ޤުރުއާން ޙިފްޡުކުރުމަށްޓަކައި ނުވަތަ ޢިލްމީ މަޖިލީހެއްގައި ބައިވެރިވުމަށްޓަކައި ޙައިޟުވެރިޔާ މިސްކިތަށް ވަނުން
ސުވާލު: ޙައިޟުވެރިޔަކު ޢިލްމީ މަޖިލިހަކަށް (ދަރުސްއަކަށް) ނުވަތަ ކީރިތި ޤުރުއާން ހިތުދަސްކުރާ ޙަލަޤާއަކަށް ޙާޟިރުވުމަށްޓަކައި މިސްކިތަށް ދާން ބޭނުންވެއެވެ. އޭނާއަކީ ޤަވާޢިދުން މި ކުލާހަށް ޙާޟިރުވާ މީހެކެވެ. އަދި އޭނާއަށް މި ކުލާސްތައް ފާއިތުވެއްޖެނަމަ ފަހުން އެ ކުލާސްތައް އިޢާދަކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ބައެއް ޝަރުޠުތަކާއެކު ނަމަވެސް އޭނާއަށް މިސްކިތަށް ޙާޟިރުވުން ހުއްދަވެގެން ވޭ ހެއްޔެވެ؟ މިކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން ރާޖިޙު (އެންމެ ޞައްޙަކަން ބޮޑު) ބަސްފުޅަކީ ކޮބައި ހެއްޔެވެ؟
—
ޖަވާބު: الحمد لله
ފުރަތަމައީ، ހަތަރު މަޛްހަބުގެ ޢިލްމުވެރިންގެ ތެރެއިން ޖުމުހޫރު ފިޤްހުވެރިންގެ އަރިހުގައި ޙައިޟުވެރިޔާ މިސްކިތުގައި މަޑުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެމީހުންގެ ދަލީލަކީ ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ އުންމު ޢަޠިއްޔާގެ ޙަދީޘެވެ. އުންމު ޢަޠިއްޔާ ވިދާޅުވިއެވެ. ( أَمَرَنَا تَعْنِي النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ نُخْرِجَ فِي الْعِيدَيْنِ الْعَوَاتِقَ وَذَوَاتِ الْخُدُورِ ، وَأَمَرَ الْحُيَّضَ أَنْ يَعْتَزِلْنَ مُصَلَّى الْـمُسْلِمِينَ -رواه البخاري (974) ومسلم (890)- މާނައީ: “ދެ ޢީދުގައި ބިކުރުވެރިންނާއި އެކަނި ގެތަކުގައި ތިބި އަންހެނުން ނެރުމަށް އަހަރެމެންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވިއެވެ. އަދި މުސްލިމުން ނަމާދުކުރާތަނާ ދުރުގައި ޙައިޟުވެރިން ތިބުމަށް އަމުރުކުރެއްވިއެވެ.”
މި ޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޙައިޟުވެރިޔާ ޢީދު ނަމާދުކުރާ ތަނާ ކައިރިވުން މަނާކުރެއްވިއެވެ. އެއީ އެތަނަކީ މިސްކިތުގެ ޙުކުމުގައިވާ ތަނަކަށްވާތީއެވެ. އެހެންކަމުން މީގެން ޙައިޟުވެރިން މިސްކިތަށްވަނުން މަނާކަމަށް ދަލީލު ލިބެއެވެ.
