެކޭ، ހުންނާނެއެވެ! އެއީ ނަމާދު ކުރުމާއި ނަމާދު ޤާއިމުކުރުމުގެ ފަރަގެވެ. ނަމާދު ޤާއިމު ކުރުމަކީ ނަމާދު ވަގުތު ވަނުމުގެ ކުރިން އޭނާގެ ހިތާއި ގުނަވަންތަކުން އެކަމުގެ ތައްޔާރުވެ އެ ނަމާދަށް އިންތިޒާރުކޮށްގެން ހުރެ، ވަގުތު ވަނުމުން ލަސްނުކޮށް ކޮންމެ ނަމާދެއް ވެސް އެ ނަމާދެއްގެ ވަގުތުގެ ކުރީކޮޅުގައި އަދާކުރުމެވެ.

 

 

ބަލިވުމާއި އަވަދިނެތުމަކީ ނަމާދު ދޫކޮށްލެވޭނެ އުޛުރެއް ނޫނެވެ.

‏ބައެއް މީހުންނަށް ނަމާދުކުރުން ވެފައި ވަނީ ކުރާނެހާ ކަމެއް ކޮށްފައި ހުސް ވަގުތު ވީމަ ކޮށްލަން އޮންނަ އަޅުކަމެއްގެ ގޮތުގައެވެ. ‏ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ރެޔަކާއި ދުވާލު ފަރުޟު ކުރައްވާފައިވާ ފަސްނަމާދު، ބަލިޙާލުގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން މެނުވީ މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން އެ ނަމާދުތައް ފަސްކުރުމަށް، ނުވަތަ އަދާ ނުކުރުމަށް އެއްވެސް ޙާލެއްގައި ނަމާދު ނުކޮށް ދޫކޮށްލުމަކަށް އުޒުރެއް ނެތެވެ. ނަމަވެސް މިއީ މިހާ ފަސޭހައިން ދޫކޮށްލެވެން އޮތް ކަމެއް ނޫންކަން ނަބަވީ އިރުޝާދުތަކާއި ޞަޙާބީ ބޭކަލުންގެ ބަސްފުޅުތަކުން ކަށަވަރުވެގެން ދެއެވެ. އެހެނީ ނަމާދުގެ ވަޤުތު ފާއިތުވެއްޖައުމަށް ދާންދެން، ޤަސްތުގައި އެންމެ ފަރުޟު ނަމާދެއް އަޅައިފި މީހަކު ދީނުން ބޭރުވެގެންދާނޭ ކަމަށް ދަލާލަތު ކުރާ ރިވާޔަތްތައް ނަޤުލުވެފައިވާތީއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. ((ولا تترك صلاةً مكتوبةً، فمن تركها متعمدًا؛ فقد برئت منه الذمة)) رواه ابن ماجه وغيره، عن أبي الدرداء – رضي الله عنه – މާނައީ: ”ފަރުޟުނަމާދެއް ނާޅާހުށިކެމެވެ. އެނަމާދު ގަސްތުގައި އަޅައިފިމީ ދަންނާށެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ކިބައިން (ﷲއާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ) ޒިންމާ ބަރީއަވެގެން ވެއެވެ.” އަދި ނަމާދު ނުކުރުމުގެ ސަބަބުން ނަރަކައަށް އެއްލާލެވޭ މީސްތަކުންގެ ތެރޭގައިވެއެވެ. އެކަމާ ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ. (مَا سَلَكَكُمْ فِي سَقَرَ، قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ) سورة المدثر: 42-43  މާނައީ: “(ބުނެވޭނެއެވެ) ފަހެ ތިޔަބައިމީހުން ސަޤަރަށް އެއްލާލެވުނީ ކީއްވެގެން ހެއްޔެވެ؟ އެބައިމީހުން ބުނެއެވެ. ފަހެ ނަމާދު ކުރި މީހުންގެ ތެރެއިން ތިމަންމެން ނުވަމެވެ.” އަދި ސަޤަރަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ﷲ ވަޙީކުރައްވަފައިވެއެވެ. ( وَمَا أَدْرَاكَ مَا سَقَرُ، لَا تُبْقِي وَلَا تَذَرُ،  لَوَّاحَةٌ لِّلْبَشَرِ)  سورة المدثر: 27-28-29

މާނައީ: “އަދި ސަޤަރަކީ ކޮންތަނެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. އެއްވެސް (ފާފަވެރިޔަކު) އެނަރަކަ ދޫނުކޮށްލައެވެ. އަދި (އަންދައިނުލާ އެއްވެސް އެއްޗެއްވެސް) ދޫނުކުރެއެވެ. ހަންގަނޑު އަންދާލައެވެ.”

