ރަމަޟާންމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ތެދުވެރި ނިޔަތާއި ވަރުގަދަ ޢަޒުމުގެ މުހިންމުކަން

ރަމަޟާންމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ތެދުވެރި ނިޔަތާއި ވަރުގަދަ ޢަޒުމަކީ ވަރަށް މުހިންމު ދެކަންތަކެވެ. މި ފެށޭ ރަމަޟާން މަހުގެ ދުވަސްތަކަކީ ހީވާގިކަމާއެކު ގަދައަޅައި މަސައްކަތްކުރާނޭ ދުވަސްތަކެއް ކަމުގައާއި، އަޅުކަންތައްތައް އިތުރުކުރާނޭ ދުވަސްތަކެއް ކަމުގައި މިހާރުން ފެށިގެން ނިޔަތްގަނެ، ޢަޒުމް ކަނޑައަޅާށެވެ. ހަމަކަށަވަރުން މާތް ﷲ އީ ތިބާގެ ނިޔަތް ބައްލަވައިވޮޑިގެންވާ، އަދި ހިތުގެ ސިއްރުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ޔަޤީންކުރާށެވެ. ތިބާގެ ކިބައިގައި އިޚްލާޞްތެރިކަންވާކަން އެކަލާނގެ ދެކެވޮޑިގެންފި ހިނދު، ތިބާއަށް ސީދާ މަގު ދައްކަވައި، ހެޔޮކަންކަމުގައި މަގުފަހިކޮށްދެއްވައި އެހީތެރިވެވޮޑިގަންނަވާނެއެވެ.

އިބްނު މުފްލިޙު އަލްމަޤްދިސީ ރަޙިމަހުﷲ “ހެޔޮކަމުގެ ނިޔަތް ބޭއްވުމަށް އިމާމު އަޙްމަދު ރަޙިމަހުﷲ އެކަލޭގެފާނުގެ ދަރިކަލުންނަށް ކުރެއްވި ވަޞިއްޔަތް” މި ސުރުޚީގެ ދަށުން ލިޔުއްވާފައިވެއެވެ.

އިމާމު އަޙްމަދު ރަޙިމަހުﷲގެ ދަރިކަލުން ޢަބްދުﷲ އެއްދުވަހަކު އެކަލޭގެފާނުގެ ބައްޕާފުޅަށް ދެންނެވިއެވެ: “އޭ ބައްޕާފުޅެވެ! އަޅުގަނޑަށް ނަޞޭޙަތެއް ދެއްވާށެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ: “އޭ ދަރިފުޅާއެވެ! އަބަދުވެސް ހެޔޮކަމަށް ނިޔަތްގަންނާށެވެ. އެހެނީ، ހެޔޮކަމަށް ނިޔަތްގަނެގެން ހުންނަހާ ހިނދަކު ތިބާ އަބަދުވެސް ހުންނާނީ ހެޔޮކަމާއި ބަރަކާތުގެ މަތީގައެވެ.”

މިކަމާ ގުޅޭގޮތުން އިބްނު މުފްލިޙު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ: “މިއީ ވަރަށް މަތިވެރި، އެހެނަސް ބަޔާންކޮށްދޭން ފަސޭހަ، އަދި އަޑުއަހާ މީހާއަށް ފަހުމްވުމަށާއި އަމަލުކުރުމަށްވެސް ލުއިފަސޭހަ ވަޞިއްޔަތެކެވެ. މިކަމަށް އަމަލުކުރާ މީހާއަށް ލިބޭ ދަރުމައާއި ސަވާބު އަބަދުމެ ދެމިގެންވެއެވެ. އެއީ އެ ނިޔަތް ދެމިއޮންނަހާ ހިނދަކުއެވެ. އަދި ޝަރުޢީގޮތުން ހިތާ ގުޅިފައިވާ އެންމެހާ ހެޔޮ އަމަލުތަކަކަށް މިކަން ޝާމިލުވެއެވެ. އެއީ ޚާލިޤުވަންތަ ﷲ އާ ގުޅުންހުރި ކަމެއް ކަމުގައިވިޔަސް ނުވަތަ މަޚްލޫޤުންނާ ގުޅުންހުރި ކަމެއް ކަމުގައިވިޔަސް، އެ މީހަކަށް އެކަމުގެ މައްޗަށް ދަރުމަ ލިބިގެންދާނެއެވެ.”  محمد بن مفلح المقدسي. الآداب الشرعية

ބައެއް އަޘަރުތަކުގައިވާ ފަދައިން، މުއުމިނު އަޅާގެ ނިޔަތް އޭނާގެ ޢަމަލަށްވުރެ ބާރުގަދަވެފައި، ފުރިހަމަވެގެންވެއެވެ.

