
ފިރިހެނުންގެ އިޙްރާމް ދެ ފޮތިގަނޑުގެ އިތުރުން، އެތެރެއިން ލުމަށް ބޮކްސާގެ ބަދަލުގައި ފޮތި ގަނޑަކުން ކަނޑައިގެން އައްސާ ގޮތަށް (ނުފަހާ ފޮތިގަނޑެއް) އެއްސިދާނެތޯ؟
ޖަވާބު:
ފިރިހެނުން އިޙްރާމް ހެދުމުގައި ޖަނގިޔާ ނުވަތަ ބޮކްސާ ލުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ. އެގޮތުން ބައެއް ޢިލްމުވެރިންގެ އަރިހުގައި އެއީ ހުއްދަކަމެކެވެ. އެބޭކަލުން ވިދާޅުވާގޮތުން އެމަނާވެފައިވާ ނައްޞެއްނުވެއެވެ.
މި ބާބުގައި ވާރިދުވެފައިވާ އެންމެ މުހިންމު ޙަދީޘަކީ އަންނަނިވި ޙަދީޘެވެ.
عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَجُلًا قَالَ : يَا رَسُولَ اللَّهِ ، مَا يَلْبَسُ الْمُحْرِمُ مِنْ الثِّيَابِ ؟ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَا يَلْبَسُ الْمُحْرِمُ الْقَمِيصَ وَلَا السَّرَاوِيلَ وَلَا الْبُرْنُسَ وَلَا الْخُفَّيْنِ إِلَّا أَنْ لَا يَجِدَ النَّعْلَيْنِ فَلْيَلْبَسْ مَا هُوَ أَسْفَلُ مِنْ الْكَعْبَيْنِ وَلاَ ثَوْباً مَسَّهُ زَعْفَران وَلاَ وَرْس) رواه البخاري ( 5458 ) ومسلم ( 1177 ) .
އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ”މީހަކު ސުވާލުކުރިއެވެ. އޭ الله ގެ ރަސޫލާއެވެ! އިޙްރާމުގައި ހުންނަ ފިރިހެން މީހާ ބޭނުންކުރަންޖެހެނީ ކޮން ފޭރާމެއްތޯއެވެ؟ ރަސޫލާ ﷺ ޙަދީޘްކުރެއްވި އެވެ. އިޙްރާމުގައި ހުންނަ ފިރިހެން މީހާ، ޤަމީސް، ފަގުޑި، ހަރުވާޅު، ބަރާނިސް (ބޯނިވާ ކުރެވޭ ގޮތަށް -ހޫޑް- ލާފައިހުންނަ ހެދުން) އަދި ޚުއްފު ލައިގެން ނުވާނެ އެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ފައިވާނެއް ނުލިބިއްޖެ ހިނދުގައި ޚުއްފު ބޭނުން ކުރާށެވެ. އަދި ތަނބިކައްޓަށްވުރެ ތިރިއަށް ހުންނަ ގޮތަށް އޭގެ މަތީބައި ބުރިކުރާށެވެ. އަދި އެފޭރާމެއްގައި ކުކުން އަދި ވަރްސު (މީރުވަސްދުވާ އެއްޗެއް) އެކުލެވިގެންވާ އެއްވެސް އެއްޗެއް ލައިގެން ނުވާނެ އެވެ.“
ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އިޙްރާމުގައި ހުންނަ ފިރިހެންމީހާ އަށް ޖަނގިޔާ އަކީ މަނާ އެއްޗެކެވެ. އެބޭކަލުން އޭގެ ޙުކުމް ޤިޔާސްކުރައްވަނީ ހަރުވާޅުގެ ޙުކުމަށެވެ. އެމަނާވުން މާބޮޑަށް އައުލާވެގެންވާ ކަމުގައި އޭގެ ތެރެއިން ބައެއް ބޭކަލުން ދެކެލައްވައެވެ.
އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “(މަނާވެގެންވާ ތަކެތީގެ ތެރޭގައި) ޖަނގިޔާ ހިމެނެއެވެ. ހަރުވާޅަށްވުރެ އޭގެ މަނާކަން މާ އައުލާވެގެންވެއެވެ.”
އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވިއެވެ. “މުޒަނީ ރަޙިމަހުﷲ ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުއްސުރެ މިއަދާ ހަމައަށްވެސް ފިޤްހު ޢިލްމުވެރިން އިސްލާމްދީނުގެ ހުރިހާ ޙުކުމެއްގައިވެސް ޤިޔާސްކުރުން ބޭނުންކުރައްވައެވެ. އެބޭކަލުން އިޖްމާޢުވެވަޑައިގެންފައިވާ ގޮތުގައި ޙައްޤުގެ މައްޗަށް ޤިޔާސްކޮށްގެން ނުކުންނަ އެއްޗަކީ ޙައްޤެވެ. އަދި ބާޠިލުގެ މައްޗަށް ޤިޔާސްކޮށްގެން ނުކުންނަ އެއްޗަކީ ބާޠިލެވެ. ޤިޔާސްއަށް އިންކާރު ކުރުން އެކަކަށްވެސް ހުއްދަވެގެންނުވެއެވެ. ސަބަބަކީ އެއީ ކަންކަމުގައި އަޅާކިޔުމާއި އޭގައި ހުންނަ އެއްގޮތްކަންކަން ދެނެގަތުމެވެ.
މިސާލަކަށް، އިޙްރާމުގައި ހުންނަ ފިރިހެން މީހާ ގަމީހާއި ހަރުވާޅާއި ފަގުޑިއާއި ޚުއްފު ލުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ. މިނަހީ ޚާއްޞަވަނީ ހަމައެކަނި މިތަކެއްޗަކަށް ނޫނެވެ. މިނަހީގެ ތެރޭގައި ޖުއްބާއާއި ތޮތްޕާއި ތާކިހަލާއި އިސްޓާކީންނާއި ޖަނގިޔާ އަދި މިފަދަ އެހެންތަކެތިވެސް ހިމެނެއެވެ.” ( إعلام الموقعين ” (1 / 205 – 207).
ވީމާ، މިކަމުގައި ނައްޞު ވާރިދުވެފައި ނެތްކަމަށް ވިދާޅުވެ، އެބޭކަލުން ގެންނެވި އިސްތިދުލާލަކީ ރަނގަޅު އިސްތިދުލާލެއް ނޫންކަން އެނގިއްޖެއެވެ.
އިބްނު ޢަބްދިލް ބައްރު ރަޙިމަހުﷲ ވިދާޅުވިއެވެ. “މި ޙަދީޘްގައި ޛިކްރުކުރެވިފައިވާ ގަމީހާއި ހަރުވާޅާއި ބަރާނިސްގެ ތެރޭގައި ބައްޓަމަށް ކަނޑާފައިވާ ހުރިހާ ބާވަތެއްގެ ތަކެތި ހިމެނެއެވެ. ހުރިހާ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި އެފަދަ އެއްޗެއް ބޭނުންކުރުން އިޙްރާމުގައި ހުންނަ ފިރިހެނަކަށް ހުއްދަވެގެންނުވެއެވެ. ” التمهيد ” (15 / 104).
އަލްޙާފިޡު އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ޤާޟި ޢިޔާޟު ވިދާޅުވިއެވެ. މި ޙަދީޘްގައި ޛިކްރު ކުރެވިފައިމިވާ ތަކެތި ލުން އިޙްރާމުގައި ހުންނަ ފިރިހެން މީހާއަށް ޙަރާމްވެގެންވާކަމަށް ހުރިހާ މުސްލިމުން އިޖްމާޢުވެފައިވެއެވެ. އަދި ގަމީހާއި ހަރުވާޅުގެ ވާހަކަ ބާޔާންކުރައްވާފައިވުމުން، ބައްޓަމަށް ކަނޑާފައިވާ ހުރިހާ އެއްޗެއް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ފަގުޑިއާއި ބަރާނިސްގެ ވާހަކަ ބަޔާންކުރައްވާފައިވުމުން އޭގެ ތެރޭގައި ބޯނިވާކުރުން ބޭނުންކުރާ ހުރިހާ އެއްޗެއް އެއީ ބައްޓަމަށް ކަނޑާފައިވާ އެއްޗެއް ކަމުގައިވިޔަސް އަދި ބައްޓަމަށް ނުކަނޑާ އެއްޗެއްކަމުގައިވިޔަސް ހިމެނެއެވެ. އަދި ހަމަ މި ބީދައިން ޚުއްފުގެ ތެރޭގައި ފަޔަށް ލައްވާ ކޮންމެ އެއްޗެއް ހިމެނެއެވެ.”
