ފާފަތައް ލިޔުއްވަން ފައްޓަވަނީ ކޮން ޢުމުރެއްގައިތޯ؟

ސުވާލު: ފާފަތައް ލިޔުއްވަން ފައްޓަވަނީ ކޮން ޢުމުރެއްގައިތޯ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله.

އާދަމުގެ ދަރިޔާ ޙިސާބުކުރެވެގެން ފަށަނީ އޭނާ ބާލިޣުވާ ހިސާބުން ފެށިގެންނެވެ. އެއީ ބާލިޣުވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެއް ފާޅުވާންފަށާ ޙިސާބުންނެވެ. އޭގެ ކުރިން އޭނާ ކުރާ ކަންކަމަކީ ލިޔުއްވޭ، ޙިސާބުކުރެވޭ، އަދި ޢަޛާބުދެވޭ ކަންކަމެއް ނޫނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ( رُفِعَ الْقَلَمُ عَنْ ثَلَاثَةٍ : عَنِ النَّائِمِ حَتَّى يَسْتَيْقِظَ ، وَعَنِ الصَّبِيِّ حَتَّى يَحْتَلِمَ ، وَعَنِ الْمَجْنُونِ حَتَّى يَعْقِلَ ) رواه أبوداود (رقم/4403) ، وصححه الألباني في ” صحيح أبي داود

“ތިންމީހެއްގެ ކިބައިން ގަލަން ވަނީ އުފުއްލަވައިފައެވެ. (އެބައިމީހުން ކުރާ ކަންތައް ލިޔުއްވުމެއް ސުވާލުކުރެއްވުމެއް ނެތެވެ.) ނިދާފައިވާ މީހާއެވެ. އޭނާ ނިދީން ހޭލައިފުމަށް ދަންދެނެވެ. ކުޑަކުއްޖާއެވެ. އޭނާ ބާލިޣުވެއްޖެއުމަށް ދާންދެނެވެ. މޮޔަމީހާއެވެ. އޭނާގެ ބުއްދި ހަމަޖެހިއްޖެއުމަށް ދާންދެނެވެ.”

އިމާމު އިބްނުލް މުންޛިރު ރަޙިމަހުﷲ ވިދާޅުވިއެވެ.

“ފަރުޟުތަކާއި ޙުކުމްތައް ވާޖިބުވަނީ ބާލިޣުވެފައިވާ ބުއްދިހުރި މީހާގެ މައްޗަށް ކަމަށް ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެއެވެ. ” الإشراف على مذاهب العلماء ” (7/227) .

ބާލިޣުވީކަމަށް ބަލާނީ ބާލިޣުވީކަމުގެ އަލާމާތްތަކުގެ ތެރޭން އަލާމާތެއް ފެނިއްޖެ ނަމައެވެ. މި އަލާމާތްތަކުގެ ތެރޭން އެއް އަލާމާތް ފެނުނަމަވެސް ބާލިޣް ވީއެވެ. އެއްވެސް އަލާމާތެއް ނުފެނިއްޖެ ނަމަ 15 އަހަރަށް ބަލާނީއެވެ.

ފިރިހެން ކުދިން ބާލިޣުވުމުގެ ނިޝާންތަކަކީ

  1. އިޙްތިލާމުވުން (މަނި ބޭރުވާން ފެށުން)
  2. ލަދުވެތި ގުނަވަންތަކުގެ ވަށައިގެން އިސްތަށި ފެޅުން
  3. ފަނަރަ އަހަރު ފުރުން

އަންހެން ކުދިން ބާލިޣް ވުމުގެ ނިޝާންތަކަކީ:

1- އިޙްތިލާމުވުން (މަނި ބޭރުވާން ފެށުން)

2- ލަދުވެތި ގުނަވަންތަކުގެ ވަށައިގެން އިސްތަށި ފެޅުން

3- ޙައިޟުވުން

4- ފަނަރަ އަހަރު ފުރުން

މީގެ ތެރެއިން އެންމެ އަލާމާތެއް ފެނިއްޖެ ނަމަވެސް ބާލިޣުވީއެވެ. އެއްވެސް ޢަލާމާތެއް ނުފެނިއްޖެނަމަ ފަނަރަ އަހަރު ފުރުމުން ބަލާނީ ބާލިޣުވީކަމުގައެވެ.

والله أعلمُ