 

ކާމިޔަބު ހޯދުމަށް މިސްކިތުން ގޮވާއަޑަށް އިޖާބަ ނުދޭ މީހާއަށް އެއްވެސް ކާމިޔާބެއް ‏‏ނެތެވެ.

މީހުންގެ ކާމިޔާބީގެ މީޒާން ގިނަބަޔަކު ކިރަމުން ދަނީ މީސްތަކުންނަށް ދުނިޔޭގައި ލިބިފައިވާ ކާމިޔާބީގެ މައްޗަށެވެ. ‏އެވެނި މިވެނި ‏މީހަކީ ކުރާ ކޮންމެ ކަމެއްގައި އެކަމަކަށް ފަރުވާތެރި އިޙްލާސްތެރި މީހެއްކަމުގައި ބުނެއެވެ. ނުވަތަ މިވެނި މީހަކީ ހުރިހާ ކަމެއް ވެސް ދަންނަ މޮޅު މީހެއްކަމުގައި ބުނެއެވެ. އަދި އެވެނި މީހަކީ މިވެނި އެވެނި ފާހެއް އޮތް ޢިލްމީ ކަމަށް ޤާބިލް މީހެއްކަމުގައި ބުނެއެވެ. ނަމަވެސް, ޢިލްމީ ގޮތުން ކިތަންމެ މަތީ ފާހެއް އޮވެ، ތަނަވަސް، އަދި މި ދުނިޔޭގައި ކިތަންމެ ކާމިޔާބު މީހެއް ކަމުގައި ވިޔަސް ކާމިޔަބު ހޯދުމަށް މިސްކިތުން ގޮވާއަޑަށް އިޖާބަ ނުދޭ މީހަކީ ކާމިޔާބު މީހަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ އެފަދަ ދިރިހުރި ހަށިގަނޑެއްގެ ބޭނުމަކީ އޮންނާނެ ބާވައެވެ؟ ޢިލްމުވެރިން ވިދާޅުވަނީ ‏ނަމާދު ނުކުރާ މީހާ މަރުވެފައިވާ މީހެއް ފަދައެވެ. ‏

ނަމާދަކީ އަޅާއާ އޭނާގެ ވެރި ރައްބާ ދެމެދުގައިވާ ގުޅުމެވެ. އެ ގުޅުން ކަނޑާލައިފިނަމަ، އެމީހަކަށް އެއްވެސް ކާމިޔާބެއް، ފަލާހެއް ނެތެވެ. ނަމާދަކީ އޭގެ ޒާތުގައި ކާމިޔާބެވެ. ފަލާހެވެ. ބަންގީގައި حي على الصلاة ، حي على الفلاح  އެވެ ގޮވައިލެވެނީ އެހެންވެއެވެ. ނަމާދަކީ ކާމިޔާބެވެ. ނަމާދު ދޫކޮށްލާފައި ހޯދޭނެ އެހެން ކާމިޔާބެއް ނެތެވެ. މީހާގެ ކާމިޔާބު ގުޅިފައި ވަނީ ނަމާދާއެވެ. އެމީހެއްގެ ނަމާދަށް ފަރުވާތެރިވި މީހާ ޤިޔާމަތްދުވަހުން ނަޖާވާހުއްޓެވެ. އަދި ނުވެއްޖެމީހާއަށް ހުރި ގެއްލުމާއި ހަލާކެވެ.

 

‏ނަމާދު ނުކުރާ ބައިވެރިޔަކާއިއެކު ދިރިއުޅުން ހޭދަކުރުމީ ހުއްދަވާނެ ކަމެއް ނޫނެވެ.‏

އިންސާނާގެ އެންމެ އިސް އެންމެ މުހިއްމު ވާޖިބަކީ ސުވަރުގެ ހާސިލު ކުރުމެވެ. ސުވަރުގެ ހާސިލް ވާނީ އަޅުކަންތައް އަދާކޮށްގެނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴾ (الذاريات 56)  މާނައީ: އަދި ތިމަން އިލާހަށް އަޅުކަންކުރަން މެނުވީ ޖިންނީންނާއި އިންސީންވެސް ޚަލްޤު ނުކުރައްވަމެވެ.