އަލްމަޚީޠު (ފަހާފައި ހުންނަތަކެތި) މުރާދަކީ، ވަކި ގުނަވަނަކަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ތަކެއްޗެވެ. ހަށިގަނޑުގެ އެއްބައި ކަމަށްވިޔަސް މެއެވެ. ” فتح الباري ” (3 / 402).
އިޙްރާމުގައި ފިރިހެނުން ޖަނގިޔާލުމަކީ ހުއްދަކަމެއްކަމަށް ދެކިލައްވާ ޢިލްމުވެރިންގެ އިސްތިދުލާލު ކުރައްވަނީ ޢާއިޝާ ރަޟިޔަﷲ ޢަންހާ، އެކަމަނާގެ އަރިހުގައި ހައުދަޖު(ޖަމަލުގެ ބުރަކަށިމަތީގައި އިންނަ ކޮޓަރިގަނޑު) އުފުލާ މީހުންނަށް އެކަމަށް ހުއްދަ ދެއްވުމުންނާއި، ޢައްމާރު ބުނު ޔާސިރު ޖަނގިޔާ ތުރުކުރެއްވިކަމަށް އައިސްފައިވުމުންނެވެ.
ޢާއިޝާގެފާނުގެ އަޘަރު: އިމާމު ބުޚާރީ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވާފައިވެއެވެ. ބާބު: އިޙްރާމްބަންނައިރު އަތަރުލުމާއި އިޙްރާމް ބަންނަން ބޭނުން ނަމަ ލާ ފޭރާން……….. ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ ހައުދަޖުކޮޅު އުފުލާ މީހުން އިޙްރާމުގައި ހުންނަ އިރު އެމީހުން ޖަންގިޔާލުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަތުން
އަލްޙާފިޡު އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ޢައިޝާގެފާނުގެ މި އަޘަރު ސަޢީދު ބުން މަންޞޫރަށް ފޯރާފައިވަނީ ޢަބްދުއްރަޙްމާން ބުނުލް ޤާސިމްގެ ފަރާތުންނެވެ. ޢަބްދުއްރަޙްމާނަށް ފޯރީ އޭނާގެ ބައްޕާގެ އަރިހުންނެވެ. ބައްޕާ އަށް ފޯރީ ޢައީޝާގެފާނުގެ ކިބައިންނެވެ. އެކަމަނާ ޙައްޖުވެވަޑައިގެންނެވި އިރު އެކަމަނާގެ އަރިހުގައި ހައުދަޖުކޮޅު އުފުއްލަވަން ދެއަޅުން ގެންދެވިއެވެ. އެދެމީހުން ހައުދަޖު އުފުއްލަވަން އުޅުމުގެ ތެރޭގައި އެމީހުން ޢައުރައިން މިންވަރެއް ކަޝްފުވާތީ، ޢާއިޝާގެފާނު އެބައިމީހުންނަށް ޖަނގިޔާލުމަށް އަމުރުކުރެއްވިއެވެ. އެއީ އެދެއަޅުން އިޙްރާމްގައި ތިބި ހިނދުގައެވެ.
މި ރައުޔާމެދު ބުނެވޭނީ، އެއީ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ރައުޔުކަމުގައެވެ. އެހެނީ ގިނަ ޢިލްމުވެރިން، އިޙްރާމްގައި ފިރިހެނުންނަށް ޖަނގިޔާލުމާއި ހަރުވާޅުލުމާ މިދެކަން ފަރަޤު ނުކުރައްވައެވެ. އެދެމަކަކީވެސް މަނާ ދެކަމެވެ.” فتح الباري ” (3 / 397).