އަދި އެހެނިހެން ބައެއް ޙަދީޘްތަކުންވެސް ޖުމްހޫރު ފިޤުހުވެރިން ދަލީލު ނަންގަވައެވެ. އެހެންނަމަވެސް އެ ޙަދީޘްތަކަކީ އޭގެން ޙުއްޖަތްޤާއިމުކުރުން ޞައްޙަވެގެންނުވާ ޟަޢީފު ޙަދީޘްތަކެކެވެ. އޭގެ ތެރެއިން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިކަމަށް ރިވާވެފައިވެއެވެ. ( لَا أُحِلُّ الْـمَسْجِدَ لِـحَائِضٍ وَلَا جُنُبٍ ) والحديث ضعفه الألباني في ضعيف أبي داود (232) . މާނައީ: “މިސްކިތަށްވަނުމަކީ ޙައިޟުވެރިޔާއަށް އަދި ޖުނުބުވެރިޔާއަށްވެސް ހުއްދަކަމެއް ނޫނެވެ.” މި ޙަދީޘަކީ ޝައިޚު އަލްބާނީ ރަޙިމަހުﷲ “ޟަޢީފު އަބީދާއޫދުގައި” ޟަޢީފުކަމަށް ވިދާޅުވެފައިވާ ޙަދީޘެކެވެ.
ސަޢޫދީ ޢަރަބިއްޔާގެ ފަތުވާކޮމެޓީއާ ސުވާލުކުރެވުނެވެ.
ޙައިޟުވެރިވެގެންވާ ޙާލު، ހަމައެކަނި ޚުޠުބާ އަޑުއަހާލުމަށްޓަކައި މިސްކިތަށް ވަންނަ އަންހެނާގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ފަތުވާކޮމެޓީގެ ޖަވާބުގައި ވެއެވެ. “އަންހެނާ ޙައިޟުވެރިވެގެންވާ ޙާލު ނުވަތަ ނިފާސްވެރިވެގެންވާ ޙާލު މިސްކިތަށް ވަނުމަކީ ހުއްދަކަމެއް ނޫނެވެ. އެކަމަކު ޙާޖަތަށް ޖެހިގެންވާ ޙާލުގައި (ލޭގެ ސަބަބުން) މިސްކިތް ހަޑިވެދާނެކަމުގެ ބިރު ނެތްނަމަ މިސްކިތްތެރެއިން ދިޔުމަކީ ހުއްދަކަމެކެވެ. އެއީ ﷲ ތަޢާލާ މިފަދައިން ވަޙީކުރައްވާފައިވާތީއެވެ. ( وَلا جُنُباً إِلَّا عَابِرِي سَبِيلٍ حَتَّى تَغْتَسِلُوا ) النساء/43 މާނައީ: “އަދި، މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، ޖުނުބުވެރިވެގެންވާ ޙާލުވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާނދެން، (ނަމާދާ ގާތްނުވާށެވެ)”
ޙައިޟުވެރިޔާގެ ޙުކުމް ޖުނުބުވެރިޔާގެ ޙުކުމާ އެއްގޮތްވެގެންވެއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ޙައިޟުވެގެންވާ ޙާލަތުގައި މިސްކިތުގައި އޮތް އެއްޗެއް ގެނައުމަށް މިސްކިތަށް ފޮނުއްވެވިއެވެ.” “فتاوى اللجنة الدائمة” (6/272)
ޝައިޚް ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ.
