ހުކުރު ޚުޠުބާ އަޑުއެހުމަށް ޙާޟިރުވުން ވާޖިބުވެގެންވަނީ ކޮންބައެއްގެ މައްޗަށްތޯއެވެ؟

ހުކުރު ޚުޠުބާ އަޑުއެހުމަށް ޙާޟިރުވުން ވާޖިބުވެގެންވަނީ ހުކުރު ނަމާދު އެމީހެއްގެ މައްޗަށް ވާޖިބުވާ ކޮންމެ މީހެއްގެ މައްޗަށެވެ. ހުކުރު ނަމާދު ވާޖިބުވެގެންވަނީ ބާލިޣުވެފައިވާ، ބުއްދި ސަލާމަތުން ހުރި، މިނިވަން، ދަތުރުވެރިއެއްކަމުގައި ނުވާ ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށެވެ.

ޚުތުބާ ކިޔަމުންދާއިރު ވާހަކަދެއްކުމާއި، އެހެން ކަމަކަށް ސަމާލުކަން ދިނުމަކީ މަނާކަމެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ( إِذَا قُلْتَ لِصَاحِبِكَ وَالْإِمَامُ يَخْطُبُ يَوْمَ الْجُمْعَةِ أَنْصِتْ فَقَدْ لَغَوْتَ ) . رواه البخاري ( 892 ) ومسلم ( 851 ) . “އިމާމާ ހުކުރު ޚުޠުބާ ދެމުންދާ އިރު ތިބާގެ ގާތުގައި އިން މީހާއާ ދިމާއަށް ހަނުހިމޭނުންލައިގެން އިންނާށޭ ބުނިކަމުގައިވިޔަސް ފަހެ ހަމަކަށަވަރުން ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ.”

އަދި ޚުޠުބާ ކުރިއަށްދާ ވަގުތު ވިޔަފާރިކުރުމާއި، ސުންނަތް އަޅުކަންތައް ފަދަ ކަންކަމުގައި މަޝްޣޫލުވެ އުޅުމަކީ ޙަރާމްވެގެންވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلاةِ مِنْ يَوْمِ الْجُمُعَةِ فَاسَعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ…) [الجمعة:9]. މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ހުކުރު ދުވަހު ނަމާދަށް ގޮވައިލެވޭހިނދު (އެބަހީ: ބަންގި ގޮވުމުން)، ތިޔަބައިމީހުން މާތް ﷲ ހަނދުމަކުރުމަށް (ޚުޠުބާ އަޑުއެހުމަށާއި ނަމާދަށް) އަވަސްވެގަންނާށެވެ. އަދި ވިޔަފާރިކުރުން ދޫކޮށްލާށެވެ.”

މި އާޔަތުގައިވާ (ذِكْرِ اللَّهِ) “ﷲ ހަނދުމަކުރުން” މި ލަފްޒުގެ މާނައަކީ “ޚުޠުބާ” ކަމަށް ސަލަފުއްޞާލިޙުންގެ ބޭކަލުންގެ ތެރެއިން ގިނަ ބޭކަލުން ތަފްސީރު ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ސަޢީދު ބިން އަލްމުސައްޔިބާއި، ސަޢީދު ބިން ޖުބައިރު ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

އަންހެނުންނާއި، ބަލިމީހުން ނުވަތަ އުޒުރުވެރިވެގެން ހުކުރަށް ނުދެވޭ މީހުން ގޭގައި ތިބޭއިރު، ރޭޑިއޯ ނުވަތަ ޓީވީ މެދުވެރިކޮށް ޚުތުބާ އަޑުއެހުމަކީ ވާޖިބެއް ނޫނެވެ. އެމީހުންނަށް އޮތީ މެންދުރު ނަމާދު ކުރުމެވެ. އަޑުއެހުން ވާޖިބުނުވިޔަސް، ނަސޭހަތް ލިބިގަތުމުގެ ގޮތުން ހުކުރު ޚުޠުބާ އަޑުއެހުމަކީ ރަނގަޅުކަމެކެވެ.