އެފަދައިން އެންގެވި ސަބަބަކީ އެމީހުން ހައުދަޖު އުފުލުމުގެ ތެރޭގައި ޢައުރަ ކަޝްފުވާތީ، ޟަރޫރަތުގެ ދަށުން އެކަން ހުއްދަވީކަމަށެވެ. އެހެންކަމުން އިޙްރާމުގައިވާ ފިރިހެނާ ޟަރޫރަތެއްނެތި ޖަނގިޔާ ލުން ހުއްދަވެގެންނުވެއެވެ.
މި ރައުޔާމެދު ބުނެވޭނީ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެއަޅުންނަށް ޖަނގިޔާލުމަށް އަމުރުކުރެއްވީ ޟަރޫރީ ހާލަތެއް މެދުވެރިވެގެންނެވެ. އެއީ އެބޭކަލުންގެ އައުރަ ކަޝްފުވާތީއެވެ. އެހެންކަމުން، އެއްވެސް ޟަރޫރީ ބޭނުމަކާ ނުލައި އެފަދަ ހެދުން އެޅުން ހުއްދަވާނެ ކަމުގެ ދަލީލެއްގެ ގޮތުގައި މިކަން ނުބެލެވޭނެއެވެ.”
ޢައްމާރުގެފާނުގެ އަޘަރު: روى ابن أبي شيبة عن حبيب بن أبي ثابت قال: رأيت على عمار بن ياسر تُبَّاناً، وهو بعرفات. ” مصنف ابن أبي شيبة ” (6 / 34).
އިބްނު އަބީ ޝައިބާ، ޙަބީބު ބިން އަބީ ޘާބިތުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހު ޢަރަފާތުގައި ހުންނެވިއިރު، އެކަލޭގެފާނު ‘ތުއްބާނެއް’ (އައުރަ ނިވާވާފަދަ ކުރު ފަޅުލައެއް ނުވަތަ އެތެރެއިން ލާ ފޭރާމެއް) ތުރުކުރައްވައިގެން ހުންނަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.”
މިކަން ބިނާވެފައިވަނީ ޟަރޫރީ (މަޖުބޫރުވެގެންވާ) ޙާލަތެއްގެ މައްޗަށެވެ. އެގޮތުން އިބްނު ޝައްބާގެ “އަޚްބާރުލް މަދީނާ” (1100 / 3) ގައި ރިވާވެގެންވާ ގޮތުގައި، އުޘްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރު ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހުއަށް ކުރިމަތިވި އާލާސްކަންފުޅެއްގެ ވާހަކަ ބަޔާންވެގެންވެއެވެ. އެ ރިވާޔަތުގައިވާ ގޮތުން، އެކަލޭގެފާނަށް އޭރު ކުރިމަތިވި ޙާލަތަކީ “ކުޑަކަމުދާ ތަކެތި ނުހިފެހެއްޓޭ” ޙާލަތެވެ.
ޢަބްދު ޚައިރުގެ ރިވާޔަތެއްގައި ވެއެވެ: ޢައްމާރުގެފާނު “ދަޤްރާރާ” އެއް (ކުރު ފަޅުލިބައެއް ނުވަތަ ހަރުވާޅެއް) ތުރުކުރައްވައިގެން ހުންނަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ތިމަންކަލޭގެފާނަކީ މަޘާނާގެ (ބްލެޑަރގެ) އާލާސްކަންފުޅެއް ހުންނަ (މަމްޘޫން) ބޭފުޅެކެވެ.” النهاية في غريب الأثر ” (2 / 126):
“ދަޤްރާރާ” އަކީ “ތުއްބާން” އެވެ. އެއީ ހަމައެކަނި އައުރަ ނިވާވާ މިންވަރުގެ ކުރު ހަރުވާޅެކެވެ. އަދި “މަމްޘޫން” އަކީ މަޘާނާގެ ބަލި ނުވަތަ އުނދަގޫ ހުންނަ މީހާއެވެ. ބައްލަވާ لسان العرب ” (13 / 71):
ޢައްމާރުގެފާނުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވާ ގޮތުން، އެކަލޭގެފާނު “ތުއްބާން” (ކުރު ސޯޓެއް ފަދަ ފޭރާމެއް) ތުރުކުރައްވައިގެން ހުންނަވައި ނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނު އެފަދައިން ކަންތައް ކުރެއްވީ މަޘާނާގެ ބައްޔެއް (ކުޑަކަމުދާ ނިޒާމުގެ އުނދަގުލެއް) ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
މިފަދަ އާޙާދު ރިވާޔަތްތަކަކީ ސީދާ ޘާބިތުވާ އެއްޗެއް ނޫންކަމަށް ބެލިކަމުގައި ވިޔަސް، މިކަމުގައި އަޞްލެއްވާކަން މި ރިވާޔަތްތަކުން ދޭހަވެއެވެ.
