އާއިލާގެ އެންމެންގެ މަތިން އުޟްހިޔާ ކަތިލެވިދާނެތޯ؟

ސުވާލު: އާއިލާގެ އެންމެންގެ މަތިން އުޟްހިޔާ ކަތިލެވިދާނެތޯ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله.

އުޟްޙިޔާ ކަތިލުމުގައި ބައިވެރިކުރެވޭނީ ތިރީގައި ބަޔާންކުރާ އުޞޫލުންނެވެ.

ޖަމަލެއް ނުވަތަ ގެރިއެއްނަމަ 7 މީހުންނަށެވެ. މިގޮތުން ޖަމަލެއް ނުވަތަ ގެރިއެއް 7 މީހުން ބައިވެރިވެގެން ކަތިލުމުން، އެބައިވެރިވާ 7 މީހުންގެ ބެލުމުގެ ދަށުގައިވާ އެންމެންނަށް އެއަޅުކަމުގައި ބައިވެރި ވެވުނީއެވެ. ގެރިއެއް ނުވަތަ ޖަމަލެއް ނަމަ، އޭގެ ހަތްބައިކުޅަ އެއްބައިން އެއް އާއިލާއަށް ފުދޭނެއެވެ. މާނައަކީ އެއް ގެރި ނުވަތަ އެއް ޖަމަލު ކަތިލުމުގައި ހަތް އާއިލާއަށް ބައިވެރިވެވިދާނެއެވެ. ކޮންމެ އާއިލާއަކުން އެއްބައި ނަގައިގެން، އެ އާއިލާގެ އެންމެންގެ މަތިން އެ ފުދޭނެއެވެ. ޙައްޖާއި ޢުމްރާގެ އަޅުކަމުގައި ކަތިލެވޭ ‘ހަދްޔު’ (ޤުރުބާންކުރެވޭ ތަކެތި) ކަތިލުމުގައި، އެއް ޖަމަލެއް ނުވަތަ އެއް ގެރިއެއްގައި ހަތް މީހުން ބައިވެރިވުމަކީ ޞަޙާބީ ބޭކަލުންގެ ކިބައިން ސާބިތުވެފައިވާ ކަމެކެވެ. މީގެ ދަލީލަކީ

عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما قَالَ: نَحَرْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَامَ الْحُدَيْبِيَةِ الْبَدَنَةَ عَنْ سَبْعَةٍ، وَالْبَقَرَةَ عَنْ سَبْعَةٍ.- روى مسلم (1318) ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ޙުދައިބިއްޔާގެ އަހަރު، ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި (ހަދުޔު ނުވަތަ އުޟްޙިޔާ) ކަތިލީމެވެ. އެގޮތުން ކޮންމެ ޖަމަލަކީ ހަތް މީހުންގެ ފަރާތުން، އަދި ކޮންމެ ގެރިއަކީވެސް ހަތް މީހުންގެ ފަރާތުން ކުރެވުނު ޤުރުބާނީއެކެވެ.”

އެހެން ރިވާޔަތެއްގައި، ޖާބިރު ބިން ޢަބްދިﷲ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކު ޙައްޖުގެ އަޅުކަން އަދާކުރީމެވެ. އެ ދަތުރުގައި ތިމަންމެން (އުޟްޙިޔާގެ ގޮތުގައި) ޖަމަލެއް ކަތިލީ ކޮންމެ ހަތް މީހަކަށް އެކަތީގެ ނިސްބަތުންނެވެ. އަދި ގެރިއެއްވެސް ކަތިލީ ކޮންމެ ހަތް މީހަކަށް އެކަތީގެ ނިސްބަތުންނެވެ.”