ދެން އޮތީ ޢަޒުމު ކަނޑައެޅުމާއި ހިތްވަރު އުފެއްދުމެވެ. ޢަޒުމަކީ އިންސާނާ ކުރިއަށް ދިއުމަށްޓަކައި ހިތުގައި އުފެދޭ އިޚްލާޞްތެރި ފެށުމާއި، ހިތުގެ އަޑިން އުތުރިއަރާ ވަރުގަދަ ޝައުޤުވެރިކަމެކެވެ. މިއީ އަޅާގެ ކިބައިގައި ހަރަކާތްތެރިކަން އުފައްދައި، އޭނާގެ އީމާންކަމުގެ ތެދުވެރިކަން އިމްތިޙާނުކޮށް، އޭނާގެ ހިތުގެ އަސްލު ހަގީގަތް ހާމަކޮށްދޭ މަތިވެރި މަޤާމެކެވެ.

ކިޔަމަންތެރިކަމުގެ މަގު އިންސާނާއަށް އަދި އެނގުނުކަމުގައިވިޔަސް ކަންނެތްކަމާއި ފަރުވާކުޑަކަމާ ދެކޮޅަށް ހިތުގައި ވަރުގަދަ ހިތްވަރެއް ނެތްނަމަ، އަދި ހުރަސްތައް ގިރާކުރުމުގެ މަތިވެރި އަޒުމެއް ކަނޑަނޭޅޭނަމަ، އޭނާއަށް އެމަގުން ކުރިޔަށް ދިޔުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެނީ، ކާމިޔާބީގެ މަގުގައި ކުރިއަށް ދެވޭނީ އަޒުމުގެ ދޮރު ހުޅުވިގެންނެވެ. އެއީ ދަތުރުގެ ސަވާރީގެ އިންޖީނުފަދަ އެއްޗެކެވެ.

ހިތްވަރާއި ޢަޒުމުގެ ދަރަޖަތަކުގެ ތެރެއިން ތިބާ ވަނީ ކޮން ދަރަޖައެއްގައިތޯ ބަލާށެވެ. ޢަޒުމު ވަރުގަދަ ކުރުމަށްޓަކައެވެ.

ހިތްވަރާއި އަޒުމުގެ ދަރަޖަތައް:

ހިތްވަރާއި އަޒުމުގެ ގޮތުން މީސްތަކުން ތިން ދަރަޖައަކަށް ބެހިގެންވެއެވެ.

ފުރަތަމަ ދަރަޖަ: ދަށް އަޒުމުގެ ވެރިން

މިއީ ހެޔޮކަންތައްތަކަކީ ކޮބައިކަން ރަނގަޅަށް އެނގިތިބެ، އެކަންކަމަށް އަމަލުނުކުރާ މީހުންނެވެ. މިބައިމީހުންނަކީ ރީތި ވާހަކަތަކަށް ޝައުގުވެރިވާ، އަޅުވެރިންނަށް ތައުރީފުކޮށް ހެޔޮމަގުގެ މުހިންމުކަން ގަބޫލުކުރާ ބަޔެކެވެ. ނަމަވެސް، އެ މަގުގައި ކުރިއަށް ދިއުމަށްޓަކައި އެއްވެސް އަމަލީ ފިޔަވަޅެއް އެޅުމުގެ ހިތްވަރެއް އެމީހުންގެ ކިބަޔަކު ނުހުރެއެވެ. މިފަދަ މީހުންނަކީ ކަންނެތްކަމާއި ހުސް އުންމީދުތަކުގެ އަސީރުންނެވެ. އެމީހުން ބޭނުންވަނީ އަމަލީ މަސައްކަތަކާ ނުލައި ހެޔޮލަފާ މީހަކަށް ވުމަށެވެ. އެއްވެސް ގުރުބާނީއެއް ވުމަކާ ނުލައި އިސްލާހުވުމަށެވެ. އަދި ހަވާ ނަފްސާ ހަނގުރާމަކުރުމެއް ނެތި ތައުބާވުމަށެވެ. މި މީހުންނަކީ ގަސްތުގައި ދީނަށް ހިޔާނާތްތެރިވާ ބަޔެއް ނޫނެވެ. ނަމަވެސް، އެމީހުންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމާއި ކަންނެތްކަމުގެ ސަބަބުން، އެމީހުން އެވަނީ އަމިއްލަ ނަފްސަށް ހިޔާނާތްތެރިވެފައެވެ.