ނަމަވެސް، މި މައްސަލައިގައި އޮތް އެންމެ ޞައްޙަ ގޮތަކީ، އިޙްރާމް ބަނދެގެން ހުންނަ ފިރިހެނާ “ތުއްބާން” ފަދަ ފަހާފައިހުންނަ ފޭރާން ލުން މަނާވުމެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެފައިވާ ވާހަކައަކީ ޒަރޫރީ ޙާލަތްތަކަށް (މަޖުބޫރު ހާލަތްތަކަށް) ޚާއްޞަވެގެންވާ ކަމެކެވެ. އަދި އެފަދަ ޙާލަތެއް މެދުވެރިވެގެން އެފަދަ ފޭރާމެއް ލީ ނަމަވެސް، ފިދުޔަ ދޭން ނުޖެހޭނެ ކަމަކަށް އެ ރިވާޔަތުން ދޭހައެއް ނުވެއެވެ.
ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވާ ވާހަކައަކީ، އެކަލޭގެފާނުގެ މަސާނާގައި ހުރި ބައްޔެއްގެ ސަބަބުން ކުރިމަތިވި މަޖުބޫރު ހާލަތެއްގައި (ޟަރޫރީ ބޭނުމަކަށްޓަކައި) ކުރެއްވި ކަމެއް ކަމުގައި ބެލެވެއެވެ.
ޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ:
“ޢާއިޝާ ރަޟިޔަﷲ އަންހާގެ ކިބައިން ރިވާވެފައިވާ ވާހަކައިގެ ބޭރުފުށުން އެނގެނީ، އެކަމަނާގެ ހައުދަޖު (ޖަމަލުގެ ބުރަކަށިމަތީގައި އިންނަ ކޮޓަރިގަނޑު) އުފުލައި ހަދާ މީހުންނަށް ‘ތުއްބާން’ (ކުރު ފަޅުލެއް ނުވަތަ ސޯޓު ފަދަ އެއްޗެއް) ލުމުގެ ހުއްދަ ދެއްވީ، އެމީހުންގެ އައުރަ ކަޝްފުވެދާނެ ކަމުގެ ބިރު އޮތް ޟަރޫރީ ހާލަތެއްގައި ކަމެވެ. މިއިން ދޭހަވަނީ އެފަދަ މަޖުބޫރު ހާލަތެއް ނެތް ނަމަ އެކަން ހުއްދަވެގެން ނުވާ ކަމެވެ. މިކަމުގެ ފުރިހަމަ ޢިލްމުވަނީ މާތް ﷲ ގެ ޙަޟްރަތުގައެވެ.” أضواء البيان ” (5 / 464).