ދެމަފިރިއެއްގެ ތެރެއިން ފިރިމީހާ ނަމާދު ނުކުރާނަމަ، އެކައިވެންޏަށްވެސް އަސަރުކުރާނެއެވެ. ނަމާދު ގާއިމު ނުކުރާނަމަ އެވަނީ ތަޤުވާވެރިއެއް ނޫން ކަމުގައެވެ. އަދި އެފަދަ މީހަކާއެކު ކައިވެނި ކޮށްގެން އުޅުމުން ކައިވެނި ޞައްޙަވާނޭ ކަމާމެދު ޢިލްމުވެރިން ސުވާލު އުފައްދަވައެވެ. ނަމާދު ނުކުރާ މީހަކީ މުސްލިމެއް ނޫނެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް، މަދުވެގެން ފަރުޟު ފަސް ނަމާދު ގާއިމް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބު ކަމެކެވެ. އެކަމާއިމެދު އެކަކުވެސް ކަންނެތް ވެގެން ނުވާނެއެވެ.”

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ވައްކަންކުރާ މީހަކާ ނުވަތަ ޒިނޭކުރާ މީހަކާ ނުވަތަ ރާބޯ މީހަކާ، އެމީހުންގެ ދަރީން ކައިވެނިކުރުވުމަށް މީސްތަކުންގެ ތެރެއިން ގިނަ މީހުން އިންކާރުކުރެއެވެ. ފަހެ، ނަމާދު އަޅާ މީހުންނާ އެބައިމީހުންގެ ދަރީން ކައިވެނިކުރުވުމާމެދު އެއަށްވުރެ ބޮޑަށް އިންކާރުކުރުން ވާޖިބުވެގެންވެއެވެ. އެއީ (ހަތަރު) އިމާމުންގެ އިއްތިފާޤުން އެކަންތައް މާ ބޮޑުވެގެންވެއެވެ. ހަމަކަށަވަރުންވެސް ނަމާދު އަޅާ މީހާ، ޒިނޭކުރާ މީހާއާއި ވައްކަންކުރާ މީހާއާއި ރާބޯ މީހާއަށް ވުރެ، ނުބައިކަން ބޮޑުވެގެންވެއެވެ.” (ޖާމިޢުލް މަސާއިލް ޖ4 ޞ142)

އިސްވެދިޔަ ދަލީލުތަކުން ސާފުކޮށް އެނގިގެން ދަނީ މީހާއާއި، ޝިރުކާއި އަދި ކާފަރުކަމާއި ދެމެދުގައިވާ ހުރަހަކީ ނަމާދުކަމުގައެވެ. މާނައަކީ ނަމާދު ދުކޮށްލާ މީހާގެ އިސްލާމްކަން ވެސް ގެއްލިދާކަމެވެ. ވީއިރު ‏ނަމާދު ނުކުރާ ބައިވެރިޔަކާއެކު ދިރިއުޅުން ހޭދަކުރުން ހުއްދަވާނީ ކިހިނެއްތޯއެވެ؟

 

ދަރީން ނަމާދަށް ހިތް ޖެހޭނީ މައިންބަފައިންގެ ޢަމަލުން ދަރިންނަށް ނަމޫނާ ދައްކާގެން‏‏ނެވެ.

ދަރީންނަށް ހަތް އަހަރުވުމުން، ނަމާދު ކުރުމަށް އަމުރު ކުރުމަށާއި، ދިހަ އަހަރުވުމުން އެކުދިންނަށް އަދަބު ދީގެން ނަމަވެސް ނަމާދު ކުރުވުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އަމުރު ކުރައްވާފައެވެ. (سنن أبي داود ‏‎(494)‎) ނަމަވެސް، ހިތާމައަކީ ބައެއް މައިންބަފައިންނަކީ ފަރުޟު ފަސްނަމާދު ބަރާބަރަށް، ވަގުތަށް އަދާކުރާ ބައެއް ކަމުގައިވީނަމަވެސް، އެމީހުން ދަރީންނަކީ ނަމާދު ކުރާ ބައެއްކަމުގައި ނުވުމެވެ. އަދި އެފަދަ މައިންބަފައިންވަނީ ދަރީން ލައްވާ ނަމާދު ކުރުވުމާއި، ދީނުގެ ކަންކަން އެކުދީން ލައްވާ ކުރުވުމާއި، ދީނުގައި ނަހީކުރެއްވި ކަންކަމުން އެއްކިބާވުމަށް އަމުރުކޮށް ހެދުމުގައި އިހުމާލުވެފައެވެ. މިއަށްވުރެންވެސް ހިތާމަވެރިކަން ބޮޑީ، އަދުގެ ޖީލުގެ މައިންބަފައިންގެ ތެރޭގައި، ނަމާދު ނުކުރާ މީހުން ތިބުމާއި، އެމީހުންގެ ދަރީންނަށްވެސް ނަމާދު ނުކުރުމާއި، ދީނުގެ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކޮށް އުޅޭ ބަޔަކު ކަމުގައި ނުވުމެވެ.