“މިސްކިތުގައި އޮންނަ ޛިކްރުގެ ޙަލަޤާތަކަށް ޙާޟިރުވަމަކީ ޙައިޟުވެރިޔާއަށް ހުއްދަކަމެއް ހެއްޔެވެ؟”
ޖަވާބުގައި ވިދާޅުވިއެވެ. “ޙައިޟުވެރިވެފައިވާ އަންހެނާ މިސްކިތުގައި މަޑުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެކަމަކު އެކަނބުލޭގެ ކިބައިން އަންނަ ލޭގެ ސަބަބުން މިސްކިތް ހަޑިނުވާނަމަ މިސްކިތްތެރެއިން އޭނާ ހިނގާފައި ދިޔުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އޭނާ މިސްކިތުގައި މަޑުކުރުމަކީ ހުއްދަކަމެއް ނޫނެވެ. ފަހެ ޙައިޟުވެރިޔާ ޛިކުރުގެ ޙަލަޤާތައް އަޑުއެހުމަށާއި ކީރިތި ޤުރުއާން ކިޔެވުމަށް މިސްކިތަށް ދިޔުމަކީ އޭނާއަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެކަމަކު މިސްކިތުގެ ބޭރުގައި އަޑުގަދަކުރާއިން އަޑުފޯރާ ހިސާބުގައި ޛިކްރުގެ(ދަރުސްގެ) އަޑުއެހުމަށް އިށިއިނދެ އިނުމަކީ ހުއްދަކަމެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޘާބިތުވެފައިވާ ފަދައިން ޙައިޟުވެރިވެފައިވާ އަންހެނާ ޛިކްރު(ދަރުސް) އަޑުއަހައި ކީރިތި ޤުރުއާން ކިޔަވައި އެއަޑުއަހާ ހެދުމަކީ ހުއްދަކަމެކެވެ. ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ޙައިޟުވެފައިވާ ޙާލަތުގައި އެކަމަނާގެ އުނގުފުޅުގައި އޮންނަވައި ކީރިތި ޤުރުއާން ކިޔަވާވިދާޅުވިއެވެ. އެކަމަކު ޛިކުރު(ދަރުސް) އަޑުއެހުމަށްޓަކައި ނުވަތަ ޤުރުއާން ކިޔެވުމަށްޓަކައި މިސްކިތުގައި މަޑުކުރުމަށް ދިޔުމަކީ ހުއްދަކަމެއް ނޫނެވެ. ޙައްޖަތުލް ވަދާޢުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެކަލޭގެފާނުގެ އަނބިކަނބަލުން ޞަފިއްޔާ ޙައިޟުވެވަޑައިގެންނެވި ޚަބަރު ލިބިވަޑައިގެން ޙަދީޘްކުރެއްވިއެވެ. “އެކަމަނާ އަހަރެމެން ހިފެހެއްޓީ ހެއްޔެވެ؟” (މާނައަކީ ޙައިޟުވުމުގެ ސަބަބުން ޠަވާފުލް އިފާޟާ ނުކުރެވޭތީ ޠާހިރުވަންދެން މަޑުކުރަންޖެއްސީ ހެއްޔެވެ؟) ޞަޙާބީން ދެންނެވިއެވެ. “ހައިޟުވުމުގެ ކުރީގައި އެކަމަނާ ޠަވާފުލް އިފާޟާކޮށް ނިންމަވަފައިފިއެވެ.” މީގެން އަހަރެމެންނަށް އެނގެނީ އަޅުކަންކުރުމަށްޓަކައިވެސް މިސްކިތުގައި ޙައިޟުވެރިޔަކު މަޑުކުރުމަކީ ހުއްދަކަމެއް ނޫންކަމެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދުގައި ޢީދުނަމާދު ކުރާ މައިދާނަށް އަންހެންކަނބަލުން (ދުޢާކުރުމަށާއި ޛިކްރުކުރުމަށްޓަކައި) ޙާޟިރުވުމަށް އަންގަވައި ނަމާދުކުރާތަނާ ދުރުގައި އެކަނބަލުން ތިބުމަށް އެންގެވިކަމީ އެކަލޭގެފާނުގެ އަރިހުން ޞައްޙަގޮތުގައި ޘާބިތުވާ ކަމެކެވެ.” “فتاوى الطهارة” (ص 273)
މި މައްސަލާގައި ފިޤުހު ޢިލްމުވެރިންގެ މަޛްހަބުތައް “المبسوط” (3/153) ، “حاشية الدسوقي” (1/173) ، “المجموع” (2/388) ، އަދި “المغني” (1/195) ގައި ބަޔާންވެފައި ވެއެވެ .
ދެވަނައީ، ޙައިޟުވެރިޔާ މުޞްޙަފުގައި ބީހުމަކާ ނުލައި ޤުރުއާން ކިޔެވުމަކީ ހުއްދަކަމެކެވެ. ކީރިތި ޤުރުއާނުގެ ތަފްސީރާއެކުގައި ޗާޕުކުރެވިފައިވާ މުޞްޙަފުގައި އަތްލުން ހުއްދައެވެ. ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.