ފަހާފައި ހުންނަ ފޭރާން ބޭނުންޖެހިގެން ނުވަތަ ޒަރޫރީ ޙާލަތެއް މެދުވެރިވެގެން (މިސާލަކަށް: ބޮކްސާ ނުވަތަ ކުރު ހަރުވާޅު) ލުމާއި، އޭގެ ސަބަބުން ދޭންޖެހޭ ފިދުޔައިގެ ތަފްޞީލް:
ބަރު ތަކެތި އުފުލުމުގެ މަސައްކަތް ކުރާ މީހުން، މަސައްކަތުގެ ތެރޭގައި އެމީހެއްގެ ފުރަގަސްފަރާތް ނުވަތަ އައުރަ ކަޝްފުވެދާނެ ކަމުގެ ބިރު އޮތް ނަމަ، ފަހާފައި ހުންނަ ދަށުންލާ އެއްޗެއް ބޭނުންކުރުން ހުއްދައެވެ. ހަމައެހެންމެ، ހަންގަނޑު ކެހުމާއި މަށައިގެން ދިއުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ލިބިދާނެ ކަމަށް ބިރުގަންނަ މީހުންނާއި، އައުރައިގެ ތެރޭގައި ޒަޚަމެއް ހުރެގެން އެތަން ނިވާކުރަން ނުވަތަ ބޭސްއަޅަން ޖެހިފައިވާ މީހުންނަށް ވެސް މިކަން ހުއްދަވާނެއެވެ. މީގެ އިތުރުން، ކުޑަކަމުދާ ތަކެތި ނުހިފޭއްޓޭ ބަލި (سلس البول) ހުންނަ މީހުންނަށް ވެސް މިފަދަ ފޭރާން ބޭނުންކުރުން ހުއްދައެވެ. (މިއީ ޞަޙާބީ ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހުއަށް ދިމާވި ފަދަ ޙާލަތެކެވެ.)
މިދެންނެވި ފަދަ ޙާލަތްތަކާއި، އެއާ އެއްފަދަ އެހެނިހެން ޢުޛުރުތަކާ ހުރެ ފަހާފައިވާ ފޭރާން ބޭނުންކުރަން ޖެހިއްޖެ ނަމަ، އެމީހެއްގެ މައްޗަށް ފިދުޔަ ދިނުން ވާޖިބުވާނެއެވެ. އެ ފިދުޔައަކީ ތިރީގައިވާ ތިން ކަންތަކުގެ ތެރެއިން އެއް ކަމެކެވެ:
- ހަ މިސްކީނުންނަށް ކާންދިނުން.
- ނުވަތަ ތިން ދުވަހު ރޯދަހިފުން.
- ނުވަތަ ކަންބަޅިއެއް ނުވަތަ ބަކަރިއެއް ކަތިލުން (ޤުރުބާން ކުރުން).
މާތްﷲ ވަހީކުރައްވާފައިވެއެވެ.
(فَمَنْ كَانَ مِنْكُمْ مَرِيضاً أَوْ بِهِ أَذىً مِنْ رَأْسِهِ فَفِدْيَةٌ مِنْ صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ) البقرة/ 196.މާނައީ: ” ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެމީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ (އެކަންކަމުގެ ސަބަބުން ބޯބާލައިފިނަމަ) ފަހެ، ރޯދައިން، ނުވަތަ ޞަދަޤާތެއް ދިނުމުން ނުވަތަ ކަތިލުމަކުން ފިދްޔައެއް ދިނުން ހުށްޓެވެ.
وعَنْ عَبْدِ اللَّهِ بْنِ مَعْقِلٍ قَالَ: جَلَسْتُ إِلَى كَعْبِ بْنِ عُجْرَةَ رَضِيَ اللَّهُ عَنْهُ فَسَأَلْتُهُ عَنْ الْفِدْيَةِ فَقَالَ نَزَلَتْ فِيَّ خَاصَّةً وَهِيَ لَكُمْ عَامَّةً، حُمِلْتُ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالْقَمْلُ يَتَنَاثَرُ عَلَى وَجْهِي فَقَالَ: (مَا كُنْتُ أُرَى الْوَجَعَ بَلَغَ بِكَ مَا أَرَى – أَوْ: مَا كُنْتُ أُرَى – الْجَهْدَ بَلَغَ بِكَ مَا أَرَى، تَجِدُ شَاةً؟ فَقُلْتُ: لَا. فَقَالَ: فَصُمْ ثَلَاثَةَ أَيَّامٍ، أَوْ أَطْعِمْ سِتَّةَ مَسَاكِينَ، لِكُلِّ مِسْكِينٍ نِصْفَ صَاعٍ رواه البخاري (1721) ومسلم (1201).