ބަކަރިއެއްނަމަ ބައިވެރިވެވޭނީ އެކަކަށެވެ. އަދި މީހަކު ބަކަރިއެއް ކަތިލުމުން އެމީހާގެ ބެލުމުގެ ދަށުގައިވާ އެންމެންނަށް އެއަޅުކަމުގައި ބައިވެރި ވެވުނީއެވެ. އެކަމުގެ ދަލީލަކީ عن أبي أيُّوب الأنصاريِّ رضي الله عنه قال: «كَانَ الرَّجُلُ يُضَحِّي بِالشَّاةِ عَنْهُ وَعَنْ أَهْلِ بَيْتِهِ فَيَأْكُلُونَ وَيُطْعِمُونَ حَتَّى تَبَاهَى النَّاسُ فَصَارَتْ كَمَا تَرَى»((أخرجه الترمذيُّ في «الأضاحي» بابُ ما جاء: أنَّ الشاة الواحدة تجزئ عن أهل البيت (١٥٠٥)، وابنُ ماجه في «الأضاحي» بابُ مَنْ ضحَّى بشاةٍ عن أهله (٣١٤٧)، مِنْ حديثِ أبي أيُّوب الأنصاريِّ رضي الله عنه. وصحَّحه الألبانيُّ في «الإرواء» (١١٤٢)

އަބޫ އައްޔޫބުލް އަންސާރީ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “(ކުރީގައި) މީހަކު އޭނާގެ އަމިއްލަ ނަފްސާއި އޭނާގެ އަހުލުވެރިންގެ ފަރާތުން އުޟްޙިޔާއެއްގެ ގޮތުގައި ބަކަރިއެއް ކަތިލާ އުޅުނެވެ. އެއަށްފަހު އެމީހުން އޭގެން ކައި، އަދި އެހެން މީސްތަކުންނަށް އޭގެން ކާންދީ އުޅުނެވެ. ނަމަވެސް، ފަހުން މީސްތަކުން އެކަމުގައި އެކަކު އަނެކަކަށްވުރެ ކުރިހޯދައި ފަޚުރުވެރިވާން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެކަން މިހާރު ތިޔަފެންނަ ހާލަތަށް (މާއްދީ ވާދަވެރިކަމަކަށް) ބަދަލުވެގެން ދިޔައީއެވެ.”

ވީމާ މި ޙަދީޘުން އެނގޭގޮތުގައި، އާއިލާގެ އެންމެންގެ ނަމުގައި އެއް އުލްހިޔާ ކަތިލެވިދާނެއެވެ. އެއް ކަންބަޅި ނުވަތަ އެއް ބަކަރި، އެއް ގޭބިސީއެއްގައި ދިރިއުޅޭ އެންމެންގެ ފަރާތުން ކަތިލުމުން ފުދޭނެއެވެ. މީގެ މާނައަކީ ގޭގެ އިސްވެރިޔާ އޭނާގެ އަމިއްލަ ނަމުގައާއި އޭނާގެ ބެލުމުގެ ދަށުގައިވާ އާއިލާގެ މެންބަރުންގެ ނަމުގައި އުޟްޙިޔާ ކަތިލުމެވެ.

މިގޮތަށް އެންމެންގެ މަތިން ފުދޭނީ އެއް ގެއެއްގައި ދިރިއުޅޭ، ނުވަތަ އެކަކު ބަލަހައްޓާ އާއިލާގެ މެންބަރުންނަށެވެ.

އާއިލާގެ މެންބަރުންގެ ތެރެއިން ވަކިން އުޅޭ މީހުން (މިސާލަކަށް ކައިވެނިކޮށްގެން ވަކި ގޭގޭގައި އުޅޭ ދަރިން) އަމިއްލައަށް އުޟްޙިޔާ ކަތިލުމަކީ ސުންނަތްވެގެންވާ ކަމެކެވެ.

ވީމާ، ގޭގެ އިސްވެރިޔާ ކަތިލާ އެއް އުޟްޙިޔާއިން، އޭނާ އެ އުޟްޙިޔާ ކަތިލުމުގެ ޘަވާބުގައި ޢާއިލާ އެންމެން ބައިވެރިކުރަން ނިޔަތްގަތުމުން، އާއިލާގެ އެންމެންނަށް އޭގެ ދަރުމައާއި ސަވާބު އިން ޝާ ﷲ ލިބިގެންދާނެއެވެ.

ވަﷲ އަޢުލަމު