މެދުފަންތީގެ ހިންމަތާއި އަޒުމް ހުންނަ މީހުން:

މިއީ އެމީހުންގެ ވަށައިގެންވާ މީހުން ހަރަކާތްތެރިވާނަމަ ހަރަކާތްތެރިވާ، އަދި އެހެން މީހުން ފަރުވާކުޑަކޮށް މަޑުޖެހިލުމުން ހިމޭންވާ މީހުންނެވެ. އެމީހުންގެ ކަންކަން މުޅިންވެސް ބިނާވެފައިވަނީ “އީމާނީ މާހައުލެއްގެ” ނުފޫޒުގެ މައްޗަށެވެ. އެގޮތުން ރަމަޟާން މަސް އައުމުން ހީވާގިވެ، އަޅުކަމުގައި ދެމިތިބެއެވެ. އަދި އަސަރުގަދަ ދަރުސެއް އަޑުއިވުމުން އެމީހުންގެ ހާލަތު ބަދަލުކުރެއެވެ. ނަމަވެސް، ތަރުބަވީ މާހައުލާ ދުރުވުމުން އެމީހުންގެ ފޯރި ކެނޑި، އަޒުމް ބަލިކަށިވެއެވެ. އެމީހުންނަށް ހިތްވަރުދީ މަގުދައްކާނެ މީހަކު ހުރެއްޖެނަމަ ކުރިއަށްދެއެވެ. އެކަނި ދޫކޮށްލައިފިނަމަ ފަހަތަށް ޖެހެއެވެ. މިއީ މީގެ ކުރިން ބަޔާންކުރެވުނު ދަށް ފަންތީގެ މީހުންނަށްވުރެ ހެޔޮލަފާ ބައެއް ނަމަވެސް، އެންމެ މަތިވެރި ދަރަޖަތަކާ ހަމައަށް ވާސިލުވުމުގެ ތައުފީގެއް އެމީހުންނަކަށް ނުލިބެއެވެ.

ވަރުގަދަ އަޒުމާއި ހިތްވަރުގެ ވެރިން: މިއީ ހަގީގީ މާނައިގައި ހެޔޮމަގުގައި ދަތުރުކުރާ މީހުންނެވެ. އެމީހުންނަކީ ވަކި ހާއްސަ މުނާސަބަތަކަށް ނުވަތަ އެހެން ބައެއްގެ ބައިވެރިވުމަށް އިންތިޒާރުކުރާނެ ބައެއް ނޫނެވެ. އޭގެ ބަދަލުގައި، އެމީހުންގެ ހިތްތަކަކީ އީމާންތެރިކަމުގެ ބާރު އަމިއްލައަށް އުފައްދައިދޭ ހިތްތަކެކެވެ. މިފަދަ މީހުންގެ ސިފަތަކުގެ ތެރޭގައި ހިމެނެނީ:

  • ހުސް އުންމީދުތަކެއް ކުރުމަށްވުރެ، އަމަލީ ގޮތުން ހެޔޮ އަމަލުތައް ކުރުން އެމީހުންނަށް މާ ބޮޑަށްވެސް ލޮބުވެތިވެގެންވެއެވެ.
  • ކިޔަމަންތެރިކަން އަދާކުރުމަކީ އެމީހުންގެ ނަފްސުން ނިންމާ ވަރުގަދަ ނިންމުމެކެވެ. އެއީ ހަމައެކަނި ވަގުތީ ޖަޒުބާތެއްގައި ކުރާ ކަމެއް ނޫނެވެ.
  • އަޅުކަން ކުރުމަކީ ހަމައެކަނި އާދަކާދައެއްގެ ގޮތުން ކުރާ ކަމެއްގެ ބަދަލުގައި، އެކަމުން އެމީހުންނަށް ލިބޭ ރޫހާނީ ފޮނިމީރުކަމަކީ އެމީހުން ކުރިއަށް ދިއުމަށް ލިބޭ ބާރެކެވެ.
  • އަދި ކަމެއްގައި ފަސްޖެހި ނުވަތަ ވެއްޓޭ ހިނދު، އެމީހުން އަލުން ތެދުވެ ހިތްވަރު އާކުރެއެވެ. އަދި ބަލިކަށިވާ ހިނދު، ނަފްސާ ދެކޮޅަށް ގަދައަޅައި މަސައްކަތް (ޖިހާދު) ކުރެއެވެ.

މަރްޖިޢު: طريق المسلم إلى الله قبل رمضان: منزلة الهمة والعزم: تحويل العلم إلى حركةد. هيثم بن عبدالمنعم بن الغريب صقر