އަދި ޢަބްދުﷲ ބިން މަޢުޤިލްގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ކަޢުބު ބިން ޢުޖުރާ ރަޟިޔަﷲ ޢަންހުގެ އަރިހުގައި އިށީނދެވަޑައިގެން، ފިދުޔައާ ބެހޭގޮތުން ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. “އެ އާޔަތް ބާވައިލެއްވުނީ ޚާއްޞަގޮތެއްގައި ތިމަންކަލޭގެފާނާ ބެހޭގޮތުންނެވެ. ނަމަވެސް އެއީ ތިޔަބައިމީހުން އެންމެނަށް އޮތް ޢާއްމު ޙުކުމެކެވެ. ތިމަންކަލޭގެފާނުގެ މޫނުމައްޗަށް އުކުނުތައް ފައިބަމުންދަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ތިމަންކަލޭގެފާނު ގެންދެވުނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. ‘ކަލޭގެފާނުގެ ބަލިމަޑުކަން (ނުވަތަ ތަދު) ތިވަރަށް ބޮޑުވެފައިވާނެ ކަމަކަށް ތިމަންކަލޭގެފާނު ހީފުޅެއް ނުކުރައްވަމެވެ. ކަލޭގެފާނަށް ކަންބަޅިއެއް ކަތިލުމުގެ ތަނަވަސްކަން އެބަހުރިތޯއެވެ؟’ ތިމަންކަލޭގެފާނު ދެންނެވީމެވެ. ‘ނޫނެކެވެ.’ ދެން ޙަދީޘްކުރެއްވިއެވެ. ‘ފަހެ އެހެންވެއްޖެއްޔާ، ތިން ދުވަހު ރޯދަހިފާށެވެ. ނުވަތަ ހަ މިސްކީނުންނަށް ކާންދޭށެވެ. ކޮންމެ މިސްކީނަކަށް ޞާޢެއްގެ ދެބައިކުޅަ އެއްބައި (ގާތްގަނޑަކަށް 1.5 ކިލޯ) އެވެ.'” (ބުޚާރީ އަދި މުސްލިމް)
ޝައިޚް މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން (ރަޙިމަހުﷲ) އާ މިފަދައިން ސުވާލު ދެންނެވުނެވެ: އިޙްރާމްގައި ހުންނަ މީހާ، އެ އެއްޗެއް ބޭނުން ނުކޮށްފިނަމަ (ހަމުގެ ބައްޔެއް ނުވަތަ ފާރުވުން ފަދަ) ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން، “ތުއްބާން” (ފަހާފައި ހުންނަ ސޯޓު ނުވަތަ އެތެރެއިން ލާ އަންނައުނު) ލުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބުގައި ވިދާޅުވިއެވެ. “އެފަދަ ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ނަމަ، އެ ލުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް، އެފަދަ ޙާލަތެއްގައި ހަ މިސްކީނުންނަށް ކާންދީ، ކޮންމެ މިސްކީނަކަށް ބައި ޞާއު (ގާތްގަނޑަކަށް 1.5 ކިލޯގެ ގޮވާން) ދިނުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ.” ” لقاءات الباب المفتوح ” (177 / السؤال 16).
ދެން އޮތީ ޖަނގިޔާލުގެ ބަދަލުގައި ފޮތިގަނޑެއް ބޭނުންކޮށްގެން އެއްސުމެވެ. އެފަދަ ކަމެއް ކުރުންވެސް ވާނީ، ހަމަ ޖަނގިޔާ ބޭނުންކުރުން ފަދަ ކަމަކަށެވެ. ސަބަބަކީ ހަމަ ގުނަވަނުގެ ބައްޓަމަށް ނުވަތަ ބައްޓަމާ އެއްގޮތްވާގޮތަށް ފޮތިގަނޑު އޮޅާލާތީއެވެ ނުވަތަ އެގޮތަށް ބޭނުންކުރެވޭތީއެވެ. ވީމާ، ޚުލާޞާއަކީ، އިޙްރާމުގައި ހުންނަ ފިރިހެނާ ޖަނގިޔާލުމަކީ ހުއްދަކަމެއް ނޫނެވެ. އެކަން ހުއްދަވާނީ ޟަރޫރީ ޙާލަތުގައެވެ.
މަރްޖިޢު



