ފިރިމީހާ ހިލޭ އަންހެނަކާ ގުޅުން ބާއްވާނަމަ ކަންތައްކުރާނީ ކިހިނެއް؟

ފުރަތަމަ: ތިބާގެ ފިރިމީހާއާ މަޑުމައިތިރިކަމާއެކު މުޢާމަލާތްކުރާށެވެ. ތިބާގެ އުނިކަންކަން ކަމުގައި އޭނާއަށް ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރާށެވެ. ފިރިމީހާއަށްޓަކައި ޒީނަތްތެރިވެ، ރީތި ހެދުން ލައި، މީރުވަސް ދުއްވައި، ގޭތެރޭގައި އޭނާއަށް އާރާމު މާހައުލެއް ޤާއިމުކޮށްދޭށެވެ. އެހެނީ މިއިން ހުރިހާ ކަމެއް ނުވަތަ ބައެއް ކަންކަން އޭނާއަށް މަދުވެފައި ހުރެދާނެތީއެވެ.
ދެވަނައަށް: މިކަންކަން ކުރުމާއެކު، އޭނާ ހިލޭ މީހެއްގެ ކައިރިއަށް ދާނަމަ ރިވެތި ގޮތުގައި އޭނާއަށް ނަޞީޙަތްތެރިވާށެވެ. އެކަމުގެ ޙަރާމްކަމާއި އެފަދަ ކަންކަމުން ދުރުހެލިވުމުގެ މުހިންމުކަން ބަޔާންކޮށްދޭށެވެ. ދުނިޔެއާއި އާޚިރަތުގައި އެކަމުގެ ސަބަބުން ލިބޭނެ ގެއްލުން، މާތް ﷲ ގެ ޙަޟްރަތުން ލިބޭނެ ޢަޛާބު ހަނދާންކޮށްދޭށެވެ. އަދި އެފާފައިގެ ސަބަބުން އޭނާގެ އަނބިމީހާ ނުވަތަ ދަރީންނަށް ލިބޭނެ އަދަބާމެދު އޭނާ ބިރުގަންނަވާށެވެ. އޭނާއަށް އެފަދަ އަންހެނަކާ ކައިވެނިކުރެވުމުގެ މުސީބާތް ދިމާވެދާނެތީއެވެ. ނުވަތަ އޭނާ ހިލޭ އަންހެނުންނާމެދު ކުރާ ކަންތައްތައް ފިރިހެނުންނާމެދު ކުރާ އަންހެން ދަރިއެއްކަމުގައި އޭނާގެ އަންހެންދަރި ވެދާނެތީއެވެ.
ތިންވަނައަށް: އޭނާއަށް ތެދުމަގު ދެއްކެވުމަށާއި އޭނާ އިޞްލާޙްކޮށްދެއްވުން އެދި މާތް ﷲ އަށް ދުޢާކުރާށެވެ. މުއުމިނެއްގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ. ރޭގަނޑުގެ ފަހުބައިގައި އަދި ނަމާދުގެ ސަޖިދާގައިވެސް ދުޢާކުރާށެވެ.
ހަތަރުވަނައަށް: ތިބާއަށް ވީވަރަކުން އޭނާއާއެކުގައި ވަގުތު ހޭދަކުރާށެވެ. ދީނީ އަޅުކަންތައް ކުރުމުގައި އޭނާގެ ވަގުތު ފައިދާހުރި ކަންކަމުގައި ހޭދަކުރުވާށެވެ. އަދި އޭނާގެ އެފަދަ ނަހަމަ ގުޅުންތަކަށް ހުސް ވަގުތު ލިބުނަ ނުދޭށެވެ. އޭނާގެ ދުވަހުގެ ޕްރޮގްރާމް ފުރިހަމަވެފައި އޮންނަންވާނީ އަޅުކަމަކުން، މިސާލަކަށް ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރުން ނުވަތަ އިލްމީ މަޖިލިސްތަކުގައި ބައިވެރިވުން ފަދަ ކަންކަމުންނެވެ. ނުވަތަ ދުނިޔަވީ ކަންކަމުގެ ތެރެއިން ހުއްދަ އަދި ފައިދާހުރި ކަންކަމުގައި އޭނާ މަޝްޣޫލުކުރުވާށެވެ.
ފަސްވަނައަށް: ފިރިމީހާއަށް ނަޞީހަތްދީގެން އިޞްލާހު ނުވިނަމަ މިޙާލަތުގައި އަނބިމީހާއަށް ވަރިވުމަށް އެދުމުގެ ޙައްޤު ލިބިގެންވެއެވެ. މިކަން ފަށަންވާނީ ވަރިވުމަށް އެދޭނެކަމުގެ އިންޒާރުދީގެންނެވެ. އޭނާ އެކަމުގައި ދެމިހުރެއްޖެނަމަ، ވަރިވާނެކަމުގައި އިންޒާރުދެވިދާނެއެވެ. އެއީ އަނބިމީހާއަށް މިހާރު ދިމާވެފައިވާ މުސީބާތުން އޭނާ ސަލާމަތްވުމަށެވެ. ވަރިވުމަކީ ވޭން ހުރި ކަމެއްކަމުގައި ވިޔަސް، އެފަދަ ގުޅުމެއްގައި ފިރިމީހާ ހުރުމުގެ ސަބަބުން އަނބިމީހާގެ ނަފްސަށް ކުރިމަތިވާ އުނދަގޫކަމާއި ނުތަނަވަސްކަމަށް ތަސައްލީއެއް ލިބޭނީ އޭރުންނެވެ. އަދި ފިރިމީހާގެ ޢަމަލުތަކާއި އޭނާގެ ޙަރާމް ގުޅުމުގެ ސަބަބުން އަނބިމީހާއާއި ދަރިންގެ ދީނާއި ޢިއްފަތްތެރިކަމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އެނޫންގޮތެއް މިޙާލަތުގައި ނެތީމައެވެ.

 

***

މިއީ އިސްލާމްކިއުއޭ ވެބްސައިޓްގައިވާ މި ލިޔުމުގައި ހިމެނޭ ބައެއް ނުކުތާތައް ހިމަނައިގެން އަމިއްލަ ޢިބާރާތުން ލިޔެފައިވާ ލިޔުމެކެވެ.