ކުޑަކުދީންގެ ތެރެއިން ތަންދޮރު އެނގޭވަރުގެ ކުދީން، އެއީ ބާލިޣްނުވާ ޢުމުރުގެ ކުދީން ކަމުގައިވިޔަސް އެކުދީންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ހުއްދަވެގެންނުވެއެވެ. އެހެނީ ގޭގެ އަހުލުވެރީން ފޭރާން ލުއިކޮށްލާ ތިން ވަގުތުގައި، ބާލިޣްވުމުގެ ޢުމުރަށް ނުފޯރާކުޑަކުދީންވެސް ކޮޓަރިތަކަށް ވަދެ ނުކުމެ އުޅޭއިރު، ވަނުމުގެ އިޛްނަ ހޯދުމަށް(ހުއްދަ ހޯދުމަށް) އެކުދީންނަށް އެންގުމަށް މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ މުއުމިނުންނަށް އަމުރު ކުރައްވާފައިވެއެވެ.

(يَا أَيُّهَا الَّذِينَ آَمَنُوا لِيَسْتَأْذِنْكُمُ الَّذِينَ مَلَكَتْ أَيْمَانُكُمْ وَالَّذِينَ لَمْ يَبْلُغُوا الْحُلُمَ مِنْكُمْ ثَلَاثَ مَرَّاتٍ مِنْ قَبْلِ صَلَاةِ الْفَجْرِ وَحِينَ تَضَعُونَ ثِيَابَكُمْ مِنَ الظَّهِيرَةِ وَمِنْ بَعْدِ صَلَاةِ الْعِشَاءِ ثَلَاثُ عَوْرَاتٍ لَكُمْ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌ بَعْدَهُنَّ طَوَّافُونَ عَلَيْكُمْ بَعْضُكُمْ عَلَى بَعْضٍ كَذَلِكَ يُبَيِّنُ اللَّهُ لَكُمُ الْآَيَاتِ وَاللَّهُ عَلِيمٌ حَكِيمٌ) النور/58 .

އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނާއި، ތިޔަބައިމީހުންކުރެ ބާލިޣުވުމުގެ ޢުމުރާހަމައަށް ނުފޯރާ ކުޑަކުދިންވެސް، ތިންވަގުތެއްގައި ތިޔަބައިމީހުންގެ ކިބައިން އިޛްނަލިބިގަންނަހުށިކަމެވެ. އެއީ ފަތިސްނަމާދުގެ ކުރިންނާއި، މެންދުރުވަގުތު ތިޔަބައިމީހުންގެ ފޭރާން ލުއިކޮށްގެންތިބޭ ވަގުތުގައްޔާއި، ޢިޝާ ނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައިމީހުން ނިވައިވެތިބޭ ތިންވަގުތެކެވެ. އެވަގުތުތަކަށްފަހު، ތިޔަބައިމީހުންގެ މައްޗަކަށްވެސް، އަދި އެއުރެންގެ މައްޗަކަށްވެސް (ވަދެނުކުމެ އުޅުމުގައި) ކުށެއް ނެތެވެ. (އެއުރެންނީ) ތިޔަބައިމީހުންގެ އެއްބަޔަކު ތިބޭތަނަކަށް އަނެއްބަޔަކު ވަދެނުކުމެއުޅޭ ބަޔެކެވެ. އެފަދައިން اللَّه، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާން ކޮށްދެއްވަތެވެ. އަދި اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ ޙިކުމަތްވަންތަ ރަސްކަލާނގެއެވެ.

ތަންދޮރު އޮޅުން ފިލާ ކުދީން ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ނަހީވުމުގެ ޙިކުމަތަކީ އެކުދީން ޖިންސީ ކަންކަމަށް ޝައުޤުވެރިވެ، އެކުދީން ބޮޑެތިވާއިރު އެކުދީންގެ އަޚްލާޤަށް އެފެންނަ ފެނުމުގެ އަސަރުކޮށް އަޚްލާޤު ފަސާދަވެދާނެތީއެވެ.

ޢައުރަ ކަޝްފުކުރުން ހުއްދަވެގެންނުވަނީ ކޮން ޢުމުރެއްގެ ކުއްޖެއްގެ ކުރިމަތީގައި ހެއްޔެވެ؟

މިސުވާލުގެ ޖަވާބުގައި ބުނެވޭނީ އެއީ ޢުމުރަށްވުރެ ބޮޑަށް އެކުއްޖާއަށް ތަންދޮރު އެނގުމާއި ނޭނގުމަށް ބިނާވާ ކަމެއްކަމަށެވެ.

ޒަކަރިއްޔާ އަލްއަންޞާރީ ޝަރްޙުލް ބަހުޖަތި ގައި ވިދާޅުވެފައިވެއެވެ. “ފެންނަ އެއްޗެއް އެހެން މީހުންނަށް ކިޔައިދޭން ނޭނގޭ ޢުމުރުގެ ކުއްޖާގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ހުއްދަވެގެންވެއެވެ.” شرح البهجة (4/98)

މިއީ ރަނގަޅު މިންގަނޑެކެވެ. ފެންނަ އެއްޗެއް އެހެންމީހުންނަށް ކިޔައިދޭން ނޭނގޭ ޢުމުރުގެ ކުދީން މިސާލަކަށް އެއް އަހަރު ނުވަތަ ދޮޅު އަހަރުގެ ކުދީންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ހުއްދަވެގެންވެއެވެ. އަދި، ފެންނަ އެއްޗެއް ކިޔައިދޭން އެނގޭ ކުދީން މިސާލަކަށް ދެ އަހަރު ނުވަތަ ތިން އަހަރުގެ ކުދީންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ހުއްދަވެގެން ނުވެއެވެ. މިކަމުގައި ހެދި ބޮޑުވުމާއި ވާހަކަ ދެއްކުމުގައި އެކި ކުދީން ތަފާތު ވާނޭކަން ސަމާލުކަން ދޭންވާނެއެވެ. ބައެއް ކުދީން ވަރަށް އަވަހަށް ހެދިބޮޑުވެ، ވާހަކަ ދައްކަން ފަށައެވެ. އަނެއްބައިކުދީންގެ މިކަންކަން ތަންކޮޅެއްލަހެވެ.

ނޯޓު:

-މައިންބަފައިން ދަރީން ކުރިމަތީގައި ހެދުން ބާލައި، ހެދުން ލާ ހެދުންވެސް މި ދެންނެވި ޢައުރަ ކަޝްފުކުރުމުގެ ތެރެއަށް ވަންނާނެއެވެ. އެއީ މަންމަ އަންހެން ދަރިފުޅުގެ ކުރިމަތީގައި ވިޔަސް، ބައްޕަ ފިރިހެން ދަރިފުޅުގެ ކުރިމަތީގައި ވިޔަސް މެއެވެ.

-އިސްލާމްދީނުގައި ދަރީން ތަރުބިއްޔަތުކުރަންވާނީ ޢައުރަ ނިވާކުރުމާއި ފޮރުވުމުގެ މައްޗަށް ވީހާވެސް ބޮޑަށް ބާރުއަޅައިގެންނެވެ.

والله أعلم

 

މަރްޖިޢު

https://islamqa.info/ar/answers/102187