“ފަހެ ތަފްސީރު ފޮތްތަކުގައި ބީހުން ޙައިޟުވެރިޔާއަށް ހުއްދަވެގެންވެއެވެ. އެހެނީ އެފޮތްތައް ބެލެވެނީ ތަފްސީރުކަމުގައެވެ. އޭގައިވާ ޤުރުއާނުގެ އާޔަތްތަކުގައި ބައި ތަފްސީރުގެ ބަޔަށްވުރެ ކުޑައެވެ.
މިކަމަށް ދަލީލަށް ގެންނަވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރުއާނުގެ އާޔަތްތައް ހިމެނޭގޮތުން ކާފިރުންނަށް ލިޔުއްވި ސިޓީތަކެވެ. އޭގެން އެނގެނީ އޭގެ ޙުކުމް ބިނާވަނީ އެސިޓީގައި ގިނައިން ހުންނަ ބައެއްގެ މައްޗަށް ކަމެވެ. މި ޙާލަތުގައި ސިޓީގައި ޤުރުއާނުގެ އާޔަތްތަކަށްވުރެ ގިނައީ ސިޓީގައިވާ ޤުރުއާން ނޫން ޢިބާރާތްތަކެވެ.
އެކަމަކު ޤުރުއާނާއި ތަފްސީރުގެ މިންވަރު އެއްވަރަކަށް ހުރިނަމަ، އަންނަ ޙުކުމަކީ އެއްޗެއް ހުއްދަވުމުގެ ސަބަބާ އެއްޗެއް ޙަރާމްވުމުގެ ސަބަބު އެއްވަރުވުން އަދި މިކަމުގައި ބުރަވާންވީ ކޮން ކޮޅަކަށްކަން ނޭނގޭ ޙާލަތެއްގެ ޙުކުމެވެ. މި ޙާލަތުގައި އިސްކަންދޭނީ ޙަރާމްވުމުގެ ސަބަބަށެވެ. އެހެންކަމުން އެއަށް އަންނާނީ ކީރިތި ޤުރުއާނުގެ ޙުކުމެވެ. އެކަމަކު ތަފްސީރުގެ މިންވަރު ޤުރުއާނުގެ މިންވަރަށް ވުރެ އިތުރުނަމަ، ކިތަންމެ ކުޑަކޮށް އިތުރުވެފައިވީނަމަވެސް އަންނާނީ ތަފްސީރުގެ ޙުކުމެވެ. “الشرح الممتع” (1/267)
ތިންވަނައީ، މި ސުވާލުގައި ޙައިޟުވެރިޔާ މިސްކިތަށް ނުވަދެވިއްޖެނަމަ ބައެއް މައުޟޫތަކާއި ބައެއް ދަރުސްތައް ގެއްލިގެންދާނަމަ އެކަމުގައި އޭނާއަށް ޢަމަލުކުރެވޭނެ ގޮތަކީ ފަސޭހަވެގެންވާނަމަ އެ ދަރުސްތައް ރެކޯރޑްކުރެވޭނެ ގޮތެއް ހޯދުމެވެ.
އަދި ބައެއް މިސްކިތްތަކުގައި، މިސްކިތުގެ ޙުކުމް ނުހިނގާ އިތުރު ކޮޓަރިތައް، މިސާލަކަށް ލައިބްރަރީ ނުވަތަ ޤުރުއާން ހިތުދަސްކުރުމަށް ޚާއްޞަކޮށްފައި ހުންނަ ކޮޓަރިތައް ހުރެއެވެ. އެހެންކަމުން މިސްކިތައް ނުވަދެވޭ އަންހެނުން މިފަދަ ކޮޓަރިތަކުގައި ތިބެވިދާނެއެވެ.
والله أعلم. (އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
ލިޔުމުގެ އަޞްލު ބައްލަވާ